ވާހަކަ އަހަރެން ބޭނުމީ މުޙަންމަދީ އަކަށް ވާށެވެ! މުސްލިމަކަށް ވާށެވެ!

އަހަރެން ބޭނުމީ މުޙަންމަދީ އަކަށް ވާށެވެ! މުސްލިމަކަށް ވާށެވެ!

އަހަރެން ބޭނުމީ މުޙަންމަދީ އަކަށް ވާށެވެ! މުސްލިމަކަށް ވާށެވެ!

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

’އެއީ ބްރޫކްލިން ނަމަކަށް ކިޔާ ސަރަޙައްދެކެވެ. މީހަކު އައިސް އެތަނުގައި ތިބި މުސްލިމުންތަކަކަށް ބުންޏެވެ. ”އަހަރެން ބޭނުމީ މުޙަންމަދީ (މުޙަންމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ م) އަށް ތަބާވާ މީހަކަށް) އަކަށް ވާށެވެ.“ އެބަހީ މުސްލިމަކަށް ވާށެވެ. އޭނާ މިފަދައިން ބުނުމުން އެމީހުން ބުންޏެވެ. ”ކަލޭ ތީ ކާކު ހެއްޔެވެ؟ ކަލޭގެ ވާހަކަ ނިކަން އަހަރުމެންނަށް ކިޔާދީބަލާށެވެ.“

އޭނާ ބުންޏެވެ. ”އަހަރެން ކުރެ ސުވާލު ނުކުރާށެވެ. އަދި އަހަރެން މިބުނާ ކަންތައް އަހަންނަށް ކޮށްދޭށެވެ.“

އެވަގުތު އެމީހުން އޭނާ ގާތު ފެންވަރާ ޠާހިރުވެގެން އައުމަށް ބުންޏެވެ. އޭނާ އެމީހުން ބުނި ފަދައިން މުޅިހަށިގަނޑު ފެނުން ދޮވެ ސާފުކޮށް ރަނގަޅަށް ފެންވަރައިގެން އައެވެ. އޭނާ މިފަދައިން ކަންތައްކޮށްގެން އައުމުން އެމީހުން އޭނާއަށް ބުންޏެވެ.

”ޝަހާދަތުގެ ދެކަލިމަ ކިޔާށެވެ. އެއީ މިފަދައިންނެވެ. ’لا إله إلا الله, محمد الرسول الله (ﷲ ފިޔަވާ ހައްޤުވެގެން އަޅުކަން ވެވޭ އިލާހަކު ނުވެއެވެ. މުޙަންމަދު އަކީ ﷲ ގެ ރަސޫލާއެވެ.)‘ އެމީހުން ކިޔާދިނެވެ. އޭނާ އެމީހުންގެ ފަހަތުން ޝަހާދަތުގެ ދެކަލިމަ ކިއެވެ. އެއަށްފަހު އެމީހުން އޭނާއަށް ނަމާދު ކުރާނެ ގޮތް ދަސްކޮށްދިނެވެ. ވަރަށް ފަސޭހަ ކަމާއެކު އޭނާ ނަމާދު ކުރަން ދަސްކުރިއެވެ.

އޭނާ ނަމާދުކުރަން ފެށިތާ ތިންވަނައަށްވީ ދުވަހެވެ. ﷲ އަށް ކުރިމަތިލައިގެން ހުރެ ނިކަމެތިކަމާއެކު ކިޔަމަންތެރި ކަން އަދާކުރަމުން ދިޔައީ ކޮންފަދައަކުންހެއްޔެވެ . ސަޖިދައިގައި ނުތެދުވެ ގިސްލާ ރުއިމުގައި އެތަށް އިރެއްވަންދެން އޮވެއެވެ. ކޮންމެ އަކަސް އޭނާގެ މި ރުއިމާއި މެދު އޭނާޔާ އެކުގައިވާ އަޚުން ވަރަށް ކަންބޮޑުވެ ސުވާލު އުފެދެން ފަށައިފިއެވެ. އަދި އޭނާގެ ޙާލަތާއި މެދު އޮޅުންފިލުވަން ބޭނުންވިއެވެ.

އެހެނީ އެނާގެ ކިބައިގައިވީ އެއަޚުން ޢަޖައިބު ކުރުވާ ފަދަ ސިފަތަކެކެވެ. އޭނާ ސަޖިދަ ކޮށްފިނަމަ ދެން ފަހެ ދުވަހަކު ވެސް އޭނާގެ ނިތްކުރި އެތަނުން ހިއްލާލަން ބޭނުން ނުވާ ފަދައެވެ. އެތައް އިރެއް ވަންދެން ރުއިމާ ގިސްލުމުގައި ހޭދަ ކުރެއެވެ. އޭނާގެ ވޭނީ ރުއިމުގެ އަޑުން ކައިރީގައި ތިބޭ މީހުންގެ ހިތްތަކަށް ވެސް އަސަރުކުރުވައެވެ. ޤުރުއާން ކިޔާ އަޑު އިވޭ ހިނދުގައި ވެސް ހުއްޓުމެއްނެތި ގިސްލާ ރޮއެ ހަދައެވެ. އޭނާގެ ޚާލިޤުވަންތަ އިލާހަށް ކިޔަންމަންތެރިކަން އަދާކޮށް ނިކަމެތިވެފައިވާ މިންވަރު މިކަންތައްތަކުން ހާމަވިއެވެ.

