ވާހަކަ

އަންދަލުސްގެ ވާހަކަ (2 ވަނަ ބައި)

އެރެއަށްފަހު އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވިއެވެ. އަހަރެންނަށް އަލްޙަމްރާގެ ގަނޑުވަރުތައް ފެންނަ ކޮންމެ ފަހަރަކު ނުވަތަ ޣަރުނާޠާގެ ދިގު މުންނާރުތައް ފެންނަ ކޮންމެ ހިނދަކު އަހަރެންގެ ހިތުގެ ޙާލަތު ތަޣައްޔަރުވެގެންދެއެވެ. ބައެއްފަހަރު އެގަނޑުވަރުތަކާއި މެދު އޮންނަ ލޯބި އިތުރުވެގެންދެއެވެ. އަނެއްބައި ފަހަރު އެގަނޑުވަރުތަކާއި މެދު ނަފްރަތު އުފެދެއެވެ. އަހަރެން އެތައްފަހަރަކު އެގަނޑުވަރުތަކުގެ ވަށައިގެން ބުރުޖަހަމެވެ. އެގަނޑުވަރުތަކާއި މުޚާޠަބުކުރަމެވެ. އޭ އަލްޙަމްރާއެވެ! އޭ މުސްލިމުންގެ މަތިވެރިކަމުގެ އަމީނެވެ! ތިބާ ބިނާކުރި މީހުންގެ މަތީން ތިބާ ހަނދާން އެބަހުރި ހެއްޔެވެ؟ އެމީހުން ނުހަނު ލޯތްބާއި އިޙުތިރާމާއެކު ތިބާ ޢިމާރާތްކުރިއެވެ. އެމީހުންގެ ލެއާއި ދަލުގެ ފައިސާ ތިބާއަށް ހޭދަކުރިއެވެ. ތިބާ މިހާރު އެމީހުންގެ ވޭންތައް ހަނދާންނެތުނީ ހެއްޔެވެ؟ ތިބާގެ ބަރެންޑާގައި ދެކޮޅަށް ހިނގާލަހިނގާލައި އުޅުނު ރަސްރަސްކަލުންގެ މަތީން ހަނދާނެއްނުވޭހެއްޔެވެ؟ ތިބާގެ ގޮނޑިތަކުގައި އިށީނދެ އުޅުނު ޢިލްމުވެރި، ޢިއްޒަތްތެރި، ދީލަތި މީހުންގެ މަތީން ހަނދާނެއް ނުކުރަން ހެއްޔެވެ؟ ނޫނީ ތިބާ މިހާރު ރަނގަބީލުގެ އަޑު ދެކެ ލޯބިވީ ހެއްޔެވެ؟ ތިބާއަށް ފާދިރީން ކަމުދިޔައީ ހެއްޔެވެ؟

ބައެއްފަހަރު އަމިއްލަ ނަފްސާއި އަނެއްބައި ފަހަރު އަލްޙަމްރާގެ ހިލަ ފާރުތަކާއި ވާހަކަ ދައްކަން އަހަރެން ހުންނަމެވެ. އަނެއްބައި ފަހަރު އެފާރުތައް އަހަރެން ފިސްފިސްކޮށްލައިފާނެކަމަށް ބިރުގަންނަމެވެ. އަދި އަނެއްބައި ފަހަރު ޖާސޫސަކު އަހަރެންނަށް ފާރަލައިފާނެކަމަށް ބިރުން އެކިފަރާތްފަރާތް ހޯދައި ބަލަމެވެ. އަދި އަވަސްއަވަހަށް ގެއަށް ދިއުމަށް އަހަރެން ދުއްވައިގަންނަމެވެ.

ގެއަށް ދެވުމާއެކު ޢަރަބި ބަސް ދަސްކުރުމުގައި އަހަރެން މަޝްޣޫލުވަމެވެ. އަހަރެންގެ މުދައްރިސަކީ އަހަރެންގެ ބައްޕައެވެ. ބައްޕަ އަހަރެންނަށް ޢަރަބިބަސް ދަސްކޮށްދެއެވެ. އަހަރެން އެބަހުގެ އަކުރުތައް ލިޔަމެވެ. އެބަހުން ވާހަކަ ދައްކާނެ ރާގާއި ވައްޓަފާޅި ދަސްކުރަމެވެ. އެބަހުގެ ޤަވާޢިދުތަކާއި ބެހޭގޮތުން ބައްޕަ އާއި ސުވާލުކުރަމެވެ. އަދި ވުޟޫކުރާނެ ގޮތާއި، ނަމާދާއި،  ރޯދަ އާއި އަދި އިސްލާމްދީނުގެ އެހެންވެސް ރުކުންތައް ދަސްކުރަމުން ގެންދިޔައީމެވެ. އަދި އެސިއްރު ކޮޓަރީގައި ބައްޕަ އާއި އިޤުތިދާވެގެން ހުރެ ނަމާދުކުރަމުން ގެންދިޔައީމެވެ.

