ރިޕޯޓް ”ޢިމްރާންގެ ޑިގުއަރާތީ އެކަމާ ޖެލަސްވެގެން“

”ޢިމްރާންގެ ޑިގުއަރާތީ އެކަމާ ޖެލަސްވެގެން“

”ޢިމްރާންގެ ޑިގުއަރާތީ އެކަމާ ޖެލަސްވެގެން“

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ ސިޔާސީ މައިދާނުގައި މިހާރު ޙަރަކާތްތެރިވާ އެންމެ ވަރުގަދަ ޝަޚްޞިއްޔަތަކީ ކޮބައިތޯ އަހައިފިނަމަ ވަރަށް ގިނަ މީހުންގެ ޖަވާބަކަށް ވަނީ އެއީ "ޝައިޚް ޢިމްރާން އަބްދުﷲ" ކަމަށެވެ. ހަމައެއާއެކު ރާއްޖޭގެ ބައެއް ސިޔާސީ ޕާރޓީތަކުން އެންމެ ޖެހިލުންވާ ސިޔާސީ ލީޑަރަކީ ކޮބައިތޯ އަހައިފިނަމަ ގިނަ މީހުންގެ ޖަވާބަކަށް ވާނީވެސް "ޝައިޚް އިމްރާން އަބްދުﷲ" ކަމަށެވެ

ސިޔާސީ މައިދާނަށް ނުކުތްފަހުން މިކަޑައްތުކުރި މަރުޙަލާތަކުގެ ތެރޭގައި ކާމިޔާބު ޝަޚްޞިއްޔަތެއްގެ ގޮތުގައި ޝައިޚް ޢިމްރާން ހިމެނިގެން ދިޔައީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އޭގެ އެންމެ ފުރަތަމަ ސަބަބަކީ ޝައިޚް ޢިމްރާން އަކީ ތަޢުލީމީ ބޭފުޅަކަށް ވުމެވެ. ރާއްޖޭގެ ބައެއް ސިޔާސީ ޕާރޓީތަކުގެ މަތިފަޑީގައި ނުކިޔަވާތިބި ފިލްމުސްޓާރުން ޙަރަކާތްތެރިވަމުން ދާއިރު، ޝައިޚް ޢިމްރާން ހިމެނިވަޑައިގަންނަވާ ޢަދާލަތު ޕާރޓީ ފާހަގަކުރެވިފައިވަނީ އެ ޕާރޓީއެއްގެ ލީޑަރޝިޕްގައި ތަޢުލީމީ މީހުން އެންމެ ގިނަ ޕާރޓީގެ ގޮތުގައެވެ. ރައީސްގެ ގޮތުގައި މެލޭޝިޔާގެ އިސްލާމިކް ޔުނިވަރސިޓީން ކޮންޕެރެޓިވް ލޯއިން މާސްޓަރސް ހައްދަވާފައިވާ ޝައިޚް ޢިމްރާން، ޙަރަކާތްތެރިވާ އިރު ނައިބްރައީސްގެ ގޮތުގައި ޙަރަކާތްތެރިވަނީ މެޑިކަލް ޑޮކްޓަރ، ޑޮކްޓަރ މަޢުރޫފެވެ. އެއީ އިންޑިޔާއިން މެޑިކަލް ސައިންސްގެ ރޮނގުން ކިޔަވާ ވިދާޅުވެފައިވާ ބޭފުޅެކެވެ. އަދި ހަމައެގޮތަށް ސެކްރެޓަރީ ޖެނެރަލްއެއްގެ ގޮތުގައި ޙަރަކާތްތެރިވާ ޑޮކްޓަރ މުޢިއްޒަކީ ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޔޫކޭއިން ޕީއެޗެޑީ ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. ސްޕޯކްސްޕަރސަން ޝެއިޚް ޝަހީމްއަކީ މެލޭޝިއާއިން މާސްޓަރސް ޑިގްރީ ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ޢަދާލަތު ޕާރޓީގެ ކުރީގެ ލީޑަރޝިޕްގައި ޑޮކްޓަރ މަޖީދާއި ޝައިޚް ހުސައިން ރަޝީދު ޙަރަކާތްތެރިވެވަޑައިގެންނެވި އިރު އެޕާރޓީގައި ހުރި ރެނދުތައް، ޢިމްރާނުގައި އައު ލީޑަރޝިޕްގައި ބައްދައި، އާ ހިތްވަރަކާއެކު ވަނީ ޕާރޓީކޮޅަށް ނަގާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އެމްޑީޕީ ފަހަތުން ގޮސް ވީއްލެން ނޭނގުނު ދެބޭފުޅުން ޕާރޓީން ވަކިވެވަޑައިގެންނެވިޔަސް، މިހާރު ޢަދާލަތު ޕާރޓީ އަންނަނީ ވަރުގަދަ ވަމުންނެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާއި އެމްޑީޕީގެ ބޮޑުން އެންމެ ޖެހިލުންވަނީ ޝެއިޚް ޢިމްރާންދެކެއެވެ. އެމްޑީޕީ މީހުން މައުމޫނުދެކެ އަންނަ ރުޅިއަށްވުރެ ގަދަ ރުޅި ޢިމްރާންދެކެ މިހާރު އާދެއެވެ. އޭގެ ސަބަބު ވަރަށް ސާފެވެ. އެމްޑީޕީން މި ޤައުމުގައި ފަތުރަން ބޭނުންވާ ސަގާފަތަށް އެންމެބޮޑަށް ހުރަސްއަޅާ ފާޑުކިޔާ ކެރިގެން ބަސްބުނަނީ ޝެއިޚް ޢިމްރާންކަމުގައި ވާތީ، އަދި މިހާރު ޝެއިޚް ޢިމްރާނުގެ ސިޔާސީ ސަޕޯރޓަރުންގެ ޢަދަދު އެތައް ގުނަޔަކަށް އިތުރުވެފައިވާތީ، ޝެއިޚް ޢިމްރާން ވެރިކަމަށް ކުރިމަތިލާފާނެ ކަމުގެ ބިރު ހީވަނީއެވެ.

