މަންމާއެވެ. މަންމަ އަހަރެން ހިތުގައި ޖައްސާ ރޮއްވިއެވެ. އަހަރެން ވަރުބަލި ކުރުވިއެވެ. އަހަރެންގެ މިނިވަންކަން ގެއްލުވާލިއެވެ. އަހަރެން ބޭނުންހާ އެއްޗެއް ހޯދައެއްނުދެއެވެ.
މަންމާއެވެ. ތަފާތުކުލަކުލައިގެ ހެދުންތަކުން ބޮޑުދައިތަމެން ބޮޑުބޭބެމެންގެ ދަރިންގެ އަލަމާރިތައް ފުރާލާފަވާ ތަން އަހަރެން ދެކެމެވެ. އެކަމަކު އަހަރެންގެ ހެދުމެއް ބާނުވަނީސް މަންމަ އަހަންނަށް ހެދުމެއް ގަނެނުދެއެވެ. ކޮންމެ ހެދުމަކާއި ގުޅޭ ގަހަނާ ހޯދަން އަހަރެންވެސް ވަރަށް އާދޭސް ކުރަމެވެ. އެކަމަކު އެއީ އިސްރާފެއްކަމަށް މަންމަބުނެއެވެ .
މަންމާއެވެ. އަހަރެންގެ ޑްރަސިންޓޭބަލް މަތީގައި އަގުބޮޑު ސެންޓްފުޅިތަށް އަތުރާފައި ބެހެއްޓުން އެއީ އަހަރެން ވަރަށް ބޭނުންވާ ކަމެއްކަން މަންމަޔަށް އެގޭއިރު ، އެއްފުޅި ހުސްނުވަނީ އަނެއްފުޅިގަތުން އެއީ މަންމަ ދުވަހަކުވެސް ކުރިކަމެއް ނޫނެވެ. އެކަމާ ހިތާހިތާ މަންމަޔާދިމާލަށް އަހަރެން ވަރަށް އެއްޗެހި ގޮވަމެވެ.
މައްމާއެވެ. އަހަންނަކީވެސް މިޒަމާނު ކުއްޖެއްކަން މަންމަ ހަދާންނެތުނުކަމުގެ އިހުސާސު އަހަންނަށް އެންމެ ފުރަތަމަ ކުރެވުނީ މައްމަ އެދުވަހު މޭކަޕްސެޓް ގަނެނުދިނުމުންނެވެ. އަބަދުވެސް ކޮންމެހެން ޒީނަތްތެރިވުމަށް ބޭނުންކުރަން ޖެހޭ އެއްޗެއް ފިޔަވާ އިތުރު އެއްޗެއް މަންމަ އަހަންނަށް ގަނެނުދެއެވެ. އެހެންކުދިންނެކޭ އެއްފަދައިން އަހަރެންވެސް ފައުންޑޭޝަން މޫނުގަ ހާކާ މޭކަޕްވެސް ކުރާހިއްވެއެވެ.
މަންމާއެވެ. އަހަންނާއި އެއްފުރާވަރުގެ ކުދިން އަރާކަހަލަ ހިމަކަށިލީ ފައިވާނަށް އަރާ ޓޮއް ޓޮއް ގޮއްވަމުން އަހަރެންވެސް ހިގާހިއްވިއެވެ. އެކަމަކު އެ އެކަމުންވެސް އަހަރެންވަނީ މަޙުރުމުވެފައެވެ. މައްމަ އަބަދުވެސް ގަންދެނީ ތިރި ފައިވާންތަކެވެ.
މަންމާއެވެ. މަންމައަކީ ތަނަވަސް މީހެކެވެ. އަދި އަހަރެންމީ މަންމަގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެކަމަކު މަންމަ އަހަރެން އެންމެ ކުރާހިއްވާ ކަމެއްކަމުގައިވާ ވިޔަފާރިކުރުމާއި، ރެސްޓޯރެންޓް ، ކެފޭތަކުން ކެއެއުން ފަދަ ކަންކަމަށް ހައްދެއްކަނޑައެޅިއެވެ. އަހަރެން ހިތަންއެރި އެވެ. މަންމައަކީ ކިހާދަހިމީހެން ހެއްޔެވެ.
