'ފުޅު' މިއީ ދިވެހި ބަހުގައި، އެއްޗަކަށް ނުވަތަ ތަނަކަށް މާތްކޮށް ހިތުމަށް ވަރަށް ގިނައިން ބޭނުންކޮށް އުޅޭ ލަފުޒެކެވެ. މިސާލެއްގެ ގޮތުން ބިންމަތީގައިވާ ﷲ މާތް ކުރެއްވި ގެތަކުގެ ތެރެއިން، އާދެ! މިސްކިތްތަކުގެ ތެރެއިން އެންމެ މާތް މިސްކިތައް ކިޔަނީ 'ގެފުޅު' އެވެ. ފައިންޕުޅަށް 'ފައިވާންފުޅު' ވެސް ބޭނުންކުރެއެވެ.
'ބޭ' މިބަސް ދިވެހި ބަހުގައި އަޅުގަނޑުމެން އެންމެ ގިނައިން ބޭނުންކުރަނީ 'ނަފީ' ނުވަތަ 'ނޫން' މިމާނާގައެވެ. މިސާލެއްގެ ގޮތުން ވަފާތެރި ނޫންނަމަ ބުނަނީ 'ބޭވަފާތެރި' އެވެ. މިއުސޫލުން އިޙްތިރާމް ގެ އިދިކޮޅަކީ ބޭއިޙްތިރާމް އެވެ. އިޚްތިޔާރުގެ އިދިކޮޅަކީ ބޭއިޚްތިޔާރެވެ.
މީހަކަށް މާތްކޮށް ހިތުމަށް އަޅުގަނޑުމެން އެމީހަކާ މުޚާތަބު ކުރާއިރު 'ބޭފުޅު' މިފަދައިން ބުނެ އެޅެމުއެވެ. 'ބޭފުޅު' މިބަސް ލަފުޒުން ލަފްޒަށް ތަރުޖަމާ ކޮށްފިނަމަ އެއިން ނިކުންނަ ނަތީޖާއަކީ، 'ބޭފުޅު' މިބަސް ބޭނުން ކުރުމުން އެކުރެވެނީ ބަސް ރައްދުވާ ފަރާތަށް މަލާމާތެކެވެ. އެހެނީ އެބުނެވެނީ ތިޔައީ 'ފުޅެއް' ނޫނެވެ. ނުވަތަ މާތް މީހެއް ނޫނެވެ.
މަތީގައިވާ މިސާލުތަކުން އެނގެނީ ބަހަކީ އޭގެ ޒާތުގައި ލަފުޒުން ލަފްޒަށް ތަރުޖަމާކޮށް، އެއިން އެންމެ އެދެވޭ މާނަ ނެރެވިދާނެ އެއްޗެއް ނޫންކަމެވެ. ލަފުޒުން ލަފްޒަށް ތަރުޖަމާ ކޮށްފިނަމަ ބޭނުން ނުކުރެވޭނެ އެތައްބަހެއް ހުންނާނެވެ. މިސާލެއްގެ ގޮތުން ބޯކޮށުންފަދަ ބަސްބަހެވެ. އަޅުގަނޑުމެންގެ ތެރެއިން ބޯ ކޮށަނީ ކޮންބައެއްތޯއެވެ؟ އެންމެންވެސް ކޮށަނީ ބޮލުގައި ހުންނަ އިސްތައްޓެވެ. އެހެން ނޫންތޯއެވެ؟
ބަހެއް މާނަ ކުރުމުގައި އެބަހެއް ބޭނުން ކުރާ ޢާންމު އުސޫލުގެ އިތުރުންވެސް ތަފާތު އެތައް ކަމަކަށް ރިޢާޔަތް ކުރަންޖެއެހެވެ. މިދެންނެވި ގޮތުގެ މަތިން ބަލާއިރު 'ލާދީނީ' މިބަހުގެ މާނަޔަކީ ނިސްބަތް ކުރެވޭ ފަރާތް ކާފިރު ވުމެއް ނޫނެވެ. އެހެނެއްކަމަކު މިބަހުގެ މާނަޔަކީ 'ދީނާއި ޚިލާފް' ވުމެވެ. މުސްލިމަކު ޒިނޭ ކުރާނަމަ، ރާބޯނަމަ، ވައްކަން ކުރާނަމަ އޭނާ އެކުރަނީ ދީނާ ޚިލާފު ޢަމަލެކެވެ. މިފަދަ ޢަމަލުތަކަށް ކިޔާނީ 'ލާދީނީ' ޢަމަލުތަކެވެ. މިފަދަ ޢަމަލުތައް ގިނައިން ކުރާ މީހާ އަކީ ދީނާ ޚިލާފު ޢަމަލުތައް ކުރާ މީހެކެވެ. އެހެން ގޮތަކަށް ދަންނަވާނަމަ 'ލާދީނީ' މީހެކެވެ. މިތާނގައި ދަނެގަންނަން ޖެހޭކަމަކީ ދީނާ ޚިލާފު ޢަމަލެއް ކުރިޔަސް އަދި އޭނާ ކާފިރު ނުވާކަމެވެ. މުސްލިމަކު ކާފިރަކަށް ވާނީ މުރުތައްދު ވުމުންނެވެ.
