ވާހަކަ ވާހަކަ: ބަދަލުވި ޙަޔާތް

ވާހަކަ: ބަދަލުވި ޙަޔާތް

ވާހަކަ: ބަދަލުވި ޙަޔާތް

ކިޔާލަން ހޭދަވާނީ 15 މިނިޓް

ފޮންޓް ސައިޒް


މިއީ އަހަރެން ގެ ވާހަކަ އެވެ.އަހަރެން ނަކީ އަހަރެން ގެ އާއިލާ ގެ އެންމެ ދޮށީ އަންހެން ކުއްޖާއެވެ. އަހަރެން ގެ ހަގަށް ތިން ތިން ފިރިހެން ކުދިން ނާއި އަންހެން ކުއްޖަކު ހުރެއެވެ. އަހަރެން ހަނދާން ހުންނަން ފެށި އިރު އަހަރެން ގެ ޢާއިލާއަކީ ވަރަށް ހަމަޖެހޭ އުފާވެރި ޢާއިލާއެކެވެ. ބައްޕަ އަކީ ސިފައިންގޭގައި ވަޒީފާ އަދާ ކުރާ ހީވާގި މީހެކެވެ. ހުރިހާ ކުދިން ދެކެ ލޯބިވާ ގެވެހި މަންމައެކެވެ.އޭރު އަހަރެން ގެ އުމުރަކީ ނުވަ އަހަރެވެ. އަހަރެންނާއި ޖެހިގެން ހަތް އަހަރާއި ހަ އަހަރާއި ފަސްއަހަރުގެ ތިން ފިރިހެން ކޮއްކޮ ތިބެއެވެ. އަދި އެންމެ ހަގު އަންހެން ކޮއްކޮ ގެ އުމުރަކީ ތިން އަހަރެވެ. އެއްވަރެއްގެ ކުދިންތަކެއް ބޮޑުވަމުން އަންނަ ގެއެއް ކަމުން ގޭތެރެ ފެންނަނީ ވަރަށް ހަލަބޮލި ކޮށެވެ. އަހަރެމެން އުޅެމުން ދިޔައީ ބައްޕަ އަށް ގެއިން ބަހައިގެން ލިބުނު ބައިގައެވެ. އަހަރެން ނަށް ގާތްގަނޑަކަށް ފަސްއަހަރުން ފެށިގެން ވެސް ބައްޕަ ގެ އާއިލާގެ ތެރެއިން ފެންނަމުން ދިޔައީ އަހަރެންގެ މަންމަ އާމެދު ނުރުހުން ތެރިކަމެވެ. ހާއްސަ ކޮށް އަހަރެން ގެ ބައްޕަ ގެ މަންމަ، އަހަރުމެން ގެ މާމަ ގެ ފަރާތުން ފެންނަމުން ދިޔައީ އިންތިހާ ނުރުހުންތެރި ކަމާއި ރުޅިވެރިކަމެވެ. އެހެން ކަމުން މަންމަ އުޅެނީ އަހަރެމެން ބައިގެ ދޮރު ޖަހައިގެންނެވެ. އަހަރެމެން އެއްކުއްޖަކުވެސް އާންމު ކޮށް ބޭރަށް ނުކުމެ އެހެން ބައިތަކަށް ގޮހެއް ނަހަދަމެވެ.

           ދުވަސްތައް ހަލުވިކަމާއި އެކު ފާއިތުވަމުން ގޮސް އަހަރެން ނަށް ދިހަ އަހަރު ފުރިއްޖެއެވެ. އޭރު އަހަރެން އުޅެނީ ގްރޭޑް ހަތަރެއްގައެވެ. އަހަރެން ގެ އައިލާގެ ހަމަޖެހުން ނެތި ދިޔައީ ވެސް ހަމަ އެއަހަރުއެވެ. މަޑުމަޑުން އަހަރެން ގެ ބައްޕަގެ ދިރިއުޅުން ބަދަލުވާން ފެށީއެވެ. އެހެންޏާ ހުރިހާ ހުސްވަގުތު ތަކެއް އަހަރެމެންނާއި އެކު ހޭދަކުރާ އަހަރެން ގެ ބައްޕަ އަހަރެމެންގެ ލޮލަށް ފެންނަނީވެސް މަދު ފަހަރަކުއެވެ. ގިނައިން އުޅެނީވެސް ބޭރުގައެވެ. ގެޔަށް ވަނަސް ހުންނަނީ ރުޅިގަދަ ވެފައެވެ. އަހަރެމެން ނާ ދިމާއަށް ވެސް ހިތަށް އައިހާ އެއްޗެއް ކިޔައެވެ. މިއިން ކަމަކާ މަންމަ އެއްޗެކޭ ބުނެފި ނަމަ މަންމަ އަށް ވެސް އިންތިހާ އަށް އަނިޔާ ކުރަނީއެވެ. އަހަރެން ނަކީވެސް ބޮޑުވަމުން އަންނަ ކުއްޖެއް ކަމުން ބައްޕަ އަށް މިއަންނަ ބަދަލު ތަކާމެދު އަހަރެން ނަށް ވަރަށް ފުންކޮށް ވިސްނުނެވެ. އެކަމަކު އޭރު އަހަރެން ގެ ޅަސިކުނޑިއަކަށް އެބަދަލު ތަކުގެ އަސްލެއް ނުވިސްނުނެވެ. އެއްދުވަހެއް ގެ މެންދުރުގެ ވަގުތެވެ. އަހަރެން އިނީ ސްކޫލުން އައިސް ބޫޓު ބާލާށެވެ. މަންމަ އުޅެނީ އަހަރެން ގެ ތިން ފިރިހެން ކޮއްކޮ ސްކޫލަށްގެންދަން ރީތި ކުރާށެވެ. އަހަރެންގެ ހަގު އަންހެން ކޮއްކޮ ގޭތެރޭގައި ފިކުރެއް ޚިޔާލެއް ނެތި ކުޅެލަކުޅެލާ ހުއްޓެވެ. އަހަރެން ނަށް އިސްނަގާ ބަލާލެވުނީ މީހަކު އައިސް ސަލާމް ގޮވާލުމުން ނެވެ. ދޮެރު ހުޅުވީ އަހަރެން ނާއި ޖެހިގެން ހަގަށް ހުންނަ ފިރިހެން ކޮއްކޮ އެވެ. ދޮރުމަތިން ފެނުނު މަންޒަރުން ހީވީ އަހަރެން ގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. އަވަސް އަވަހަށް ގޮސް މަންމަ ގެ ފުރަގަހަށް ވަނީމެވެ. ފެނުނު މަންޒަރުން ކަންނޭންގެއެވެ. މަންމަ ވެސް ހުރީ ފާޑަކަށް ގަނޑުވެފައެވެ. ކުރިމަތީ ތިބީ ޔުނީފޯމްގައި ތިބި ދެސިފައިންގެ މީހުންނެވެ. އެމީހުންނާއި އެކު ހުރީ އަހަރެން ގެ ބައްޕައެވެ. އެބައްޕަގެ އަތުގައި ހުރީ ބިޑިއަޅުވާފައެވެ.

