ރިޕޯޓް މަރަށް މަރު ހިފުމާއި މެދު ދިވެހި ޢިލްމުވެރިންގެ ރައުޔު

މަރަށް މަރު ހިފުމާއި މެދު ދިވެހި ޢިލްމުވެރިންގެ ރައުޔު

މަރަށް މަރު ހިފުމާއި މެދު ދިވެހި ޢިލްމުވެރިންގެ ރައުޔު

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

'މަރަށް މަރު' ހިފުން މިއީ އަޅުގަނޑުމެންގެ ތެރެއިން މިހާރު ވަރަށް ފުޅާ ގޮތެއްގައި ދެކެވެމުން އަންނަ މުހިންމު މައުޟޫއެކެވެ. އެމީހަކު ހިތުހުރި ގޮތަކަށް މިމައުޟޫއަށް ވާހަކަ ދައްކަމުންދަނީ އެހާލަތަކާއި ގުޅޭ ގޮތަކަށެވެ. 'މަރަށް މަރު' ހިފުމާއި މެދު ރާއްޖޭގެ އިލްމުވެރިންގެ ރައުޔު މިކަމުގައި އޮތް ގޮތް އޮޅުން ފިލުވުމަކީ މިފަދަ ދުވަސްވަރެއްގައި މުހިންމު ކަމެއްކަން ޔަގީނެވެ.

މަރަށް މަރު ހިފުން ނުވަތަ ޤިސާސް އާއި މެދު އުފެދިފައިވާ ބަހުސްތަކަށް އިޝާރާތް ކުރައްވާ މިދިޔަ ރަމަޟާން މަހުތެރޭގައި ވަނީ ރާއްޖޭގެ ގިނަ ޝެއިޚުން ވާހަކަ ދައްކަވާފައެވެ، އެގޮތުން ރަމަޟާން މަހު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމުކޮށްގެން އިސްލާމީ މަރުކަޒުގައި ބޭއްވި ދަރުސްއެއްގައި އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވެފައިވަނީ " މިޙުކުމް ކަނޑައަޅަންޖެހޭ އުސޫލްތަކުން ކަނޑަ ނާޅާހާ ހިނދަކު، އިތުރުގޮތަކަށް އަޅުގަނޑުމެން އޭގެ މަގު ލިބޭނޭކަމަށް ޤަބޫލު ކުރުމަކީ ﷲ ސުބްހާނަޙޫ ވަޠައާލާގެ ވަޙީބަސްފުޅު ދޮގުކުރުން. އަދި އެއީ ދިރުން ނޫންކަމަށް ދެކުމަކީ ﷲގެ ވަޙީއާއި އިންކާރުކުރުން. ﷲގެ ވަޙީ ނުވާނެ ދޮގެއް. މަރަށް މަރު ހިފުމަކީ ދިރުމެއްވާކަމެއް. އެނޫންގޮތެއް އިންސާނާގެ ފުރާނަ ޙިމާޔަތްވާން ނޯންނާނެ” ކަމަށެވެ.

މިދިޔަ ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމުކޮށްގެން ބޭއްވި އިޙްޔާ ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އައްޝައިޚް ޢަބްދުލް ޢަޒީޒު ޙުސައިން ވެސް ވަނީ މައުލޫއަށް ވާހަކަ ދައްކަވާފައެވެ. ޝެއިޚް އަޒީޒް ގެ ވާހަކާގައި ވިދާޅުވެފައިވަނީ އިސްލާމް ދީނުގައި ކޮންމެ އިންސާނަކަށް ވެސް ދިރިހުރުމުގެ ޙައްޤު ލިބިދީފައިވާ ކަމަށާއި ޙައްޤަކާއި ނުލާ މީހެއްގެ ފުރާނަ ހިފުމަކީ އިސްލާމް ދީނުގައި ޙަރާމް ކަމެއް ކަމަށާއި رسول الله صلي الله عليه وسلم ގެ ޙަދީޘްގައި ވަނީ ހައްޤަކާއި ނުލައި މީހަކު މެރުމަށް ކަނޑި އުފުލައިފި މީހަކީ ތިމަން ރަސޫލާގެ އުންމަތުގެ ތެރެއިންވާ މީހަކު ނޫންކަމަށަށެވެ. އަދި ޤިޞާސް ހިފުމަކީ އިންސާނުގެ ދިރިހުރުމުގެ ޙައްޤު ޙިމާޔާތް ކުރުމަށް އިސްލާމް ދީނުގައި ފަރުޟުކުރައްވާފައިވާ ކަމެއް ކަމަށާއި ޣައިރު މުސްލިމުންވެސް މަރަށް މަރު ހިފާކަމަށާއި އެއީ އެމީހުންނަށް އެކަން ޤަބޫލުކުރެވޭތީ ކަމަށް ޝައިޚް ޢަޒީޒު ވިދާޅުވިއެވެ.

