ރިޕޯޓް ތިބާގެ 'ސިމްޕަލް' ފޮޓޯ

ތިބާގެ 'ސިމްޕަލް' ފޮޓޯ

ތިބާގެ 'ސިމްޕަލް' ފޮޓޯ

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

...: ވާއޯ! ޔޫލުކް ބިއުޓިފުލް.

ތިބާ: ހެހެ! ތެންކްސް.
...: ހޫމް ހޫމް މިވަރުކަމެއް ނުދެކެން... ތިހިރަ ނަލަކަމެއް.. އުންމްމްމްމަ
ތިބާ: އަޅޭ އަސްލުތަ؟.. ތެންކްސް އަލޮޓް އިނގޭ!

އާދެ! ތިވިސްނަވަނީ ހަމަ ރަނގަޅަށެވެ. މީ މިއަދު ފޭސްބުކަށް ވަދެލައިފިނަމަ ނުފެނި ނުދާނެ މަންޒަރެކެވެ. ގިނަ އަންހެން ކަނބަލުންގެ ޕްރޮފައިލް ތަކުގެ ހާލެވެ. އެބައިމީހުންގެ ޕްރޮފައިލްތައް ފުރިފައިވަނީ ޒީނަތްތެރިކަން ހާމަވާ ގޮތަށް ނަގައިފައިވާ އަމިއްލަ ފޮޓޯ ތަކުންނެވެ. ރައްޓެހިވެގެން އުޅޭ ކުއްޖާ ނުވަތަ ފިރިމީހާގެ ބުރަކަށިމަތީ އަރާއޮވެދާނެއެވެ. ނުވަތަ އެދުވަހަކު އެގަންނަ އާ ފިޔާތޮށި ކުލައިގެ ކަކުލުން މައްޗަށްއަރާ ހެދުމާއެކު ފަރިފަރި ގޮތަކަށް ހުއްޓިލައިގެންހުރެ ނަގާފައިވާ ފޮޓޯއެއް ލައިފާނެއެވެ. މިކަމުން އެބައިމީހުން ދުވަހަކުވެސް ސަލާމަތެއް ނުވާނެއެވެ. އަބަދުވެސް ތިބޭނީ ފަރިގޮތްގޮތަށް ފޮޓޯތައް ނަގާލަ ނަގާލައެވެ. އެއްދުވަހު މޮޑެލް ކޮށްލާފަ ފޮޓޯއެއް ލާނެއެވެ. އަނެއްދުވަހު ފައިގެ ފޮޓޯއެއް ލައިފާނެއެވެ. މިހެންގޮސް ފައި ފުންނާބާ އަތުގެ އޮޅަނބޮއްޓާ ބޮލުގެ ފުއްކިބައިގެ ފޮޓޯއެއްވެސް ނަގައިފައި ލައިފާނެއެވެ. މޮޅު ސެލޫން އަކަށް ގޮސްދާނެއެވެ. އެތަނުން މޭކަޕްކޮށް ރީތިވެލަން އެތައް ފައިސާއެއް ހޭދަކުރާނެއެވެ. އެއަށްފަހު ފޮޓޯ ނަގާތާކަށް ގޮސް ބަނޑިބަނޑި ލައްވަ ލައްވާފައި ފޮޓޯއެއް ނަގާފާނެއެވެ. މިތަނައްވެސް އެތައްބައިވަރު ފައިސާއެއް ހަރަދުކުރެއެވެ. އެނގިލައްވާތޯއެވެ. މިހުރިހާ ކަމެއްވެސް މިކުރަނީ ހަމަ އެންމެ ކަމަކަށްޓަކައެވެ. މާދަމާ ފޭސްބުކަށް އަޕްކޮށްލާށެވެ. މިހުރިހާ ލާރިއެއް ހޭދަކުރީ އެބައިމީހުންގެ ހަށިގަނޑުތައް އެތައްބައެއްގެ ކުރިމަތީ ނީލަންކިޔާލުމަށްޓަކައެވެ. ހާދަހާވާ ގިނަ ލައިކެއް ލިބޭނެއެވެ. އަދި ލައިކް ކީކުރަން ހެއްޔެވެ؟ އެތައްބައެއްގެ ކޮމެންޓެއްވެސް ލިބޭނެއެވެ.