       ސިފައިންގެ ދެމީހުން ގެ ތެރެއިން އެކަކު މަންމަ އާ ދެއްކި ވާހަކައިން އެނގުނީ ބައްޕަ އެވަނީ މަސްތުވާ އެއްޗެހީގެ މައްސަލައެއްގައި ހައްޔަރު ކުރެވިފައި ކަމެވެ. ދުވަސްވަރަކީ މަސްތުވާ އެއްޗެހި ރާއްޖެއަށް އެހާ އާންމު ދުވަސްވަރެއް ނޫނެވެ. އެހެން ނަމަވެސް އޭރު ދިޔައީ މަޑުމަޑުން އެވަބާ ރާއްޖޭގައި އާންމު ވަމުންނެވެ. ކޮންމެވެސް ވަރަކަށް މަސްތުވާ އެއްޗެހީގެ ވާހަކަ އަޑުއަހާފައި ވީނަމަވެސް އޭރަކު އެއް އަހަރެން ގެ ސިކުނޑިއަކަށް އެއީ އެހާ ނުރައްކާ އެއްޗެއް ކަމެއް ނުވިސްނުނެވެ. އެމީހުން އައިސް އަހަރެމެން ގެ އެއްކޮށްފާސްކުރުމަށްފަހު އެމީހުންނަށް ފެނުނު ފާޑެއްގެ ރަބަރު ކޮތަޅުތަކެއް ހިފައިގެން ބައްޕަ ގޮވައިގެން ދިޔައީއެވެ. ބައްޕަ ގެންދާ މަންޒަރު ބަލަން ހުރި މަންމަ ގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ތައް އަންނަ ތަން އަހަރެން ނަށް ފެނުނެވެ. އަހަރެންނަކަށް ވެސް ކެތެއް ނުކުރެވުނެވެ. އަހަރެން ދުވެފައި ގޮސް ކޮޓަރިއަށް ވަދެ އެނދުމަތީއޮވެ އެތައް އިރަކު ރުއީމެވެ. އެދުވަހަށް ފަހު އަހަރެންގެ މަންމަ ގެ މިޒާޖު މުޅިން ބަދަލުވާން ފެށިއެވެ. ކުރިން ހުރި މަޖާ ގޮތް ކެނޑި އަބަދުވެސް ކޮންމެވެސް ވިސްނުމެއް ގެ ތެރޭގައި އިންނަން ފެށިއެވެ. މީގެ ސަބަބުން ކޮއްކޮމެން ގެ ކަންތައްތައް ބަލަހައްޓާ ކެއްކުމުގެ ޒިންމާ ނަގަން އަހަރެން ނަށް މަޖުބޫރުވިއެވެ. އެކަމަކު ކޮންމެ ފަހަރަކު މިހުރިހާ ކަމެއް ކުރާކަށް އަހަރެން ނަކަށް މަންމަ އެއް ނުޖައްސައެވެ. މަންމަ ވެސް ކޮންމެ ވެސް ވަރަކަށް ކޮއްކޮ މެންނާއި އެހީވެއެވެ. އެހެންނަމަވެސް އެކަނިވެއްޖެނަމަ ފެންނީ މަންމަ ރޯން އިންނަ ތަނެވެ.

         ބައްޕަ ބަންދު ކުރިތާ ދެމަސް ވީއިރު މާމަ އާއި ބައްޕަ މެންގޭ އެހެން މީހުންގެ ނަފްރަތުގެ ބަސްތަކުގެ އަމާޒަކަށް އަހަރެންގެ މަންމަ ވެއްޖެއެވެ. މާލީ ގޮތުން އެހީވާނެ އެއްވެސް މީހަކު ނެތި އަހަރުމެން ފަގީރު ވެއްޖެއެވެ. ނަތީޖާއަކަށް ވީ މަންމަ އަމްދަނީ ހޯދުމަށް ޓަކައި މަސައްކަތް ކުރުމަށް ތަންތަނަށް ދާން ޖެހުމެވެ. މަންމަ ކުރާ މަސައްކަތަކީ ގޭގެއަށް ފެންގެންގޮސްދިނުމާއި މީހުންނަށް ކުނިއުކާލަދިނުމެވެ. މިމަސައްކަތުން އަހަރުމެންނަށް ކާނެއެއްޗެހި ހޯދޭނެ ވަރު ވީނަމަވެސް ސްކޫލް އެއްޗެހި ހޯދޭ ވަރެއް ނުވެއެވެ. އެންމެ ފަހުން މަންމަ އެހެން ގޮތެއްނެތިގެން ބައްޕަ އެއްބަނޑު ބޮޑުބޭބެ ގެ ކިބައިން އެހީތެރި ކަމަށް އެދުނެވެ. ހިތަށް ރަޙުމު ވަދެގެން ވެސް ކަންނޭންގެއެވެ. ބޮޑުބޭބެ އަހަރެމެން ނަށް ސްކޫލަށް ބޭނުން ވާއެއްޗެހި ހޯދައިދޭން ފެށިއެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން މާމަ އަށް އެކަން އެނގި އަހަރުމެންނަށް ޚަރަދުކުރުން ބޮޑުބޭބެ އަށް މަނާ ކުރިއެވެ. މިކަމުގެ ސަބަބުން މަންމަ އަށް ކެތް ނުކުރެވޭވަރުގެ ހިތްދަތިކަން ލިބުނުކަން އަހަރެންނަށް އެނގެއެވެ. އެދުވަހު އަހަރެން ނާއި އަހަރެންނާ ޖެހިގެން ހުންނަ ފިރިހެން ކޮއްކޮ ކައިރިއަށް ލައިގެން އިނދެ މަންމަ ވަރަށް ރުޔެވެ. އަހަރުމެން ކިޔަވާ މޮޅުކުދިންނަށް ހަދަން ބޭނުންވާ ވާހަކަ މަންމަ ބުނީ ހިތްދަތި ކަމާއެކުއެވެ.

      ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އަހަރުމެންގެ މާލީ ހާލަތު ދިޔައީ ދަށްވަމުން ނެވެ. މީގެ ސަބަބުން ސްކޫލަށް ބޭނުން ވާއެއްޗެހި ވެސް ލިބޭ ފަހަރަށްވުރެ ނުލިބޭފަހަރު ގިނަވަމުން ދިޔައެވެ. މިކަމުގެ އަސަރުތައް އަހަރުމެންގެ ނަތީޖާއިންވެސް ދިޔައީ ފެންނަމުން ނެވެ. މިކަމާ ދެރަވެގެން ވިސްނަ ވިސްނާ މަންމަ މޮޔަމީހަކަށް ވީއެވެ. ނަތީޖާއެއްގެ ގޮތުން މާމަމެން މަންމަ ގުރައިދޫ މޮޔައިން ބަލަހައްޓާ މަރުކަޒަށް ފޮނުވާލިއެވެ. އެއީ އަހަރެން ގެ ޙަޔާތަށް އައި ހާދަ ހިތާމަވެރި ދުވަހެކެވެ. އަދިވެސް އެދުވަސް ހަނދާން ވުމުން އަހަރެންގެ ލޮލުން ކަރުނަ އާދެއެވެ. މަންމަ ގުރައިދޫ އަށް ގެންދިޔަ ފަހުން ކޮންމެ ވެސް ވަރަކަށް މާމަ އާއި ބޮޑުބޭބެ އަންހެނުންގެ އެހީތެރިކަން އަހަރެމެން ނަށް ލިބެމުން ދިޔައެވެ. އަހަރުމެން ބައިގެ ދެކޮޓަރީގެ ތެރެއިން އެއްކޮޓަރި މާމަ ކުއްޔަށް ދިނީ އެތަނުން ލިބޭލާރިން އަހަރެމެން ފަސްކުދިންގެ ޚަރަދުތައް ބެލެހެއްޓޭނެއޭ ކިޔާފައެވެ. ދުވާލު ގަޑީގައި މާމަ މެން ބައިން ކައި ހެދި ނަމަވެސް ރޭގަނޑު ހަތަރު ކުދިން ގޮވައިގެން ނިދަން އޮންނަނީ އަހަރެންނެވެ.

       މިގޮތުގައި ފުރިހަމަ ދެއަހަރު ވޭތުވެގެން ދިޔައެވެ. މާމަމެން ބަޔަކީ ވަރަށް ގިނައިން މީހުން އައިސް އުޅޭ ބައެކެވެ. އަދި މުނިފޫހި ފިލުވުމަށް ޓަކައި ތަފާތު ކަންކަން އެމީހުން ކޮށްހަދައެވެ. އަހަރެން ވެސް ކޮއްކޮމެން ނިންދުމަށް ފަހު އެމީހުންގެ ތެރެއަށް ނުކުމެ އެމީހުން ކުރާކަންކަމުގައި ބައިވެރިވެ ހަދަންފެށީމެވެ. ނެށުމާއި ލަވަ ކިޔުމާއި ފިލްމު ބެލުމެވެ. މީގެ ސަބަބުން މަޑުމަޑުން އަހަރެން ކިޔެވުމާއި ދުރުވަމުން ދިޔައެވެ. މަންމަ ދިޔަ ފަހުން ފިލާވަޅުދަސްކުރުމާއި ނަމާދު ކޮށް ޤުރުއާން ކިޔެވުމަށް ބުނާނެ މީހަކު ނުހުރެއެވެ. އެހެން ކަމުން މިހުރިހާ ރަނގަޅުއާދަތަކެއް ވެސް ދިޔައީ މަޑުމަޑުން އަހަރެން ގެ ގައިން ފޮހެވެމުން ނެވެ. ކުރުކޮށްބުނަނީނަމަ މާމަ މެންގެ ސްޓައިލަށް އަހަރެން ދިޔައީ މަޑުމަޑުން ހޭނެމުންނެވެ. އަހަރެންނެކޭ އެއްފަދައިން އަހަރެންގެ ކޮއްކޮ މެންވެސް ބޮޑުވަމުން އައީ މިމާހައުލުގެ ތެރޭގައެވެ.

         އަހަރެންގެ އުމުރުން ތޭރަ އަހަރުވެ ފުރާވަރު އުމަރަށް އެޅިއިރު އަހަރެން ނަކީ ސްކޫލަށް ކިޔަވަން ދާކުއްޖެއް ނޫނެވެ. އޭރު އަހަރެން ނަކީ ނަށާ ގްރޫޕެއްގައި ރިސޯޓް ތަކަށް ނަށަން ދާ ކުއްޖެކެވެ.އެއީ އަހަރެންގެ މާމަ ބޭނުންވިގޮތެވެ. އަހަރެން ވެސް އެގޮތާ ހިތުން ރުހުމުން އެއްބަސް ވީ އެކަމުން ފުދޭވަރެއްގެ އާމްދަނީއެއް ލިބޭނެތީއެވެ. އަހަރެން ގެ ކޮއްކޮމެން ކޮންމެވެސް ވަރަކަށް ސްކޫލަށް ގޮސް އުޅެއެވެ. އެހެން ނަމަވެސް އަހަރެން ގެ ހަގަށް ހުންނަ ކޮއްކޮ ވެސް ގިނައިން ވަގުތު ހޭދަކުރަނީ މަގުމަތީގައެވެ. އެންމެ ފަހުގެ ފެޝަން ތަކުގެ ހެދުން އެޅުމާއި ބޭރުގެ މަޝްހޫރު މޮޑެލްއިން ކުރާ ގޮތަށް މޭކަޕް ކޮށް އެމީހުންގެ ހެއަރ ސްޓައިލް ކޮޕީ ކުރުމަކީ އަހަރެން އެންމެ ކުރާ ހިތުން ކުރި ކަންކަމެވެ. ނަމާދު ކުރުމާއި ދީނާ ގުޅޭ ހުރިހާ ކަމަކީ އަހަރެންގެ ޙަޔާތުގައި ނެތް ކަންކަން ފަދައެވެ. ލޯގަނޑު ކުރިމައްޗަށް އަރާ ކޮންމެ ފަހަރަކު ޒުވާން ވަމުން އަންނަ އަހަރެން ނަކީ ކިހާ ރީތި ސިފައެއްގެ ވެރިއެއް ކަން އަހަރެން އަމިއްލަ ޔަށް ތަޞައްވަރު ކޮށްލެވެއެވެ. މިއިން ކޮންމެ ފަހަރަކު އަހަރެންގެ އަމިއްލަ ސިފައާމެދު އަހަރެން ނަށް ފަޚުރުވެރި ވެވެއެވެ.

