ޑިމޮކްރަސީ އަކީ ގިނަ ބަޔަކަށް ފެންނަ ގޮތަކަށް ނުވަތަ ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތް އެންމެންގެ މައްޗަށް ތަންފީޒު ކުރުމެވެ. ބައެއް ފަރާތްތަކުން ދަޢުވާ ކުރާ ގޮތުން ނުވަތަ އެފަދަ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުން ޑިމޮކްރަސީގެ ފެށުމަކީ އިސްލާމް ދީނެވެ. އެހެން ކަމުން ޑިމޮކްރަސީގެ އަސްލު ފެށިގެން އައީ އިސްލާމް ދީނުގެ ތެރެއިން ނެވެ.
ޑިމޮކްރަސީގައި އޮތް އެންމެ ބޮޑު ނުރައްކަލަކީ މެޖޯރިޓީ ނުވަތަ ގިނަ ބަޔެއްގެ ނިންމުމަށް ތަބާވާން ޖެހުމެވެ. މެޖޯރިޓީ ނުވަތަ ގިނަ ބަޔަކު ޤަބޫލު ކޮށް ނިންމާ ނިންމުން މައިނޯރިޓީ ނުވަތަ މަދު މީހުންގެ މައްޗަށްވެސް ތަންފީޒު ކުރުން ލާޒިމު ކުރުމެވެ. މިގޮތުން ޑިމޮކްރަސީގައި ގިނަ ބަޔަކު ތާއީދު ކޮށްގެން ރަނގަޅު ގޮތް ނޫން ގޮތެއް ނިންމި ނަމަވެސް އެކަން އެންމެންގެ މައްޗަށް ތަންފީޒު ކުރުން ނޫން ގޮތެއް ނޯވެއެވެ. އަދި ކިތަންމެ ނުރުހުނަސް މައިނޯރިޓީ ނުވަތަ މަދު މީސްކޮޅުވެސް މިއަށް ތަބާވުން ނޫން ގޮތެއް ނެތެވެ.
ޑިމޮކްރަސީގައި ކަން އޮތީ މި އުޞޫލުން ކަމަށް ވީނަމަވެސް އިސްލާމް ދީނުގައި މިކަން ވަރަށް ތަފާތެވެ. ޑިމޮކްރަސީގައި ވެސް ބާރު އަޅާ ބީދައިން ޑިމޮކްރަސީގެ ކުރިން އުފަންވީ އިސްލާމް ދީނުގައިވެސް މަޝްވަރާގެ އުޞޫލަށް މާބޮޑަށް ބާރު އަޅައެވެ. އިސްލާމީ ޝަރީޢަތުގައި ވެސް ޑިމޮކްރަސީގައި ބުނާ ބީދައިން މެޖޯރިޓީގެ ނިންމުމަށް ތަބާވާން ވެސް ޖެހެއެވެ. އެހެން ނަމަވެސް ޙާލަތާއި ކަމުގެ ވައްޓަފާޅި ވަރަށް ތަފާތެވެ. ވަރަށް ފުރިހަމަ އެވެ.
އިސްލާމީ ޝަރީޢަތުގައި ނުވަތަ އިސްލާމް ދީނުގައި ޑިމޮކްރެޓިކް އުސޫލުން ކަންކަން ނިންމުމުގައި ކަން އޮންނަ އުޞޫލަށް ބަލާއިރު، އިސްލާމް ދީނުގައި އޮންނަ އިޖްތިހާދުގެ މަތިވެރި އުޞޫލުގެ ތެރެއިން ވެސް މެޖޯރިޓީން ކަންކަން ނިންމުމުގެ އިޚްތިޔާރު ދެއްވާފައި ވަނީ ކަމަށް ޤާބިލް ކަމުގެ ޢިލްމާއި ޙިލްމު ލިބިވަޑައިގެން ތިއްބެވި ޢިލްމު ވެރިންގެ އަތްމައްޗަށެވެ. އެއްގޮތަކަށް ވެސް ތަނެއްގައި ތިބޭހާ ބަޔަކު ނުވަތަ ބަޔަކު އެންމެން ބުނާހާ ގޮތަކަށް ކަންކަން ނުނިންމޭނެ އެވެ. އެކަމަކީ މުޅި ކައުނުގައިވާ އެންމެން އެއްބަސްވާ ކަމަކަށް ވީ ނަމަވެސް ވެހެވެ.
މިދެންނެވި އިޖުތިހާދުގެ މަތިވެރި އުޞޫލުގެ ތެރެއިން ވެސް އިސްލާމް ދީނާއި، ކީރިތި ޤުރުއާނާއި، ކީރިތި ރަސޫލާ ( ޞައްލައްﷲ ) ގެ ޙަދީސްފުޅާއި ދެކޮޅަށް ކަމެއް ނިންމުމުގެ އިޚްތިޔާރު ދުނިޔޭގެ އެއްވެސް ބާރަކަށް ލިބިގެނެއް ނުވެއެވެ. ޤުރުއާނާއި ޙަދީސުން ސަރީޙަކޮށް ސާބިތުވާ ކަމެއްގައި އިޖުތިހާދެއްވެސް ނުކުރެވޭނެ އެވެ. އިސްލާމީ ޝަރީޢަތުގައި މާތްﷲ ވަކި ގޮތެއް ކަނޑައަޅުއްވައިފި ނަމަ ތާ އަބަދަށްވެސް އެކަމެއް އޮންނާނީ އެ ގޮތަކަށެވެ. ޑިމޮކްރަސީ އަކުން އެއެއް ބަދަލެއް ނުކުރެވޭނެ އެވެ.
