ސްކޫލްތަކުގައި ދެޖިންސް ވަކި ކުރުމަށް ހަމާސް ސަރުކާރުން ނިންމައިފިއެވެ.
ޤާޒާގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނުގައި ބުނާ ގޮތުގައި ސަރުކާރު ސްކޫލްތަކާއި އަމިއްލަ ސްކޫލުތަކުގެ ގްރޭޑް 4 އަކުން މަތީ ކްލާސްތަކުގައި ކިޔަވައިދޭން ޖެހޭނީ އަންހެން ފިރިހެން ވަކިންނެވެ. ފެބްރުއަރީ 10ގައި ފާސްކުރެވުނު މިޤާނޫނު ތަސްދީޤު ކޮށްފައިވާއިރު މިޤާނޫނުގައި ފިރިހެން ޓީޗަރުންނަށް އަންހެން ކުދިންނަށް ކިޔަވައިދިނުންވެސް ވަނީ މަނާކޮށްފައެވެ. މިޤާނޫނު ބުނާ ގޮތުން އަންހެން ކުދިންނަށް ކިޔަވައިދޭންޖެހޭނީ އަންހެން ޓީޗަރުން މެދުވެރިކޮށެވެ.
ގްރޭޑް 4 އިން ފެށިގެން ދެ ޖިންސް ވަކިން ކިޔަވައިދިނުމަށް އާ ޤާނޫނެއް ފާސްކޮށްފައިވާއިރު މީގެ ކުރިން ސަރުކާރު ސްކޫލްތަކުގައި ދެ ޖިންސް ވަކި ކުރުމަށް އަންގާފައިވަނީ ގްރޭޑް 7 އަކުން ފެށިގެންނެވެ.
ހަމާސް ސަރުކާރުން ފަލަސްތީންގެ ވެރިކަމަށް އައިފަހުން ފަލަސްތީނުގައި ވަނީ އިސްލާމީ އުސޫލްތައް ފެތުރުމަށް ބާރު އަޅާފަދަ ޤާނޫނާއި ޤަވައިދުތައް ހަދާ ތަންފީޒު ކޮށްފައެވެ. އެގޮތުން ސްކޫލްކުދިން ސްކޫލަށް ހާޒިރުވާއިރު އައުރަ ނިވާ ކުރެވޭފަދަ ހެދުމެއް ލުމަށް ވަނީ އަންގާފައެވެ. އަދި މީގެ އިތުރުން ޒަޔަނިސްޓް ސަރުކާރުން ދޭ ހަދިޔާ އާއި އެހީ ނުހިފުމަށް އެޑިއުކޭޝަން ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
2007 އަކުން ފެށިގެން ފަލަސްތީނުގެ ވެރިކަމަށް ހަމާސްއިން އައުމަށްފަހު ފަލަސްތީނުގެ ޤާނޫނުތަކަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަމުންނެވެ. ހާއްސަކޮށް ތަރުބަވީ ދާއިރާތަކަށް ގެންނަމުންދާ ބަދަލުތައް ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...