އަޅުގަނޑުމެން އިންސާނުން ދުނިޔެއަށް ފޮނުއްވަފައިވަނީ މާތްﷲއަށް އަޅުކަންކުރުމަށެވެ. އަދި ދުނިޔެ ތަޢުމީރު ކޮށްގެން އެކަލާނގެއަށް އަޅުވެތިވެ އުޅޭޙާލު ބިމުގައި ދިރިއުޅުމަށެވެ. އަޅުގަނޑުމެންނީ މިބިމުގައި އެކަލާނގެ ލައްވާފައިވާ ޚަލީފާއިން ތަކެކެވެ. އެކަލާނގެ އަންގަވާގޮތަށް މިބިމުގައި ކަންތައްތައް ރާވާ ހިންގަން ތިބި އެކަލާނގެ އަޅުންތަކެކެވެ.
އާދޭހެވެ! މިފަދަ ގޮތަކަށް މިބިންމަތީގައި މެހުމާނުންގެ ގޮތުގައި ދިރިއުޅުމަށް އަޅުގަނޑުމެންނަށް ފުރުޞަތު ލިބިފައިވީ ހިނދު، އަޅުގަނޑުމެން އެންމެ ފުރިހަމަ ގޮތުގައި މިކަން މެދުވެރިކޮށް ފަހިކޮށް ދެއްވި ޚާލިޤުވަންތަ މާތް ﷲއަށް އަޅުވެތިވާން އެބަ ޖެހެއެވެ. އަދި އެންމެ ފުރިހަމަ ގޮތުގައި މިބިމުގައި ޚަލީފާކަން އަދާކުރަން އެބަޖެހެއެވެ. މިގޮތުން ޢިލްމާއި ޙިލްމުގެ ތަންދޮރު ފިލައިގެންނޫނީ އަޅުގަނޑުމެންނާ ހަވާލުވެފައިވާ މަސްޢޫލިއްޔަތު އަދައެއް ނުކުރެވޭނެކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ. މާތްﷲއަށް ފުރިހަމައަށް އަޅުވެތިވެވޭނީ އަޅުގަނޑުމެންގެ އަޚްލާޤާއި ސުލޫކު ދީނުގެ ތަރަހައަށް ފައްތައިގެންނެވެ.
މިގޮތުން ދީނުގެ ޢިލްމަކީ އެއާއި ނުލައި އަޅުގަނޑުމެންގެ ތަޢުލިމީ މުންނާރު ބިނާ ނުކުރެވޭނެފަދަ މުހިއްމު އަދި ބޭނުންތެރި ޢިލްމެކެވެ. ނަމަވެސް ހިތާމައަކީ މިއަދު އަޅުގަނޑުމެންގެ ތެރެއަށް ފާވެގަނެގެން އުޅޭ ހުޅަނގުގެ ނާތަޙްޒީބީ ގޮތްގަނޑުގެ ވަކިތައް ދިވެހިންގެ ކިބައިގައި ހިފައިފައިވާކަމެވެ. ތާކުންތާކުނުޖެހޭ އެއްވެސް ޚަޤީޤަތެއްނެތް ފުލޯކުު ވާހަކަތަކަށް ދިވެހިން ތަބާވާކަމެވެ. އަޅުގަނޑުމެންގެ ތެރެއިން އަޤީދާބަލިކަށި ހިތްތަކަށްވަނީ ހުޅަނގުގެ މި ނާތަހްޒީބުގެ އަސަރު ފޯރާފައެވެ. މިއީ ފަހަރެއްގައި ވެސް އެމީހުންގެ ތެރޭގައި އޮތް ކުރިއެރުމާއި ތަރައްޤީއާ އަޅުގަނޑު ދެކޮޅުހަދާ ވާހަކައެއް ނޫނެވެ. އެމީހުން ހޯދާފައިވާ މާއްދީ ޢިލްމުތަކާ އަޅުގަނޑު އިންކާރު ކުރާ ވާހަކަ އެއްވެސް ނޫނެވެ. ޢިލްމާއި ކުރިއެރުމަކީ އެބައެއްގެ ތެރޭގައި އޮންނަ އުސޫލާއި ސުލޫކު ފުނޑުފުނޑުކޮށް ލުމެއް ނޫނެވެ.