       ސްޓޭޖް ޝޯ ތަކުގައި އަހަރެން ނެތި އަހަރެން އުޅޭ ގްރޫޕް ނަށާ ކޮންމެ ނެށުމަކީ އެހާފުރިހަމަ ނެށުމަކަށް ނުވެއެވެ. ޒުވާން ފިރިހެން ކުދިން ނާއި ބޮޑެތި ފިރިހެނުން އަހަރެން ސްޓޭޖް ތަކުގައި ލައްވާ ބަނޑިތައް ބެލުމަށް ހުންނަފޯރި އަކީ އެކަމާމެދު އަހަރެން ފަޚުރުވެރިވާ ކަންކަމެވެ. ކޮންމެ ދުވަހެއް ގެ އިރުއަރާ އޮއްސޭއިރު އެތައް ސަތޭކަބައެއްގެ ލޯބީގެ ހުށައެޅުން ތަކާއި މާބޮނޑިތައް އަހަރެން ނަށް ލިބެމުން ދިޔައެވެ. އެހެން ނަމަވެސް އެހުށައެޅުން ތަކަށް ފުރަގަސް ދެމުން އައީ އަހަރެންނަށް އެހާ ކަމުދާ ސްޓައިލެއްގެ މީހަކާ ދިމާނުވާތީއެވެ.އެހެނަސްއެއީ އަހަރެން ގެ ހަޔާތުގެ ކާމިޔާބީ ކަމުގައި އަހަރެން ދެކުނީމެވެ. މަގުމައްޗަށް ނުކުންނަ އިރު އަހަރެން އެދެފައެއްގެ ރީތިކަމަށް ޓަކައި ފަޚުރުވެރިވާ އަހަރެން ގެ ދެފައި ހާމަ އަށް ފެންނަ ފަދަ ކުރު ހެދުންތައް ލުމަކީ އަހަރެންގެ ހޮބީއަކަށް ހެދީމެވެ. އަހަރެން ނާއި ފައިސަލް އާ ދިމާވީ މިގޮތަށް އުޅެނިކޮށެވެ. ފައިސަލް ވީ އަހަރެން ބޭނުން ވާފަދަ ރިތި ހުރިހާ ސަފަތަކެއް ލިބިފައިވާ ޒަމާނުގެ ތަހުޒީބަށް ލޯބިކުރާ ޒުވާނެކެވެ. އަހަރެން ފައިސަލް އާ ރައްޓެހިވީއިރު އަހަރެންގެ އުމުރުން  ސަތާރަ އަހަރެވެ.

       ރިސޯޓަށް ޝޯތައް ދޭން އައިސް ގޭގައި ކުޑަވަގުތު ކޮޅެއް ހޭދަކޮށްލުމަށް ފަހު ދެން ލިބޭ ވަގުތުތައް އަހަރެން ހޭދަކުރަނީ ފައިސަލް އާއި އެކު އެވެ. ފައިސަލް އާއި އެކު އުޅެން ފެށުމުން އަހަރެން ނަށް ފައިސަލް ދެކެ އިންތިހާއަށް ލޯބިވެވުނެވެ. ފައިސަލް އަކީ އަހަރެން ގެ ހަޔާތުގެ ހުރިހާ އެއްޗެއްކަމުގައި ވިއެވެ. ފައިސަލް ވެސް އަހަރެން ދެކެ އިންތިހާ އަށް ލޯބިވާކަން ފައިސަލް ގެވާހަކަ ތަކުންނާއި އަމަލުތަކުން ދޭހަވެގެން ދެއެވެ. އަހަރެންނާއި ފައިސަލް ގައިގޯޅިކޮށް ވަގުތު ހޭދަކުރި ނަމަވެސް އަހަރެމެން އެންމެ ބޭނުން ވަ އުފާ އަދި ހާސިލް އެއް ނުކުރެވެއެވެ. އަހަރެންނަކީ ރޭގަނޑަށް ޝޯދޭން ރިސޯޓްތަކަށް ދާ މީހެއްކަމުން އަހަރެމެން ގިނައިން ދިމާވަނީ ދުވާލުއެވެ. އަހަރެމެން ގެއިން ނުވަތަ ފައިސަލް މެން ގެއިން ބައްދަލު ކުރާއިރު އެފަދަ ވަގުތު ކޮޅެއް ހޭދަކޮށްލެވޭނެ ފަދަ ފުރުސަތު އަހަރެމެންނަށް ނުލިބެނީ ދެމީހުންގެ ގޭގައި ވެސް މީހުން ގިނަކަމުން ނެވެ. އެހެން ނަމަވެސް ގޭ މީހުން ކުރިމަތީ ގައިގޯޅި ކޮށް އުޅުމަކީ އަހަރެމެން ދެމީހުންގެ އާއިލާއިން އެއްވެސް އާއިލާއެއްގެ މީހަކަށް މާބޮޑުކަމަކަށް ނުވެއެވެ.

    އަހަރެންގެ މަންމަ މަރުވި ޚަބަރު އަހަރެންނަށް ލިބުނީ އަހަރެން ރިސޯޓްގައި އުޅެފައި މާލެ އައިސް ގެޔަށް ވަންތަނުންނެވެ. އަހަރެން ގެ އެންމެ ހަގު ފިރިހެން ކޮއްކޮ އައިސް މިޚަބަރު ދިން އިރު އެ ކޮއްކޮ ގެ މޫނުމަތިން ހިތާމައިގެ ކަންފުޅެއްވެސް ފާޅުނުވެއެވެ. މަންމަ މަރުވި ޚަބަރު ލިބުމުން އަސްލު އަހަރެން ވަރަށް ދެރަވިއެވެ. ވަގުތުން މޫޑު ސަކަރާތް ވިއެވެ. ކޮޓަރިއަށް ވެަދެ އެނދުގައި އޮށޯތުމާއި އެކު ލޮލުން ކަރުނަތައް އަންނަން ފެށިއެވެ. މަންމަ ކުޑައިރު އަހަރެމެންނާއި އެކު އުޅުނު އެކި ދުވަސްދުވަހުގެ ހަނދާން އަހަރެންގެ ހަނދާނަށް އަންނަން ފެށިއެވެ. އެދުވަހު އަހަރެން ނަށް ނިދުނީ ވަރަށް ގިނައިރު ރޮވުނު ފަހުންނެވެ. ފައިސަލް އަހަރެންނަށް ގުޅީ ހަވީރުއެވެ. އެދުވަހަކީ އަހަރެމެން ރައްޓެހިވިތާ އެއްއަހަރު ވީދުވަސްކަން އަހަރެން ހަނދާންވީ ފައިސަލް ބުނުމުންނެވެ. ފައިސަލް ބޭނުންވީ އެރޭ އަހަރެން ރިސޯޓަށް ނުގޮސް މަލޭގައި މަޑުކުރުމަށެވެ. އެނިވާރސަރީ ހަދިޔާއެއްގެ ގޮތުގައި އަހަރެންގެ ފަރާތުން ފައިސަލް ބޭނުންވަނީ ކޮންކަމެއްކަން ފައިސަލް ވަރަށް ރަނގަޅަށް ބުނެދިނެވެ. އަދި އެރޭ ދިހައެއްޖަހާއިރު ތައްޔާރުވެގެން ހުރުމަށް ފައިސަލް އަހަރެން ކައިރި ބުންޏެވެ. ފެންވަރު ރަނގަޅު ގެސްޓް ހައުސްއަކުން ކޮޓަރިއެއް ކުއްޔަށް ހިފާފައި ހުރި ވާހަކަ ވެސް ފައިސަލް ބުނެދިނެވެ. އަހަރެން ވަރަށް އުފާވިއެވެ. އަދި މަންމަ މަރުވިޚަބަރު ލިބުމުން ހިތަށް ލިބުނު ހިތްހަމަނުޖެހުމާއި ހިތާމަ ވަގުތުން ފިލާދިޔައެވެ.

