ކޮލަމިސްޓްވާހަކަ

ތިބާވެސް ބޭނުންވަނީ މިފަދަ ބަދުނަސީބް މީހަކަށް ވާންހެއްޔެވެ؟

މިއީ އަހަރެންގެ ލޯބިވެރިޔާގެ ވާހަކައެވެ. އަހަންނަށް އެންމެ ފުރަތަމަވެސް އަހަރެންގެ ލޯބިވެރިޔާ ފެނުނީ މިދުނިޔެއަށް އެންމެ ފުރަތަމަ ނޭވާލީ ވަޤުތުގައެވެ. އަހަރެން އޭނާއާއި ދިމަ ބަލާލީ ބީރެއްޓެހި ނަޒަރަކުންނެވެ. އޭރު އަހަނަންނަކީ ތަނެއްދޮރެއް ވަކިނުވާ މައުސޫމް ކުއްޖެކެވެ.

 ދެން ފެށިގެންދިޔައީ އަހަރެންގެ ޅައުމުރެވެ. ދުވަސްތައް ހޭދަކުރަމުން ދިޔައީ ހިނިތުންވެފައި ހުރެއެވެ. މައިންބަފައިންގެ ފުރިހަމަ ލޯތްބާއި އަޅާލުން އަހަންނަށް ލިބުނެވެ. އޭރު އަހަރެންގެ ވަރަށް ގާތް ރަހްމަތްތެރިއެއް ހުރެއެވެ. އަހަންނާއި އޭނާގެ ގުޅުމަށް އަހަރެންގެ މައިންބަފައިން ވަރަށް ޤަބޫލެވެ. އަހަރެން ޅަވީމައި ވިސްނުމުގައި މާބޮޑު ތެއްކަމެއްނެތެވެ. މަންމައާއި ބައްޕަގެ ނަސޭހަތް ޤަބޫލުކޮށް އެ ރަހްމަތްތެރިޔާއާއި އެކު ދުވަސްތައް ގުނަމުން ދިޔައީމެވެ.

އަހަރެންގެ މައިންބަފައިން އަހަރެންގާތު އަބަދުވެސް ބުނެއުޅެއެވެ. ކޮންމެވެސް ދުވަހަކުން އަހަންނާއި ބައްދަލު ކުރަން މީހަކު އަންނާނެ ވާހަކައެވެ. އެމެހެމާނާއަކީ އެންމެންނާއި ވެސް ބައްދަލުކުރާނެ މީހެއް ކަމަށް ބުންޏެވެ. އެ ބީރަށްޓެހި މެހެމާނާއެކު އަހަރެން ވަރަށް ބޮޑު ދަތުރަކަށް ފުރަންޖެހޭނެ ވާހަކަވެސް ބުންޏެވެ. އެވާހަކަތައް ކިޔައިދިނުމަށްފަހު އަހަރެންގެ މައިންބަފައިން އަހަރެން ގާތުން އެދުނީ އަހަރެން ބޮޑުވެ، އަމިއްލައަށް ވިސްނޭވަރު ވުމުން އަހަރެންގެ ލޯބިވެރިޔަކަށް އަހަރެންގެ ރަހްމަތްތެރިޔާ ހެދުމަށެވެ. އެ ރަހްމަތްތެރިޔާއާއި އެކު އަހަރެން ގޮސްފިނަމަ އެ މެހެމާނާއި ބައްދަލުކުރާ ދުވަހު އަހަންނަށް އަމާންކަން ހުރި ވާހަކަވެސް ބުންޏެވެ. އަހަރެންގެ މި ރަހްމަތްތެރިޔާ އަހަންނަށް އެދަތުރުގެ ކޮށްތު ތައްޔާރު ކުރުމަށް އެހީތެރިވެދޭނެ ވާހަކަވެސް ބުންޏެވެ. އަހަރެން ވަރަށް އުފާވިއެވެ. އެފަދަ ރަހްމަތްތެރިއެއް އަހަންނަށް ލިބުނީތީއެވެ. އަހަރެންގެ މައިންބަފައިން އެންމެފަހުން އެބުނީ ހުދު އަހަރެންވެސް ޤަބޫލު ކުރާ ކަމެއްގެ ވާހަކައެވެ. އަހަންނަށް މި ރަހްމަތްތެރިޔާގެ ލޮލުން އަލިކަން ފެނެއެވެ. އަބަދުވެސް އޭނާގެ ދެއަތް ހިނިތުންވުމާއެކު އަހަންނަށް މަރުޙަބާ ކިޔައެވެ. އަހަރެންގެ އަތުގައި ހިފައިން ހިނގަމުންދަނީ ސާފުސީދާ މަގަކުންނެވެ. އެހެންވީމައި މިރަހުމަތްތެރިޔާއެކު ގޮސްގެން އަހަރެންގެ ދަތުރު ކާމިޔާބު ދަތުރަކަށް ހެދޭނެ ކަމާމެދު އެއްވެސް ޝައްކެއްނެތެވެ.

