ތިބާ މަގުމަތީގައި ވަނިކޮށް ފެންބޮވައިގެންފިނަމަ، ޖެހިގެން ހުންނަ ފިހާރަޔަށްވަދެ ފެންފުޅިއެއްގަތުމަށްފަހު ކަރުހިއްކުންފިލުވާލާނެއެވެ.
ދެންއޮތީ ސުވާލެކެވެ. ތިބާ މަގުމަތީގައި ވަނިކޮށް ގަޟާހާޖަތެއްޖެހުމުން މަގުމައްޗަށް ނުވަތަ ޖެހިގެންހުރިގެއަށްވަދެ ހާޖަތް ކުރާނަން ހެއްޔެވެ؟ ނުވަތަ ގެޔާހަމަޔަށްދެވެންދެން ކެތްތެރިކަން އިޚްތިޔާރުކުރާނީހެއްޔެވެ؟
އާއެކެވެ. ތިބާ އިޚްތިޔާރުކުރާނީ ދެވަނަގޮތެވެ. މިފަދަ ކިތައްމެ މިސާލެއް ތިބާގެ ނަފްސުން ހޮވާލެވިދާނެއެވެ. މީގެންދޭހަވަނީ މާތްﷲ އިންސާނާ ހައްދަވާފައިވަނީ އެދުންތަކާއެކުގަނަމަވެސް،އެ އެދުންތައް ބޮއްސުންލައިގެން ދިޔަނުދީ ވަކިމިންގަނޑެއްގައި ހިފެހެއްޓުމުގެ ކެތްތެރިކަންދެއްވާފައިވާކަމެވެ. ވީހިނދު އެދުންތަކުގެ އަޅަކަށް އިންސާނާވަނީ ޙުދު އޭނާ އަމިއްލައަށެވެ.
ކެތްތެރިކަމަކީ ކޮންމެމީހެއްގެ ޠަބީޢަތުގައިވެސް މާތްﷲ ލައްވާފައިވާ މަތިވެރި،މާތް ސިފައެކެވެ.
މަތީގައި ބާޔާން ކުރެވުނުފަދަ އެތައް މިސާލުތަކެއް އިންސާނާގެ ޠަބީޢަތުގައި ލައްވާފައިވެއެވެ.މިކަހަލަމިސާލުތައް ލައްވާފައިވާއިރު، އިންސާނުން އެކަންކަމުން ޢިބުރަތްހާސިލްކޮށް ދިރިއުޅުންބާއްޖަވެރިކުރުމަށް މަސަތްކަތްނުކުރަނީ ކީއްވެހެއްޔެވެ؟ ހާޖަތެއްޖެހިގެން އޭނާއަށް ކެތްތެރިވެވޭހިނދު، ދިރިއުޅުމުގައި ދިމާވާ ބޮޑެތިކަންކަމުގައި ކެތްތެރިކަންކޮޅުންލާންވީ ފަހެކީއްވެހެއްޔެވެ؟ އޭނާއެދޭ އެދުމެއް ހާސިލްވުމުގެ ފުރުސަތު ހުޅުވިފައި ނުވާހިނދު، އޭނާގެ ހިތް އެކަމަށް އެދި ތެޅިފޮޅެންފުރުސަތުދެނީ ކީއްވެ ހެއްޔެވެ؟
ކޮންމެ ހާލަތެއްވެސް އިންސާނާއާ ކުރިމަތިލާނީ ސަބަބެއްމެދުވެރިވެގެންނެވެ. އެހެންކަމުން ތިމާގެ ޠަބީޢަތުގައި ނިދާފައިވާ ކެތްތެރިކަމުގެ މަތިވެރި ސިފަ ގަދަނިދިންހޭލައްވާލަންނޭގޭނީ ބޮޑެތިމޮޔައިންނަށެވެ.
ތިބާ އެފަދަމީހަކަށްނުވާށެވެ. ދުނިޔޭއާއި ކާމިޔާބީ ހާސިލްކުރަމުންދާ މީހުންނަކީ މިދެންނެވުނު ކެއްތެރިކަމުގެ މަތިވެރި ސިފައިގެ އަހުލުވެރިންނެވެ. މިބައިމީހުންގެ މިސާލަކީ މަތީން އޮހޮރިގެންއަންނަ ފެންތިކެއްގެމިސާލެވެ. އެ ފެންތިކި އޭތީގެ މަންޒިލްކަމުގައިވާ ބިންމައްޗަށް ވާސިލުވުމަށްޓަކައި ނުހަނުފަސޭހަކަމާއެކު ތިނޯހެއްގެ ފަނގައިންވެސް ދެމިގެން ހިގައިދާނެއެވެ. ނުވަތަ ކަށިކުނބުރު ބިޔަޖަންގަލީގައި ހެދިފައިވާ ބޯގަސްތަކުގެތެރެއިންވެސް ފުރޭނިގެން ހިގައިދާނެއެވެ.
މިފަދައިން ދިރިއުޅުންބާއްޖަވެރިކުރުމަށްޓަކައި، ކިތަންމެ ދަތި، އުނދަގޫކަމެއްވެސް އެބައިމީހުންގެ ކުރިމަތީގައި ލުއިފަސޭހަ ކަމަކަށް ހަދައެވެ. އަދި ކެތްތެރިކަމާއެކު އެކަމެއްގެ ނަތީޖާއަށް އިންތިޒާރުކުރެއެވެ.
މިއަދު އިންދާގަހުގެ މޭވާ ކެވޭނީ މާދަމާއެވެ. އެހެންކަމުން ދިރިއުޅުމުގައި އަވަސްއަރައިގަތުމެއް، ތެޅިފޮޅިގަތުމެއްނެތެވެ. ދިރިއުޅުމުގައިވަނީ ހާލަތުދަނެގަތުމާއި އިންތިޒާރުކުރުމެވެ. މިއީ ދުނިޔޭގެ ޙަޤީޤަތެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...