        ފެންވަރާލާ ތާޒާވެލައިގެން އަހަރެން ކޮޓަރިން ބޭރަށް ނުކުތީ އެރެއަށްޓަކައި ހާއްސަ ހެދުމެއް ގަތުމަށް ޓަކައި ފިހާރައަށް ދިއުމަށެވެ. އަހަރެން ނާއި އެކު ދާނެ ރައްޓެއްސަކު ވޭތޯ ފަހަރަކު ރައްޓެއްސަކަށް ގުޅުމުންވެސް އެކަކަށްވެސް ބިޒީކަމުން ދެވޭކަމަކަށް ނުވިއެވެ. ގޭތެރެއިން ދާނެ މީހަކު ވޭތޯބެލި އިރު އެކިމީހުން ވީ އެކީދިމާލަށް ގޮހެވެ. އެންމެ ފަހުން ހަދާނެ ގޮތެއް ނެތިގެން ރުޅިއައިސްގެން ހަޅޭއްލަވައިގަތީމެވެ. އެވަގުތު އަހަރެން ގޮސްފާނަމޭ ބުނީ ދެދުވެހެއް ކުރިން އަހަރެމެން ބައިން ކޮޓަރި ކުއްޔަށް ހިފައިގެން އައި އަންހެންކުއްޖެކެވެ. ޒަމާނުގެ ފެޝަން ތަކުގެ އަސަރެއް ވެސް ނެތް އަންހެން ކުއްޖާ ލާފައި ހުންނަ ގަޔަށް ދޫ ކަޅުހެދުމާއި އެބޮޑުބުރުގާގެ ސަބަބުނއެދުވަހު އޭނާ އަހަރެންނަށް ސިފަވީ ކުޑަކުޑަ ކަޅުކުލައިގެ ހަންޑިއެއްހެންނެވެ. އެ އަންހެން ކުއްޖާ ގެޔަށް އައިފަހުން އޭނަ ފެންނަ ކޮންމެ ފަހަރަކު އަހަރެންގާތަށް އަންނަނީ ނުލަފާ ހިންޏެކެވެ. އެކަމަކު އެފަހަރު ދެން ގޮތެއް ނެތިފައި ހުރުމުގެ ސަބަބުން އެ ހިނިގަނޑު އަޑިއަށް އޮއްބާލުމަށްފަހު އަންހެން ކުއްޖާ އާއެކު ދިޔުމަށް އެއްބަސްވީމެވެ. އެއީ ވަރަށް ހިތްހެޔޮ ކުއްޖެއްކަން އޭނަގެ އެހިނިތުންވުމުން ވެސް ހާމަކޮށްދެއެވެ.

       ފިހާރައަށް ދިޔަ މަގުމަތީގައި އަންހެން ކުއްޖާ އަށް ކިޔަނީ ލީޝާ ކަން އަހަރެން ނަށް އެނގުނެވެ. އަދި އެއަންހެން ކުއްޖާ އެހާރިތި އިރު ވެސް އެކަހަލަ ހެދުން ލަނީ ކީއްކުރަންތޯ އަހަރެން ސުވާލު ކުރީމެވެ. އެ ސުވާލުގެ ޖަވާބުތައް ހޯދުމަށް ވަގުތެއް ހޯދައިގެން ލީޝާގެ ކޮޓަރިއަށް އަންނާށޭ ލީޝާ ބުންޏެވެ. އަދި އަހަރެން އެހާ ފެޝަން ކޮށް އުޅެނީ ކީއްކުރަންތޯ ލީޝާ އަހަރެން ކައިރި އެހިއެވެ. ޖަވާބުގައި ޒަމާނީފެޝަނަށް ލޯބިކުރުމާއި ރީތި ކަން ފާޅުކުރުމަކީ މީހާގެ ކާމިޔާބު ކަން އިތުރު ވާނެ ކަމެއް ކަމުގައި އަހަރެން ބުނީމެވެ. އަދި ލީޝާ ވެސް އަހަރެން ލާފަދަ ހެދުން ލައިގެން މަގުމައްޗަށް ނުކުމެއްޖެ ނަމަ ވަރަށް ގިނަ ބިޓުން ވާނެ ކަމަށް އަހަރެން ބުނީމެވެ. ޖަވާބުގައި ލީޝާ ހިނިތުންވެލިއެވެ. ފިހާރަ އަށް ގޮސް ހެދުން ތައް ބެލުމުން އަހަރެން ނަށް ކަމުދިޔައީ ތަންކޮޅެއް ތުނި އަތް ކަނޑާފައި އިން ނޫކުލައިގެ ޓޮޕް ކޮޅެކެވެ. ހާއްސަ ރެއެއްގެ އެފަދަ ހާއްސަ ވަގުތު ކޮޅަކަށް އެންމެ މުނާސަބުވާނީ އެފަދަ ހެދުމެއްކަން އަހަރެންނަށް އިނގެއެވެ. އަހަރެން އެހެދުން ނެގުމުން ކޮންތާކަށް ދާން ނެގި ހެދުމެއްތޯ ލީޝާ އަހަރެން ނާއި ސުވާލުކުރިއެވެ. އަހަރެން ފައިސަލް ދިން ދައުވަތުގެ ވާހަކަ ލީޝާ ކައިރި ފަޚުރު ވެރިކަމާއިއެކު ބުނީ އަހަރެންގެ ކާމިޔާބު ކަން އެ "ކަޓު" އަންހެން ކުއްޖާ އަށް އަންގާލުމަށް ޓަކައެވެ. އަހަރެން އެހެން ބުނުމުން އިތުރު އެއްޗެކޭ ނުބުނެ ލިޝާ ދެފަރާތަށް ބޯހޫރާލިއެވެ. ލީޝާ ގެ އެހަރަކާތުގެ ސަބަބުން އަހަރެން ލީޝާ ދެކެ ވަރަށް ފޫހިވެސް ވިއެވެ. އެކަމަކު އަހަރެން އެއްޗެކޭ ނުބުނީ ވަގުތަށާ ހާލަތަށް ވިސްނާލާފައެވެ.