ދުވަސްތައް ފާއިތުވަމުންގޮސް އަހަރެންވެސް ފުރާފުރިހަމަ ޒުވާނަކަށް ވެއްޖެއެވެ. ކަންކަމާމެދު ވިސްނާ އަމިއްލައަށް ކަންކަން ނިންމޭވަރު ވެއްޖެއެވެ. އަސުރަށް ފޮޅޭ މަލެއްހެން އަހަރެންވެސް ވަނީ ފަރިވެ ފޮޅިފައެވެ. އޭރުވެސް އަހަރެންގެ ރަހްމަތްތެރިއަކީ ހަމަ ކުޑައިރުގެވެސް ރަހްމަތްތެރިޔާއެވެ. އޭނާ އަހަރެންގެ ލޯބިވެރިއަކަށް ހެދުމުގެ ވަޤުތު އައިއްސިއެވެ. ނަމަވެސް... ކަންތައްތައް ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. އަހަރެން ދުނިޔެއަށް ނޭވާލީ ދުވަހު އަހަންނާއި ބައްދަލުކުރި މީހެއްގެ ވާހަކަ ބުނީމެއް ނޫންހެއްޔެވެ. އޭނާއާއި އަހަންނާއި އަނެއްކާވެސް ބައްދަލުވެއްޖެއެވެ. ކުރީގައި އަހަންނަށް އެއީ ކާކުކަން ނޭންގުނަސް މިހާރު އެއީ އަހަރެން ދެކެފަރިތަ މީހަކަށް ވެއްޖެއެވެ. އަހަރެން އަޅާ ކޮންމެ ފިޔަވަޅެއް އޭނާއާއި އެކީ އަޅަންޖެހިއްޖެއެވެ. އަހަރެންގެ މައިންބަފައިން ވިސްނައިދިނެވެ. އޭނާއަށް މާބޮޑު ސަމާލުކަމެއް ނުދިނުމަށެވެ. އަހަރެންގެ ރަހްމަތްތެރިޔާ އާއީ އެކު އުޅުމަށެވެ. އެ ރަހްމަތްތެރިޔާދެކެ ލޯބިވުމަށެވެ. އޭނާ ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ރަހްމަތްތެރިޔާ އަހަރެންގެ އަތުގައި ވަރަށް ބާރަށް ހިފަހައްޓާލައެވެ. ރަހްމަތްތެރިޔާ ދޫކޮށް ނުދިޔުމަށް އެދެމުން ދިޔައެވެ. ނަމަވެސް އެންމެންގެ ވާހަކަތައް ދޫކޮށް އެ އަލަށް ދިމާވި މީހާއާއި ދިމާލަށް ދެވުނީ އޭނާ ދައްކާލި އެންމެ ކުލައެއް ފެނިގެންނެވެ. އޭނާ ދެކެ ލޯބިވެވުނީ ރީތި ކުލަތަށް އަހަންނަށް ދައްކަން ފެށުމުންނެވެ. އެކުލަތަކުގެ އަވާގައި ޖެހިފައި އަހަރެންވީ އޭގެ ފަހަތުގައި ކެހިވެރިކަން ވެދާނެކަމާމެދު ވިސްނައިވެސް ނުލައެވެ.