އާދެ! ކޮންމެއަކަސް 'ލާދީނީ' ގެ މާނަޔަކީ ކޮބައިކަން މިހާރު އެނގިއްޖެއެވެ. ދެންއޮތީ މިއުޅޭ 'އެކްސްޓްރީމިސްޓުން' އެމްޑީޕީ އަށް ލާދީނީ ގޮވާ ސަބަބަށް ބަލައިލުމެވެ. އެމީހުން ބުނާގޮތުގައި އެމްޑީޕީ ލާދީނީ ޕާޓީއަކަށް ވަނީ އެޕާޓީގެ ލީޑަރުން ކުރާ ދީނާ ޚިލާފު، ބީރައްޓެހި ޢަމަލުތަކެއްގެ ސަބަބުންނެވެ. އެސަބަބުތައް އެމީހުން ލިސްޓުކޮށްގެންވެސް އުޅެއެވެ. މިތާނގައި އަޅުގަނޑު އެވާހަކަތަކުގެ ބައެއް ނަކަލު ކޮށްލާނަމެވެ.
"މަޝްހޫރު 23 ޑިސެމްބަރުގެ ބޮޑު މުޒާހަރާ އޮތް ދުވަހެވެ! އާޓިފިޝަލް ބީޗަށް ވަޑައިގެން ނަޝީދު ގެންދެވީ އެމަނިކުފާނުގެ ބައިވެރިންނާއެކު "މެދުމިނަށް ކުރާ ތާއީދު" ގެ ނަމުގައި މުޒާހަރާއެއް ކުރައްވަމުންނެވެ. މިދަންނަވާ މުޒާހަރާގައި ނަޝީދުގެ އިދިކޮޅު ފަރާތްތަކަށް ރައްދުކޮށް ނަޝީދު ވިދާޅުވީ އެމީހުން އުޅެނީ އަންހެން ކުދިން ޚިތާނު ނުލެއްވިގެންކަމަށާއި، 9 އަހަރުގެ ކުދިންނާއި ކައިވެނި ނުވެގެން ކަމަށާއި، ޖާރިޔާއިން ނުގެންގުޅެވިގެން ކަމަށެވެ. ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ނަޝީދުގެ އިދިކޮޅު ފަރާތްތަކުން ދުވަހަކުވެސް މިއިން އެއްވެސް ކަމަކަށް ޑިމާންޑު ކޮށްފައި ނުވާކަމެވެ. ވުމާއެކު ނަޝީދު މިފަދައިން ވާހަކަ ދެއްކެވުމުގެ މަޤްސަދަކީ ކޮބައިތޯއެވެ؟ އޮރިއެންޓަލިސްޓުން ކީރިތި ނަބިއްޔާގެ ޒާތުފުޅަށް އަރައިގަތުމަށް ދައްކާ ވާހަކަތަކަށް ނަޝީދުވެސް ތަބާވުން ނޫންތޯއެވެ؟" އަޅުގަނޑުގެ އެކުވެރި މުޙައްމަދު އިބްރާޙީމް ސުވާލު ކުރެއްވިއެވެ.
ވާހަކަ ކުރިޔަށް ގެންދަމުން އިބްރާޙީމް ވިދާޅުވީ "އައްޑޫ ސިޓީ ގައި ޣައިރު ދީންތަކުގެ މީހުން އަޅުކަންކުރާ ބުދުތައް ބެހެއްޓުމުގެ ފަހަތުގައިވަނީ ކޮން ކަމެއްތޯއެވެ؟ އެބުދުތަކަކީ ޤާނޫނާ ޚިލާފު އެއްޗެއް ކަމަށް އޭރުގެ އިސްލާމިކް މިނިސްޓަރ ޑރ.ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ވެސް ވިދާޅުވެފައި ވަނިކޮށް އެމްޑީޕީގެ ލީޑަރޝިޕުން އެކަން ދިފާޢުކޮށް، ބުނަމުން ގެންދިޔައީ ބުދު ބައްޓާނެ ކަމަށާއި، ބަހައްޓާފައި ވާކަމަށެވެ."