          އެރޭ ނުވަގަޑިބައިވަން ވާއިރަށް އަހަރެން އެދުވަހު ގަތް ހެދުން ލައިގެން އަހަރެން ނަށް ވެވުނު އެންމެ ރީތި ކޮށް ރީތިވީމެވެ. އަހަރެން ހުރީ ފައިސަލް ނައިސް ގެން ލަސްވެފައެވެ. އެހާއްސަ ވަގުތުކޮޅު ކަންތައްތައް ކުރާނެ ގޮތް އަހަރެން ގެ ސިކުނޑީގައި ރާވަމުން ދިޔައީމެވެ. އެ ފޮނިފޮނި ހިޔާލުތަކުގެ ސަބަބުން އަހަރެން ނަށް އިރުކޮޅުކޮޅާ ހިނިތުން ވެލެވެއެވެ. ގަޑިން ދިހައެއްޖަހަން ފަސްމިނެޓަށް ވީއިރު އަހަރެން ނަށް ހުރެވުނީ ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަހިނގައެވެ. ފައިސަލް އަހަރެން ބަލާ އަންނަަން ގެއިން ނައްޓާލި ވާހަކަ ބުނުމުން އަހަރެން ނަށް ހުރެވުނީ ކެތްމަދުވެފައެވެ. ގަޑިން ރޭގަނޑު ދިހައެއްޖެހީ އަހަރެން އެގޮތަށް ހިނގަހިނގާ ހުއްޓައެވެ. އެކަމަކު ފައިސަލް ގެޚަބަރެއް ނުވިއެވެ. ސައިކަލްގައި ފައިސަލް ދުއްވާ ސްޕީޑްގައި ދުއްވައިގެން ހަތަރު މިނެޓުން އަހަރެމެން ގެޔާއި ހަމައަށް އާދެވޭނެއެވެ. އަހަރެން ނަށް ދޮރާށި ކައިރިޔަށް ނުކުމެވުނީ ފައިސަލް އަހަރެންނާއި ކޮންމެވެސް ކަހަލަ ސަމާސާއެއް ކުރަނީކަމަށް ނިންމައިގެންނެވެ. ނަމަވެސް ހީކުރި ގޮތާ ޚިލާފަށް ފައިސަލް ފެންނަން ނެތުމުން އަހަރެން ވަގުތުން ފައިސަލް ގެ ފޯނަށް ގުޅާލީމެވެ. އެންމެ ހައިރާންވާން ޖެހުނީ ފައިސަލް ގެ ފޯން ނިއްވާލާފައި އޮތުމުންނެވެ. އަހަރެން ފޯން ކަނޑާލުމާއެކު އަހަރެންގެ ފޯނަށް ނުދަންނަ ނަންބަރަކުން ގުޅަންފެށިއެވެ. އަހަރެން އަވަސް އަވަހަށް ފޯން ނެގީމެވެ. އެކޮޅުންވާހަކަ ދެއްކީ އެނުދަންނަ މީހާ ބުނީ ފައިސަލް އެކްސިޑެންޓް ވެގެން ހޮސްޕިޓަލަށް ގެންދިޔަ ވާހަކައެވެ. ލިބުނު ކުއްލި ޝޮކާއި އެކު އިތުރު ވަގުތު ހޭދަކުރުމެއް ނެތި އަހަރެން ހޮސްޕިޓަލަށް ދިޔައީމެވެ. އޭރު ފައިސަލް ގެ އާއިލާގެ އެންމެން ހޮސްޕިޓަލްގައި ތިއްބެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހާސްކަމެވެ. އަހަރެން ގޮސް ފައިސަލް މެން އާއިލާގެ މީހުން ކައިރިޔަށް ހުއްޓުނުތަނާ ޑޮކްޓަރު އައިސް ދިން ޚަބަރުން ދުނިޔޭގެ ހިނގުންވެސް ހުއްޓުނުހެން އަހަރެން ނަށް ހީވިއެވެ. މޮޔަޔަކު ފަދައިން ބާރު ބާރަށް ރޯން ފެށުނެވެ. ފައިސަލް މަރުވި ޚަބަރު ވީ އެދުވަހާއި ހަމައަށް އަހަރެންގެ ހަޔާތުގައި ލިބުނު އެންމެ ކެތްކުރަންދަތިވި ހިތާމަވެރި ޚަބަރަށެވެ.

      ފައިސަލް ގެ ކަށުކަމާކެމީގެ ކަންކަން ނިމުމުން އަހަރެންގެ މާމަ އާއި އަދި އާއިލާ މީހުން ނާއި އެކު ގެޔަށް އައި އިރު އަހަރެން ގެ ދެލޯ ވަނީ ރޮއިރޮއި ދުޅަވެފައެވެ. ގެޔަށް އައިގޮތަށް ދުވެފައި ކޮޓަރިއަށް ވަދެ އެނދުގައި ބަންޑުން އޮވެރޯންފެށީމެވެ. އަަދި އަހަރެން ނަށް ދިމާވަމުން ދިޔަ އެންމެ ހާ ހިތާމަތަކުގެ ސަބަބުން ޝަކުވާ ކުރެވުނެވެ. ވިސްނުން ތައް ގިނަވެ ބޯ ހާސްވަން ފެށިހިނދު ހިތަށް އައީ ހަމަ އެންމެ ހައްލެކެވެ. ފަންކާގައި ވާގަނޑު ޖަހާ އޭގެ މަޅި ކަރަށް މަހާލަން ތައްޔާރު ވިވަގުތު ކޮޓަރީ ދޮރުހުޅުވާލާފައި ވަނީ ލީޝާއެވެ. ލީޝާ ފެނުނު ހިނދު އަހަރެން ގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ހަމަ މިހާރު ނުކުންނާށޭ ކިޔާ ހަޅޭއަލަވައިގަތީމެވެ. ނަމަވެސް ލީޝާ އައިގޮތަށް އައިސް އަހަރެން ފައިގައި ހިފަހައްޓައިގެން އެތައް މަސައްކަތަކުން އަހަރެން އެތަނުން ބޭލިއެވެ. އަދި އެތައް ވާހަކައެއްދައްކައިގެން އަހަރެން ލީޝާ ގެ ކޮޓަރިއަށް ގެންދިޔައެވެ.