މަންމާއެވެ. އަހަރެންގެ ރައްޓެހިންނާއެކީ ދަތުރުދިއުމާއި، ހިގާލަން ދިއުން މަންމަ މަނާނުކުރާނެއެކޭ އަހަރެން ހިތަކަށްނާރައެވެ. މަންމަ އާއެކޭ ބުނުމުން އަހަރެން ވަރަން އުފާވިއެވެ. އެކަމަކު މަންމަވެސް ދާނަމޭ ބުނުމުން ދަތުރުގެ މަޖާމުޅިން ގެއްލުނުކަމުގެ އިޙްސާސް އަހަންނައްވިއެވެ.
މަންމާއެވެ. ކުލާސް ހުރިހާ ކުދިންހެން ފިރިހެންކުދިންނާ ވާހަކަ ދައްކައެވެ. ބައެއްކުދިން ކާމިޔާބުކަމުން ދެތިން ކުދިންނާ އެއްފަހަރާ ރައްޓެހިވެއެވެ. އަނެއްބައިކުދިން ކުދިންނާ ރައްޓެހިވެފަ ރުޅިވެފަ ހަދައެވެ. އެއީ ވަރަށް މަޖާ ކަމެއްކަމުގައި އެކުދިން ބުނެއެވެ. އެކަމަކު މަންމަދެކެ ގަންނަ ބިރެއްގެ ބޮޑުކަމުން އަހަންނަށް އެކަންކުރަންވެސް ނުކެރެއެވެ.
މަންމާއެވެ. އަހަންނަކީވެސް ރީތިކުއްޖެކެވެ. ގައިގެ ކުލަ އެހާމެ އަލިވެފައި ފިރިހެންކުދިން އަޅައިގަންނަ ފަދަސިފަތަކެއް ގުދުރަތުން ދެއްވާފައިވެއެވެ. އެކަމަކު މަންމަޔާހެދި ރީތި ޒަމާނީ ހެދުމެއްވެސް ނުލެވެއެވެ. އެހެންކަމުން އުމުރުދުވަހު ހުސްހަށިބަޔަށް ހުންނަންޖެހިދާނެކަމުގެ ބިރު ހީވި އަދަދެއްވެސް ނޭގެއެވެ.
މަންމާއެވެ. އަހަރެން މާގިނައިން ކަމަކަށް އެދި އާދެސްކުރަންފެއްޓުމުން މަންމަގެ މޫނުމައްޗަށް އެއަންނަ ބަދަލްތަކުން އަހަރެން ވަރަށް ހިތުގަ ޖެހެއެވެ. އަހަރެން ކިތައްމެ ބޭނުންވިޔަސް އެކަމެއް އަހަންނަށް ނުވާނެކަން އަހަރެން ގަބޫލުކުރަމެވެ. އެކަމެއްގެ މަތިން ގަދަކަމުން ނަމަވެސް ހަދާންނައްތާލުން އެއީ އެންމެ ރަނގަޅުގޮތްކަމުގައި އަހަރެން ދެކެމެވެ.
މަންމާއެވެ. މަންމަކައިރީގައި އަހަރެން އެދޭ އެދުންތަކަށް މަންމަ އިންކާރުކުރާލެއް ގިނަކަމުން، މަންމަ އަހަރެންދެކެ ވާ ލޯތްބާމެދު ސުވާލުކުރެވޭ ފަހަރުވެސް މަދެއްނޫނެވެ.
މަންމާއެވެ. މަދުރަސާއިންއައިސް ނިދާލަންއުޅޭ ވަގުތު މަންމަ އެކަންމަނާކޮށް އެހެންކަމެއްކުރަންފޮނުވާވަގުތު އެވާ ފޫހި ބަޔާންކޮއްދޭންވެސް ނޭގެއެވެ. އަދި ބުނަންހެއްޔެވެ. ގޭތެރޭގެ މަސައްކަތުގައި އަހަރެން ޝާމިލުކުރަން މަންމަ އުޅޭވަރުން އަހަރެންމީ ގޭގެ ނޯކަރެއްބާއޭ ހިތަށްއަރައެވެ. އަހަރެން ނޫނީ ޢާއިލާގެ އެއްވެސް ކުއްޖަކު ބަދިގޭގެ އޮޅިގަނޑުން އެތެރޭގައި ދުވަހަކު ފިޔަވަޅެއްވެސް ނާޅައެވެ.
