ރިޕޯޓް އިންޑިއާ އެވެ! އަހަރެމެންނަށް ﷲ ފުދެއެވެ.

އިންޑިއާ އެވެ! އަހަރެމެންނަށް ﷲ ފުދެއެވެ.

އިންޑިއާ އެވެ! އަހަރެމެންނަށް ﷲ ފުދެއެވެ.

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

 

ބާރުގަދަ ޤައުކުތަކުން ކުދި ޤައުމުތައް އަޅުވެތި ކުރުމުގެ ޘަޤާފަތަކީ ތާރީޚުގެ ތެރެއިން ވަރަށް ފާޅުކަން ބޮޑުކޮށް ފެންނަން އޮތް ޙަޤީޤަތެކެވެ. ރޯމަނުންނާއި ފާރިސީންނާއި ބީޒަންޠީންނާއި އިޣްރީޤުންގެ އެންމެ ގަދަފަދަ ދުވަސްވަރު ބިންތައް ފޭރި އިންސާނުން އަޅުވެތިކޮށް ޤަތުލްޢާއްމު ހިންގާ ގޯތި ގެދޮރުގައި ހުޅު ޖަހާ ރަށްތަކާއި އަވަށްތައް އެކީ އެކައްޗަކަށް ސުންނާފަތި ކޮށްލާފައިވެއެވެ. ހަމަ އެފަދައިން އިސްތިޢުމާރުންގެ އަޅުވެތި ކަމުގެ ވާހަކައަކީވެސް ދައްކާ ކޮޅުންލާނެ ވާހަކަތަކެއް ނޫނެވެ.

1948 ގެ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހު ތާރީޚުގައި ދުނިޔެ ދެކެފައިވާ އިންސާނީ އަނިޔާވެރިކަން ނިމުމަކަށް ގެނެސް އަމާންކަން ޤާއިމު ކުރުމުގެ ނަމުގައި އިންސާނީ ޙައްޤުތަކުގެ ޖަމްޢިއްޔާ ވުޖޫދަށް އައެވެ. އެއީ ދެވަނަ ބޮޑު ހަނގުރާމައިގައި އިންސާނުންގެ ދަރިފަސްކޮޅަށް ކުރިމަތިވި ބިރުވެރި ނާމާން ކަމުން ރައްކާތެރި ކަމަށް ގެނައުމުގެ ނަމުގައެވެ. އަޅުވެތިކަމާއި ލާއިންސާނީ ޢަމަލުތަކަށް ފާރަލާނޭ ބައެއްގެ ނަމުގައެވެ. ބައިލަން އަޤްވާމީ އެހީއާއެކު މިފަދަ ޖަމްޢިއްޔާއެއް ހަރަކާތް ތެރިވާން ފެށުމުން މީހުންނަށް ހީވާން ފެށީ ދުނިޔެއިން އަޅުވެތިކަމާއި އަނިޔާއާއި ރަށްތައް ފަސާދަ ކުރުމާއި ނޭއްގާނީ އެންމެހާ ޢަމަލުތަކަށް ލުއިކަމެއް ލިބުނީ ކަމުގައެވެ.

