ވާހަކަ އަހަރެމެންގެ ދިރިއުޅުން ހަމަ އެއްވަނަ ދޯއެވެ...

އަހަރެމެންގެ ދިރިއުޅުން ހަމަ އެއްވަނަ ދޯއެވެ...

އަހަރެމެންގެ ދިރިއުޅުން ހަމަ އެއްވަނަ ދޯއެވެ...

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

އަހަރެން މިއަދު ފިހާރައަކަށް ދިޔައިރު، އެތަނުގައި ސޭޓަކަށް ހުރީ ބަނގްލަދޭޝްގެ ރައްޔިތެކެވެ. ދިމާވި ކަމެއްގެ ސަބަބުން އެ ފިހާރައިގެ ތެރޭގައި އިރުކޮޅަކަށް މަޑުކޮށްލަން ޖެހުނެވެ. އޭނާ އަހަރެންނާ ވާހަކަ ދައްކަން ފެށިއެވެ.” ދިވެހިރާއްޖޭގައި ’ރޭޑިޔޯ އެޓޯލް‘ ފިޔަވައި އެއްވެސް ރަނގަޅު ޗެނަލެއް ނެތް.“ އޭނާގެ ވާހަކަދެއްކުމުގައި ކުޑަކޮށް އަޅައިގަންނަ ގޮތެއް ހުރިކަމުގައި ވިޔަސް، ދިވެއްސެއްގެ ވާހަކަދެއްކުމާ ވަރަށް އެއްގޮތެވެ. އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ”އެ ޗެނަލުން ހާދަ ރަނގަޅު ވާހަކަތައް އާދެއޭ. އެ ޗެނަލް އަޑުއަހައިގެން، ވަރަށް ގިނަ ކަންކަން އަހަރެންނަށް އޮޅުން ފިލައިފި. ދެން ހުރި ހުރިހާ ޗެނަލެއް ހުރީ މުޖުތަމަޢު ހަލާކުކޮށްލަން އަމާޒުކޮށްފަ. ކޮންމެ ޗެނަލަކުންވެސް އަންނަ ޕްރޮގްރާމްތަކުގައި މުޅިންވެސް އަންނަނީ، ’ހަލޯ. ދެން ގެނެސްދެންވީ ކޮން ލަވައެއްތޯ؟ އެލަވަ ހަދިޔާކޮށްދޭންވީ ކޮން ފަރާތަކަށްތޯ؟‘ މިފަދަ ގޮތްގޮތަށް. މިހާރުވެސް މުޖުތަމަޢުގެ ޙާލަތު އެއޮތީ އޮތް ގޮތް. އަހަރެންނަކީ ވަރަށް މަދު ވަގުތަކު ބޭރަށް ނުކުމެވޭ މީހެއް. އަހަރެންނަށް ވެސް އެބަ ފެނޭ އެތައް މަންޒަރެއް. މަސްތުވާ ތަކެތީގެ ވާހަކަ ދައްކާއިރު، އެތަކެތި އެންމެ ފުރަތަމަ ބޭނުން ކުރެވެނީ ކިހިނެއްތޯ ބަލަން އެބަ ޖެހޭ. މިއުޒިކުގެ ދާއިރާއަކީ މަސްތުވާ ތަކެއްޗަށް އެންމެ ބޮޑަށް މީހާ ކައިރިކުރުވާ އެއް ކަންތައް. އެ ދާއިރާ ފުރިފައި އެވަނީ މަސްތުވާ ތަކެތިން...“

އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައީ ވަރަށް އަސަރާއެކުގައެވެ. އަހަރެން ހުރީ އޭނާގެ ވާހަކަތަކުންނާއި، އޭނާ އެ ވާހަކަދައްކާ ފަރިތަކަމުގެ ސަބަބުން، އަންތަރީސް ވެފައެވެ. ”...އެކަމަކު އެއްވެސް ކަމެއް މިއުޒިކާ ނުލާ ކުރިއަށް ގެންދެވޭ ކަމަކަށް ނުވޭ. ކުޑަކުއްޖަކު ނިންދަވަނީ ވެސް ލަވައެއް ޖަހާލައިގެން. އެކުދިންނަށް ދަސްކޮށްދެނީ މިއުޒިކާއި، ލަވައާއި، ނެށުން. ދެން ބުނަނީ ބޮޑުވީމާ އެކަން ބަދަލުކޮށްލާނީއޭ. ލައްވަނީ އެންމެ ކުދި ކުދި ހެދުން. ދެން ބުނަނީ އަދި ބޮޑެއް ނުވެއޭ. ދުވަހަކުވެސް އެމީހުންނަށް އެކުދިން ބޮޑެއް ނުވާނެ. އަދި ބޮޑުވިޔަސް އެކުދިންގެ އާދަތަކަށް ބަދަލެއް ގެނުވާކަށް މަސައްކަތެއް ވެސް ނުކުރާނެ.“