އަހަރެންގެ ރަހްމަތްތެރިޔާ މިކަމާ ވަރަށް ހިތާމަކުރިއެވެ. އޭނާ ގާތަށް އެނބުރި އައުމަށް ތަކުރާރުކޮން އެދެމުން ދިޔައެވެ. ނަމަވެސް އަހަރެން އެ ރަހްމަތްތެރިޔާއަށް ފުރަގަސްދީފައި އަހަރެންގެ ލޯބިވެރިޔާއާއި އެކު ދިޔައީމެވެ. މުޅި އުމުރަށް އޭނައާއި ވަކިވީމެވެ. އަހަރެންގެ މައިންބަފައިން އަހަންނަށް ވިސްނައިދޭން ވަރަށް މަސައްކަތް ކުރިއެވެ. އަހަރެންދެކެ ހަޤީޤީ ލޯބިވާ މީހަކީ އަހަރެންގެ ކުރީގެ ރަހްމަތްތެރިޔާ ކަމަށް ބުނަމުންދިޔައެވެ. މިހާރު އަހަރެންގެ ލޯބިވެރިޔާގެ މަޤާމްގައި އެހުރީ ކެހިވެރިކަމުން ފުރިގެންވާ މީހެއްކަމުގައި ބުނަމުންދިޔައެވެ. އޭނާއާއި ދުރުވުމަށް އެދެމުން ދިޔައެވެ. ނަމަވެސް އަހަރެން އެމީހުންގެ ބަހަށް ދިނީ ބީރު ކަންފަތެކެވެ. އަހަރެންގެ ލޯބިވެރިޔާ އަހަންނަށް ދައްކަމުންއައި ތާކުންތާކު ނުޖެހޭ ކުލަތަކުގައިޖެހި އަހަރެންވީ އާވާރާވެފައެވެ. އަހަންނާއި ބައްދަލުކުރަން އަންނާނެ މެހެމާނުގެ މަތިން އަހަރެން ހަނދުމަނައްތާލީމެވެ. އަހަރެން ކުރަންޖެހޭ ދަތުރުގެ މަތިންވެސްމެއެވެ. އަހަރެން ހީކުރަމުންއައީ އަހަންނާއި އަހަރެންގެ ލޯބިވެރިޔާ އާއި ދުރުކުރެވޭނޭ އެއްވެސް މީހަކު ނުހުންނާނެ ކަމަށެވެ. އަހަންނާއި ބައްދަލުކުރަން އަންނަ މެހެމާނަކީ އަހަރެންގެ ލޯބިވެރިޔާ ކީކުރަންހެއްޔެވެ؟ އަހަރެން އެންމެންނާއި ވަކިކޮށް ގެންދާނެ މީހެއް ކަން އަހަރެންވަނީ ހަނދާން ނައްތާލާފައެވެ. އަހަންނަށް އަހަރެންގެ ލޯބިވެރިޔާ ނޫން މީހަކު ނުފެނެއެވެ. އޭނާއާއި ދޭތެރޭ ނޫނީ ވިސްނައެއްވެސް ނުލަމެވެ.

ފާއިތުވަމުންދާ ކޮންމެ ދުވަހަކީ އަހަރެންގެ ލޯބިވެރިޔާދެކެ ވަމުންއައި ލޯބި އިތުރުވާދުވަހެކެވެ. ވަރުގަދަވަމުންއައި ދުވަހެކެވެ. ނަތީޖާއަކަށްވީ އަހަރެންގެ ލޯބިވެރިއާއަށްޓަކައި އެތައްކަމެއް ޤުރުބާން ކުރުމެވެ. އަހަރެން އެ ލޯބިވެރިޔާއަށްޓަކައި ކިޔެވުން ދޫކޮށްލީމެވެ. އެތައްބައެއްގެ ނަފްރަތުގެ ފިޔަގަނޑަކަށް ވީމެވެ. އަހަރެންގެ މައިންބަފައިންނާއި އަހަރެންދެކެ އިންތިހާއަށް ލޯބިވާ އާއިލާ ދޫކޮށްލީމެވެ. އެމީހުންގެ އާދޭސްތަކަށް ބީރުކަންފަތެއް ދެމުންނެވެ. އެންމެފަހުން އެ ހިތާމައަށް ކެއްނުކުރެވިގެން އަހަރެންގެ މައިންބަފައިންވެސް މިދުނިޔެ ދޫކޮށްދިއައެވެ. އަހަރެންގެ ހިތަށް ކުޑަވެސް އެއްޗެއް ނާރައެވެ. އަހަރެން އަހަރެންގެ ލޯބިވެރިއާއާއި އެކު ދުވަސްތައް ގުނަމުންދިޔައީމެވެ.