ބައްޕަގެ ސިއްރު އަހަރެން ފާޅުކޮށްފާނެކަމުގެ ބިރު ބައްޕައަށް އަބަދުވެސް އޮވެއެވެ. އަހަރެންގެ މަންމަ އަހަރެން އިމްތިޙާނުކުރެއެވެ. އަދި ވަރަށް ގިނައިން ސުވާލުކުރެއެވެ. ދަރިފުޅުގެ ބައްޕަ، ދަރިފުޅަށް ކިޔަވައިދެނީ ކޮންއެއްޗެއް ހެއްޔެވެ؟

އަހަރެން ޖަވާބުގައި ބުނަމެވެ. އެއްވެސް އެއްޗެއް ނޫނެވެ.

މަންމަ ބުނެއެވެ. މަންމައަށް ހުރިހާ ކަމެއް އެނގެއެވެ. މަންމައަށް އެއްވެސް ކަމެއް ސިއްރުކުރުމުގެ ބޭނުމެއްނެތެވެ.

އަހަރެން ބުނަމެވެ. ނޫނެކެވެ. އެއްވެސްކަމެއް ނުވެއެވެ. މަންމައަށް ތިޔަ އުޅެނީ ޝައްކެއްވެގެންނެވެ.

މާގިނަ ދުވަސްތަކެއްނުވެ އަހަރެންނަށް ޢަރަބި ބަސް ދަސްވެއްޖެއެވެ. އަހަރެންނަށް ކީރިތިޤުރުއާން ވިސްނުމާއެކު ތިލާވަތުކުރުމުގެ ތައުފީޤު ލިބިއްޖެއެވެ.

އަހަރެންގެ ބައްޕައަށް އެކުވެރިޔަކު ވެއެވެ. ދީނުގެ އަޚެކެވެ. އެހެން ގޮތަކަށް ބުނާނަމަ އަހަރެންގެ ބޮޑުބޭބެއެވެ. އަހަރަމެން ތިން މީހުން އެއްތަންވެއްޖެނަމަ ނަމާދުކުރަމެވެ. ޤުރުއާންކިޔަވަމެވެ. މިހާރު އަހަރެންނަށް އިސްލާމްދިނާ ބެހޭގޮތުން ވަރަށް ގިނަ މަޢުލޫމާތު އެނގެއެވެ.

ސިއްރު ފުލުހުންގެ މަސައްކަތުގެ ދުވެލިވެސް ބާރުވަމުން ދިޔައެވެ. އެމީހުންގެ މަސައްކަތަކީ ހަމަ އެންމެ ކަމެކެވެ. ފިލަފިލައިގެން ސަލާމަތުން ތިބި ޢަރަބި މުސްލިމުން ހޯދައި އެމީހުންނަށް އަނިޔާކުރުމެވެ. ކޮންމެ ދުވަހަކުވެސް ވިހި ތިރީސް މީހުން ޞަލީބަށް އެރުވުމަކީ އެމީހުންގެ އާދައެކެވެ. ކޮންމެ ދުވަހަކު ދިރިހުއްޓައި އަންދައިލެވެނީ ކިތައް މުސްލިމުންކަމެއް ނޭގެއެވެ. އެތައް ސަތޭކަ މުސްލިމުންނަކަށް ޖަލުތަކުގައި އެންމެ ނުބައިވެގެންވީ އަދަބުތައް ދެވެމުން ދިޔައެވެ. އެމީހުންގެ ނިޔަފަތިތައް އުފުރެއެވެ. ބައެއް ފަހަރު ހޫނު ނުވަތަ ފިނި ފެނަށް ބޯ ގަންބައިގެން ހާސްކުރުވައެވެ. ކެކިކެކި ހުންނަ ހޫނުފެން އެމީހުންގެ ގަޔަށް އޮއްސެއެވެ. އެކަމުގެ ސަބަބުން އެމީހުންގެ ހަށިތައް ފިހެވިގެން ދެއެވެ. އެމީހުންގެ ފައިދަށަށް އަނގުރު އަލިފާން ލައެވެ. އިނގިލިތައް ބުރިކުރުމަށްފަހު އެއިން ކަވާބު ހަދައެވެ. އަދި އެއަށްފަހު ގަދަކަމުން ހަމަ އެމީހުންނަށް އެތަކެތި ކާންދެއެވެ. ގައިގެ މަސްތައް ކެނޑި ލޭތައް ބޮކިޖަހާފައި ނުކުންނަންދެން ޗާބޫކުން ތަޅައެވެ.

