ފޮޓޯގައި އެވަނީ މިދިޔަ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު ތުނބުޅި ބާލައިގެން އޮމާންކޮށްފައި ހުރި ރައީސް އޮފީހުގެ ކުރީގެ އަންޑަ ސެކްރެޓަރީ އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގަނިކޮށް ފުލުހުންގޮސް ދަމާ ނެރޭތަނެވެ.
ޚަބަރަކީ ވަކި މީހަކަށް އެކަނި ލިޔަންއެނގޭ އެއްޗެއް ނޫނެވެ. ނުވަތަ ވަކި ނޫހަކަށް އެކަނި ތައްޔާރު ކުރަން އެނގޭ އެއްޗެއްވެސް ނޫނެވެ. މި ފަދަ މިނިވަން "ޑިމޮކްރަސީ" ޒަމާނެއްގައި އެއީ ވަރަށް ފަސޭހައިން ކުރެވިދާނެކަމެކެވެ. ބޭނުންވަނީ ތިމާގެ ލަދު ޙަޔާތް ނެތުމެވެ. ޚަބަރުގެ ގޮތުގައި ސޯޝަލް މީޑިޔާގައި ފެތުރެމުންދާ އެއްވެސް ޙަޤީޤަތެއް ނެތް އެތައް ބައިވަރު ކުނިބުންޏަކީ މިކަމުގެ ހެއްކަކަށް ފުދެއެވެ.
ރައީސް ނަޝީދު އިސްތިއުފާ ދިން ދުވަހު، މާލޭގެ ދާރުލްއާސާރުގައި ބަހައްޓާފައި ހުރި ބުދުތައް ތަޅާލާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ޢާއްމުވުމާއިގުޅިގެން ބައެއް ދުވަހު ނޫސްތަކުގައި އެ ޚަބަރު ގެނެސްދީފައިވާ ގޮތާމެދު ވަރަށް ބޮޑަށް ހައިރާންވެ އަންތަރީސް ވެއްޖައީމެވެ. މާލޭގެ އެންމެ ބޮޑު އެއް ދުވަހު ނޫހުގައި ލިޔެފައިވެއެވެ.
"އެ ޓީވީން ރޭގެ ހަބަރުގައި ދެއްކި މި ވީޑިއޯ އިން ފެންނަނީ ތުނބުޅި ދިގުކޮށް ފައިކުރި އޮޅާފައި ތިބި ތިން މީހަކު ދާރުލްއާސާރުގައި ހުރި ބުދުތަކަށް ގެއްލުންދޭ މަންޒަރެވެ." މިހެންނެވެ. ތިބޭފުޅުން މިކަމާއި ހައިރާން ނުވިޔަސް މިއީ އަޅުގަނޑު ވަރަށް ހައިރާންވި ކަމެކެވެ. އިސްލާމް ދީން ދެކެ ރުޅި އައުމަކީ ތިމާގެ އަތުގައިވާ ގަލަން ތިމާ ބޭނުންވާ ގޮތަށް ތެޅުވުމެއް ނޫނެވެ. އަދި ކީބޯޑުގެ ފިތްތަކުގައި ތިމާ ބެނުންވާ ގޮތަށް އިނގިލި ތެޅުވުމެއްވެސް ނޫނެވެ. ތިމާއަކީ ޒިންމާދާރު ނޫސްވެރިއެއްނަމަ ޚަބަރުތައް ގެނެސްދޭންވާނީ އިންސާފުވެރިކަމާއެކު އެވެ. ތިމާމެން އެކަމަކަށް އީމާންވާ "ކޯޑް އޮފް އެތިކް" ގެ ހަމަތަކުގެ މަތިންނެވެ.
