ކޮލަމިސްޓް "ފުރަން އިހްރާމް އަޅައިގެން އެއާޕޯޓައް ދިޔުމުން ނުފުރުނު"

"ފުރަން އިހްރާމް އަޅައިގެން އެއާޕޯޓައް ދިޔުމުން ނުފުރުނު"

"ފުރަން އިހްރާމް އަޅައިގެން އެއާޕޯޓައް ދިޔުމުން ނުފުރުނު"

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

"ފުރަން އިހްރާމް އަޅައިގެން އެއާޕޯޓައް ދިޔުމުންނުފުރުނު" މިއީ ރޭ އެސްބީޓީ ހައްޖު އެންޑް އުމްރާ ގުރޫޕުގެ އޮފީސް ތެރޭގައި ހުރި މީހަކު ވަރަށް އަސަރާއި އެކު ބުނެލި ޖުމްލައެކެވެ. އެސްބީޓީ ހައްޖު އެންޑް އުމްރާ ގުރޫޕުން މިއަހަރު އުމްރާއަށް ދިއުމަށްޓަކައި އޭނާވެސް ވަނީ ފައިސާ ދައްކާ ޚަލާސް ކޮށްފައެވެ. 20 ހާސް ރުފިޔާ ދައްކާ އުމްރާ އަށް ދިޔުމަށް ވާންޖެހޭ ތައްޔާރީތައްވެ އެއާރޕޯޓްއަށް ދިޔައީ އުމްރާ ގެ މާތް އަޅުކަމަށް ފުރުމުގެ ފޮނި އުންމީދުގައެވެ. އެހެނަސް 'ބަހަނާ'އެއް ދެއްކުމަށްފަހު އެސްބީޓީ ހައްޖު އެންޑް އުމްރާ ގުރޫޕުގެ ވެރިން ވަނީ އެމީހާ އަށް އޮޅުވާލާފައެވެ.

 މިއީ ފަހަކަށް އައިސް ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. ޙައްޖާއި އުމްރާއަށް މީހުން ގެންދިއުމަށްކަމަށް ބުނެ މީހުން އަތުން ފައިސާ ނަގާ އެމީހުންނަށް ލަނޑު ދިނުމުގެ ސަގާފަތް މިދަނީ އިތުރުވަމުންނެވެ. މިދިޔަ އަހަރު މިގޮތުން ދިމާވި އެންމެ ބޮޑު މައްސަލައަކީ 'މަލީޝާ' ގްރޫޕްގެ އޮޅުވާލުމުގެ މައްސަލައެވެ. އެތައް ބަޔެއްގެ އަތުން ފައިސާ ނެގުމަށްފަހު މަލީޝާ ގްރޫޕްގެ ވެރިޔާ ވަނީ ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެނިކޮން ހައްޔަރުކޮށްފައެވެ. މަލީޝާ ގްރޫޕްގެ ވެރިޔާ އިސްމާއިލް އަބްދުއް ލަތީފް (މާލު) ރާއްޖެއިން ފުރުމަށްފަހު އެގްރޫޕްގެ އޮފީސް ވަނީ ބަންދުކޮށް ނަންބޯޑުވެސް ނަގާފައެވެ. އޭގެ ސަބަބުން އެގްރޫޕްއިން އޭރު ޙައްޖަށް ދާން ފައިސާ ދައްކާ ތައްޔާރަށް ތިބި އެތައް ބަޔަކަށް ބޮޑު ޝޮކެއް ލިބިގެންދިޔައެވެ. ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ރާއްޖެ އާއި ލަންކާގެ 175 މީހެއްގެ އަތުން އިސްމާއިލް ލާރި ނެގި ކަމަށް ތުހުމަތުކުރެވެ އެވެ.

 މީގެ އިތުރުން 2011 ވަނަ އަހަރު ދިވެހިން ހައްޖަށް ގެންދިޔަ މަލީޝާ ހައްޖު ގުރޫޕުގެ ހައްޖާޖީން ސައުދީގައި ބޭތިއްބި ހޮޓަލަށް ދައްކަންޖެހޭ ފައިސާ ފުރިހަމަ އަށް ނުދައްކައި އަދި އެ ހޮޓަލުގެ ވެރިފަރާތަށް އެ ޖަމާއަތުގެ އިސް މީހަކު ބިރު ދެއްކި ކަމަށް ބުނާ މައްސަލައެއް ވެސް ވަނީ ފުލުހުން ބަލާފައެވެ.