މަންމާއެވެ. އެދުވަސް މާޒީއާ އެކުވެ ހިގައްޖެއެވެ. އެކަމަކު މަންމަ އެދުވަހު ކަންތައްތައް ކުރިގޮތުގެމަތީން އަހަރެން ދުވަހަކުވެސް ހަދާންނުނެތޭނެއެވެ. މިޔަދު ވިސްނިއްޖެއެވެ.
މަންމާއެވެ. އޮފީހުން އަންނައިރު ކިތަންމެ ވަރުބަލި ވެފައި ހުއްޓަސް ނަމާދުކޮށްގެން ނޫނީ އަހަރެން އަރާމެއް ނުކުރަމެވެ. ކިތައްމެ ބޮޑު މުސާރައެއް ލިބުނު ކަމުގައިވިޔަސް، ކޮއްމެހެން ބޭނުންވާއެއްޗެއް ނޫނީ ނުގަންނަމެވެ.
މަންމާއެވެ. މަތްﷲ ގެ ރަޙްމަތް ފުޅާއެކު މަންމަފަދައިން އަހަންނަކީވެސް ތަނަވަސް މީހެކީމުއެވެ. އެހެންނަމަވެސް ފައިސާއިން އިސްރާފްކުރުން އަހަރެގެ ކިބައިގައި ނުވެއެވެ. ބޭނުންޖެހިގެން ނޫނީ ވިޔަފާރިއެއް ނުކުރަމެވެ.
މަންމާއެވެ. އަހަރެންގެ ޑްރަސިންޓޭބަލް މަތީގައި މިހާރުވެސް ހުންނަނީ އެއްމެ ސެންޓް ފުޅިއެވެ. އެއްފުޅި ހުސްނުވަނީ އެހެންފުޅިއެއް ނުގަންނަމެވެ.
މަންމާއެވެ. މާތް ﷲ އަހަރެންނަށް ދެއްވާފައިވާ ސިފަ އަހަންނަށް ވަރައްރީއްޗެވެ. އެހެންކަމުން އެކަމައްޓަކައި ޝުކުރުވެރިވެ، ފާޑުފާޑުގެ ކުލަތަކާއި މޭކަޕްތަކުން އެސިފަ ފޮރުވުމަށް އަހަރެން ނަފްރަތު ކުރަމެވެ. އާދައިގެ ގޮތަކަށް ޒީނަތްތެރިވުން އެއީ އަހަރެން އެންމެ ރުހޭ ގޮތެވެ.
މަންމާއެވެ. އަހަރެންގެ އަންހެންވަންތަކަމާއި ހައިބަތު އިތުރުކޮއްދެނީ މަންމަ ގަނެދޭކަހަލަ ރީތި ތުނި ފައިވާނެވެ. ފާޑުފާޑުގެ އަޑު ގޮވާކަހަލަ އުސް ފައިވާންތަކަކީ ފިރިހެނުންގެ ސަމާލުކަން ހޯދަން އަރާފައިވާންތަކެކެވެ.
މަންމާއެވެ. އަހަރެން ކާޅުހެދިގެން ރެސްޓޯރެންޓްތަކާއި ކެފޭތަކުން ނުދުވަމެވެ. އެއީ އަންހެންކުދިން އުޅެން ރީތިގޮތަކަށް ނުވާތީއެވެ.
މަންމާއެވެ. މަދުމަދުންނަމަވެސް ހިތްހަމަޖެއްސުމައްޓަކައި ގާތްރައްޓެހިންނާއެކު އަހަރެން ހިގާލަންގޮސް ހަދަމެވެ. އެހެންނަމަވެސް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަމާއި އެކުގައެވެ.