އޭނާ އަނެއްކާވެސް ފެށިއެވެ. ”އަހަރެންގެ ރައްޓެއްސެއް އުޅޭނެ ހޮޓަލެއްގަ. ބައެއް ރޭ ރޭ އޭނާ ނިމޭ ގަޑިއަށް އަހަރެން އޭނާއާ ވާހަކަދައްކާލުމަށް އެތަނަށް ދަން. ކުރިން ރެއަކު އެ ހޮޓަލަށް ގޮސްފަ އައި އިރު، ސަލްޓަން ޕާރކް ތެރޭގައި އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ހުރި. އެ ފިރިހެން ކުއްޖާގެ ޢުމުރުން 17 ނުވަތަ 18 ވަރަކަށް އަހަރު ވެދާނެ. އެކަމަކު އަންހެން ކުއްޖާގެ ޢުމުރުން 13 ނުވަތަ 14 އަހަރަށް ވުރެ ހަމަ ޔަޤީނުންވެސް ބޮޑެއް ނުވާނެ. އޭރު އެ ފިރިހެން ކުއްޖާ ދާން ވެގެން އުޅޭ އިރުވެސް، އަންހެން ކުއްޖާ މަސައްކަތް ކުރަމުން ދިޔައީ ފިރިހެން ކުއްޖާ ހިފެހެއްޓޭތޯ. އޭރު މެންދަމު 2 ގަޑި ބައިވަނީ. އެއީ އެމީހުން އެބުނާ ކުޑަކުދިންނަކީ. އެ ކުއްޖާގެ މަންމަވެސް ބޭނުންވަނީ އެގޮތްބާ؟ ބައްޕައާއި ބޭބެވެސް ހަމަ އެގޮތްބާ ބޭނުންވަނީ؟ ސުބްޙާނަ ﷲ!. އެހެންވާން މެދުވެރިވީ ކާކުގެ އިޙްމާލަކުން ބާ؟ މަންމަ، ބައްޕަ، ބޭބެ، މިއިން އެއްވެސް މީހަކު އެކަމާ ޒިންމާނުވާ ނަމަ، ދެން އެކަމާ ޒިންމާވާނީ ކާކުބާ؟ “އޭނާގެ ވާހަކަ ނިމުނު އިރު އަހަރެން ހުރީ، ބުނާނެ އެއްވެސް އެއްޗެއް ނޭނގިފައެވެ. އޭނާގެ ވާހަކަތަކުގައި ކިހާ ތެދު އެކުލެވިފައިވޭ ހެއްޔެވެ. ކިހާ ޙިކުމަތްތެރިކަން ހިމެނިފައިވޭ ހެއްޔެވެ. އެއީ ބަނގްލަދޭޝް މީހެކެވެ. ޢާއްމުން ބުނެއުޅޭ ގޮތުންނަމަ، ’ބަންގާޅީ‘ އެކެވެ. އެބަސް އަހަރެމެން ބުނެ އުޅެނީ އެމީހުން ނިކަމެތިކޮށްލުމުގެ ގޮތުންނެވެ. އެމީހުންނަކީ އެއްވެސް ތަނެއް ދޮރެއް ނުދަންނަ ބައެއްކަން އެންގުމުގެ ގޮތުންނެވެ. އެމީހުންނަކީ އެއްވެސް ވަރަކަށް ތަހުޒީބުވެފައި ނެތް ބައެއް ކަން އެންގުމުގެ ގޮތުންނެވެ. ނަމަވެސް ޙަޤީޤަތުގައި އެއްޗެއް ނުދަންނަނީ އަހަރެމެންނެވެ. އެހެނީ އަހަރެމެންގެ ބަހުން، އެ އަންނަ ދަރުސްތައް ފަހުމްވީ އަހަރެމެންނަކަށް ނޫނެވެ. އެމީހުންނަށެވެ. އަހަރެމެން، ހަމައެކަނި މިއަދަށް ވިސްނައިގެން ދިރިއުޅެމުން ދާއިރު، އެމީހުން އެ މަސައްކަތްކުރަމުން ދަނީ ކުރިއަށް އޮތް ޙަޔާތް ވެސް ބާއްޖަވެރި ކުރެވޭތޯ އެވެ. އަހަރެމެންނަށް، ބަޔަކު އުޅެމުންދާ ނާތަހުޒީބީ، ނުވަތަ އޯވަރ-ތަހްޒީބީ ގޮތްތަކެއް ރީތިވެ، އެ ގޮތްތަކަށް އުޅެމުން ދިޔަކަމުގައި ވިޔަސް، އެމީހުން މަސައްކަތް ކުރަނީ އިސްލާމީ ރިވެތި އަޚްލާޤާއި، ގޮތްތައް އުނގެނި، އެ ގޮތްތަކަށް އެމީހުންނާއި، އެމީހުންގެ އަނބި ދަރިން ވެސް ފެއްތޭތޯ އެވެ. ދެން އަމިއްލަ ނަފްސަށް ސުވާލުކޮށްލަބަލާށެވެ. ނާތަހުޒީބީ އެމީހުން ހެއްޔެވެ؟ ނުވަތަ އަހަރެމެން ހެއްޔެވެ؟ ޙިކްމަތްތެރީ އަހަރެމެން ހެއްޔެވެ؟ ނުވަތަ އެމީހުން ހެއްޔެވެ؟

މަސްދަރު: ކްލިކް4އިސްލާމް

ޓެގް

ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.