ނަމަވެސް އެއީ ކުށް ހީއެކެވެ. މިއަދު ޤައުމުތައް އަޅުވެތި ކުރަމުންދަނީ ތަފާތު އެހެން ކުލަތަކެއް ދައްކަމުންނެވެ. އަނދިރި އަނދިރީން ރާއްޖެ ޙުދޫދުގެ ތެރެއަށް ހަތިޔާރާއެކު ވަދެގަތް ގޮތަކަށް ނޫނެވެ. މުޅިން ތަފާތު ގޮތަކަށެވެ. މިސާލެއްގެ ގޮތުން ދަންނަވާ ކަމުގައިވާނަމަ މަސްބާނަން ފިލި ޖަހާ ގޮތަށެވެ. ފިލި ޖަހަމުން މަސް ދަހި ކުރަމުން ދެން ބުޅީގައި އަޅުވާލާ ބީދައިންނެވެ.
އެގޮތުން ރާއްޖެ އިޤްތިސާދީ ގޮތުން ކުރި އެރުވުމުގެ ނަމުގައި އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޖީއެމްއާރުން ވަނީ އެތައް މިލިއަން ޑޮލަރުގެ އިންވެސްޓް މަންޓަކާއެކު ފިލި ޖަހަމުން ޖަހަމުން އައިސް ރާއްޖޭގެ ޙުދޫދުގެ ތެރެއަށް މީހުން ޣާފިލު ނިދީގައި ތިއްބާ ކުއްލިއަކަށް ވަދެފައެވެ. ބޯޑު ބޯޑު ތަކުގެ ރައީސުންނަށްވެސް ކަމެއްވެގެން އުޅޭކަން އިނގެނީ ޓީވީ ހުޅުވާލުމުންނެވެ.

އެއާޕޯޓުގެ ކަންކަމާއި ޙަވާލުވި ފަހުން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ލޯދިއްކޮށް މިތާގައި ތިއްބަވާ ޑިޕްލޮމެޓުންނާއި ސައްލާކޮށް ކުންފެންޏެއްގެ ކިބައިގައި ހުންނަޖެހޭ ސިފަތައް ގެއްލުމުން ރާއްޖޭގައި ތިއްބެވި ކަމަށް ލޯހުޅުވިފައި ތިއްބެވި ބޭފުޅުން މިމީހުންގެ ނުރައްކާތެރިކަން ޢާއްމުންގެ ސަމާލުކަމަށް ގެނައެވެ. އަދި މަޑު މަޑުން މި މީހުންނަކީ ޤައުމުގެ ސަލަމާތަށް ހުރި ނުރައްކަލެއްކަން ހާމަވާން ފެށިއެވެ. އެއީ ދިވެހި ސަރުކާރަށް ވުރެން އަމިއްލަ ޕްރައިވެޓް ކުންފުންޏެއްގެ ނުފޫޒު މިޤައުމުގައި ގަދައެވެ. އަދި މިމީހުންނަކީ ސަރުކާރަށް ވުރެންވެސް ދިވެހި ރައްޔިތުން ދެކެ ލޯބިވާ ބައެއްކަމުގެ ދަޢުވާވެސް ކުރަން ފަށައިފިއެވެ. ތިމަންނަމެން ޙައްޖައްވެސް ގެންގޮސް ދޭނަމެވެ. ދިވެހިންނަށް ކިޔަވާވެސް ދޭނަމެވެ. ފޮތް ފަންސޫރުވެސް ގަނެ ދޭނަމެވެ. ކާން ބޯން ވެސް ދޭނަމެވެ. އާދެ މިއަޑުތަކުންވެސް ހަމަ އެކަނި އަޅުގަނޑުމެންނަށް މިމީހުންގެ ހަޤީޤަތްވަނީ ކަޝްފުވެ ހާމަވެފައެވެ.

ދިވެހި އެތައް ދަރީންނެއްގެ މިންނެތް މަސައްކަތަށްފަހު އެއްކަލަ ކުންފުނި މި ރާއްޖެއިން ބޭރުވާން ޖެހޭކަމުގެ އަމުރު ސަރުކާރުން ނެރުނެވެ. ކުރީގައިވެސް ޤަބޫލު ކުރެވުނު ގޮތަށް މިމީހުންނަކީ ވިޔަފާރިކުރަން އައި ބައެއް ނޫނެވެ. އެފަދަ ބައެއްނަމަ ވެފައިވާ އެއްބަސްވުން އުވާލުމުން އެމީހުން ޙައްޤެއް ގެއްލިފައިވާނަމަ ޤާނޫނީ އިމުގެ ތެރެއިން ހޯދުމަށް މަސައްކަތް ކުރުމަށްފަހު އެނބުރި ދާން ޖެހޭނެއެވެ. މިޤައުމުގައި ތިބެން ގަދަ ދައްކައިގެން ނުވާނެއެވެ. މިއީ މިނިވަން މުސްތަޤިއްލު އިސްލާމީ ދައުލަތެކެވެ. އަހަރެމެންގެވެސް މިނިވަންކަމާއި ކަރާމާތެއް ވެއެވެ. ޤައުމު ކިތަންމެ ކުޑަޔަސް އަހަރެމެންގެވެސް ޢިއްޒަތެއްވެއެވެ. މިއަދު މިކަންކަމަށް މިމީހުންނަށް ފަރުވާލެއްނެތެވެ.