ކުޑަކުދިންނާއެކު ބަދު އަޚްލާޤީ ޢަމަލު ހިންގައިގެން ނޫސްތަކުގައި ޚަބަރެއް ނުޖަހާ ދުވަހެއް މިހާރު މަދެވެ. އެންމެ ފަހުން އިހަކަށް ދުވަހުވެސް ބޮޑުސިންގާ ފިރިހެނަކު 3 އަހަރުގެ ކުއްޖަކާއެކު އެ ޢަމަލެއް ހިންގައިގެން "ޒިންމާދާރު" ނޫސްތަކުގައި އެވާހަކަ ޖަހާފައިވެއެވެ. ނަމަވެސް އެއިން އެއްވެސް ނޫހެއްގައި އޭނާ ހުރިގޮތެއް ނުވަތަ ސިފައެއް ހާމަކޮށްފައެއް ނުވެއެވެ. މިހާތަނަށް ދިވެހިރާއްޖޭގައި ތިޔަ ބުނާ ތުނބުޅި މީހަކު މީހަކު މަރާފައިވޭތޯއެވެ؟ ނުވެއެވެ. ތާރީޚުގައިވެސް ނުވެއެވެ. މުޅީންވެސް އެކަންކޮށްފައިވަނީ ތުނބުޅި ބާލައިގެން ނުވަތަ އެކިގޮތްގޮތަށް ތުނބުޅި ހަދައިގެން ތިބޭ މީހުންނެވެ. ނަމަވެސް އެކަން އެ ޚަބަރުތަކުގައި ފާހަގަ ކޮށްފައިވޭތޯއެވެ؟ މިހާތަނަށް މިފަދަ ލާދީނީ ކަންތަކުގައި އަތުލައިގެންފައިވަނީ މުޅީންވެސް ތުނބުޅި ބާލައިގެން އަންހެން ދުޅާ ވެގެން ތިބޭ ފިރިހެނުންނެވެ. ނަމަވެސް ޚަބަރުތަކުގައި އެމީހުން ތިބީ ތުނބުޅި ބާލާފައޭ، ނުވަތަ އެމީހުންގެ ފައިކުރި ހުރީ ފައި ދަށަށް ވަންނަ ވަރުގައޭ ނުވަތަ ފްރެންޗް ތުނބުޅިއެކޭ، މަތިމަހެކޭ ލިޔެފައެއް ނުހުރެއެވެ. އަދި ބައެއް އޮފީސްތަކަށް ވަގަށް ވަދެ ވައްކަން ކުރަނިކޮށް އެތަނުގައި ހުންނަ ކެމެރާތަކަށް އަރައިގެން އެމީހުންގެ ވީޑިއޯ ނޫސްތަކުން ރިލީސް ކޮށްފައިވާއިރު އެއިން ޚަބަރެއްގައި މި ދަންނަވާހެން، އެމީހުންގެ ގައިގައި ހުންނަ އިސްތަށީގެ ވާހަކައެއް ލިޔެފައެއް ނުހުރެއެވެ. ނަމަވެސް ދާރުލް އާސާރުގައި ހުރި ބުދުތައް ތަޅާލިކަމަށް ބުނާ މީހުންގެ ތުނބުޅި ދިގުކޮށްފައި، ފައިކުރި އޮޅާފައި ތިބި ވާހަކަ ލިޔުމުގެ މަޤްޞަދަކީ ކޮބާކަން ހަމަގައިމުވެސް ވަރަށް ސާފެވެ. އެއީ އެބައިމީހުންގެ ހިތްތަކުގައި އިސްލާމް ދީނަށް އޮންނަ ނަފްރަތެވެ. އެހެން ނޫން ނަމަ މި ދަންނަވާހެން ހުރިހާ ޙާދިސާތަކެއްވެސް މިފަދައިން ލިޔުނީހެވެ. ޒިންމާދާރު ވަކިކޮޅަކަށް ނުޖެހޭ ނޫސްވެރިކަމޭ ކިޔަނީ އެއަށެވެ.
ނަމަވެސް ޗެލެންޖުކޮށްފައި އަދި އެއްވާހަކަ ދަންނަވާލާނަމެވެ. ތުނބުޅި ބަހައްޓާފައިހުރި މީހަކު ކުޑަކުއްޖަކާ އެފަދަ ނުހަމަ ގުޅުމެއް ހިންގައިފިނަމަ އެ ޚަބަރުގައި އޭނާ ތުނބުޅި ލާފައިވާކަމަށް އަންނާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ނަމަވެސް އެފަދަ ލާދީނީ ގޮތްކުޑަ ޢަމަލެއް ﷲ އާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم އަށް ފުރިހަމައަށް އީމާންވާ އެއްވެސް މީހެއްގެ ފަރާތުން ހިނގުމަށް ﷲ މެދުވެރި ނުކުރައްވާށި....