ކޮންމެއަކަސް އަޅުގަނޑުމެން މުސްލިމުންގެ ތަޢުލީމާއި ތަރުބިޔަތަށް ހުޅަނގުގެ ހިޔަނި ވަނީ އެޅިފައެވެ. އެމީހުން ޒަމާނުއްސުރެ ހިންގަމުން އަންނަ "އެންޓިމުސްލިމް މަޝްރޫޢު" (ފިކުރީ ހަނގުރާމަ) އަންނަނީ އެއްދުވަހުން އަނެއް ދުވަހަށް ފުޅާކުރަމުންނެވެ.
އަޅުގަނޑުމެންނަށް ލިބިފައިވާ ވަޞީލަތްތަކަށާއި އުފެއްދުންތަކަށް ފަރުވާލެއް ނުބަހައްޓާ އުޅުމުގެ ސަބަބުން މިއަދު ޣައިރުމުސްލިމުން އެދަނީ އެކަންތައްތަކުންނާއި އަޅުގަނޑުމެންގެ އެކިއެކި މުހުތާދުތަކުން ފައިދާހޯދަމުންނެވެ. މިއަދު މުޅި އިސްލާމީ ދުނިޔެ މިވަނީ މާއްދީ ދަހިވެތިކަމުގެ މަޅީގައި ޖެހި ބެދިފައެވެ. މާއްދިއްޔަތުން ދަޅަދައްކައިގެން އަޅުގަނޑުމެންގެ ތަޢުލީމުގެ އަސްލު ނިގުޅައިގެންފިއެވެ. ތަރައްޤީގެ ވަޞީލަތްތައް ފޯރުކޮށްދީގެން ދަރިންގެ ތަރުބިޔަތު ޚަރާބުކޮށްފިއެވެ. ރާއްޖޭގައި ޢިލްމު އުނގަންނައިދޭ މަދަރުސާތަކަށް ބެއްޔަސް މިކަންފާޅުވެއެވެ. ނާސަރީ ކްލާސް ތަކުން ފެށިގެންގޮސް ގްރޭޑް ބާރައިގެ ކްލާސްތަކާ ހަމައަށް ހުޅަނގުގެ ނުފޫޒު ވަނީ ފޯރާފައެވެ. އަދި މިހާރު އިންޓަނޭޝަނަލް ސްކޫލުގެނަމުގައި ހިންގާ ތަންތަނަނަކީ އަޅުގަނޑުމެންގެ ދަރިންގެ ފިކުރުތައް ބަދަލުކުރުމަށް އިތުރުކުރި ބޮޅެކެވެ. މިއިން އެއްވެސް ކަމެއްގައި އަޅުގަނޑުމެންގެ ދީނީ ތަރުބިޔަތެއް ހިމެނިފައެއް ނޯވެއެވެ. އަޅުގަނޑުމެންގެ އަމިއްލަ ތަޢުލީމީ ފަލްސަފާއެއް ނޯވެއެވެ. ބަޔަކު ބުނިހާއެއްޗެއް ލޯމަރައިގެން ތިބެ ކުދިންގެ ސިކުނޑިއަށް ވައްދަމުން ހާނުވަމުން ދަނީއެވެ.
ވިސްނާލަމާތޯއެވެ؟ ގްރޭޑް ހަތެއް ނިމޭއިރަށް ތަޢުލީމީ މުޤައްރަރުން ޤުރުއާނުގެ އަސަރު ފިލައެވެ. އަދުގެ ސަރުކާރުން ވަކިމާއްދާއެއްގެ ގޮތުގައި ޤުރުއާން ކިޔަވައިދޭނަމޭ ވިދާޅުވިޔަސް އެކަން މާ އެދެވޭ ގޮތެއްގައި ނުކުރެއެވެ. މިގްރޭޑްތަކުގައި ވެސް ދީނީ މާއްދާއާއި ޤުރުއާން އޮންނަނީ ނަމަކަށޭ ބުނަން އަޅުގަނޑަށް ކެރިދާނެއެވެ. އަށަކުންފެށިގެން އިސްލާމުގެ ގަޑިތައް މަދުވެ، އެއަށް ދެވޭ އަހުމިއްޔަތު ފަނޑުވެއެވެ. އަދި މިހާރު މަސައްކަތް ކުރަމުން އެދަނީ ދިވެހިންގެ ފުރާނަކަމަށްވާ އިސްލާމް އަދި ލޭނާރު ކަމަށްވާ ދިވެހިބަސް އިޚްތިޔާރީ މާއްދާއަކަށް ހެދުމަށް ވަކާލާތުކުރަމުންނެވެ. މިހެން މިކަންތައް މިވަނީ ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރޭގައި ހުޅަނގުގެ ނިޒާމު ޤާއިމުކުރަން މަސައްކަތް ކުރެވޭތީއެވެ. އަދި ހުޅަނގުން ޖަހާހާބެރަކަށް ނަށަމުންދާތީއެވެ. މިއީ މިއަދު އަޅުގަނޑުމެން ފުންކޮށް ވިސްނަންޖެހޭ ކަންކަމެވެ!
