އުދުހެމުން އައި ޕަރުވާނާއެކެވެ. އެސޮރުގެ މަންޒިލަކަށްވެފައި އޮތީ ބައްތީގެ ހުޅުކޮޅެވެ. ކޮންމެދިމާލަކުން ބައްތިއެއްފެނުނަސް އެދިމާލަކަށް އެސޮރު މިސްރާބުޖަހައެވެ. ކިތައްމެދަތިއުދަގޫހާލަތެއްގައި ވިޔަސް އެސޮރު، އެސޮރުގެ މަންޒިލަށް ވާސިލުވުމަށް މަސަތްކަތްކުރެއެވެ.
ހިތާމަޔަކީ މިފަދަ ދަތިއުދަގުލުން އެސޮރުގެ މަންޒިލަށް ވާސިލުވުމާއެކު އެސޮރުގެ ފުރާނަ އެސޮރާއި އަލްވަދާޢު ކިޔާކަމެވެ. ބައްތީގެ ހުޅުކޮޅުގެ ޝިކާރަޔަކަށްވެ، އަނދާހުލިވެއެވެ. ޚުދު އެސޮރަށްވެސް ނޭގި އަމިއްލަޔަށް މަރުގެ ދަޢުވަތު ހޯދައިގަނެވުނީއެވެ.
ޕަރުވާނާގެ މިސާލުން އުޅޭ އިންސާނުންވެސް ދުނިޔޭގައި މަދެއްނޫނެވެ. ޚުދު ތިމާގެ އަމިއްލަ އަތުން އަދަވަޅުކޮނެ ، އެއަދަވަޅަށް ވެއްޓި އޭގެން ނޭރިފަތިބި މީހުން މިދުނިޔޭގައި މަދެއްނޫނެވެ. މިފަދަމީހުން އަބާއްޖަވެރިކަމާއި ނާކާމިޔާބީގައި ދުނިޔޭގެ ދުވަސްތައް ގުނުމަށްފަހު ، ދިރިއުޅުމުގެ އެއްވެސް މަޤުސަދެއްހާސިލުވުމެއްނެތި ދުނިޔެއިންނިމިގެންދެއެވެ. ކަނޑުގައި އެޅިރޮގެއްފަދައިން އެފަދަމީހުންގެ ނަން ދުނިޔޭގެ ދަފްތަރުން ފުހެވިގެން ހިގައިދެއެވެ.
ދުނިޔޭގައި ގުނާއަދަދު ނުކުރެވޭފަދަ ހެއްލުންތަކެއްވެއެވެ. މީގެ ކޮންމެ ހެއްލުމަކީ ގެއްލުމަކަށްނޫނީ ނުވެނުދާނެއެވެ.
ހެޔޮވިސްނޭ އިންސާނުން އެމީހުންގެ ދިރިއުޅުމުގެ ނައު ކަނޑައެޅޭވަކި މަންޒިލަކާއި ދިމާލަށް މިސްރާބުޖަހައެވެ. އަދި އެފަދަމީހުންގެ މަޤުސަދަކަށްވެފައިވަނީ ދިރިއުޅުމުގެ ނައުގެ މިސްރާބުސީދާކޮށް ކަނޑައެޅިފައިވާ މަންޒިލަށް ވާސިލްވުމެވެ. ވަށައިގެން ފެންނަ ރީތި މަންޒަރުތަކާއި ތަފާތު ކުލަތަކަށް އެބައިމީހުންގެ ލޯތައް އަމާޒެއްނުކުރާނެއެވެ. ހިތްތައް ލަމްބުވައެއް ނުލާނެއެވެ. އެފަދަމިހުންގެ މަސައްކަތަކަށްވެފައިވަނީ ކުރިއަށްދާން އޮތްމަގު ކޮށާއާރާސްތުކުރުމެވެ.
ދުނިޔޭގައި އުޅޭއިރު ބުއްދީގެބޭނުން ފުރިހަމަގޮތުގައި ހިފުމުގެ ކުޅަދާނަކަން ލިބިފައިނުވާ މީހަކީ ފުރިހަމަ އިންސާނެއްކަމުގައި ވެދާނެހެއްޔެވެ.؟
ފުރިހަމަ އިންސާނަކީ ދުނިޔެއިން ފެންނަ ތަފާތު ރީތިކުލަތަކަށް ދަހިވެތިނުވެ، ވަގުތީ އުފާތަކުގައި ކޮޅުފައިންޖަހާ ދުރަށްލުމަށްފަހު، ދާއިމީ އުފާތަކުގެ މަންޒިލަށް ރުޖޫޢަވުމަށް ކެރިގެން ކުރިއަށްދާ މީހުންނެވެ. މިފަދަ މީހުން ކުރިމަތީގައި ދިރިއުޅުމުގެ އަގުއެހާމެ މަތިވެރިވެފައި ބޮޑެވެ. މިފަދަ މީހުންގެ ހިތްފުރާލަނީ ކާމިޔާބީއާއި، ކުރިއެރުމުންނެވެ. މިފަދަމީހުންގެ ނަން ދުނިޔޭގެ ތާރީޚްގައި ރަންއަކުރުން ފަވާލެވެއެވެ. ދުނިޔޭގައި ބުއްދިވެރިންނޭ ކިޔަނީ މިފަދަމީހުންނަށެވެ. ފެންނަކޮންމެ މަންޒަރަކީ ހަޤީޤަތެއްނޫންކަންދަނެ ހެއްލުންތަކަށް ބޯނުލަބާ ކުރިއަށްދާމީހުންނެވެ.
