ސިފައިންނާއި ފުލުހުންނަކީ ޤައުމުގެ އެތެރެއާއި ބޭރުން ކުރިމަތިވާ ނުވަތަ ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކުން ޤައުމާއި ރައްޔިތުން ސަލާމަތް ކޮށްދިނުމުގައި، އެބައިމީހުންގެ އަމިއްލަނަފުސަށް ބެލުމެއްނެތި ރައްޔިތުންގެ ދިފާއުގައި ހަރަކާތްތެރިވާ ބައެކެވެ. ގުދުރަތީ ކާރިސާއެއް ކުރިމަތިވާ ކޮންމެފަހަރަކު އެންމެ ކުރީސަފަށް ނިކުމެ ހަރަކާތްތެރިވާ ބަޔަކީވެސް ސިފައިންނާއި ފުލުހުންނެވެ. މައިންބަފައިންނާއި އަނބިދަރިން ދޫކޮށްފައި ގައުމުގެ ތަފާތު ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުން ދަނީ ހަމަ ގައުމާއި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ރޫހުގައި ހިތުންރުހުމުންނެވެ.
ސިފައިންނާއި ފުލުހުންގެ ޚިދުމަތުގެ އަގު ސަރުކާރުން ވަޒަންކުރެއެވެ. އެގޮތުން އެބައިމީހުންނަށް އެކަށީގެންވާ ރަނގަޅު މުސާރައެއްގެ އިތުރުން ތަފާތު ނަންނަމުގައި ތަފާތު އެލަވަންސްތައް ދެވެއެވެ. މައިންބަފައިންނާއި އަނބިދަރިންނަށް ވެސް ބޭސްފަރުވާ ކޮށްދެއެވެ. ދާދިފަހުން ސަރުކާރުންވަނީ ސިފައިންނައި ފުލުހުން އަދި އެބައިމީހުންގެ އާއިލާއަށް ޚާއްޞަކޮށްގެން އަސްކަރީހަސްފަތާލެއް ވެސް ހުޅުވާފައެވެ. ފުލުހުންނާއި ސިފައިންގެ ގައުމީ ޚިދުމަތުގެ އަގު ވަޒަންކޮށް އެބައިމީހުނަށް ފަސޭހަކަމާއި އެކު ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށެވެ. މީގެ އިތުރުން ސިފައިންނާއި ފުލުހުންނަށް ޚާއްޞަކުރެވިގެން ފްލެޓް އިމާރާތްކުރުމުގެ މަޝްރޫޢެއްވެސް ސަރުކާރުން ދަނީ ހިންގަމުންނެވެ.
ސަލާމަތީބާރުތަކުގެ މީހުންގެ ކޮންމެއެދުމަކަށް ސަރުކާރުން ވަރަށް ފަސޭހައިން އިޖާބަދެއެވެ. އެންމެ ކަމެއްފިޔަވައެވެ. އެއީ ސިފައިންނާއި ފުލުހުންގެ ތެރެއިން ތުނބުޅި ބަހައްޓަން ބޭނުންވާ މީހުނަށް އެކަންކުރުމުގެ ހުއްދަ ދިނުމެވެ. ތުނބުޅި ބަހައްޓަން ބޭނުންވާ މީހުން އެކަން ކުރަން ބޭނުންވަނީ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުންގެ ތުނބުޅިފުޅު ދިގުކުރައްވައި، އެކަލޭގެފާނުންގެ އަޞްޙާބުންނަށާއި މިއުންމަތުގެ މުއުމިނުންނަށް ތުނބުޅި ދިގުކުރުމަށާއި މަތިމަސް ކުރުކުރުމަށް އަމުރު ކުރައްވާފައިވާތީއެވެ. އެއާއި ޚިލާފުވުން އެކަލޭގެފާނު ނަހީކުރައްވާފައިވެއެވެ. އޭގެތެރެއިން އެއް ބަސްފުޅަކީ البخاري އާއި مسلم ދެބޭފުޅުން ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا ގެ އަރިހުން ރިވާކުރައްވާފައި ހަދީޘެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީޘްކުރައްވާފައި ވެއެވެ. ((انْهَكُوا الشَّوَارِبَ وَأَعْفُوا اللِّحَى)) މާނައަކީ: "މަތިމަސް ކުރުކުރާށެވެ! އަދި ތުނބުޅި ދިގުކުރާށެވެ!" ނަމަވެސް ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުގެ މީހުނަށް ހުއްދަދެވެނީ ތުނބުޅި ބާލާފައި މަތިމަސް ދިގުކުރުމަށެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަމުރުކުރައްވާފައިވާ ގޮތުގެ އިދިކޮޅަށެވެ.