އަދި ކިއެއްތަ! ރާއްޖޭގައި ކިޔަވައިދޭ ބިދޭސީ ޓީޗަރުންގެ ތެރޭގައި ތަފާތު ދީންތަކުގެ މީހުން އެބައުޅެއެވެ. އޭގެ ތެރެއިން ގިނަ ޓީޗަރުންގެ މަސައްކަތް އޮންނަ ގޮތުން، ތަންދޮރުނުދަންނަ ކުޑަކުދިންގެ ޢަޤީދާ އާއި އަޚްލާޤު މިސްރާބުން ކުޑަ މިންވަރެއް ނަމަވެސް ބަދަލުވޭތޯ މަސައްކަތްކުރާ ވާހަކައަކީ ވަރަށް ގިނަ ރަށްރަށުގައި އަބަދުމެ ކުރެވެމުންދާ ޝަކުވާއެކެވެ. މިހެން މިވަނީވެސް ސަބަބުތަކެއް ހުރެގެންނެވެ. ސަރ، މިސް ނުވަތަ އާންޓީ ކޮންމެ ގޮތަކަށް ކަންތައް ކުރިކަމުގައި ވިޔަސް، ވެރިންނާއި މައިންބަފައިން ތިބޭނީ ރުހިގެންނެވެ. ދެކޮޅުހަދާ ޝަކުވާ ކުރާ މީހަކު މަދެވެ. އެއީ އެމީހުންނަކީ ކުދިންނާއި ބެލެނިވެރިން އިޙްތިރާމް ކުރަންޖެހޭ ބަޔަކަށްވާތީއެވެ. އަދި ކަމާބެހޭ ފަރާތްތަކުންވެސް އެކަމުގައި މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ.
މުޅިދުނިޔޭގައި ވެސް މިއޮންނަނީ ދީނީ އިމްތިޔާޒުގެ ހަރަކާތްތަކަކަށް ވާއިރު އަދިވެސް އަޅުގަނޑުމެން މުސްލިމުންނަކަށް ހޭވެރިކަމެއް ނުވެއެވެ. ނުވަތަ އެނގިތިބެ މާއްދިއްޔަތުގެ ދަހިވެތިކަމުގެ މަޅިފަތީގައި މެހިގެން އުޅޭތީ އެކަންކަމާމެދު ވިސްނާ، އަޅަންޖެހޭ ފިޔަވަޅު އަޅަން ނުކެރިތިބެނީއެވެ. އަދި ބައެއް ފަހަރު އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ތަޢުލީމުޔާފުތާ މީހުންނަކީ ލާދީނީ މިޝަންތަކަށް އަމާޒުކޮށްގެން އަންނަ ޓީޗަރުންނަށް ވުރެން މިމައިދާނުގައި ފުންނާބު އުސް ބަޔަކަށް ވެފައި ޝުޢޫރެއް ނެތި އެއަމާޒަށް އަޅުގަނޑުމެން ވާޞިލުވެފައި، ލަނޑުދަނޑި އެކައްޗަކަށް ވާތީ ޣައިރުމުސްލިމުން އެބައިމީހުންގެ މަޤްޞަދުގައި ކާމިޔާބު ވާވަރަށް ވުރެން އަޅުގަނޑުމެން އެކަމުގައި ކާމިޔާބުވާލެއް އަވަސްވެފައި ފަސޭހައީއެވެ.
