ރިޕޯޓް "ރާމާ" ފުށް ގަންނާނެއްބާ!!!

"ރާމާ" ފުށް ގަންނާނެއްބާ!!!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިބްން ނޫހް

ތިޔަބޭފުޅުން "ހޮޓް ޑޯގެއް" ނުވަތަ ހޫނު ކުއްތާއެއް ފަރީއްކުޅުވިންތޯއެވެ؟ ނޫނީ "ހެމް ބަގަރ" އެއް ނޫނީ އޫރުމަސް ބަނަހެއް ފަރީއްކުޅުވިންތޯއެވެ؟ ނޫނީ "ނޮން އަލްކަހޯލިކް ބިޔަރ" ނުވަތަ އަލްކަހޯލު ހިމެނިފައިނުވާ ބިޔަރު ބެއްލެވިންތޯއެވެ؟ މިއީ ހައްތަހާވެސް އިސްލާމް ދީނުގައި ނަހީކުރެއްވިގެންވާ ކޮންމެވެސް ބާވަތަކާއި ގުޅުވައިގެން ކާބޯތަކެއްޗަށް ދެވިފައިވާ ނަންނަމެވެ. ސުވާލަކީ މިތަކެއްޗަށް އިސްލާމް ދީނުގައި ޙަރާމް ކުރައްވާފައިވާ ކޮންމެވެސް ނަމެއް ކިޔުމުގެ ބޭނުމެއް އެބައޮތްބާއެވެ؟

މިއީ މާބޮޑު ކަމެއްކަމުގައި އެއްވެސް މީހަކު ދެކެފައިވާ ކަމެއް ނޫނެވެ. އަދި މިފަދަ ކަމަކާމެދު ވިސްނާލައިފި މީހަކަށް މިފަދަ އެތައް ބައިވަރު މަންޒަރުތަކެއް އަޅުގަނޑުމެންގެ މުޖްތަމަޢުގެ ތެރެއިން ފެންނާން ހުންނާނެވެ.

ދާދި ފަހުން މާފަންނުކޮޅުގައި ހުންނަ ވިޔަފާރި މާޓަކަށް އަޅުގަނޑު ވަނީމެވެ. އެތަނުން އަޅުގަނޑުގެ ލޮލުގައި އަޅައިގަތީ ހިންދޫން އަޅުކަންކުރަމުންގެންދާ "ރާމާ" ކަލާނގެ ފޮޓޯއެއް ޖަހާފައިވާ ފުށް ޕެކެޓެއްގައެވެ. އަޅުގަނޑަށް ހީވީ މިވަދެވުނީ އިންޑިޔާގެ "ކަޑައަކަށް" ހެންނެވެ. އެ ބުރޭންޑުގެ ބައިވަރު ޕެކެޓްތައް ދިމާލަށް ފިހާއިރައިގެ ހަރުގަނޑުގައި ޖަހާފައި ހުއްޓެވެ. ދަންނަވަންތޯއެވެ. އެ ޕެކެޓުގައިވާ ފުށަކީ ޙަރާމް އެއްޗެކޭ އަޅުގަނޑު ނުދަންނަވަމެވެ. ނަމަވެސް ބުދު ދީނުގެ އެންމެ ބޮޑު ޝިޢާރު ފާޅުކޮށްފައިވާ މި ޕެކެޓު އެއިންގޮތަށް ވިއްކުން މި މުސްލިމް ރާއްޖޭގެ ޤާނޫނު ބުނާގޮތުންވެސް މަނާވާނެއެވެ.