(ނޯޓު:- ޑރ މަޖީދު ގެ ވާހަކަ ބެއްލެވުމަށް)
"ރައީސް ނަޝީދުގެ ވެރިކަމުގައި ދައުލަތުގެ މީޑިޔާއިން (ޓީވީއެމް އިން) ޚިޔާލު ހޯދުމުގެ ވޯޓެއް ނެގިއެވެ. ކޮންކަމަކާކަން އެނގިލައްވާތޯއެވެ؟ ރާއްޖޭގައި ދީނީ މިނިވަންކަން އޮތުމަށް ފެނޭތޯ ނުވަތަ ނޫންތޯއެވެ؟ 800 އަހަރުގެ ފަޚުރުވެރި އިސްލާމީ ތާރީޚެއް ލިބިފައިވާ މިރާއްޖޭގައި މިފަދަ ވޯޓެއް ނެގުނު ފުރަތަމަ ފަހަރަކީވެސް މިއީއެވެ. މިކަން ހިނގީ 6 ޑިސެމްބަރ 2009 ގައެވެ. މިކަމުން އެނގެނީ އެމްޑީޕީ އާއި، ރައީސް ނަޝީދުގެ ފޮރުވިފައިވާ އެޖެންޑާ އަކީ މިރާއްޖޭގައި ދީނީ މިނިވަންކަން ވެސް ދިނުން" ކަމަށް އިބްރާޙީމް ވިދާޅުވިއެވެ.
އިބްރާޙީމްގެ ވާހަކަ ކުރިޔަށް ގެންދަވަމުން ވިދާޅުވީ ދާދިފަހުން ޑެންމާކުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅު ތަކަކީވެސް ކަންބޮޑުވާންޖެހޭ ވާހަކަތަކެއް ކަމަށެވެ. "ނަޝީދު ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުން ވެއްޖިއްޔާ ކޮންމެ ސުވާލަކަށް އެމީހުންގެ ޖަވާބެއް އެބަ އޮތްކަމަށާއި، ދަންވަރު ގުޅާފައި ޝޭޚުއޭ މިއުޅެނީ ނުނިދިގެންނޭ ބުނެފިނަމަ، ޝޭޚު ދޭނެޔޭ ރަސޫލާގެ ޙަދީޘެއް ނުވަތަ ވަޙީބަސްފުޅެއް، ދަންވަރު ނިދުމުގައި ކަންކުރުމާ ބެހޭގޮތުން. ދެން މިބުނަނީ ތިމަންނާމެންނަކަށް ނެތޭ މިކަހަލަ ހެލްޕްލައިނެއް. ތިމަންނާމެންގެ އަތުގަ ނެތޭ 'އެހެން ގޮތެއް'. 'އެހެން ގޮތެއް' ހޯދުމަކީ ވަރަށް މުޙިއްމު ކަމެކޭ. ބައްލަވާ މީ ކީކޭތޯ މިކިޔަނީ؟ ނިދި ނައުމުން ކިޔާ ދުޢާ ކިޔުމަކީ ޙައްދުފަހަނައެޅުންތޯ؟ ތިޔަބައި މީހުންނަށް ނޭނގޭ ކަމުގައި ވާނަމަ އެނގޭ މީހުންނާ ސުވާލު ކުރުމަށް މާތް ﷲ ކީރިތި ޤުރުއާނުގައި އަންގަވާފައިވާއިރު ކިޔަވައިގެން ތިބި ޝައިޚުންނަށް ގުޅުމަކީ ގޯހެއްތޯ؟ ސިޙުރު ޖެހިފައިވާ މީހާ އެކަމުން މިންޖުވާން ޝަރުޢީ ފަންޑިތައެއް ހޯދުމަކީ ހަރުކަށިކަންތޯ؟ ހަރުކަށިކަމަކީ ކޮބައިކަންވެސް މިހާރު އޮޅިއްޖެ. ޤުރުއާނާއި ޙަދީޘް ދޫކޮށް އަޅުގަޑުމެން ހޯދަން މިއުޅެނީ ކޯއްޗެއްތޯ؟ މި މާތް ދީން ދޫކޮށްފަ އަޅުގަނޑުމެން އެކަނި މާއެކަނި ކައްވަޅުގައި ހޭދަކުރާނީ ކޮންފަދަ ޙާލެއްގަތޯ؟ ޤިޔާމަތްދުވަހުން ﷲ ޙަޞްރަތުގައި ޖަވާބުދާރީ ވާނީ ކިހިނަކުންތޯ؟" އިބްރާޙީމް ސުވާލު އުފެއްދެވިއެވެ.