ސިފައިންނާއި ފުލުހުންނަށް ތުނބުޅި ބަހައްޓަން ހުއްދަ ނުދެނީ، ތުނބުޅިބެހެއްޓުމަކީ އިސްލާމްދީނުގެ ކަމަކަށްވީތީކަމަށް ގަބޫލުކުރެވެއެވެ. ސަބަބަކީ ދުނިޔަވީ ކަންކަމުގައި ސަލާމަތީބާރުތަކުގެ މީހުންގެ ކޮންމެ އެދުމަކަށް ސަރުކާރުން ވަރަށް ފަސޭހައިން އިޖާބަދެއެވެ. ދިވެހިރާއްޖެ ފިޔަވައި އެއްވެސް ގައުމެއްގައި ސަލާމަތީބާރުތަކުގެ މީހުނަށް އެބައިމީހުންގެ ދީނުގެ ޝިޢާރެއް ފާޅުކުރުން މަނާކޮށްފައި އޮންނަވާހަކަ އަޅުގަނޑު އަޑެއްނާހަމެވެ. ދުނިޔޭގެ އެންމެބޮޑު ޑިމޮކްރަސީކަމަށްބުނާ އިންޑިއާގެ ސިފައިންނާއި ފުލުހުންގެ ތެރޭގައި ހިމެނޭ، ހިންދޫ ދީނުގެ މަޒުހަބެއްކަމަށްވާ ސިކުންގެ މީހުނަށް ތުނބުޅި މަތިމަސް އަދި ބޮލުގެ އިސްތަށިގަނޑު ދިގުކޮށްގެން އުޅުމުގެ ހުއްދައޮވެއެވެ. ތުނބުޅި އަކީ އެއިގެ ސަބަބުން ސަލާމަތީ ހަރަކާތްތައް ހިންގުމަށް އެއްވެސް ވަރެއްގެ ހުރަހެއް އެޅޭކަމެއްނޫނެވެ. މުސްލިމުން ތަފާތު އެތައް ހަނގުރާމައެއްގައި ނަޞްރާއި ފަތަޙަ ހޯދާފައިވަނީ ތުނބުޅިބާލައިގެން ނިކުމެއެއްނޫނެވެ. ދުނިޔޭގެ ބޮޑުބާރެއްކަމަށްވާ ކުރީގެ ސޯވިއަޓް ޔޫނިއަން ބަލިކޮށް އަފްޣާނިސްތާނުން ބޭރުކޮށްލި ހަނގުރާމައިގައި ބައިވެރިވެ މުސްލިމު މުޖާހިދުން ވެސް ހަނގުރާމަކޮށްފައިވަނީ އެބައިމީހުންގެ ތުނބުޅިތައްބާލައި އޮމާންކޮށްގެނެއް ނޫނެވެ. އަދި ކީއްހެއްޔެވެ. ދިގުވާނެވަރަކަށް ދިގުވާން ދޫކޮށްލައިގެން ތިބެއެވެ. ސޯވިއަޓް ސިފައިންގެ އެއްވެސް މީހަކު، އަފްޣާނިސްތާނުގައި ހަނގުރާމަކުރި އެއްވެސް މުޖާހިދެއްގެ ތުނބުޅީގައި ހިފައި ހައްޔަރުކުރި ކުރިކަމުގެ އެއްވެސް މަޢްލޫމާތެއް ލިބޭކަށްނެތެވެ.
