އިސްލާމް ދީނުގެ ޙުކުމްފުޅުތަކާއި، ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަ ކުރުން ޢާއްމުވެފައިވާ މިނިވަން ނޫހުގެ އިނގިރޭސި ޢަދަދުގައި އަނެއްކާވެސް އިސްލާމް ދީނަށް ޙަމަލާތަކެއް ދީފިއެވެ. މިއީ އެއްވެސް އޮޅުމެއް ނޫނެވެ. ނުވަތަ ނޭނގި ކުރާކަމެއްވެސް ނުމެނޫންމެއެވެ.
މިމީހުން އިސްލާމް ދީނަށް ފުރައްސާރަ ކުރުމަށް ބޭނުން ކުރާ ދެ އުކުޅެއް އޮވެއެވެ. އެއްގޮތަކީ ދިވެހިރާއްޖެއަށް އުފަން ދިވެހި މުސްލިމު މައިންބަފައިންނަށް ނިސްބަތްވާ، މުސްލިމުންކަމުގައި ދަޢުވާކުރާ ދިވެހިން ލައްވައި، ޢަދުލު އިންޞާފުގެ ނަމުގައި، ނުވަތަ ފާއިތުވި 30 އަހަރުގެ ނަމުގައި އިސްލާމް ދީނަށް ފާޑުކިޔައި، މަލާމާތުގެ ރާގަށް ލިޔާލިޔުންތައް ޝާއިޢުކުރުމެވެ.
އަނެއްގޮތަކީ، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމާ ބެހޭގޮތުން ޚަބަރެއް ތައްޔާރު ކުރުމެވެ. ފެންނަ ފެނުމަށް އެފަދަ ޚަބަރުތަކުގައި ހުންނާނީ މިނިވަން ނޫސްވެރިކަމުގެ ހުނަރުވެރިކަމެވެ. ނަމަވެސް އޭގެ ފަހަތުގައި ފަތުރަމުންދާ ޕުރޮޕެގެންޑާ ފެނިގެންދާނީ، ޝާއިޢުކޮށްފައިވާ ލިޔުމުގެ ކޮންމެންޓުތަކުންނެވެ. ނޫހެއްގައި އެޕްރޫވު ކުރެވޭ ކޮންމެޓްތަކަކީ، އެ ލިޔުމެއް ލިޔުނު ލިޔުންތެރިޔާ ނުވަތަ އެ ނޫހަކުން ޒިންމާންވާންޖެހޭ ކޮމެންޓުތަކެކެވެ. ނޫހުން ހުއްދަ ދިނުމުން މެނުވީ އެއްވެސް ކޮމެންޓެއް އަދި ޚިޔާލެއްވެސް އޮންލައިންކޮށް ނަމަވެސް ޝާއިޢު ނުކުރެވޭނެއެވެ.
މިފަހަރު ފާޑުކިޔުން އަމާޒުވެފައިވަނީ އިސްލާމީ ޝަރީޢަތުގެ ޙައްދު ތަކަށެވެ.
"ވައްކަމުގައި އަތްކެނޑުން ޤާނޫނުލް ޢުޤޫބާތަށް އިތުރުކޮށްފި" މި ޢުނުވާނު ބަލައިލުމުން އިސްލާމް ދީނާ ފުށުއަރާ އެއްވެސް ކަމެއް ނުފެންނާނެއެވެ. މިއީ ރާއްޖޭގެ ޚަބަރެކެވެ. މި ޚަބަރު ލިޔެފައިވާ ފަރާތަކީ "މިނިވަން ނިއުސް" އެވެ. މިފަހަކަށް އައިސް ފާޅުގައި އިސްލާމް ދީނަށް ބިންދާލާފައި ހުންނަ މިފަދަ ލިޔުންތަކުގައި ފެނިގެންދާނީ ލިޔުނު މީހާގެ ނަން ހާމަކުރުމަށް ފަސްޖެހިފައިވާ ތަނެއެވެ.
މިފަދަ ލިޔުންތަކުގައި މިމީހުން ޖަހާފައި ހުންނާނީ ޢާއްމުކޮށް ހަމަ އެއް ފޮޓޯއެވެ. އެއީ ކީރިތި ޤުރްއާނުގެ މި ފޮޓޯއެވެ. މިއިންވެސް އެނގިގެންދަނީ، މިއީ ދިވެހިރާއްޖޭގައި ހިނގާ ނާއިންސާފާއި، އަނިޔާވެރިކަމާ ދެކޮޅަށް ދައްކާ ވާހަކަތަކެއް ނޫންކަމެވެ. މިއީ ސީދާ އިސްލާމް ދީނަށް ދެމުންދާ ޙަމަލާތަކެއް ކަމެއެވެ.