އާދެ! ކޮންމެކަސް ރައީސް ނަޝީދަކީ ލާދީނީ ބޭފުޅެއްކަން ސާބިތުކުރުމަށް އިދިކޮޅު މީހުން އެތައް ސަބަބުތަކެއް ނަންގަވައެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ޢާންމުކުރަން އުޅުމާއި، ރާއްޖޭގައި ފައްޅި އެޅުމާމެދު ޢިލްމުވެރިންގެ ޚިޔާލަކަށް ގޮވާލެއްވުމާއި، މަސްތުވާތަކެތި ބޮވެން ވާނެ ކަމަށާއި، ބޯން ޖެހޭނެ ކަމަށް ވިދާޅުވުމާއި، މާލޭގައި ހިންގަމުންދިޔަ ހަށިވިއްކާ ޚާނާތަކާމެދު ފިޔަވަޅު ނޭޅުއްވުމާއި، އޭރުގެ އިސްލާމިކް މިނިސްޓަރ ޑރ މަޖީދަށް ގޮންޖައްސަވާފައި، މުސްލިމުން ކަތިލަމުންދާ އިޒްރޭލާއެކު އަޑި ނޭނގޭ ގުޅުންތަކެއް ބޭއްވުންފަދަ އެތައް ކަމެކެވެ.
ރައީސް ނަޝީދު އާއި އެމަނިކުފާނުގެ ސަޕޯޓަރުން މިވާހަކަތަކަށް އިންކާރު ކުރައްވައި ވިދާޅުވަނީ ތިޔައީ ހައްތަހާވެސް ދޮގު ކަމަށެވެ. ނަޝީދު ވިދާޅުވާކަމަށް އެމީހުން ބުނަނީ، ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނެއް ނޯންނާނެ ކަމަށާއި، ދީނާ ޚިލާފް އެއްވެސް ޢަމަލެއް ނުކުރައްވާ ކަމުގެ ޔަޤީންކަން ދޭ ކަމަށެވެ.
މިވާހަކަތަކަށް ސޯޝަލް މީޑިޔާގައި އެމްޑީޕީ އާއި އިދިކޮޅުމީހުން ވަރަށް ހޫނު ރައްދުވެސް ދެމުން ގެންދެއެވެ. މިގޮތުން އެމީހުންގެ ލިސްޓު ތަކުރާރު ކުރުމަށްފަހު ނަޝީދުގެ މިސާލު ޖަހަމުން ބަޤަރާ ސޫރަތުގެ 14 ވަނަ އާޔަތުގެ މާނަ ބުނެ އުޅެއެވެ. އެއާޔަތުގެ މާނައީ "އަދި އީމާން ވި މީހުންނާ އެއުރެން ބައްދަލުވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެން މިތިބީ އީމާން ވެގެންނެވެ. އެއުރެންގެ ޝައިޠާނުންނާ (އެބަހީ: ދެކޮޅުވެރިކަމާއި ކުފުރުވެރި ކަމުގައި އެއުރެންގެ ތެރެއިން ކުރިޔަށް ތިބި މީހުންނާ) އެއުރެން ބައްދަލުވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެންވަނީ، ކަށަވަރުންވެސް ތިޔަބައިމީހުންނާ އެކުގައެވެ. ހަމަކަށަވަރުން ތިމަންމެންނީ ފުރައްސާރަ ކުރާ ބަޔަކީމުއެވެ." (ސޫރަތުލް ބަޤަރާ 14)
ޝައްކެތްނެތެވެ! ލިޔުންތެރިކަމުގެ ދާއިރާގައި އަޅުގަނޑު ވަކި ގޮތެއް ނިންމުމަކީ އެންމެ އިންސާފުވެރި ގޮތަކަށް ނުވާނެއެވެ. ރައީސް ނަޝީދާއި، އެމްޑީޕީ އަކީ ލާދީނީ ބައެއްތޯ ނުވަތަ ނޫންތޯ ދަންނަވާކަށް އަޅުގަނޑު ނެތީމެވެ. އަޅުގަނޑުގެ އަމިއްލަ ޚިޔާލު ހުށައެޅުމަށްވުރެ ރީތި ގޮތަކީ ތިޔަ ކިޔުންތެރިން މިކަމަށް އިންސާފު ކުރެއްވުމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...