ދުވަހު ނޫސް ‘މިއަދު’ އަށް ދެއްވާފައިވާ ބަސްދީގަތުމެއްގައި ޢަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުފައިވަނީ "ކަންކަން އޮތީ މިހެންކަމަށްވާއިރު ކީރިތި ޤްރުއާނުގައި ﷲ ބަޔާންކުރައްވާފައިވާ ޙުކުމްފުޅެއް، ޒަމާނީ ކުރަން ބުނުމަކީ ބުއްދި ސަލާމަތުން ހުރި މީހަކު ކުރާނެ ކަމެއް ނޫން. ކީރިތި ޤްރްއާން ބާވައިލެއްވުނީ އެންމެހައި ޒަމާންތަކަށް. ވީމާ ކީރިތި ޤްރުއާނަކު ޒަމާނީކުރަންޖެހޭ އެއްވެސް ކަމެއް ނެތް.” ކަމަށެވެ. ދާދިފަހުން މަރާލި ފުލުސް މީހާ މަރުވި ރޭ ޝެއިޚް އިމްރާން އަބްދުﷲ ވިޓީވީ އަށް ވ ފޯނުން ދެއްވި ބަސްދީގަތުމުގައި ވިދާޅުވީ “މިއީ ވަރަށް ބިރުވެރި މައްސަލައެއް."ކަމަށާއި "އަޅުގަނޑުމެން އަހުލާގު ނެތިގެން ގޮސް މީހުންގެ ފުރާނައަކީ ބުރަދަނެއް ނެތް އެއްޗަކަށް ވެގެން މިދަނީ. މިކަން ކަން ހުއްޓުވޭނީ މަރަށް މަރުހިފައިގެން.” ކަމަށެވެ.

ޖަމިއްޔަތު ސަލަފްގެ ރައީސް އެޖަމިއްޔާގެ ވެބްސައިޓްގައި މިއަހަރު ޖުލައި މަހު ވިދާޅުފައިވަނީ “މަރަށް މަރުހިފުމުގެ ޙުކުމަކީ އޯގާވަންތަ ޙަކީމްވަންތަ ރައްބުލްޢާލަމީން 7 އުޑުގެ މަތީން ބާވާލައްވާފައިވާ ޙުކުމެއް. ﷲ އާއި އާޚިރަތްދުވަހަށް އީމާންވާ އެއްވެސްމީހަކު މިކަމާ އިންކާރެއް ނުކުރާނެ، އަދި ނުރުހުންވެސް ފާޅެއް ނުކުރާނެ. އީމާންކަމުގެ ޛައްރެއްގެ މިންވަރު ހިތުގައި ހުރިމީހަކުވެސް ﷲ ގެ ޙުކުމްފުޅުތަކަށް އިޢުތިރާޟެއް ނުކުރާނެ”ކަމަށެވެ. އަދި މީގެ އިތުރުން އެޖަމިއްޔާގެ ނައިބް ރައީސް ވިދާޅުވެފައިވަނީ “މަރަށް މަރު ހިފުމަކީ ކީރިތި ޤުރްއާނުން ސީދާ ޞަރީޙަ ޢިބާރާތުން މާތް ﷲ މީސްތަކުންނަށް ފަރުޟު ކުރައްވާފައިވާ ކަމެއް، މަރަށްމަރު ހިފުމަށް ނުފެނެޔޭ ބުނެ އެކަމާ ދެކޮޅު ހެދުމަކީ މުރުތައްދުވާނެކަމެއް، ކަޑައެޅިގެން ކީރިތި ޤުރްއާނުގައި ޘާބިތުވެފައިވާ ޙުކުމަކާ އިދިކޮޅު ހަދާ މީހަކު އެވާހަކަތަކުން އެއްކިބާވުމަށް ފަހުން އެހެންވާހަކަތަކެއް ދެއްކުމުގެ މާނައެއް ނެތް”ކަމަށެވެ.