        ލީޝާ ގެ ކޮޓަރިފެނުނު ހިނދު އަހަރެން ހައިރާން ވިއެވެ. އަހަރެން ކޮޓަރީގައި ހަތަރުފާރުގައި ފިލްމު ސްޓާރުން ގެ ޕޯސްޓަރުތައް ހިއްޕާފައި ވާ އިރު ލީޝާ ގެ ކޮޓަރީގެ ހަތަރުފާރު ވަނީ ހުސްކޮށެވެ. ފާރުތަކުގެ ހުދު ކުލަ ފެނުނު ހިނދު އަހަރެން ގެ ހިތަށް އާދަޔާ ޚިލާފު ހިތްހަމަޖެހުމެއް ލިބުނެވެ. އަހަރެން ކޮޓަރީގައި ލަވަޖަހަން ހުންނަ ހޯމް ތިއޭޓަރ ސިސްޓަމް ތަކުގެ ބަދަލުގައި ލީޝާގެ ކޮޓަރީގައި ވަނީ އެތައްބައިވަރު ފޮތް ތަކެވެ. އަހަރެން އެކޮޓަރީ އެނދުގައި އިށީނީމެވެ. ލީޝާ ވަރަށް އޯގާތެރި ކަމާއިއެކު އަހަރެން ނަށް ނަސޭހަތް ދިނެވެ. އަހަރެންގެ ބަދު ނަސީބާމެދު އަހަރެން އެތައް ޝަކުވާއެއްކުރީމެވެ. ލީޝާ އަހަރެންނަށް ނަސޭހަތް ދިނެވެ. އަމިއްލަ އަށް މަރުވުމުގެ ނުބައިކަމާ ނަމާދު ކުރުމާއި ޤުރުއާން ކިޔެވުމުގެ މުހިއްމުކަން ކިޔައިދިނެވެ. މިންވަރަށް އީމާން ވުމުގެ މުހިއްމު ކަންވެސް ބުނެދިނެވެ. އަދި އަހަރެން ޒިނޭ ފަދަ ބޮޑުފާފަ އަކަށް އަރައިގަތުމަށް އުޅެނިކޮށް އެފާފައިން މާތް ﷲ އަހަރެން ސަލާމަތް ކުރެއްވި ގޮތް ލީޝާ އަހަރެން ނަށް ބުނެދިނެވެ. ހަގީގީ ހިތްހަމަޖެހުން ލިބޭނީ މަޖަލާ އުފަލުގައި ވަގުތު ބޭކާރު ކުރުމުގެ ބަދަލުގައި ﷲ ހަނދުމަ ކުރުން ކަމުގައި ވެސް ބުނެދިނެވެ. ލީޝާ ގެ އެދުމުގެ މަތިން އަހަރެން ވުޟޫ ކޮށްގެން އައިސް އެރޭގެ ޢިޝާ ނަމާދު ކުރީމެވެ. އެތައް އަހަރެއް ފަހުން ﷲ އަށްޓަކައި ހުސްކޮށްލެވުނު އެ ވަގުތު ކޮޅުގެ ސަބަބުން އަހަރެންނަށް ހީވީ ބޮލުން އެތައް ބުރަ ކަމެއް ފިލިހެންނެވެ. އަހަރެން އެރޭ ނިދީ ލީޝާ ގެ ކޮޓަރީގައެވެ. ނިދުމުގެ ކުރިން ލީޝާ އަހަރެން ނަށް އިސްލާމް ދީނުގެ ވަރަށް ގިނަ ވާހަކަ ތައް ކިޔައި ދިނެވެ. ނިވާކުރުމާއި އިއްފަތް ތެރި ވުމާއި ބެހޭ ގޮތުން އަދި އަޅުކަންތަކާއި ބެހޭ އެތައް މައުލޫމާތެއް އަހަރެން ނަށް ލިބިގެން ދިޔައެވެ. އަހަރެން އެރޭ ނިދީ އަހަރެން ދުވަހަކުވެސް ހިތްހަމަ ނުޖެހޭ ވަރަށް ހިތްހަމަ ޖެހިގެންނެވެ.

       އެރޭ ފަތިހު ފަތިސް ނަމާދަށް އަހަރެން ނަށް ލީޝާ ގޮވިއެވެ. ލީޝާ އާއެކު ފަތިސް ނަމާދުކޮށްގެން ލީޝާގެ އެދުމުގެ މަތިން ލީޝާގެ ހެދުންތަކުން ހެދުމެއް ލައިގެން އަހަރެން ބޭރަށް ނުކުތް އިރު އަހަރެން އަލަށް ދުނިޔެ އަށް އައިފަދަ އިހުސާސެއް އަހަރެންނަށް ކުރެވުނެވެ. ގޭމީހުންގެ ކަންތައް ހުންނަ ގޮތް އަހަރެންނަށް ވިސްނޭތީ އަހަރެން އެމީހުން އުޅޭހިސާބަކަށް ނުދަމެވެ. ކޮޓަރިން ކޮންމެ ހެން ބޭނުންވާނެ އެއްޗެހި ލީޝާ ގެ ކޮޓަރިއަށް ގެނެސްގެން ލީޝާގެ ކޮޓަރީގައި މަޑުކުރީއެވެ. އަހަރެން ގެއިން ނުފެނުނަސް މާމަމެން އެހާވަރުން ހޯދަން ނޫޅޭނެ ކަން އަހަރެން ނަށް އެނގެއެވެ. ސަބަބަކީ އަހަރެން ނަކީ ބައެއްފަހަރަށް ރިސޯޓަށް ގޮސް ހަފްތާއެއްވަރު ވެސް މާލެނައިސް ހޭދަކުރާ މީހަކަށް ވާކަމެވެ. ނަށާ ގްރޫޕް ބޮޑުމީހާ ކައިރިން އެއްހަފްތާގެ ޗުއްޓީއަކަށް އެދުނީ އެވަގުތަށް އެންމެ މަސްލަހަތު ރަނގަޅުވާނެ ގޮތަށް ބަލާފައެވެ. ލީޝާ އާއެކު ހަފްތާ އެއްހާ ދުވަސް ހޭދަ ކުރެވުނު އިރު އުމުރުން ބޭކާރު ކުރެވުނު އަށާރަ އަހަރާ މެދު ހިތާމަ ކުރެވުނެވެ. އަހަރެން އިސްލާމް ދީނާ ބެހޭ އެތައް މައުލޫމާތެއް ލީޝާ ގެންގުޅޭ ފޮތްތަކުން ހޯދީމެވެ.ކުރިން އަބަދު ލަވައަޑުއަހާ އަހަރެންލީޝާ ގެ އެހީ އާއެކު ޤުރުއާން ކިޔަވަން ފެށީމެވެ. އަހަރެން ފައިސަލް އާއެކު ކުރަން އުޅުނު ފާޙިޝް އަމަލުން ސަލާމަތް ވިކަމަށްޓަކައި އަހަރެން ހައްދަވާ ބޮޑުކުރެއްވި ﷲ އަށް ޝުކުރު ކުރީމެވެ.