ދެން މިލިޔުމުގައިވާ ކޮންމެޓްތަކަށް ބަލައިލާށެވެ. ކުރިންވެސް އިޝާރާތްކުރިފަދައިން، ރަޖިސްޓްރީ ކޮށްގެން ހިންގިޔަސް ރަޖިސްޓްރީ ނުކޮށް ހިނގިޔަސް، އެއްވެސް އޮންލައިން ނޫހެއްގައި ކޮމެންޓާއި ޚިޔާލު ޝާއިޢު ކުރެވޭނީ އެނޫހެއްގެ ރުހުމާއި އެކުގައެވެ. މިނިވަން ނޫހުން ލިޔާ މިފަދަ ގިނަ ލިޔުންތަކުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގައި އަތުކުރި އޮޅާލައިގެން މުޅިންވެސް އުޅެނީ އެއްބައެކެވެ. އެމީހުންނަކީ އިންޓަރނެޓުގެ ދުނިޔޭގައި އެންމެނަށްވެސް ކޮންބައެއްކަން އެނގިގެން އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންނެވެ.
މިކޮމެންޓު ކޮށްފައިވަނީ "ދިވެހި މުރުތައްދު" ކިޔާ މީހެކެވެ. އޭނާގެ ވާހަކައިގައި އެވަނީ ޙުސެއިން ކިޔާ މީހަކު ލިޔެފައިވާ ކޮމެންޓަކަށް ދީފައިވާ ރައްދެކެވެ. "ދިވެހި މުރުތައްދު" ގެލިޔުން ފައްޓާފައިވަނީ "އަލްޙަމްދު ލިއް ލާތަ"
އާދެ ﷲ ގެ ނަންފުޅުގެ ބަދަލުގައި ޖާހިލިއްޔަ ޒަމާނުގައި އަޅުކަންކޮށް އުޅުނު ބުދެއްކަމުގައިވާ "ލާތަ" އަށް ޙަމްދުކޮށްފަ، ދައްކަން ފަށާފަހުރި ވާހަކަތަކެކެވެ. މިއީ އޮޅުމެއް ނޫނެވެ. އެއީ ހަމަ އެ ޕެރެގްރާފްގައި "މާޝާﷲ" ގެ ކަލިމައަށް ފުރައްސާރަކޮށް މީނާވަނީ "ހުބަލް"ގެ ނަން އިތުރުކޮށްފައެވެ. ހުބަލަކީވެސް އެމީހުން މާތް ﷲ އަށް ޝިރުކު ކުރަން ގެންގުޅުނު ބުދަކަށް ކިޔާ ނަމެކެވެ.
ދެން އަޅުގަނޑު މިތާ ނަކަލު ކޮށްލާނީ އަޙުމަދު ޝަހީދު ކިޔާ މީހެއްގެ ކޮމެންޓެކެވެ.
"އަޙްމަދު ޝަހީދު:
މަޖިލީހުގެ ކޮމިޓީ ދިވެހިރާއްޖޭގައި ޙައްދުތައް ތަންފީޒުކުރުމަށް ކުރާ މަސައްކަތުގެ ސަބަބުން އަހަރެން ވަރަށް ހައިރާން ކުރުވައިފިއެވެ. ޙަޤީޤަތުގައިވެސް އަހަރުމެން މިއުޅެނީ ވަގުންގެ އަތްކަނޑައި، ޒިނޭކުރާ މީހުން ރަޖަމުކޮށް، މުރުތައްދުވާ މީހުން ޤަތުލުކޮށް، ފޭރޭމީހުން ޞަލީބަށް އަރުވަން ހެއްޔެވެ؟ ދިވެހިރާއްޖޭ 850 އަހަރަށްވުރެ ގިނަދުވަސްވަންދެން އިސްލާމް ކަންމަތީ އޮތްއިރު، މިފަދަ އެއްވެސް ޢުޤޫބާތެއް ނުދީވެސް ރާއްޖޭގެ ޙާލަތު އޮތީ ރަނގަޅަށެވެ. ފިޤުހު އެކަޑަމީން މިހުރިހާކަމެއް ކުރުމަށް ހުށަހަޅާފައިވާތީ އަހަރެން މިހުރީ ބިރުވެރިކަމާއި ހިތް ނުތަނަވަސްކަމެއްގެ ތެރޭގައެވެ. މިކަމުންވެސް އެނގިގެންދަނީ މުއްލާއިން ސިޔާސަތާ ދުރުކުރަންޖެހޭ ކަމެވެ. މިއީ އިންޓަނޭޝަނަލް ޤާނޫނުތަކުގެ ދަށުން ޒަމާނީ ދައުލަތަކަށް ލިބިފައިވާ ބާރުތައް މުއްލާއިންގެ އަތްދަށަށް ދިޔަކަމުގެ ނަތީޖާއެވެ. އައު ޤާނޫނުލް ޢުޤޫބާތު ތަންފީޒު ކުރެވެންފެށީމާ، ދިވެހިރާއްޖެ ބަދަލުވާނީ އާ ޠާލިބާނިސްތާނަކަށެވެ. ހިޔުމަންރައިޓް ކޮމިޝަނުން ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ދިފާޢުގައި ވާހަކަ ދެއްކުމަކީ އެމީހުންގެ މައްޗަށް އޮތް ވާޖިބެއްކަމުގައި ދެކިގެން ނުތެދުވާކަމަށްޓަކައި ހިތާމަކުރަމެވެ."