އަނިޔާ އާއި ހަރިކަށިކަމުގެ ދުވަސްތައް ދިގުލަމުން ދިޔައެވެ. ދުވަހަކަށް ވުރެ ދުވަހެއް އެކަން ދިޔައީ ވަރުގަދަވެ އިތުރުވަމުންނެވެ. ދުނިޔޭގެ ތާރީޚުން ދުވަހަކުވެސް ނުފެންނާނޭ ފަދަ އަނިޔާވެރިކަމުގެ ވާހަކަތައް އެބައިމީހުން ލިޔަމުން ގެންދިޔައެވެ.

އެއްދުވަހަކު ބައްޕަގެ ކައިރިއަށް އަހަރެން ގެންދިޔުމަށްފަހު ބައްޕަ ބުންޏެވެ. [ދަރިފުޅާއެވެ! ބައްޕަގެ މަރު ގާތްވެއްޖެހެން ބައްޕައަށް އެބަހީވެއެވެ. ސިއްރު ފުލުހުންގެ ނަޒަރު ބައްޕައަށް ސީދާވެއްޖެއެވެ. ބައްޕަގެ އުންމީދަކީ ﷲ ތަޢާލާ، ބައްޕައަށް ސުވަރުގެ ދެއްވުމަށްޓަކައި، އެބައިމީހުންގެ އަތުން ޝަހީދުވެގެން ދިއުމެވެ. ބައްޕަ މިކުރި ހުރިހާ ބުރަ މަސައްކަތެއްގެ މަޤްޞަދަކީ ކޮންމެގޮތަކުން ނަމަވެސް ކުފުރުގެ އަނދިރިކަމުން ދަރިފުޅު ސަލާމަތްކޮށް ސީދާވެންވާ ތެދުމަގުން ދަރިފުޅު ހިންގުމެވެ. އަދި މިބޮޑު އަމާނާތް ދަރިފުޅާ ޙަވާލުކުރުމަށްފަހު ނިމިގެންދިއުމެވެ. ބައްޕައަށް ކަމެއްވެއްޖެނަމަ އަހަރަމެންނާއެކު ނަމާދުގައި ބައިވެރިވާ ދަރިފުޅުގެ ބޮޑުބޭބެގެ ބަސް އަހާށެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ކަޅު އަނދިރި ރެއެއްގައި އަހަރެންގެ ބޮޑުބޭބެ ކުއްލިއަކަށް އައެވެ. އެއީ އަހަރެންގެ ބައްޕަގެ އެކުވެރިޔާއެވެ. އޭނާ، އަހަރެންނަށް އަމުރުކުރީ ގެއިން ނުކުމެގެން އޭނާގެ ފަހަތުން އައުމަށެވެ. ﷲ ތަޢާލާ، އަހަރަމެންނަށް މަދަދުދެއްވިއެވެ. ރަށުން ނުކުތުމުގައި އަހަރަމެންނަށް ކާމިޔާބުވިއެވެ. މުސްލިމުންގެ ޤައުމާ ދިމާއަށް އަހަރަމެން މިސްރާބު ޖެހީމެވެ. އަހަރެން، ބޮޑުބޭބެ އާއި ސުވާލުކުރިމެވެ. އަހަރެންގެ މަންމަ އާއި ބައްޕަ ކޮބައިހެއްޔެވެ؟

އޭނާ އަހަރެންގެ އަތުގައި ބާރަށް ހިފުމަށްފަހު ބުންޏެވެ. އަހަރެންގެ އަމުރަށް ކިޔަމަންވުމަށް ތިބާގެ ބައްޕަ ނުބުނޭހެއްޔެވެ؟

އަހަރެން މަޖްބޫރުވެގެން ހުރެ އޭނާއާ އެކު ހިނގަމުން ދިޔައީމެވެ. އެންމެފަހުން ޣަރުނާޠާ އާއި ވަރަށް ދުރަށް އަހަރަމެންނަށް ދެވިއްޖެއެވެ. ރޭގަނޑުގެ އަނދިރިކަން އަލިކަމަށް ބަދަލުވެ ނުރައްކަލުން އަހަރަމެންނަށް ސަލާމަތްވެވުނު ހިނދު ބޮޑުބޭބެ، އަހަރެންނަށް ބުންޏެވެ. އަހަރެންގެ ދަރިފުޅާއެވެ! ކެތްތެރިވާށެވެ! ﷲ ތަޢާލާ، ސިއްރު ފުލުހުންގެ އަތުން ތިބާގެ މަންމަ އާއި ބައްޕައަށް އަބަދުގެ ބާއްޖަވެރިކަން (ޝަހީދުންގެ ދަރަޖަ) ދެއްވައިފިއެވެ. މިހާރު އެމީހުންނީ ސުވަރުގޭގެ ދަތުރުވެރީންނެވެ.