      ވިސްނަވާލައްވާށެވެ! ތިބާ މިއަދު ފޭސްބުކަށް ފޮޓޯ ތިޔަލަނީއެވެ. ގިނަ ލައިކް ހޯދާށެވެ. ކޮމެންޓް ހޯދާލާށެވެ. ތިބާގެ ދޮންކަމާ ރީތިކަމާއި އޮނމާންކަން މީހުންނަށް ދައްކާލާށެވެ. އެކަންތައްތައް ތިބާއަށް ހާސިލްވެސް އެބަވެއެވެ. ނަމަވެސް ތިބާ އެއްފަހަރުވެސް ވިސްނަވާލެއްވިންތޯއެވެ. ތިބާއަށް ސިމްޕަލް ވެގެން ތިޔަލާ ފޮޓޯގެ ސަބަބުން ތިބާގެ އާޚިރަތުގެ ހަޔާތް ތިޔަދަނީ އަނދިރިކުރަމުންނެވެ. ﷲގެ ކޯފާއާއި ޢަޛާބަށް ތިޔަދަނީ ހުށައެޅިގަންނަމުންނެވެ. ކުޑަކުޑަ ވަޤުތުކޮޅެއްގެ އުފާޙާޞިލް ކުރުމަށްޓަކައި ތިބާ ތިޔަދަނީ އާޚިރަތުގެ ދާއިމީ ހަޔާތް ބަނަކުރަމުންނެވެ. ދުނިޔޭގެ ވަޤުތީ އުފާތައްފެނި މިދުނިޔެއަކީ ވަގުތީ ތަނެއްކަން ތިބާ ހަނދާން ނައްތާލީހެއްޔެވެ؟

     ތިބާގެ ފޮޓޯގެ ސަބަބުން މަގުއޮޅިގެން ދިޔައީ ކިތައް މީހުންކަން ތިބާ ދެނެހުރީމުހެއްޔެވެ؟ ތިބާ ލީ އެއްކަލަ ރީތި ފޮޓޯ ފެނި އެތައްބައިވަރު އަންހެންކުދިންނެއް މިއަދު އެބައިމީހުންގެ ހަށިގަނޑުތައް ފޭސްބުކަށް ނީލަން ކިޔަން ފައްޓައިފިއެވެ. ފިރިހެނުންގެ ހިތްތައް ވަހުޝީ ކަންތައްތަކުން ފުރާލައިފިއެވެ. އެތައް ފިރިހެނުންނެއް ﷲ ސުބުހާނަހޫ ވަތަޢާލާ ނަހީކުރެއްވި ފާފަތަކަށް އަރައިގެންފިއެވެ. އަދިވެސް ތިބާއަށް ނުވިސްނޭހެއްޔެވެ؟  ތިބާގެ އެއްކަލަ ސިމްޕަލް ފޮޓޯގެ ސަބަބުން އެތައްބަޔަކު މަގުއޮޅިގެން ހިނގައްޖެއެވެ. ބިރުވެރިކަމުން ފުރިގެންވާ އެ ޤިޔާމަތް ދުވަހުން މިހުރިހާ ކަމެއްގެ ޒިންމާ ނަގާނީ ކާކުހެއްޔެވެ؟ ތިބާ ނޫންހެއްޔެވެ؟

   ލޮބުވެތި  އުޚްތުންނޭވެ! ތިޔަކަނބަލުންގެ ދުވަސްތައް ތިޔަހެން ބޭކާރުކޮށް ނުލައްވާށެވެ. ފޭސްބުކަށް ލެވިފައިވާ ތިޔަކަނބަލުންގެ ފޮޓޯތައް ނަންގަވާށެވެ. މާދަމާނަގަން ފަސްނުކުރައްވާށެވެ. އެބަހީ މާދަމާއަކީ ތިބާއަށްހުރި ދުވަހެއްކަމެއް އެނގިލައްވާތޯއެވެ؟ އަބަދުވެސް ތިބާއާ އެންމެ ގާތުގައިވަނީމަރުކަން ހަނދުމަބަހައްޓަވާށެވެ. ވަޤުތުފާއިތު ވުމުގެ ކުރިން ތަޢުބާވެ، ﷲ އެންގެވި ގޮތަށް އުޅުމަށް އަތުކުރި އޮޅާލައްވާށެވެ. ތިބާއަށް ﷲ ދެއްވި ޒީނަތްތެރިކަން ތިޔަގޮތަށް ނީލަން ނުކިޔުއްވާށެވެ. އައުރަނިވާ ކުރައްވާ ޢިއްފަތްތެރި ބައެއްކަމުގައި ވާށެވެ. އާޚިރަތުގެ ގޮވައްޗަށް އެދި ދަތުރުފަށާށެވެ.