އިންޑިޔާގެ ސަރުކާރުން ތިމަންނަމެންގެ ވިޔަފާރި ޙިމާޔަތް ކުރުމުގެ ނަމުގައި މިމައްސަލައިގެ ތެރެއަށް ވަނީ ތަދައްޚުލު ވެފައެވެ. ދިވެހީން އެ ޤައުމަކަށް ޒަރޫރީ ވަރަށް ގިނަ ކަންކަމުގައި ބޭނުންޖެހިފައިވާ ޤައުމަކަށްވާތީވެ އަމިއްލަ އެދުމުން ފުރި ތަތްތެޅިގެން ތިބި ޙާލުގައި މިޤައުމު އަޅުވެތިކޮށް ބިރު ދެއްކުމުގެ ގޮތުން ދަތި ކުރާނެކަމުގެ ތަފާތު އިންޒާރުތައް އިންޑިއާއިން ގެންދަނީ ދެމުންނެވެ.

އިންޑިއާއެވެ. ތި ޤައުމުގައި އޮރިޔާން ނިވާ ނުވާ ޙާލުގައި ތިބި އެތައް މިލިޔަން މީހުންނާއި ބަނޑަށް ޖެހިފައިތިބި ފަޤީރު ބަސްތީތަކުގައި އެޅެމުންދާ މީހުންނާމެދު އެންމެ ފުރަތަމަ އަޅާލާށެވެ. ތިޔަ އިންޑިއާއެއް ދުވަހަކު ނެތަސް މި ދިވެހިންތިބީ މީގެ ކުރިންވެސް ފުދުންތެރި ކަމާއެކު އެއްކައުވަންތަ ﷲ ގެ ތަނަވަސް ރިޒުޤުގެ ބަރަކާތާއެކުގައެވެ. އަހަރެންމެންނީ ތައުޙީދުގެ އަހުލުވެރިންނީމުއެވެ. ބަނޑަޖެހުމުން ތިޔަ ތަންތާގައި މީހުން އަމިއްލައަށް މަރުވެ ގައިގައި ރޯކޮށް ބަގުވާނަށް އެއްޗެހިކިޔާ ތިމާފަދަ އަނެއް އިންސާނާއަށް އަޅުވެތިވެ އޭނާގެ ފައިގައި ދޫލާ ފަދައިން މި މުސްލިމް ދިވެހިން ކަންތަކެއް ނުކުރާނެއެވެ. އަހަރެމެން ވަކީލު ކުރަނީ މާތް ﷲ އަށެވެ. ވާތްގާއި މަދަދު އެދި ދުޢާކުރަނީ މާތް ﷲ ގެ ޙަޟްރަތުންނެވެ. ތިޔަ ބޮޑު ހިންދު ކަރަ ހެއްދި އިލާހް އަހަރެމެންނަށް ރިޒުޤު ދެއްވުމުގައި ތަނަވަސްވެ ވޮޑިގެން ވެއެވެ. އަދިވެސް އަޑުއަހާށެވެ. އަހަރެމެންނަށް ﷲ ފުދެއެވެ.

الحمدلله على كل حال

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.