މަތީގައި ތަރުޖަމާކޮށްފައިވާ ކޮންމެންޓަކީ "އަޙްމަދު ޝަހީދު" ލިޔެފައިވާ ކޮމެންޓެކެވެ. މި ކޮންމެޓުގެ އިނގިރޭސި ފެންވަރާއި ބަސްމަގުހުރި ގޮތް ވައްތަރުވަނީ ޑރ.އަޙްމަދު ޝަހީދާއެވެ. ކޮމެންޓްގެ ނަން ލިޔެފައިވާބައިގެ ލިންކްގައިވަނީ ޑރ އަހްމަދު ޝަހީދުގެ އަމިއްލަ ވެބްސައިޓްގެ އެޑްރެސްއެވެ. އޭނާގެ ޓުވީޓުތަކުގައި ދިވެހިރާއްޖޭގައި މާތް ﷲ ގެ ޙުކުމްފުޅުތަކަށް ތާއަބަދުމެ ރައްދު ދެމެންދާކަމީ އެންމެނަށްމެ އެނގިހާމަވެފައިވާ ކަމެކެވެ.
މިއީ ޑރ.އަޙްމަދު ޝަހީދުގެ ޓުވިޓާގައި ހަމަ މިމޭރުމުން ކޮށްފައިވާ ޓުވީޓެކެވެ. "މޯޑިޒް މާލިމަންޓު ކޮމިޓީއިން، އައު ޤާނޫނުލް ޢުޤޫބާތުގައި އިސްލާމީ ޝަރީޢަތުގެ ޢުޤޫބާތްތައް މަޖުބޫރުވާގޮތަށް ތަންފީޒުކުރުމަށް ނިންމައިފިއެވެ. މިހާރު މޯޑިޒް އަކީ ސައްތައިންސައްތަ ޠާލިބާނެއެވެ." (މޯޑިޒް އަކީ ދިވެހިރާއްޖޭގެ ނަމަށް ފުރައްސާރަވާގޮތަށް އޭނާ ބޭނުންކުރާ ޢިބާރާތެވެ.)
ދަންނާށެވެ! މިފަދަ މުޖުރިމުންނަކީ މީގެ ކުރީގައިވެސް ދިވެހި ފަސްގަނޑަށް ޚިޔާނާތްތެރިވެފައިވާ މީހުންނެވެ. ދިވެހި ތާރީޚަށް ބަލައިލުމުން މިފަދަ މުޖުރިމުންގެ ނިމުން އައިސްފައިވާގޮތް ފެންނަށް އެބަހުއްޓެވެ. މިޤައުމުގައި ފާޅުގައި މާތް ﷲ އާ އިދިކޮޅު ހަދާފަރާތްތަކަށް އިތުރު ފުރުޞަޠު ނުލިބޭނޭކަމުގެ އިންޒާރު މިބައިމީހުންނަށް ދެމެއެވެ.
މިނިވަން ނޫހަކީ، ބައިނަލް އަޤްވާމީ ދުނިޔެއަށް، ދިވެހިރާއްޖޭގެ ޚަބަރުތައް ފެތުރުމަށް ބޭނުންކުރާ އެއް ވަޞީލަތެވެ. އިސްލާމް ދީނުގެ ކަންތައްތައް މިބައިމީހުން ބޭނުންގޮތަށް އަނބުރާ ބަދަލުކޮށް، ދިވެހިންގެ ތެރެއިން މިދީނަށް ފުރަގަސް ދީފައިވާ މީހުންނަށް އެންމެ ބޮޑު ހިތްވަރެއް ލައި އެއްބާރުލުންދެނީ މި ނޫހުންނެވެ. މިނޫސް ރަޖިސްޓްރީ ކޮށްފައިވަނީ ކާކުގެ ނަމެއްގައިކަން މިހާތަނަށް ކަށަވަރުވެފައި ނުވާއިރު، މިނޫހުގައި މީގެ ކުރިން "ﷲ" ގެ ކަލިމަފުޅު ބޭނުންކޮށްގެން ކޮށްފައިވާ ކޮންމެޓެއް ބަލައިދިނުމަށް ޖަމްޢިއްޔަތުއްސަލަފުން ކަމާބެހޭ ފަރާތްތަކުގައި އެދިފައިވާ އެދުމަށް އަދި އެއްވެސް ޖަވާބެއް ލިބިފައިނުވާކަން ހިތާމައާއެކު ފާހަގަ ކުރަމެވެ.
ނޯޓް: އެއް ނޫހުން އަނެއް ނޫހަށް ފާޅުގައި ފާޑުކިޔުމީ ނޫސްވެރިކަމުގެ އެތިކްސްއާއި ކޯޑުތަކާއި ޚިލާފު ކަމެއްކުމުގައިވެދާނެއެވެ. ނަމަވެސް މާތް ﷲ އާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم އަށް ފާޅުގައި ފުރައްސާރަ ކުރާ މީހުންގެ ވާހަކަ ދެއްކުމުގައި ނޫސްވެރިކަމުގެ ކޯޑް އޮފް ކޮންޑަކްޓަށް ބަލަން ނުތިބޭނަމެވެ.



ކޮމެންޓް (0)
ލޯޑް ކުރަމުން...