ދެންއޮތީ މިސާލެކެވެ. ތިބާގެ އެއްލޯ ނިވާކުރުމަށްފަހު އަނެއްލޮލުން ދުރުގައިވާ އެއްޗަކަށްބަލާލަބަލާށެވެ. އަދި ތިބާގެ އިނގިލިކުރި އެއެއްޗެއްގައި ޖައްސާލުމަށް ހަރަކާތްކޮށްލަބަލާށެވެ. ތިބާއަށްމިހާރުފެންނަމުންދާނީ އިނގިލިކުރި އެއެތީގައި ޖެހިފައިވާތަނެވެ. މިބީދައިން އިރުހަދާތަރިތަކުގައިވެސް އަތްލެވުމަކީ އެކަށީގެންވާކަމެކެވެ.
ދުނިޔޭގައި އަޅުގަނޑުމެންނަށް ފުރިހަމައަށް ދެލޯ ހުޅުވައިގެން ބެލުމުގެފުރުސަތު މަދުފަހަރަކުމެނުވީ ނުލިބެއެވެ. މިފަދަފުރުސަތެއް ލިބެނީވެސް ދިމާވާބޮޑު މުސީބާތަކާއިގުޅިގެންނެވެ. މިފަދަހާލަތްތަކުގައިވެސް އަމިއްލަނަފްސުގެ ޣާފިލުކަމާމެދު ދެކޮޅުހެދުންނޫންކަމެއް އަޅުގަނޑުމެންގެކިބައިގައި ނުވެއެވެ. ދިރިއުޅުމުގައި ކުރިމަތިލާންޖެހުނު ހުރިހާބަދުނަސީބެއްގެ ސަބަބަކީ އަނެކާކަމުގައި ބުނެވެއެވެ. އަދިގެއްލިފައިވާ ފުރުސަތްތަކާމެދު ވިސްނާ ހިތާމަކުރެވެއެވެ.
ހަޤީޤީ އިންސާނުންނަކީ ތިމާއާއިކުރިމަތިވާ މުސީބާތްތަކާއި، އަދި ތިމާފަދަ އަނެކުންނާއި ކުރިމަތިވާ މުސީބާތްތަކުން ޢިބުރަތް ހާސިލްކުރާ މީހުންނެވެ. މިފަދަމީހުން ކާމިޔާބީޔާހަމަޔަށް ވާސިލްވާނީ ނާކާމިޔާބީއިން ޢިބުރަތްހާސިލްކޮށްގެންނެވެ.
ކާމިޔާބީޔާހަމަޔަށް ވާސިލުވުމަށްޓަކައި މަގުދައްކަނީ ނާކާމިޔާބީކަން މިބައިމީހުންދަނެއެވެ.
އެމެރިކާގެ ކުރީގެ ސެކެޓްރީއޮފް ސްޓޭޓް ކޮލިންޕަވަލް ބުނެފައިވެއެވެ. " ކާމިޔާބީ ހާސިލްކުރުމުގައި ސިއްރުތަކެއްނުވެއެވެ.އެއީ ނާކާމިޔާބީން ޢިބުރަތްހާސިލްކޮށް ހިއްމަތާއެކު ކުރާ މަސަތްކަތުގެ ފޮނިނަތީޖާއެވެ". އަދިވެސް އޭނާބުނެފައިވެއެވެ." ދިރިއުޅުމާމެދުގައި ތިބާދެކޭހުވަފެން ހަޤީޤަތަކަށްވުމުގައި ބޭނުންވަނީ މޮޅު ޖާދޫއެއްނޫނެވެ. ދާއޮހޮރުމާއިއެކު ކުރެވޭ ބުރަމަސައްކަތެވެ."
ތެދެކެވެ.ފުރިހަމަ އަޒުމެއްގައިހުރެ،ހިއްވަރާއެކު މަސަތްކަށްކޮއްފި ކޮންމެ މީހަކަށް މާﷲ ކާމިޔާބުދެއްވާނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...