ތުބުޅި ބަހައްޓާފައި ހުރި މީހަކު ކަމެއް ކުރުމުން އޭނާގެ ތުބުޅިއަށް ނިސްބަތްކޮށް ޚަބަރު ހަދާ މީހުން އެފުރައްސާރަކުރަނީ ވަކި ކާކަށްތޯއެވެ؟ ނުވަ އަހަރުގެ އަންހެން ކުއްޖެކޭ ޖާރިޔާއެކޭ ކިޔައިގެން އަނގަ ހުޅުވައިލުމުން އެފުރައްސާރަ ރައްދުވަނީ ކޮން ފަރާތަކަށް ހެއްޔެވެ؟ ފަޓުލޫނުގެ ފައިކުރި ކުރުކޮށްފައި ހުރި މީހެއްގެ ފައިކުރީގެ ވާހަކަ ދެއްކީމަ އެވާހަކަ ރައްދުވަނީ ކޮންބޭކަލަކަށް ތޯއެވެ؟ ޒިންމާދާރު ނޫސްވެރިން ނިކަން ޖަވާބު ދެއްވާށެވެ.
ކުށްވެރިއަކު ދިފާޢު ކުރަނީ ކީނޫނެވެ. ނަމަވެސް ބައެއް ކުށްވެރިންގެ ވާހަކަ ގެނެސްދޭއިރު ތުނބުޅިއާއި ފައިކުރީގެ ސިފަތައް ފަލަސުރުޚީގައި އައުމުގެ ފަހަތުގައިވާ ސިއްރަކީ ކޮބައިކަން ވަރަށް ސާފުކޮށް އެނގެއެވެ.
އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލާ صلى الله عليه وسلم އަކީ ތުބުޅިފުޅުގެ އިސްތަށިބޯ، ދުވަހަކުވެސް ތުނބުޅި ކޮށްޓަވާފައިނުވާ ބޭކަލެކެވެ. އަދި ފޭރާމުގެ ފަސްބައި ތަނބިކަށީގެ މެދަށް ބަހައްޓަވާފައި ހުންނެވި ބޭކަލެކެވެ. އިސްލާމް ދީނަށް ލޯބިކުރާ އެއްވެސް މީހަކު، ތިމަންމެނަކީ މުސްލިމުންނޭ ކިޔާ ފަޚުރުވެރިވާކަމަށް ދަޢުވާކުރާ އެއްވެސް މީހަކު ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم އަށް ނިސްބަތްވާގޮތަށް ނުވަތަ ރައްދުވާ ގޮތަށް ލިޔެހެދުމަކީ އެއީ އިތުރު އެކަލޭގެފާނުދެކެ ވާލޯބި ތޯއެވެ؟
އަޅުގަނޑު އުއްމީދު ކުރަނީ ކުރިއަށް އޮތް ތާނގައި މިފަދަ "ޒިންމާދާރު" ނޫސްތަކުން ޚަބަރުތައް ގެނެސްދޭ އިރު މީގެ ފަހުން "ތުނބުޅި ބާލައިގެން އޮމާންކޮށްގެން ހުރި މީހަކު ކުޑަކުއްޖަކާއި ޖިންސީ ގުޅުން ހިންގައިފި"، ހަމައެކަނި މަތިމަސް ލައިގެން ތިބި 6 ދިވެހިން ނާސިގެއަކުން އަތުލައިގެންފި، ބުރުގާ ނާޅާ އައުރަ ނިވާނުކޮށް ތިބި 9 އަންހެން ކުދިން ކާނިވާ ސްޓޭޖުގެ ފުރަގަހުގައި މަސްތުވެއްޖެ" މިފަދައިން ޚަބަރުތަކުގެ ސުރުޚީތައް ބަދަލު ކުރާނެކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...