 މިއަދާ ހަމައަށް ފާއިތުވެގެން މިދިޔަ ކޮންމެ ދުވަހަކީ އަހަރެންގެ ކުރީގެ ރަހްމަތްތެރިޔާ އޭނާ ގާތަށް އެނބުރި އައުމަށް އެދެމުން ދިޔަ ދުވަހެކެވެ. އޭނާގެ ދެއަތް އަހަންނަށް މަރުހަބާ ކިޔުމަށް ހުޅުވާލެވިފައިވިއެވެ. ނަމަވެސް އަހަރެން އައީ އެ އެދުން ޤަބޫލުނުކޮށް އެއެދުމާއި ފަސްދެމުންނެވެ.

މިއަދު އަހަންނަށް ކުރެވެމުން މި އަންނަނީ އެހެންކަލަ އިޙްސާސް ތަކެކެވެ. އަހަންނާއި ބައްދަލު ކުރަން އެމެހެމާނެއްގެ މަތިން ހަނދުމަނައްތާލާފައިވީ މެހެމާނާ އަންނަކަމުގެ އިޙްސާސެވެ. އަހަރެންގެ ލޯބިވެރިޔާގެ އަތުގައި ބާރަށް ހިފާލީމެވެ. އަހަރެން ލޯބިވެރިޔާ ދޫކޮށްލާފަ ދާކަށް ބޭނުމެއް ނޫނެވެ. އަހަންނަށް ހައިރާންކަމެއް ލިބުނީ މިއޮށް ހުރިހާ ދުވަހު އަހަރެންގެ އަތުގައި ހިފާ ބާރުކޮށްގެންހުރި ލޯބިވެރިޔާ މިއަދު އަހަރެންގެ އަތުން ދޫކޮށްލުމުންނެވެ. އެހީއަކަށް އަހަރެން އެންމެ ބޭނުންވި ދުވަހު ލޯބިވެރިޔާ އަހަރެން ދޫކޮށް ދަނީއެވެ. އަހަރެން ވަކިވެގެންދާތީ އަހަރެންގެ ލޯބިވެރިޔާ ހިތާމާއެއް ނުކުރެއެވެ. އަހަރެން ރޮވިފައިވާ ހާލު ލޯބިވެރިޔާއާއި ދިމަ ބަލާލީމެވެ. އަހަރެން ދޫކޮށްފައި ތިދަނީ ކީއްވެތޯ ސުވާލުކުރީމެވެ. އޭނާ ހިނިތުންވެފައިހުރެ އަހަންނަށް ޖަވާބުދިނެވެ. "އަހަންނަކީ ދުނިޔޭގެ ދިރިއުޅުމެވެ. އަހަރެން އެއްއިރަކުވެސް ތިބާދެކެ ލޯތްބެއް ނުވަމެވެ. އަހަރެންދެކެ ލޯބިވީ ތިބާއެވެ. އަހަރެންގެ ކެހިވެރިކަމުގައި ޖެހުނީ ތިބާއެވެ. އަހަރެން ދައްކާލި ކުލަތަކަށް ހެއްލުނީ ތިބާއެވެ. އަހަންނަކީ ވަޤުތީ މީހެއްކަން ތިބާ ހަނދާން ނައްތާލީއެވެ. ތިބާ އަހަރެން ދޫކޮށްފައި ދާތީ ހިތާމައެއް ނުކުރަމެވެ. އަހަރެންދެކެ ލޯބިވާނެ ތިކަހަލަ އެތައް 'ތިބާ' އެއް ވާނެއެވެ. އަހަރެން ދަނީއެވެ." އަހަންނަށް ވަރަށް ބާރަށް ރޮވެންފެށުނެވެ. އޭނާއާއި އެކީ އަހަރެން ހޭދަކުރި އަނދިރި ދުވަސްތައް ހަނދާންވާންފެށިއެވެ. އަހަރެން އޭނާދެކެވީ ލޯބީގެ ބަދަލުގައި އެނާ އަހަންނަށް ދިނީ ކެއްސެވެ.