އިސްލާމީ ޝަރީއަތުގައި ވައްކަން ކުރުމާއި، މަގުފޭރުމާއި ޒިނޭ ކުރުމާއި ރާބުއިން ފަދަ ކަންކަމަކީ ޙަރާމް ކަންކަމެވެ. މިކަންކަން މަނާ ކުރެއްވީ އޭގެ ސަބަބުން އިންސާނިއްޔަތަށް ގެއްލުން ހުރި ކަމަށް ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހު އެންގެވުމަށް ފަހުގައެވެ. އެހެން ކަމުން ތާ އަބަދަށް ވެސް އެ ކަންކަމަކީ ޙަރާމް ކަންކަމެވެ. ކިތަންމެ މޮޅު މީހަކު ވިޔަސް މި ރާބޮއެގެން ވާ މަސްތުން އިންސާނިއްޔަތަށް ގެއްލުމެއް ނުވާނޭ މީތީ ހުއްދައޭ ބުނި ނަމަވެސް އިސްލާމް ދީނުގައި އޭތި ވެސް ޙަރާމެވެ. ތާ އަބަދަށް ވެސް ޙަރާމެވެ.
ޑިމޮކްރަސީގައި ކަން ހިނގަނީ އެ އުޞޫލަކުން ނޫނެވެ. ގިނަ ބަޔަކު ނުވަތަ ގިނަ ބަޔެއްގެ ފަރާތުން ޢައްޔަނު ކުރާ މަންދޫބުން ތިއްބަވައިގެން ހައްދަވާ ޤާނޫނު ތަކުން މާދަމާ ބައެއް ކަހަލަ މަސްތުވާ ތަކެތި ނުވަތަ ބަނގުރާ ހުއްދަ ކޮށްފާނެ އެވެ. ޑިމޮކްރެޓިކް ޤައުމު ތަކުގައި އެ ބަލައިގަތުން ނޫން އިތުރު ގޮތެއް ނެތެވެ. މިފަދަ ބައެއް ޤައުމު ތަކުގައި މުސްލިމުން ތާކިހާ އެޅުމާއި ބުރުގާ އެޅުން މަނާކުރާ ޤާނޫނު ތައްވެސް ފާސްކޮށްފައި ހުރެއެވެ. ޑިމޮކްރަސީން އެތައް ބައެއްގެ ޙައްޤު ތައް ގެއްލިގެން ދިޔަ ނަމަވެސް ގެއްލެނީ މުސްލިމެއްގެ ޙައްޤު ނަމަ އެއީ މައްސަލަ އަކަށް ނުވެއެވެ. މިގޮތުން ޑިމޮކްރަސީގައި މާދަމާ އެއްޖިންސުން ކައިވެނި ކުރުމަށް ގިނަ ބަޔެއްގެ ތާއީދު ލިބުނަސް އެކަން އެގޮތަށް ކުރެވެއެވެ. އިސްލާމް ދީނުގައި ކިތަންމެ ބަޔަކު އެއްބަސްވިޔަސް ޝަރީޢަތުގެ އެންމެ ޙުކުމަކަށް ވެސް އެއްވެސް ބަދަލެއް ނުގެނެވޭނެ އެވެ.
ޑިމޮކްރަސީގެ އުޞޫލުތައް ކުރިއަރުވާ އެ ގޮތްތައް މުޅި ދުނިޔޭގައި ފަތުރަން މަސައްކަތް ކުރާ ބޮޑެތި ބާރު ތަކުން ޑިމޮކްރަސީ ޤަބޫލު ކުރަނީ ކިހާ މިންވަރަކަށް ބާއެވެ؟ ބޮޑެތި ބާރު ތަކުން ޑިމޮކްރަސީ އަށް ޢަމަލު ކުރަނީ ކިހާ މިންވަރަކަށްތޯ ސުވާލު އުފެދެއެވެ. ޑިމޮކްރަސީ އަކީ ބޮޑެތި ބާރު ތަކުން ކުދި ޤައުމު ތަކުގެ މައްޗަށް ބާރުވެރިކަން ދެއްކުމަށް ގެންގުޅޭ އާ ބާވަތެއްގެ ހަތިޔާރެއް ނޫން ބާވައޭ ސުވާލު އުފެދެއެވެ. މިކަން އިތުރަށް ކަށަވަރު ވެގެން ދަނީ ޑިމޮކްރެޓިކް ބޮޑެތި ބާރު ތަކާއި ގުޅޭގޮތުން ވިކިލީކްސް އިން އެންމެ ފަހުން ޢާއްމު ކުރި ސިއްރު ލިޔުން ތަކުންނެވެ. ބޮޑެތި ބާރު ތަކުން ކުދި ޤައުމު ތައް އަޅުވެތި ކުރުމަށް ޑިމޮކްރަސީގެ ބަހަނާ ގައި ޤައުމު ތަކުގެ ރައްޔިތުންނަށް ވަގަށް އެ ޤައުމު ތަކުގެ ސަރުކާރު ތައް މެދުވެރިކޮށް ރައްޔިތުންނަށް ސިއްރުން ގޯސް ހައްދުވާ ގޮތުގެ ވަރަށް ފުރިހަމަ ތަފްޞީލު ތައް ވިކިލީކްސްގައި ވެއެވެ. އަމިއްލަފުޅަށް ބައްލަވާ ލައްވާށެވެ. ލިންކް ބައްލަވާ!
ކޮމެންޓް (0)
ލޯޑް ކުރަމުން...