އަޅުގަނޑުމެންނީ މުސްލިމުންނެވެ. އިލާހީ ރުހިވޮޑިގަތުމާ ހަމައަށް ވާޞިލުވެވޭނެ ތަޢުލީމަކާއި ތަރުބިޔަތެއް ލިބެނިވި އިލްމުގެ ފޮތްތައް އޮތީ އަޅުގަނޑުމެންގެ އަތުގައެވެ. އެޢިލްމުގެ ޢިލްމުވެރިން ތިއްބެވީ އަޅުގަނޑުމެންގެ ތެރޭގައެވެ. ނަމަވެސް މިޢިލްމުގެ ބޭނުން އަޅުގަނޑުމެންނަށްވުރެ ބޮޑަށް ކުރަނީ ޣައިރުމުސްލިމުންނެވެ. އެބަހީ ދުނިޔަވީ ފައިދާތައް ހޯދުމުގައި އެބައިމީހުންދަނީ އިސްލާމީ ލައިބްރަރީތަކުން ލޫޓުވި ފޮތްތަކުގެ ބޭނުން ފުރިހަމައަށް ހިފަމުންނެވެ. ތަރައްޤީއާއި ތަމައްދުނުގެ އުސް މުއްނާރު ތަކަށް ވާޞިލުވެފައި ވާއިރު އެއުރެންގެ ތެރޭގައި މާތް ވެގެންވާ އިސްލާމް ދީނުގައި މިއޮތް ރީތި ސުލޫކާއި އުޞޫލު ވެސް އެބައޮތެވެ. އެއާއެކު ކައުނުގެ ތަފާތު ޙަޤީޤަތްތައް ހޯދުމުގައްޔާއި ތަކެތި އީޖާދުކުރުމުގައި އެބައިމީހުން ބުރަ މަސައްކަތް ކުރަމުން އެބަ ދެއެވެ. ދަންނަވަން މިއުޅޭ ވާހަކައަކީ، އަޅުގަނޑުމެންގެ ތަޢުލީމާއި ތަރުބިޔަތުގެ ނައުގެ ހުންގާނު މިއަދު މިވަނީ ޣައިރު މުސްލިމުންނާ ހަވާލުކުރެވިފައެވެ. އަޅުގަނޑުމެންގެ ޢަދާވާތްތެރިންގެ އަތްމައްޗަށް ގޮސްފައެވެ. އެމީހުން ދުއްވާނެ ގޮތަކަށް ދުއްވުމުގެ ހުއްދަދީގެން އަޅުގަނޑުމެން ތިބޭ ހިނދު ފަހުންވާނޭ ގޮތަކާމެދު ކުޑަކޮށްވެސް ވިސްނާ ލުމެން ނެތިއެވެ. ފައިސާއާއި މުދަލުގެ ދަހިވެތިކަމުގައެވެ. އަމިއްލަ ޒާތީ ފައިދާއަކަށް ޓަކައެވެ. އަދި އަޅުގަނޑުމެން ތަހުޒީބުގެ ގޮތުގައި އެމީހުންގެ ކިބައިން ލިބިގަންނަނީ ވެސް އެމީހުންގެ ތެރޭގައި ހުންނަ ނާތަހުޒީބީ ގޮތްތަކެވެ.
ދުނިޔެ ސައިންސާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރައި ތަރައްޤީވެފައިވާއިރު ދިރިއުޅުމާއި މީސްތަކުންގެ އަޚްލާޤާއި ސުލޫކް މިވަނީ ދަށުދަރަޖައަކަށް ވެއްޓިފައެވެ. ނާތަހުޒީބޭ މިކިޔާ "ހުން" މިއަދު މިވަނީ އަޅުގަނޑުމެންގެ ތެރެއަށް ވަދެ ފެތުރިފައެވެ. މިހުމަށް އޮތް ހަމައެކަނި ފަރުވާއަކީ ހިތުގެ އިޢުތިޤާދު ސީދާކުރުމެވެ. އަމިއްލަ ޢަޤީދާ ހަރުދަނާ ކުރުމެވެ. އަމިއްލަ ފައިމައްޗަށް ކޮޅަށް ހުރެވޭވަރުވުމެވެ. މިފަދަ ކޮންމެ ކަމެއްވެސް ކުރެވޭނީ ހިތްވަރެއް ހުރި މީހަކަށެވެ. ބޭރުގެ އޮއިވަރާއި ތޫފާން ތަކުން އެއްކިބާވެވޭފަދަ ވަރުގަދަ އަޒުމެއްގެ ވެރިއަކަށް ވެގެންނެވެ.