ދެން އަހަރަމެން ފިލަ ފިލައިގެން އެގޮތް މިގޮތުން މަޣްރިބްގެ އައްސޭރިއަށް ފޭބީމެވެ. (ނިމުނީ)

_______________________________________

ޢިއްޒަތްތެރި ކިޔުންތެރިން! މިކުޑަ ކުއްޖާ އަކީ ކާކުކަން، ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާތޯއެވެ؟ އޭނާ އަކީ އިސްލާމުންގެ ތެރޭގައި އުފެދުނު މަޝްހޫރު މުޞައްނިފެކެވެ. ތާރީޚް އޭނާ ދަންނަނީ މުޙައްމަދު ބުނު ޢަބްދުއްރާފިޢު އަންދަލުސީގެ ނަމުންނެވެ. އޭނާ އަވަހާރަވީ ހިޖްރައިން 1052 ގައެވެ.

އޭނާގެ ފޮތްތަކުން ފައިދާ ޙާޞިލްކުރުމުގެ ހެޔޮ ތައުފީޤު ﷲ ތަޢަލާ، އަޅަމެންނަށް ދެއްވާށިއެވެ!

މުސްލިމުން އަންދަލުސް ނުވަތަ ސްޕޭން ފަތަޙަކުރީ ހިޖްރައިން 92 ވަނަ އަހަރު ޠާރިޤް ބިން ޒިޔާދުގެ ވެރިކަމުގެ ދަށުގައެވެ. އެއަށްފަހު 800 އަހަރު ވާންދެން އެޤައުމުގެ ވެރިކަންކުރިއެވެ. ނަމަވެސް މުސްލިމުންގެ އެތެރޭގެ ހަމަނުޖެހުމާއި ތަޅައިފޮޅުންތަކުގެ ސަބަބުން އެންމެ ފަހުން ސްޕޭންގެ ނަޞާރާއިން އެބައިމީހުންގެ މައްޗަށް ކާމިޔާބު ހޯދިއެވެ. ހިޖުރައިން 636 ވަނަ އަހަރު ޤުރުޠުބާ ނަޞާރާއިންގެ ބާރުގެ ދަށަށް ދިޔައެވެ. އަދި ހިޖުރައިން 897 ވަނަ އަހަރު މުސްލިމުންގެ ބާރުގެ ދަށުގައި އެންމެ ފަހަށް އޮތް ސަރަޙައްދު ޣަރުނާޠާވެސް ދުޝްމަނުން އަތުލައިގަތެވެ. އެއަށްފަހު ސަތޭކަ އެތައް އަހަރެއް ވާންދެން އަންދަލުސްގެ މުސްލިމުން ގެންދިޔައީ ފާދިރީން އިސްކޮށް ތިބި ސިއްރު ފުލުހުންގެ އަތްތަކުން ބޮޑެތި ޢަޒާބުތަކާއި އަނިޔާތައް އުފުލަމުންނެވެ. އެންމެ ފަހުން އަންދަލުސް އިން މުސްލިމުންގެ ވަސްވެސް ފުހެވިގެން ދިޔައެވެ.

______________________

ނޯޓް: މި ވާހަކަ ތަރުޖަމާކުރުމުގައި އަޞްލެއްކަމުގައި ބަލާފައި ވާނީ ޝެއިޚް ޢަބްދުލްމާލިކް މުޖާހިދު ލިޔުއްވާފައިވާ "ސުންހެރޭ ނުޤޫޝް" މި ފޮތެވެ. ތަރުޖަމާ ކުރުމުގައި ކުދިކުދި ބައެއް ބަދަލުތައް ގެނެވިފައި ވާނެއެވެ. – އިނާޒް ޢަދުނާން

ގުޅުންހުރި

4 ޚިޔާލު

  1. މާޝާ ﷲ! ވަރަށް ޢިބްރަތްތެރި ވާހަކައެއް

  2. ވަރަށް އަސަރުކުރި ވާހަކައެއް. މުސްލިމުންގެ ދުޝްމިނުންގެ އަނިޔާވެރިކަން މިވާހަކައިންވެސް އެނގޭ. މިފަދަ ވާހަކަތައް ގިނަގިނައިން ގެނެސްދެއްވުންއެދެން. ތިޔަކުރައްވާ މަސައްކަތަށް ކިރިތި ﷲ ބަރަކާތްްލައްވާށި! އާމީން

  3. މާޝާ ﷲ! ވަރަށް ޢިބްރަތްތެރި ވާހަކައެއް

  4. މާޝާ ﷲ! ވަރަށް ޢިބްރަތްތެރި ވާހަކައެއް…މިފަދަ ވާހަކަތައް ގިނަގިނައިން ގެނެސްދެއްވުންއެދެން. ތިޔަކުރައްވާ މަސައްކަތަށް ﷲ ބަރަކާތްްލައްވާށި! އާމީން!!!

Your email address will not be published. Required fields are marked *

More in ވާހަކަ