ދިއިސްލާމްއަށް 9 ޖުލައި 2012 ގައި ޝެއިޚް އިލްޔާސް ހުސެއިން ދެއްވާފައިވާ ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ "ޙައްޤަކާއި ނުލައި މީހުން މަރާ މީހުންނަށް މަރަށް މަރު ހިފުމަކީ އިންސާނީ ޙައްޤުތަކާއި ޚިލާފްކަމެއް ނޫން"ކަމަށާއި "އެއީ އިސްލާމް ދީނުގެ ޙުކުމެއް ކަމަށާއި ހުރިހާ ޝަރުތުތަކެއް ހަމަވާނަމަ މަރަށް މަރު ހިފަންޖެހޭނެ"ކަމަށެވެ. އަދި “ޙައްޤަކާއި ނުލައި މީހުން މަރާ މީހުންގެ މައްޗަށް މަރުގެ ޙުކުމް އިއްވުމަކީ އިސްލާމް ދީނުގެ ޙުކުމް ކަމަށާއި އެއްވެސް މީހަކަށް އެޙުކުމް ބަދަލު ނުކުރެވޭނެ” ކަމަށެވެ.

“އިސްލާމީ ދިރިއުޅުން” ޕްރޮގްރާމްގައި މިއަހަރު ޖުލައި މަހު ކުރީ ކޮޅު ވިދާޅުފައިވަނީ މަރަށް މަރު ހިފުމުގެ ޙުކުމް ތަންފީޛު ނުކުރާ ނަމަ، އެމީހަކު އިސްލާމް ދީނުން ބޭރު ވެދާނެކަމަށެވެ. ބެލުންތެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެ ޝެއިޚް އަލީ ޒާހިރު ވިދާޅުވީ "ޙައްޤަކާ ނުލާ މީހަކު މަރާ ލުމަކީ ބޮޑު ފާފައެއް ކަމަށާއި ޤިޞާސް (މަރަށް މަރު) ހިފުން ފަރުޟު ކުރެއްވީ މީސްތަކުންގެ ފުރާނަ ރައްކާތެރި ކުރުމުގެ ބޭނުމުގައި ކަމަށާއި އެކަން ތަންފީޛު ކުރުމަކީ ވަރަށް މުހިއްމު ކަމެއް" ކަމުގައެވެ. އަދި "މިކަމާ ދެކޮޅަށް އުޅޭ ފަރާތްތަކީ ފާފަވެރި ވާނެ ބަޔެއް ކަމަށާއި އަދި އެމީހަކު އެޙުކުމާއި ދެކޭ ގޮތުން އިސްލާމު ދީނުން ބޭރުވެދާނެކަމަށް"ވެސް ޝައިޚް ޢަލީ ޒާހިރު ބިން ޤާސިމް ވިދާޅުވިއެވެ.

މައްސަލައަކީ މިހާ ސީރިއަސް މައްސަލައަކަށްވާއިރު އަޅުގަނޑުމެންގެ މުޖުތަމައުގެ ފުރާނަ ރައްކާތެރިކުރުމަށް މިފިޔަވަޅު އަޅަންވެއްޖެއެވެ. މިކަމާއި މެދު އާންމުން ހޭލުންތެރިކުރުވާ މިހައްލު 'ޓެސްޓު'ކުރުމުގެ ވަގުތު މިވަނީ އަޅުގަނޑުމެންނާއި ބައްދަލުކޮށްފައެވެ. ވަގުތުގެ ބޭނުން ހިފާ މީހުންނަކީ ބުއްދިވެރިންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.