ތުނބުޅި ބާލަން މަޖުބޫރުކޮށްފައި ވުމުގެ ސަބަބުން ސަލާމަތީބާރުތަކުގައި ހިމެނޭ މީހުން އެވަރެޖުކޮށް މަހެއްގެ މައްޗަށް، ތުނބުޅި ބޭލުމަށް 280 ރުފިޔާ އާއި 310 ރުފިޔާއާއި ދެމެދުގެ އަދަދެއް ޚަރަދު ކުރާއިރު، މިކަމަށް މަހެއްގެ މައްޗަށް 3.5 ގަޑިއިރު ހޭދަކުރެއެވެ. ނިމިދިޔަ ދެ ދައުރާއި މިހާރު ހިނގަމުންމިދާ ދައުރުގައިވެސް ސަލާމަތީބާރުތަކުގެ މީހުނަށް ނުލިބުނު ހަމައެކަނި އިނާޔަތަކީ، އެބައިމީހުންގެ އުޚުރަވީ ހަޔާތަށް ލިބެންއޮތް އިނާޔަތެއްކަމަށްވާ ތުނބުޅިބެހެއްޓުމުގެ ހުއްދައެވެ. މި ހުއްދަ ނުދިނުމަށް އަބަދުވެސް ކުރިމަތިކުރުވާ އުޒުރަކީ ދުނިޔޭގެ ގައުމަތަކުން ކުރިމަތިކޮށްފާނެ ފިއްތުންތަކެއްގެ ވާހަކައެވެ. ނަމަވެސް މިއީ ހަމަ ބަހަނާއެކެވެ. އިސްލާމްދީނާއި ގުޅުންނެތް ކޮންމެކަމެއްގައި ސަރުކާރުން އިސްކުރަނީ އަމިއްލަވަންތަކަމާއި ގައުމިއްޔަތެވެ. އަވައްޓެރި އިންޑިއާއި ދިވެހިން، މަތީތަޢްލީމް ހާސިލުކުރުމަށް އެންމެގިނައިން ގޮސްއުޅޭ މެލޭޝިއާގެ މަސްލަހަތު އޮތް މައްސަލައެއް ކަމަށްވާ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓްގެ މައްސަލާގައި ސަރުކާރުން އިސްކުރީ ގައުމިއްޔަތާއި އަމިއްލަ ވަންތަކަމެވެ. އެއްވެސް ފިއްތުމަކަށް ބެލުމެއްނެތިއެވެ. 7 ފެބްރުއަރީ 2012 ގައި ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވިގޮތާއި ބެހޭގޮތުން ތަފާތު ވާހަކަތައް ދެކެވި ތަފާތު ފިއްތުންތަކާއި ކުރިމަތިލާން ޖެހުނެވެ. ކޮމަންވެލްތުފަދަ ޖަމާޢަތްތަކުގެ ފިއްތުންތަކަށް ސަރުކާރުން ދީލާލާފައެއް ނުވެއެވެ. ސަރުކަރުގެވިސްނުމަކަށް ވެފައިއޮތީ ދިވެހިންނަކީ މިނިވަން މުސްތަގިއްލު ބައެއްކަމެވެ. އެބައެއްގެ ތެތްފޮށާ އުފުލާނީ އެކަޔަކު އަމިއްލައަށް ކަމަށެވެ. ނަމަވެސް އިސްލާމްދީނުގެ ކަމަކާއި ޖެހުނީމައި އެންމެބޮޑަށް ބަލަންޖެހެނީ ބޭރުން އަތުވެދާނެ ފިއްތުމަކަށެވެ.
"ރާއްޖޭގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތުގައި ކަންކަން ނިންމާނީ ދިވެހިން. އެ ފުރުޞަތު ސަރުކާރުން އެހެން އެއްވެސް ބަޔަކަށް ނުދޭނަން. އަދި ހަމަ އެއާއެކު، ދިވެހިރާއްޖޭގެ އިޤްތިޞާދު ބައްޓަންކުރުމުގެ ބާރުވެރިކަން ބޭރުގެ ފަރާތްތަކަށް ލިބޭގޮތަށް މި ސަރުކާރުން މަގުފަހިކޮށެއްނުދޭނަން." 2013 ވަނައަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވައި ދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެއެވެ. މި ތަނުގައި ދީނީ ސިޔާސަތުގެ ވާހަކަ ވިދާޅުވެފައި ނުވަނީ ބޭރުގެ ފަރާތްތަކަށް އެބާރުވެރިކަން ލިބިދީފައި އޮތުމުގެ ސަބަބުން ބާވައެވެ؟ އަދި ފުލުހުންނާއި ސިފައިންނަށް ތުނބުޅި ބެހެއްޓުމުގެ ހުއްދަ ނުދެވިގެން އުޅެނީ އެހެންވެގެން ބާވައެވެ. ނަމަވެސް ބޭރުގެ ނުފޫޒުތަކުގެ ކުރިމަތީގައި ރޭރުނުވާނެކަން ހާމަވާފަދަ އިބާރާތަކުން 2013 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. " ދިވެހިންނަކީ ޒަމާނުއްސުރެ މިނިވަންކަން ދިފާޢުކޮށްފައިވާ ބައެއް. ބޭރުގެ އެކިފަރާތްތަކުން، ދިވެހިރާއްޖޭގެ މިނިވަންކަމާ ތޮޅެންފެށި ކޮންމެފަހަރަކުމެ، އަޅުގަނޑުމެންގެ ކާބަފައިންވަނީ ލެޔާއި ފުރާނައިން ހަނގުރާމަކޮށްގެން ދިވެހިންގެ މިނިވަންކަން ދިފާޢުކޮށްފައި. ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށްތަކުގައި ބަސްބުނާނޭ ބަޔަކީ ހަމައެކަނި ދިވެހިންކަމުގައި ކަނޑައަޅާދީފައި. ރާއްޖޭގެ ޚާރިޖީ އަދި ދާޚިލީ މިނިވަންކަން ނަގަހައްޓާފައި. ކިތަންމެ އުނދަގޫ ނިންމުންތަކެއް ނިންމަންޖެހުނު ކަމުގައިވީ ނަމަވެސް، އިޤްތިޞާދީ މިނިވަންކަންވެސް ޙިމާޔަތްކޮށްފައި. މިއީ ދިވެހިންގެ ފަޚުރުވެރި ތާރީޚު." އަދިވެސް އެ މަނިކުފާނު ވިދާޅުވި "ކުޑަ ޤައުމަކަށްވާތީ، ކުޑަކޮށް އިންޞާފު ދިނުމަކީވެސް ސަރުކާރުން ބަލައިގަންނާނޭ ކަމެއްނޫން. އެފަދަ ފިއްތުންތަކަކީ ސީދާ ޤައުމުގެ މިނިވަންކަމާ ގުޅިފައިވާ ކަންކަން. ވަކި ސަރުކާރަކާ ގުޅިފައިވާ ކަންކަމެއްނޫން. މުޅި ޤައުމަށްޓަކައި ޙައްލުކުރަންޖެހޭ ކަންކަން." އެ މަނިކުފާނުގެ މިފަދަ ވާހަކަފުޅުތަކަށް ބަލާލީމަ ވަރަށް ސާފުކޮށް އެނގިކަށަވަރު ވެގެންދަނީ ސަރުކާރުން ބޭނުންވާ ކަންކަމުގައި، ބޭރުގެ ނުފޫޒުތަކަށް ބެލުމެއްނެތި އެ ކަމެއް ނިންމުމުގެ ހިތަވަރާއި ޤާބިލުކަން އެމަނިކުފާނުގެ ކިބާގައި ހުރިކަމެވެ.
ނިންމާލަމުން ދަންނަވަންއޮތީ ސަލާމަތީ ބާރުތަކުގެ މީހުނަށް ތުނބުޅި ބެހެއްޓުމުގެ ހުއްދަ ނުދީގެން އުޅެނީ ބޭރުގެ ފިއްތުންތަކާއި ހުރެ ނޫންކަމުގައެވެ. ވޭތުވެދިޔަ ދެ ދައުރާއި މިހާރު ހިނގަމުން މިދާ ދައުރުގެ ވެސް ވެރިން އެކަން އެކަންކުރަން ބޭނުންނުވާތީއެވެ. އިސްލާމްދިނާއި ބީރައްޓެހި ކަމެއްނަމަ ހުއްދަ ލިބުނީސްކަންނޭގެއެވެ. ތުނބުޅި ބެހެއްޓުމުގެ ހުއްދައަށް އެދޭމީހުން، އެދެނީ އެކަން މަޖުބޫރުކަމެއްގެ ގޮތުގައި ބާއްވާކަށް ނޫނެވެ. ބޭނުންބަޔަކަށް އެފުރުޞަތު ލިބިދިނުމަށެވެ. ދިވެހިންނަކީ މުސްލިމުންނަށްވެފައި، ތުނބުޅި ބެހެއްޓުމަކީ އެކަންކުރުމަށް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ މުސްލިމުންނަށް އަމުރު ކުރައްވާފައިވާ ކަމަކަށްވީ ހިނދު ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުގެ މީހުނަށް އެ ފުރުޞަތު ނުދިނުމަކީ ލާދީނީ ޢަމަލެއްނޫންބާވައެވެ. އަދި އެއީ ނިގުޅައިގަނެވޭ އިންސާނީ ޙައްޤެއްނޫންބާވައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...