މިފަދަ ތަޢުލީމީ ޒަމާނެއްކަމަށް ދަޢުވާކުރަމުންދާ 2010 ވަނަ އަހަރު، މިތަރައްޤީވެފައިވާ ދިވެހިރާއްޖޭގެ ވެރިރަށް ކަމުގައިވާ، ފުރަމާލޭގެ ފިހާރަޔަކުން ދިވެހި މުސްލިމުން، އެމީހުންގެ އަނބިދަރީންނަށް ކާންދޭން ގަންނަ އެކިއެކި ބާވަތްތަކުގައި ހުންނަ މަންޒަރުތަކަކީ އިސްލާމުންނާ އެކަށީގެންނުވާ މަންޒަތުތަކަށް ވީހިނދު، އެއީ ކޮން އެއްޗެއްކަން ތިމަންމެންނަށް ނޭނގިގެންނޭ ކިޔާފައި ކުރާނޭ ދަޢުވާއެއް އެބައޮތްތޯއެވެ؟
ބަޔަކު މީހުން، މިކަން މާ ބޮޑު ކަމެއްގެ ގޮތުގައި ނުދެކުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ނަމަވެސް ދަންނަވަން އޮތީ، މިކަމުގެ ބިރުވެރިކަން އެއީ ޙަޤީޤަތާއިމެދު ވިސްނާލައްވައިފި ބޭފުޅަކަށް އޮޅޭނޭ ކަމެއް ނޫނެވެ. ޙަލާލު ޙަރާމް ވަކިކޮށް ބަލާ ބަޔަކު މަދުވެފައިވާ މިޒަމާނުގައި ޙަޤީޤީ މުސްލިމަކު ތިމާގެ ދިރިއުޅުމުގެ އެކި ދާއިރާތަކުގައި، އެއީ ލާ ހެދުމެއްކަމުގައިވިޔަސް، ނުވަތަ މަސައްކަތްކުރަން ބޭނުންކުރާ އާލާތެއްވިޔަސް ނުވަތަ ތިމާ ކައިބޮއެ އުޅޭ ކާނާގެ ބާވަތެއްވިޔަސް، އެއްވެސް ޙަރާމް އެއްޗެއްގެ ކުލައާއި ވަހާއި ނަންވެސް ބޭނުން ކުރުމުން އެއްކިބާ ވާންޖެހެއެވެ.

އަޅުގަނޑުމެންގެ ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމު ރާއްޖެއެކެވެ. އެހެންވެއްޖެކަމުގައިވަނީނަމަ، އަޅުގަނޑުމެންގެ މުޅި ދިރިއުޅުން ބިނާވެފައިވާންޖެހެނީ ދީނުގެ މިންގަނޑުގެ ތެރެއިންނެވެ. ވިޔަފާރިތަކާއި އެހެނިހެން މުޢާމަލާތްތައްވެސް ހުންނަން ޖެހޭނީ އިސްލާމްދީނުގެ މިންގަނޑުގެ ތެރޭގައެވެ. އަދި ވަކީން ޚާއްޞަކޮށް ފާޅުކަން ބޮޑުގޮތެއްގައި ސީދާ ޞަރީޙަ ޢިބާރާތުން، ކީރިތިވަންތަ ﷲ ނަހީކުރައްވާފައިވާ ތަކެއްޗާއި ކަންތައްތައް އެއީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި ބޭނުންކުރެވޭ އެއްޗެތިކަމުގައި ވެގެން ނުވާނެއެވެ.

ހިތާމަކުރަންޖެހޭކަމަކީ މުސްލިމުންކަމަށް އަޅުގަނޑުމެން މިކުރާ ދަޢުވާގެ ތެދުކަމާއިމެދު ސުވާލު އުފެދޭތީއެވެ. އަޅުގަނޑުމެންގެ ވިޔަފާރިތަކުގައި ބޭނުންކުރާ މުދާތަކުގައި އެހެނިހެންދީންތަކުގެ ޝިޢާރުތައް ފާޅުކޮށްފައިވާއިރުވެސް، އެއްވެސް ފަރުވާލެއް ނެތި، އެ ތަކެތި ވިއްކަމުންދާތީއެވެ. ޙަރާމެއް ޙަލާލެއް ބަލާނުލާ ބައެއް މުދާ ވިއްކަމުންދާތީއެވެ.

ކުރިއަތް އޮތް މޫސާމާ ވިއްދައިގެން ދަންނަވަމެވެ. "ސޮފްޓް ޓޯއިސް"ގެ ގޮތުގައި އާއި "ގިފްޓްސް"ގެ ގޮތުގައި ޣައިރު ދީންތަކުގެ އިލާހުންނާއި، މާތް ﷲ އާއި ޝިރުކުރެވޭ އަޅުކަންކުރާ ބުދުތައް، ދިވެހިންނަށް ވިއްކުމަށް ހަދިޔާގެ ގޮތުގައި ފިހާރަތުގައި ހުރެއެވެ. މިކަމާމެދު ވިސްނާލައްވާށެވެ. އަދި އަޅުގަނޑުމެންގެ މިޤައުމު ޝިރުކުން ޠާހިރުކުރުމަށް އެންމެން އެކަތިގަނޑަކަށް ވަމާ ހިގާށެވެ.

މަސްދަރު: ރާއްޖެއިސްލާމް

ޓެގް

ލާދީނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.