 އެސްބީޓީ ހައްޖު އެންޑް އުމްރާ ގުރޫޕުގެ މައްސަލައެއް އަނެއްކާވެސް މިވަނީ ފެންމަތިވެފައެވެ. އުމުރާއަށް ގެންގޮސްދޭނެ ކަމަށް ބުނުމުން އެސްބީޓީ ގުރޫޕައް ފައިސާ ދައްކާ އަދި ގުރޫޕުގެ ހަބަރެއް ނުވެގެން ނުފުރިފައިވާ 34 ފަރާތަކުން އެ މައްސަލަ ވަނީ ފުލުހުނަށް ހުށަހަޅައިފައިވާ ކަމަށާއި އަދި މިހާރު އެމައްސަލަ މި ގެންދަނީ ތަހުޤީޤު ކުރަވަމުން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. މި ގުރޫޕަށް ފައިސާ ދެއްކި ބައެއް މީހުންނަކީ މިހަފްތާގައި ފުރާން ހަމަޖެހިފައި ވާ ބައެއް ކަމަށާއި ނަމަވެސް އިއްޔެ ފުރަންދިއުމައްޓަކައި ތައްޔާރުވީ ފަހުން އެ ގުރޫޕުން ގުޅައި ފުލައިޓް ހަލާކު ވެގެން ދަތުރު ލަސް ވެއްޖެ ކަމަށް ބުނެ އުމްރާ ދަތުރުވަނީ ފަސްކޮށްފައެވެ. އުމްރާއަށް ދާން ހަމަޖެހިފައިވާ 34 މީހުންގެ ތެރެއިން ކޮންމެ މީހަކުވެސް 20،000ރ ދައްކައިފައިވާ ކަމަށާއި، ނަމަވެސް އެއާލައިން އަށް ގުޅުމުން ޓިކެޓުގެ ފައިސާ އެ ގުރޫޕުން ދައްކައިފައި ނުވާކަން ވަނީ ފަޅާ އަރާފައެވެ.

 އެސްބީޓީ ހައްޖު އެންޑް އުމްރާ ގުރޫޕުގެ މައްސަލައެއް ވަނީ 2009 ވަނަ އަހަރު ވެސް ފެންމަތިވެފައެވެ، 7 ނޮވެމްބަރު 2009 ގެ ރޭ އެސްބީޓީ އޮފީސް ދޮށަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ އަޑު އުފުލާފައިވަނީ ހައްޖަށް މީހުން ގެންދާ އެހެން ހުރިހާ ގްރޫޕަކުން ވެސް ހައްޖަށްދާ މީހުން ފުރުވާލާފައިވާއިރު އެސްބީޓީން ދިއުމަށް ފައިސާ ދެއްކި މީހުން ޙައްޖަށް ނުފޮނުވާ ލަސްވަމުންދާތީއެވެ. އަދި މީގެ އިތުރުން އޭގެ އަނެއް ދުވަހު އެސްބީޓީ ހައްޖު އުމްރާ ގްރޫޕުގެ ހަވާލުގައި ހައްޖަށް ދިއުމަށް ފައިސާ ދެއްކި މީހަކަށް ހައްޖަށް ދެވޭނެ ކަމުގެ ޔަގީންކަން އެ ގުރޫޕުން ދީފައިނުވާތީ އޭނާ އަށް ފައިސާ އަނބުރާ ދެއްކުމަށް މަދަނީ ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ގާޒީ މުހައްމަދު ހިލްމީ ހުކުމް އިއްވަމުން ވިދާޅުވެފައި ވަނީ "ވ. ނަސީމާ މަންޒިލް، ނަސީމާ އިބްރާހީމް ހައްޖަށް ދިއުމަށްޓަކައި 62،000 ރުފިޔާ އެސްބީޓީ އަށް ދައްކާފައިވާ ކަމަށާއި ނަމަވެސް އޭނާ ހައްޖަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ ކަންތައްކޮށްފައިވާ ނުވާ ކަމަށާއި އޭނާ ހައްޖަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ވެސް އެސްބީޓީން ދީފައިނުވާ ނުވާތީ 30 ދުވަހުގެ ތެރޭގައި އެ ފައިސާ މަދަނީ ކޯޓަށް ދައްކާ ހަލާސްކުރުމަށް ދައުވާ ލިބުނު އެސްބީޓީ ހައްޖު އުމްރާ ގްރޫޕުގެ ވެރިޔާ އަބްދުﷲ ބާގިރަށް އަންގައި ހުކުމްކޮށްފިން"ކަމަށެވެ.

 ޙައްޖާ އުމްރާއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ޖަމާއަތްތަކުގެ މައްސަލަތައް ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާއިރު މިކަމާއި މެދު އާންމުން ހޭލުންތެރިވާން އެބަޖެހެއެވެ. ޙައްޖާއި އުމްރާއަށް ގެންދިއުމުގެ ހުއްދަ އޮންނަ ޖަމާއަތްތަކަށް ފައިސާ ދެއްކުމާއި މީގެ ކުރިން އެފަދަ އޮޅުވާލުންތައް އޮޅުވާލާފައިވާ ޖަމާއަތްތަކަށް ފައިސާ ދެއްކުމުގައި ސަމާލުވުންފަދަ ފިޔަވަޅުތައް އަމިއްލަގޮތުން އެޅުން ބުއްދިވެރިއެވެ. ނޫންނަމަ މުޅި އުމުރުގައި މާތް އަޅުކަމަކަށް އެއްކުރާ ފައިސާ ފެނަށް ވެގެން ހިނގައިދާނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.