މި ސަބަބަށްޓަކައި އަޅުގަނޑުމެންގެ ތަޢުލީމާއި ތަރުބިޔަތު ޣައިރުމުސްލިމުންގެ ނުފޫޒުން އެއްކިބާ ކުރަންވެއްޖެއެވެ. މުސްލިމުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ދަމަހައްޓައި އަޅުގަނޑުމެންގެ ޖަމާޢަތްތަކަކީ ހަރުދަނާ ޖަމާޢަތްތަކަކަށް ހަދަންވެއްޖެއެވެ. ހުޅަނގުން އަޅުގަނޑުމެންގެ ކިބައިން ފޭރިގެންފައިވާ ކުރިއެރުމާއި ތަރައްޤީގެ ވެރިން ކަމުގައި ޚުދު އަޅުގަނޑުމެން ވާން ވެއްޖެއެވެ. އަޅުގަނޑުމެންނީ ހޭލުންތެރި ކަމަށް ފަރުވާ ބަހައްޓާ މުރާލި ހޯދުންތެރި ޢިލްމީ މާހިރުންތަކަށް ވާން ވެއްޖެއެވެ. ހުޅަނގުން އަޅުގަނޑުމެންގެ މުސްލިމުންގެ އަތްމަތިން ހޯދާ އަމިއްލަކޮށްފައިވާ ޢިލްމުގެ އަހުލުވެރިން ކަމުގައި އަޅުގަނޑުމެން ވާންވެއްޖެއެވެ. އެއުރެންގެ ކުރިމަތީގައި ފަސްނުޖެހި ދޫފަސޭހަ ކަމާއެކު މުޤާބަލާކުރެވޭފަދަ ބަސްމޮށުންތެރިންތަކެއް އަޅުގަނޑުމެންގެ ތެރޭން އުފަންވާން ވެއްޖެއެވެ. ކެރޭ ލީޑަރުންތަކެއް އުފެދޭން ވެއްޖެއެވެ. އަޅުގަނޑުމެންނީ މަތިވެރި އިސްލާމްދީނުގެ މަތީގައި ފައިތިލަ ސާބިތުކޮށްގެންތިބޭ ދީންދެކެ ލޯބިވާ ދީނަށް ވަފާތެރި ބަޔަކު ކަމުގައި ވާންވެއްޖެއެވެ. އިސްލާމީ ދަންމަރުގެ އަލި މުޅިދުނިޔޭގައި މިނިވަންކަމާއެކު ފެންނާނޭފަދައިން އުފުލައި، އިސްލާމްދީނުގެ އަޑު މުޅިޖައްވުގައި އަބަދާއަބަދު ގުގުމާލާފަދަ ގޮތަކަށް ހަދަންވެއްޖެއެވެ. އެއާއެކު އަޅުގަނޑުމެންގެ އަމަލުތައް ބަހާ އެއްގޮތަށް ބަހައްޓަން ކުރަން ވެއްޖެއެވެ. އަޅުގަނޑުމެންނީ ދީނުގައި މިހިރަ ރެވެތި އަޚްލާޤާއި ސުލޫކު ދަމަހައްޓާ އެއަށް ފަޚުރުވެރިވާ ބަޔަކަށް ވާން ވެއްޖެއެވެ. އެއުރެންގެ ނުބައި ރޭވުންތަކުން ސަލާމަތްވެތިބޭ ބަޔަކު ކަމުގައިވުމަށް މަސައްކަތް ކުރަން ވެއްޖެއެވެ. އެއުރެންގެ އަޅުވެތި ކަމުން ބޭރުވެ އަމިއްލަ މިނިވަން ބަޔަކަށް ވާން ވެއްޖެއެވެ. ރޫޙާނީ ގޮތުންނެވެ. ތަޢުލީމީ ގޮތުންނެވެ. ތަރައްޤީގެ ގޮތުންނެވެ. ތަމައްދުނާއި ތަހުޒީބުގެ ގޮތުންނެވެ.
މަސްދަރު: ނޫރުލްއިސްލާމް
ކޮމެންޓް (0)
ލޯޑް ކުރަމުން...