އަޅުގަނޑުގެ ތަންކޮޅެއް ހަގު ޢުމުރެކެވެ. އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ފިރިހެން ކޮއްކޮ އާއި އޭނާގެ އެކުވެރިއަކާއެކު މަގުމަތީގައި (ގޭ ދޮރުމަތީ) ތިބެގެން ސަކަރާތް ޖަހަމުން ދިޔައެވެ. ކޮންކަހަލަ ސަކަރާތެއްތޯއެވެ. މިޒަމާނުގައި މަގުމަތީގައި ޖަހާ ސަކަރާތެއް ނޫން އިންގޭތޯއެވެ. ހަމައެކަނި އެ ދެމީހުންނަށް އަޑު އިވޭ ވަރަށް އެކަކު އަނެކަކާއި ދިމާލަށް ސަމާސައަށް ބައެއް އެއްޗެތި ކިޔަމުން ދިޔައެވެ. އެކުވެރިޔާ ކޮއްކޮ އާއި މުޚާޠަބުކޮށް ކަލޭތީ މިނިސްޓަރެއް ނޫންހެއްޔޭ ބުނިތަނާ ކޮއްކޮވެސް އެކުވެރިޔާއަށް ރައްދު ދިނުމުގެ ގޮތުން ކަލޭތީ ރައީސްނޫންހެއްޔޭ ބުންޏެވެ. އެވަގުތު ބައިސްކަލުގައި ދިޔަ ސިފައިންގެ މީހާއަށް ކޮއްކޮގެ އެ އަޑު އިވިގެން ސުވާލު ކުރަން ފެށިއެވެ. ރައީސްއާއި ބެހެނީ ކީއްވެތޯ ކޮއްކޮ ކައިރީ ސިފައިންގެ މީހާ ސުވާލު ކުރުމުން ކޮއްކޮއަށް ދޭނެ ޖަވާބެއްވެސް ނޭނގުނެވެ. އަދި ސިފައިންގެ މީހާދެކެ ގަތް ބިރުން ރޮވޭގޮތް ވިއެވެ. ނަތީޖާއެއްގެ ގޮތުން ކޮއްކޮއާއި ކޮއްކޮގެ ރަޙުމަތްތެރިޔާ ސިފައިންގެއަށް ގެންދިޔައެވެ. މުޅި ޢާއިލާ އެންމެން ރޮނީއެވެ. އެ ދުވަސްވަރު ސިފައިންގެއަށް ގެންދިއުމަކީ ބިރުހުރި ކަމެކެވެ.
މިފަދަ އެތައް ހާދިސާއެއް އަޅުގަނޑުމެންގެ ތެރޭގައި ކުރިން ހިނގާފައިވާނެކަމީ އެއްވެސް ޝައްކެއްވެސް ހުރި ކަމެެއް ނޫނެވެ. ރައީސް މައުމޫނާއި ދެކޮޅަށް މީހަކު އެއްޗެއް ބުނެފިއްޔާ އެމީހެއްގެ ޒަމާން އެހިސާބުން އެ ދިޔައީއެވެ. ޓާޓާ އެވެ. މިއީ އެއްވެސް ދިވެއްސަކު ދެބަސްވާނެކަމެއް ނޫނެވެ.
މައުމޫނަކީ ޚުދު މުހުތާރު ވެރިއެއްކަމަށާއި އޭނާ ވެރިކަމުން ބާލަން ޖެހޭކަމަށް ބުނެ ބަޔަކު އަޑު އުފުލަން ފެށިއެވެ. އަދި އެކަމުގައި އެންމެ އިސްކޮށް އުޅުނީ ކުރީގެ ރައީސް ނަޝީދެވެ. އޭނާ ހަރުހަޑުން ބުނަމުން ދިޔައީ މައުމޫނުދެކެ ގަންނަ ބިރަށް ނިމުން ގެންނަން ޖެހޭކަމަށާއި ބިރު ފަހަނަ އަޅާދާން ޖެހޭކަމަށެވެ. ކޮންމެއަކަސް ރައީސް މައުމޫނުގެ ވެރިކަން ނިމި ރައީސް ނަޝީދުއާއި އޭނާގެ ކޯލިޝަންއަށް ދިވެހިން ރުހުން ދިނެވެ. މައުމޫނުގެ ވެރިކަމަށް ނިމުން އައެވެ. ރައީސް މައުމޫނުގެ ވާހަކަ ދެއްކުމަކީ މިއަދު ބިރުގަންނަން ޖެހޭ ކަމެއް ނޫނެވެ. އަދި ރައީސް ނަޝީދު ވިޔަސް ރައީސް ވަޙީދުވިޔަސް އެއްވެސް ބިރެއް ނެތެވެ. ކޮންމެ ވާހަކައެއް ދެއްކިޔަސް ކުށްވެރިއެއް ނުވެއެވެ. ޑިމޮކްރަސީގައި އޮންނަ ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ދަށުން ކޮންމެ ފަދަ އެއްޗެއްވެސް އަނެކާއާއި ދިމާލަށް ގޮވަން ވީއެވެ. ނަމަވެސް....
ނަމަވެސް މިހާރު އަނެއްކާވެސް އެއްކަލަ "ޚުދުމުހުތާރު" ރައީސް މައުމޫނުގެ ސަގާފަތް ދިރުވަން ބަޔަކު ފަށައިފިއެވެ. ކޮން ބައެއްތޯއެވެ. ދުލާއި، އަތާއި، އަދި ހަށިގަނޑުގެ ހުރިހާ ގުނަވަނެއްގެ މިނިވަންކަމަށް އެންމެ ބާރަށް ހަޅޭއްފުޅު ލައްވަމުންދާ ރައްޔިތުންގެ މަޖިލީހޭ މިކިޔާ މީހުންނެވެ. ކުރިން ރައީސް މައުމޫނާއި ދިމާލަށް އެއްޗެއް ބުނާއިރަށް ކުށްވެރިވެ ޖަލަށް ދާންޖެހޭހެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކާއި ދިމާލަށް މިއަދު އެއްޗެއް ބުނެފިއްޔާ ކުށްވެރިވެ، ޖަލަށް ދާން ޖެހެއެވެ. މިޖެހުނީ ކޮންތާކު ހެއްޔެވެ؟ އަނެއްކާވެސް 30 އަހަރު ފަހަތަށް ރާއްޖެ ދިޔައީކީ ނޫންހެއްޔެވެ؟ ތިމާމެން އަމިއްލައަށް އީމާންވާ ޑިމޮކްރަސީ ކޮބާހެއްޔެވެ؟ އޭގައި އޮންނަ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަންވެސް ފުނޑުފުނޑު ވެގެން ދިޔައީތާއެވެ. އަނެއްކާވެސް މިޖެހުނީ މުޅިން އެހެން "ޑިމޮކްރަަސީއެއް" ގެންނާންތާއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...