ދިވެހި އަސްކަރިއްޔާގެ އެއްގަމު ބާރުތަކާއި ކަނޑުގެ ބާރުތަކުގެ އިތުރުން ތަފާތު ހާދިސާތަކަށް ތައްޔާރުވެފައި ތިބި މިންވަރާއި ގާބިލްކަން މިއަދު ދައްކާލައިފި އެވެ.
ދިވެހި ސިފައިންގެ 121 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު ލޮނުޒިޔާރަތްކޮޅުގައި "ކޮމާންޑާ އިން ޗީފްގެ ފޯސް އެންޑް ފްލީޓް ރިވިއު"ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި ސިފައިންގެ ވެރިޔާ އަދި ރައީސް މުހަންމަދު ވަހީދު ވެސް ބައިވެރިވެވަޑައިގަތެވެ.
މިރަސްމިއްޔާތުގައި އަސްކަރިއްޔާގެ ހައިބަތާއި ޝަޚްސިއްޔަތު ދައްކުވައިދޭ ވަރަށް ޝަރަފްވެރި ޙަރަކާތަކެއް ދައްކުވާދީފައިވެއެވެ. އެގޮތުން، އަސްކަރިއްޔާގައި ބޭނުންކުރާ އެއްގަމާއި ކަނޑާއި ވައިގެ އުޅަނދުތަކާއި ތަފާތު އާލާތްތަކާއި، އަސްކަރީ ފައުޖުތައް ޤައުމުގެ އެންމެ އިސްވެރިޔާ ނުވަތަ ކޮމާންޑަރ އިން ޗީފް ބަލާ ފާސްކޮށްދެއްވާފައިވެއެވެ.
އެމްއެންޑީއެފްއިން ބުނީ މި ފްލީޓް އަކީ ދިމާވާ ކޮންމެ ޙާލަތެއްގައިވެސް ކޮމާންޑަރ އިން ޗީފްގެ އަމުރަށް ޙަރަކާތްތެރިވާން ތައްޔާރަށް އަސްކަރިއްޔާ އޮތްކަމާއި، އަދި ޙަވާލުކުރެވޭ ކޮންމެ ޓާސްކެއްވެސް ފުރިހަމަކުރުމަށްޓަކައި ތައްޔާރަށް ތިބިކަމާއި ޤައުމަށާއި ރައްޔިތުންނަށް ދިމާވާ ކޮންމެ ފަދަ ކަމަކުންވެސް ޤައުމާއި ރައްޔިތުން ސަލާމަތްކޮށް މާތްވެގެންވާ އިސްލާމްދީން ހިމާޔަތްކުރުމަށްޓަކައި އަސްކަރިައްޔާ ތައްޔާރީ ޙާލަތުގައި އޮތްކަން ކޮމާންޑަރ އިން ޗީފް އަށް ހާމަކޮށްދިނުމަށްޓަކައި ބޭއްވުނު "ޕްރޮސެޝަން" އެއް ކަމަށެވެ.
މި ދައްކާލުމުގައި ގައި ފެނިގެންދަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ބޭރުގެ ކަނޑުފޭރޭ ބަޔަކު ވަދެ، ރާއްޖޭގެ މަސްދޯންޏަކަށް ހަމަލާދީ އެދޯނީގައި ތިބި ފަޅުވެރިން ރަހީނު ކުރުމުން، އެމީހުންނާއި ދޯނި ސަލާމަތްކުރުމަށް ރޭވުންތެރިކަމާއެކު އެއްގަމާއި ކަނޑާއި ވައިގެ ބާރުތައް ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެކެވެ.
ހަމަލައާއެކު ބާރުގަދަ އަޑުން ތަން ގުގުމާލާފައިވާ މި މަންޒަރުތައް ބަލަން ގިނަޢަދަދެއްގެ ކުޑަކުދިންނާއި އާޢްމު ރައްޔިތުން މިސަރަޙައްދަށް ވަނީ އެއްވެފައެވެ.
ދިވެހި ސިފައިންނަށް 121 އަހަރު ފުރުން މިއަދު ފާހަގަ ކުރިއިރު، ސިފައިންގެ ހިދުމަތް ފަށާފައިވަނީ 21 އެޕްރީލް 1892 ގަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...