" ކެހިވެރިކަމުގެ ވަޤުތީ އުފަލެއްދޭ އެއްޗެއްކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުންނުވެއެވެ." (ސޫރަތުލް އާލު ޢިމްރާން 185)

ކުއްލިއަކަށް އަހަރެން ހަނދާންވީ އަހަރެންގެ ލޯތްބަށް ފެންބޮވައިގަނެފައި ހުރި އަހަރެންގެ ކުރީގެ ރަހްމަތްތެރިޔާ މަތިންނެވެ. ލޮލުންފައިބަމުންދިޔަ ކަރުނަތަކާއެކު އުއްމީދުގެ ވާފަށުގައި ހިފާ އަހަރެން ކޮޅަށް ތެދުވީމެވެ. ދެފަރާތް ހޯދާ ބަލާލީމެވެ. އޭރު އަހަންނާއި ބައްދަލުކުރަން އަންނަ މެހެމާނު އަހަންނާއި ދާދި ގާތަށް އަތުވެއްޖެއެވެ. އެމެހެމާނުގެ ފަހަތުގައި ހުރި އަހަރެންގެ ރަހްމަތްތެރިޔާ އަހަންނަށް ފެނުނެވެ. އަހަރެން ދުއްވައިގަންނަން ބޭނުންވިއެވެ. ނަމަވެސް ފައިގައި ވަނީ ކަސްތޮޅު އެޅިފައި ކަހަލައެވެ. އަހަރެން ރަހްމަތްތެރިޔާއަށް  އަތުން ހަނާ އަޅާލީމެވެ. އަހަރެން ސަލާމަތްކޮށްދޭން ބުނީމެވެ. އެދެއަށްތިލައިގެ ތެރެއަށް ވަންނަން އިންތިހާއަށް ބޭނުންވަމުންދިއައެވެ. ނަމަވެސް މިއޮށްހުރިހާ ދުވަހު އަހަންނަށް މަރުހަބާކިޔުމަށް ހުލުވާލައިގެންހުރި އޭނާގެ ދެއަށްތިލަ ލައްޕާލިއެވެ. އަހަރެން ޤަބޫލުވެސް ނުކުރެވިފައި ބަލަހައްޓައިގެން ހުރީމެވެ. އޭނާ ބުނަމުންދިޔައެވެ. " އަހަންނަކީ ތެދުމަގެވެ. އަހަރެންގެ ދެއަތަކީ ތަޢުބާގެ ދޮރެވެ. އަހަރެން އަބަދުވެސް ތިބާއަށް މަރުހަބާކީމެވެ. ތިބާގެ ލޯތްބަށް އެދި އެދި ހުރީމެވެ. ނަމަވެސް މިހާރު މާ ލަސްވެއްޖެއެވެ. މާބޮޑަށްވެސް ލަސްވެއްޖެއެވެ. އަހަންނަށް ތިބާއަށް އެހީތެރި ވެދެވޭކަށް ނެތެވެ. ތިބާއާއި ބައްދަލުކުރުމަށްދާ ތިބާގެ މެހެމާނު އަހަންނަށްވުރެ ކުރި ހޯދައިފިއެވެ. މިއަދު ތިބާ އަހަންނާއި އެކު އައިނަމަ ތިޔަފަށަންއުޅޭ ދަތުރުގައި ކާމިޔާބު ލިބުނީހެވެ. ތިބާ އަހަރެން ދިއްކޮށްލި ދެއަތަށް ފުރަގަސް ދިނީމައި ތިބާއަށް މިއަދުވަނީ ނާކާމިޔާބެވެ."

"އަދި، ނުބައިކަންތައް ކޮށްކޮށް ތިއްބާ އެއިންމީހެއްގެ ގާތަށް މަރު އައިސް حاضر ވެއްޖެނަމަ، އެހިނދު ތިމަން މިހާރު توبة ވެއްޖައީމޭ ބުނާ މީހުންނާއި، كافر ން ކަމުގައި ތިބެ މަރުވާ މީހުންނަކަށް توبة ލެއްވުމެއްނެތެވެ. އެއުރެންނަށްޓަކައި ވޭންދެނިވި عذاب ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ." (ސޫރަތުލް ނިސާ 18)