         ހަފްތާއެއް ފަހުން އަހަރެން މާމަ މެން އުޅޭބަޔަށް ދިޔައީ މުޅިން އާމީހެއްގެ ގޮތުގައެވެ. އަހަރެން ގެ ހެދުމާއި އެކު އަހަރެން ގެ އަމަލުތައް ވެސް ވީ ބަދަލުވެފައެވެ. މާމަމެން ބަޔަށް އަހަރެން ދިޔައިރު އަހަރެން ނަކީ  ފަސްވަގުތު ނަމާދުކުރާ ،އައުރަ ނިވާ ކުރާ ލަދުވެތި މުސްލިމް އަންހެން ކުއްޖެކެވެ. އަހަރެން ފެނުނު ހިނދު މާމަ އާއި ބޮޑުބޭބެ އަންހެނުން އަދި އަހަރެންގެ ކޮއްކޮ މެން ހީކުރީ އަހަރެން ލީޝާ އަށް ހަޖޫޖަހަން އެހެދުން ލައިގެން އެގޮތަށް ބުރުގާއެޅީ ކަމަށެވެ. އެހެނަސް އަހަރެން ގެ ސީރިޔަސް މިޒާޖާއި އަހަރެން ގެ ބަހުރުވަ އެމީހުންނަށް ޔަގީން ކޮށްދިނީ ހަމަ އަސްލުވެސް އަހަރެން ބަދަލު ވެއްޖެ ކަމެވެ. އަހަރެންގެ މާމަ އަހަރެން ނަށް ވަރަށް މަލާމަތް ކުރިއެވެ. އަދި ނަށަން ނުގޮސް ފިނަމަ ލާރި ނުލިބޭނެ ވާހަކަވެސް ބުންޏެވެ. ޖަވާބުގައި ކޮންމެ އިންސާނަކަށް ވެސް ﷲ ރިޒްގު ދެއްވާނެ ކަމަށް އަހަރެން ބުނީމެވެ. އަދި ﷲ ހަރާން ކުރައްވާފައި ވާގޮތްގޮތަށް ހޯދާ ފައިސާ އަހަރެން ބޭނުން ނޫން ކަމުގައި ވެސް ބުނީމެވެ. ހަމަ އެދުވަހު ނަށާ ގްރޫޕުން ވެސް ވަކިވީމެވެ. އަހަރެން ދެން އެންމެ އިސް ކަމެއް ދިނީ ފުރާވަރަށް އަޅަމުން އަންނަ އަހަރެންގެ އަންހެން ކޮއްކޮ އަށް ރަނގަޅުގޮތް ވިސްނައިދެވޭތޯއެވެ. އަހަރެންގެ މަސައްކަތުން ކޮއްކޮ އަށް ރަނގަޅުމަގު ފެނުނެވެ. އެހެނަސް އަހަރެންގެ ތިން ފިރިހެން ކޮއްކޮ އަށް ރަނގަޅުގޮތް ވިސްނައިދިނުން ވީ އަހަރެންނަށް ވަރަށް ދަތި އުނދަގޫ ކަމަކަށެވެ. އެކުދިންނަށް ވެސް ރަނގަޅުވިސްނުން ދެއްވާތޯ އަހަރެން ކޮންމެނަމާދަކަށްފަހު ދުޢާ ކުރަމެވެ.

       އަހަރެންގެ ބަދަލުވި ދިރިއުޅުމާއި އެކު މާމަމެންގެ ފަރާތުން ތަފާތު ފިއްތުންތައް އަހަރެންނަށް އަންނަން ފެށިއެވެ. އެހެން ކަމުން ލީޝާ ގެ ވެސް އެދުމުގެ މަތިން ކޮއްކޮ އާއި ލީޝާ އައި އެކު އެހެން ތަނެއް ކުއްޔަށް ހިފައިގެން ބަދަލުވީއެވެ. އެފަހަރު އަހަރެމެންނަށް އެހީވެ ދިނި ލީޝާ ގެ ބޭބެ އެވެ. އޭގެ ދެތިން މަސް ފަހުން ލީޝާ ގެ ބޭބެ އަހަރެމެން އުޅޭ އެޕާޓްމެންޓަށް އައެވެ. އަދި އަހަރެންނާއި ކައިވެނިކުރުމަށް އެދުނެވެ. ލީޝާ ގެ ބޭބެ އައިމަން އަކީ ވެސް ލިޝާ ފަދައިން ސުންނަތަށް އުޅޭ ހެޔޮލަފާ ޒުވާނެކެވެ. އެހެންކަމުން އައިމަން އާއި ކައިވެނި ކުރުމަށް އަހަރެން އެއްބަސްވީމެވެ.

        އޭގެފަހުން މިހާރު މިވީފަސްއަހަރެވެ. މިހާރު އަހަރެންނަކީ އައިމަން ގެ އަންހެނުންނެވެ. އަދި ޒިންމާދާރު މަންމައެކެވެ. މިއަދު އަހަރެންނަކީ އަހަރެން ގެ ދަރިފުޅަށާއި ކޮއްކޮމެންނަށް ދީނުގެ މަގުގައި ސާބިތު ވުމަށް ހިތްވަރު ދީ އެގޮތުގައި އެކުދިން ތަރުބިއްޔަތު ކުރުމަށް މަސައްކަތް ކުރާ މީހެކެވެ. ލީޝާ އަކީ އަހަރެން ނަށްތެދުމަގު ލިބުމަށް މާތް ﷲ މެދުވެރި ކުރެއްވި ފަރާތެވެ. މިއަދު މިފަދަ އުފާވެރި ހަޔާތެއް އަހަރެން ނަށް މިންވަރު ކުރެއްވިކަމަށްޓަކައި މާތްﷲ އަށް އަހަރެން ފަށްފަށުން ޝުކުރުވެރި ވަމެވެ. .... ނިމުނީ.....

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.