މައްމާއެވެ. އޮފީސް ހުރިހާ ކުދިންހެން ފިރިހެންކުދިންނާ ވާހަކަ ދައްކާ ހީސަމާސާކޮށް ގައިގޯޅިވެ ހަދައެވެ. އެހެންނަމަވެސް އަހަރެން އެފަދަ ގައިގޯޅިވުމެއް ބޭނުމެއްނޫނެވެ. އެއީ އަހަންނައް އެގޮތް ހުތުރުވީމައެވެ.
މަންމާއެވެ. އަހަރެންގެ ރީތިކަން އެހެންމީހުންގެ ކުރިމަތީގައި ކަޝްފުކުރަން އަހަރެން ބިރުވެތިވަމެވެ. އެއީ އެކަމުގެ ސަބަބުން މުޖުތަމަޢު ފަސާދަވެދާނެތީއެވެ. ނަމަވެސް އުމުރުދުވަހު ހުސްހަށިބަޔައް ހުންނާކަށް އަހަންނަކަށް ނުޖެހުނެވެ. ހެޔޮލަފާ ފިރިހެނަކު، އޭނާގެ ހަޔާތުގެ ބައިވެރިޔަކަށް އަހަރެން އިޚްތިޔާރުކޮއްފިއެވެ.
މަންމާއެވެ. އަހަރެން އޭނާއައް އިޚްތިރާމް ކުރަމެވެ. އޭނާދެކެ އިންތިހާއަށް ލޯބިވަމެވެ. އެނާއަށް އުދަގުލެއްވާ އެއްވެސްކަމެއް ކުރުމަށް ނޭދެމެވެ. އޭނާ ނޭދޭ ކަމެއްނަމަ އެކަމެއްގެ މަތިން ހަދާންނައްތާލަމެވެ. ދުނިޔޭގައި އުޅެވޭނީ ގުރުބާނީތަކެއްވެގެންކަން ހެޔޮހިތުން އަހަރެން ޤަބޫލުކުރަމެވެ.
މަންމާއެވެ. އެދުވަހު ގޭތެރޭގެ މަސައްކަތުގައި މަންމަ އަހަރެން ޝާމިލުނުކުރިނަމަ މިއަދު މިހާ ގެވެހި އަންހެނަކަށް އަހަރެން ނުވީސްއެވެ. މަންމާއެވެ. އެދުވަހު އަހަރެން އެދުނު ހުރިހާ އެދުންތަކަށް މަންމަ އާންއެކޭ ނުބުނި ނަމަ އަހަރެން މިޔަދު ވެގެންދާނީ އަބާއްޖަވެރި، ޣާފިލު އަންހެންޖުއްޖަކަށެވެ. ހައްދެއްނެތި އިސްރާފް ކުރުމާއި ، ބޭކާރު ޚަރަދުކުރުމުގައި އަހަރެންގެ ޢުމުރު ދުއްވާލެވުނީސްއެވެ.
މަންމާއެވެ. އަހަންނަށް މަޢާފްކުރާށެވެ. މިހާރު އަހަންނަށް ވިސްނިއްޖެއެވެ. އަހަރެންދެކެ މަންމަ ވީ ހަޤީޤީ ލޯތްބެވެ. މަންމަ އަހަރެންގެ ނަފްސު ރަނާއި ޖަވާހިރައްވުރެ އަގުބޮޑު ކުރުވައިފިއެވެ. ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް އަހަންނަށް ފުރުސަތު ހޯދައިދީފިއެވެ. މީގެ ބަފަލުގައި އިޚްލާސްތެރިކަމާއެކު ހިތުގެ އެއްމެ ފުއްމިނުން މަންމައަށް ޝުކުރުއަދާކުރަމެވެ. އަދި އަހަރެން ދުނިޔޭގައި ހުރިހާދުވަހަކު މަންމައަށް ރަޙުމަތް ލެއެއްވުންއެދި ﷲހުގެ ހަޟުރަތަށް ދުޢާ ދެންނެވުމުގައި ދެމިހުންނާނަމެވެ.
"ޔާ ﷲ އެވެ. މިއަޅާގެ ލޯބިވާ މަންމައަށް ރަޙުމަތްލައްވާށިއެވެ. "
ކޮމެންޓް (0)
ލޯޑް ކުރަމުން...