އަހަރެން އާދޭސްކޮށްކޮށް އޮށްވައި އަހަރެން އެރަހްމަތްތެރިއަކަށް ފުރަގަސްދިން ރަހްމަތްތެރިޔާ މިއަދު އަހަންނަށް ފުރަގަސްދީފިއެވެ. ކުއްލިއަކަށް އެއްކަލަ މެހެމާނު އަހަރެންގެ އަތުގައި ހިފައިފިއެވެ. އަދި އަހަރެން ގެންދަންފެށިއެވެ. އަހަރެން އާދޭސްކުރީމެވެ. ނުގެންދިއުމަށެވެ. އަހަންނަށް ވަޤުތުކޮޅެއް ދިނުމަށް އެދުނީމެވެ. ދަތުރުގެ ކޮއްތު ތައްޔާރު ނުވާކަމަށް ބުނީމެވެ. އޭނާ އަހަންނަށް ޖަވާބުދިނެވެ. " އޭ އިންސާނާއެވެ. އަހަންނަކީ މަރެވެ. އަހަރެން ކަލެއަށް ހާދަ ވަޤުތެއް ދިނީމެވެ. ނަމަވެސް ކަލޭ އެއިން އެންމެ ވަޤުތުކޮޅެއްވެސް އަހަރެން ހަނދުމަނުކުރީމެއް ނޫންހެއްޔެވެ؟ މިއަދު އަހަރެން މިއައީ ކަލޭގެ ދަތުރަށް ބަލައެވެ. އަހަންނަށް މަޑުކުރެވޭކަށް ނެތެވެ." އަހަރެން ގަދަ ދައްކަމުން ދިޔައީމެވެ. ނުދާންވެގެންނެވެ. ނަމަވެސް އެންމެފަހުން އަހަންނަށް ބަލިޤަބޫލު ކުރަންޖެހުނެވެ. ވަރުބަލިވެގެން އަހަރެން ލޯމަރާލީމެވެ. އަހަރެންގެ ދަތުރަށް ފެށީމެވެ. ހުސްއަތާއެވެ. އަހަރެންނަކީ ކިހާ ބަދުނަސީބު މީހެއްހެއްޔެވެ؟ ވަޤުތުލިބި ބޭކާރުކުރެވުނީއެވެ. އަހަންނަށް ދެން ދުވަހަކުވެސް ކާމިޔާބެއް ނުވެއެވެ.

މަރުވެގެން ދާނެޔޭ މަރުގެ ރަހަ ލާނެޔޭ، ކޮންމެ ނަފްސެއް އެނަފްސެއްގެ ވަޤުތަށް ޔަޤީން
ލޯމަރާލަން ޖެހޭނޭ ނެތަސް ބޭނުމެއް، ލޯމަތިން ގެއްލިދާނޭ ނެތަސް ބޭނުމެއް. . .

މިއީ އިންސާނާގެ ވާހަކައެވެ. ތިބާއާވެސް މިހުރިހާ މީހުން ބައްދަލުކުރާނެއެވެ. ތިބާގެ ލޯބިވެރިޔާއަށް ދުނިޔޭގެ ދިރިއުޅުން ނުހަދާށެވެ. ވަޤުތުފާއިތުވުމުގެ ކުރިން ތަޢުބާވެ ރަނގަޅުގޮތް އިޙްތިޔާރުކުރާށެވެ. ނޫންނަމަ ތިބާވެސް ބޭނުންވަނީ މިފަދަ ބަދުނަސީބް މީހަކަށް ވާންހެއްޔެވެ؟
- ނިމުނީ -

ގުޅުންހުރި

10 ޚިޔާލު

 1. ވަރަށް ވެސް އިބުރަތް ތެރި ވާހަކައެއް

 2. ވަރަށް ވެސް އިބުރަތް ތެރި ވާހަކައެއް

 3. ވަރަށް ގިނަ މީހުންގެ ހަޔާތުގެ ވާހަކައެއް….އަދި މިވާހަކައިންވެސް ބައެއްގެ ހިތްތަކަށާއި ވިސްނުމަށް އީމާން ތެރިކަން ވައްދަވާ ހެޔޮމަގު ދައްކަވާށި.

 4. މާޝާﷲ…. ޢިބުރަތްތެރި ވާހަކައެއް

 5. މާޝާﷲ ވަރަށް ސަޅި

 6. ވަރަށް އިބްރަތްތެރި ވާހަކައެއް….

 7. ماشاالله! ވަރަށް ޢިބްރަތްތެރި ވާހަކައެއް. ނަމަވެސް އެއިން ޢިބްރަތެއް ޙާޞިލްކުރުމުން ފައިދާ ކުރާނީ. ހަމައެކަނި ފޫހިފިލުވާލަން ވާހަކަ ކިޔާލިއަސް ނުވާނެއެވެ.

 8. ވ.ސަޅި ވާހަކަަައެއް

 9. މަރުހަބާ

 10. Alhamdulillahi Ya ALLAH
  Maasha ALLAH ibraitheri warah
  JazakALLAH khayr

Your email address will not be published. Required fields are marked *