   ލޮބުވެތި އަޚުންނޭވެ! ތިޔަބޭކަލުންގެ އަނބިންގެ ޒީނަތްތެރިކަން ފޭސްބުކުގައި ތިގޮތަށް ނީލަން ނުކިޔުއްވާށެވެ. އެކަނބަލުންގެ ޒީނަތްތެރިކަމަކީ ހަމައެކަނި ތިޔަފަރާތުގެ ޙައްޤެކެވެ. އަޚުންނޭވެ! މަގުމަތިން ހިނގާފައިދާއިރު އެ އަނބިމީހާއާ ދިމާލަށް ފިރިހެނަކު ބަލާލައިފިނަމަ ހާދަހާވާ ރުޅިއެއް އާދޭ ދޯއެވެ. އެކަމަކު މިއަދު ބާވެފައިވާ ގޮނޑިއެއްޗެހި ނީލަމަށް ލާބީދައިން އެއްކަލަ ތިބާގެ ލޯބިވާ އަނބިމީހާ އެތައްބައިވަރު ފިރިހެނުންތަކެއްގެ ތެރެއަށް ތިބާގެ ދެއަތުން ތިޔަނެރެ އެއްލަވާލައްވަނީއެވެ. އެދުވަހު ބެލިވަރަށްވުރެ ގިނަ ފިރިހެނުން މިއަދު އެލޯބިވާ އަނބިމީހާއާއި ދިމަ ބަލާނެއެވެ. މާ ގިނައިން ބަލާނެއެވެ. ބޭނުން އިރަކު ބަލާނެއެވެ. އެދުވަހު ބެލިވަރަށްވުރެ އެތައްތަނެއް ގާތުންވެސް ބަލާނެއެވެ. އަޅެ ހައިރާނެއް ނުވާނެތޯއެވެ! މިއަދު ތިބާއަށް ތިވީ ކިހިނެއްހެއްޔެވެ؟ އިއްޔެ ތިބާ އުޅުނީ އެލޯބިވާ އަނބިމީހާ ދެތިން ފިރިހެނުންގެ ބެލުންތަކުން ސަލާމަތްކުރާށެވެ. އެކަމަކު މިއަދު ތިބާ ތިޔައުޅެނީ އެތައް ސަތޭކަ ފިރިހެނުންނެއް ލައްވާ ތިބާގެ އަނބިމީހާއާއި ދިމަ ބަލުވާށެވެ. މިއަދު ތިބާގެ އަނބިމީހާއާއި ދިމާ ބަލަން ތިބާ ރުހެނީހެއްޔެވެ؟

   ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އިއްޔެ ތިބާ އާއި ތިބާގެ ދައްތަ، ކޮއްކޮ، މަންމަ ނުވަތަ އަނބިމީހާ ނީލަންކިޔެމުންދިޔަ ފޭސްބުކަކީ ﷲ ސުބުހާނަހޫ ވަތައާލާގެ މަގަށް ގޮވާލާ، ތިބާ ފަދައިން މަގުއޮޅިފައިތިބި އަޚުންނާއި އުޚުތުންނަށް ހެޔޮމަގަށް ގޮވާލާ، ހެޔޮގޮތް ދައްކައިދޭން ގެންގުޅޭ އެޗެއްކަމުގައި ހައްދަވާށެވެ. އަދި އެދުވަހު ތިބާގެ ފޮޓޯ ލައިގެން ގިނަ ލައިކް ހޯދަން އުޅުންފަދައިން، މިއަދު ﷲ އެންގެވި ގޮތަށްއުޅެ ހެޔޮޢަމަލުތައް ގިނަކޮށްގެން އެކަލާންގެ ރުހުން ހޯދުމަށް މަސައްކަތްކުރާށެވެ! ދުނިޔެއާއި އާހިރަތުގެ ބާއްޖަވެރިކަން އޮތީ އޭރުންނެވެ. މާތްﷲ އަޅަމެން އެންމެންނަށް ހެޔޮމަގު ދައްކަވާ އެމަގުގައި ސާބިތުވުމުގެ ހެޔޮ ތައުފީޤް މިންވަރުކުރައްވާށި. އާމީން!

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.