އޭރުން އެވެރިން އެދި އެދި ތިބި މިނިވަންކަމެއް، ރަލުގެ މިނިވަންކަމާއި، ނާސިގެތަކުގެ މިނިވަންކަމާއި، ބޯންޖެހިފައިތިބި މީހުންނަށް ދެވޭ ބޯންދިނުންތަކާއި، ޑީލްހަދާފައި މިލިޔަން ޑޮލަރު ޖީބަށް ލާފައި ޤައުމުގެ ގުނަވަންތައް ވިއްކޭކަށް ނޯންނާނެއެވެ. އޭރުން ޢަރަބި ތަޢުލީމު އުވާލާފައި، ދިވެހި އިސްލާމް އިޚްތިޔާރީ ކޮށްފައި، ހުރިހާ ރަށެއްގައި ރާވިއްކާފައި، ޔަހޫދީން ބޭނުންވާގޮތަށް މުޤައްރަރުގައި ހޮލޯކާސްޓް ކިޔަވާދީފައި، ހިތަށް އެރި ބަޔަކަށް ފަޅުރައްތައް ދީފައި، ދީނުގެ ޙުކުމްތަކަށް ފުރައްސާރަކޮށްފައި، ތިލަފުށި ހިއްކަން ޕާރޓީ މީހާއަށް ދީ ކަންތައްތަކެއް ނުކުރެވޭނެއެވެ.

އެހެންވީމާ ރާއްޖެއިން ބޭރަށް ގޮސްވެސް، ޝެއިޚް ޢިމްރާނޭ، ޢަދާލަތު ޕާރޓީއޭ ހައްދުފަހަނަ އެޅީއޭ ލަޝްކަރޭ ތައިބާއޭ ކިޔައިގެން ދޮގު ހަދައިގެން ނަމަވެސް ޝެއިޚް ޢިމްރާނަކީ ނުރައްކާތެރި ޓެރަރިސްޓަކަށް ހަދައި ދުއްތުރާކޮށް، ޝެއިޚް ޢިމްރާންގެ ސިޔާސީ ޙަޔާތް ބަރުބާދުކޮށްލަން މަސައްކަތް އެބަކުރެއެވެ.

މިހާރު މުޙައްމަދު ނަޝީދު ދައްކާ ވާހަކައަށްވުރެ ޝެއިޚް ޢިމްރާން ދައްކާ ވާހަކަ އަޑުއަހާ މީހުން ގިނަވެއްޖެއެވެ. މުޙައްމަދު ނަޝީދާ ޝެއިޚް ޢިމްރާނާ ދެމީހުން ކުރެ ތެދުވެރިއަކީ، އަދި ސީދާބަހުން ވާހަކަ ދައްކަނީ ކާކު ކަން އެންމެނަށް އެނގިއްޖެއެވެ. އަދި ޝެއިޚް ޢިމްރާންގެ ޢަޒުމް ވަރުގަދަ ކަމާއި، ފުރައްސާރަ ކުރުންތަކުގެ ކުރިމަތީގައި ދޫ ނުދެއްވާކަމާއި، ޝަޚްޞިއްޔަތުގެ ވަރުގަދަކަމާއި ލީޑަރޝިޕް ހުރިވަރު ރައްޔިތުން ލޮލުންދެކެ އަތުން ހިފަން ފަށައިފިއެވެ. މުޙައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް ދިން ފަސް ދުވަހުގެ މުހުލަތުގެ ތެރޭގައި ވެރިކަންވެސް މުލުން ލުހެލައިގެން ދިޔައީއެވެ. ޖީއެމްއާރު ބޭރުކުރަން ދިން މަސްދުވަހުގެ މުހުލަތުގެ ތެރޭގައި ޖީއެމްއާރުވެސް ފުނޑުފުނޑުވެގެން ދިޔައީއެވެ.

ޝެއިޚް ޢިމްރާން ވަރަށް ގާތުން ދަންނަ މީހެއްގެ ހައިސިއްޔަތުން ޝެއިޚް ޢިމްރާންގެ ކާމިޔާބީގެ ސިއްރެއް ކިޔުންތެރިންނާ ހިއްސާކޮށްލާނަމެވެ. ޝެއިޚް ޢިމްރާން ނަންގަވާ އެއްވެސް ޑިޝިޝަނެއް އިސްތިޚާރާ ނަމާދުކުރުމަށްފަހުގައި މެނުވީ ނުނަންގަވައެވެ. ފަސްނަމާދު ބަރާބަރަށް ކުރައްވައެވެ. މިސްކިތައް ޙާޟިރުވާ މުސްކުޅިންނާއި ޒުވާނުންގެ ލޯބި ހޯއްދަވާފައިވެއެވެ. ޝެއިޚް ޢިމްރާންގެ ކާމިޔާބީ އަދި އޮތީ ކުރިއަށް ކަމަށް ޤަބޫލުކުރާމީހުން މަދެއް ނޫނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.