ތިންވަނައަށް ވީ ދުވަހު މަޣްރިބު ނަމާދަށް ފަހު، އޭނާޔާ އެކުގައިވީ އަޚަކު އޭނާ ގާތުގައި އިށީނދެ، އޭނާ އަށް ބުންޏެވެ. ”އޭ އަހަރެންގެ އަޚާއެވެ. އަހަރެން މިބުނަނީ ތެދުކަން ކަށަވަރު ކުރާށެވެ. ތި އަޚާއަށް އަހަރެން ބަލާ ހިނދު، އަދި ތިއަޚާ ސަޖިދައިގެ އޮވެ ގިސްލާ ރޯ ހިނދުގައްޔާއި ސަޖިދައިގައި ވާ ވަގުތު ގިނަ ކަމުން، ޚުދު އަހަންނަށް އަހަރެންގެ އަމިއްލަ ނަފްސަކީ އެއްވެސް އަގެއް ނެތް ތާކުންތާކު ނުޖެހޭ އެއްޗެއް ކަމުގައި އިހުސާސް ކުރެވެއެވެ. އަޚާއެވެ. އަޚާއަށް ތިޔަ ކަންތައް ދިމާވެފައިވާ ގޮތުގެ ވާހަކަ އަހަންނަށް ކިޔާދީބަލާށެވެ!“

އެއަށްފަހު އޭނާ އަކީ ނަޞާރާއެއްކަމުގައި އޭނާ ކިޔައިދިނެވެ. އަދި އަބަދު ވެސް ހައްޤު މަގު ހޯދުމަށް ގަދައަޅައި މަސަތްކަތް ކުރަމުންދިޔަ ކަމުގައި އޭނާ ބުންޏެވެ. އޭނާ އިސްލާމުދީނުގެ ފޮތްތަތަކާއި އެހެނިހެން ދީންތަކުގެ ފޮތްތައް ވެސް ކިއެވެ. އަދި އޭނާގެ ރައްބަށް ކެނޑިނޭޅި ދުޢާ ކުރަމުން ދިޔައެވެ. އޭނާއަށް ތެދު މަގުދައްކަވާ ޙައްޤުގޮތް ދައްކާވާ ތޯއެވެ. އޭނާއަކީ ޙައްޤު ހޯދުމަށް ދިރާސާތައް ކުރަމުން އައި މީހެކެވެ. ސީދާވެގެންވާ ތެދު މަގު ފެނޭ ތޯއެވެ.

އޭނާ އިތުރަށް ކިޔާދިނެވެ. ’އަހަރެން ކަލޭމެންގެ ކައިރިއަށް އައި ދުވަހުގެ ކުރީ ރޭ އަހަރެން ނިދީ، ﷲ ތަޢާލާ އަހަރެންނަށް ތެދުމަގު ދެއްކެވުން އެދި ދުޢާކޮށް އެތައް އިރަކު ރުއިމަށް ފަހުގައެވެ. އެއިލާހު އަހަންނަށް ތެދުމަގު ދައްކަވާނެ ކަމުގެ ފުރިހަމަ އުއްމީދާ އެކުގައެވެ. އެރޭ ހުވަފަނެއްގައި އަހަންނަށް ޢީސާ (عليه السلام) ފެނުނެވެ. އަހަންނާ ދިމާލަށް އެކަލޭގެފާނުގެ އިނގިލިން އިޝާރާތް ކުރައްވާ ވިދާޅުވިއެވެ. ”މުޙަންމަދީ އަކަށް (މުޙަންމަދު އަށް ތަބާވާ މީހަކަށް) ވާށެވެ! މުސްލިމަކަށް ވާށެވެ!“ ދެން އަހަންނަށް ސިއްސައިގެން ގޮސް ހޭލެވުނެވެ. ހަމަވަގުތުން އަހަރެންގެ ގެއިން ނިކުމެގެން ތިޔަބައިމީހުން ކައިރިއަށް އައީއެވެ.‘

އޭނާގެ މިވާހަކަތައް އަޑުއެހި އަޚުން، ﷲ ގަންދީ ހުވާކޮށް ކިޔާދިނެވެ. އިޝާ ނަމާދު ވަގުތުވެ އިޝާނަމާދަށް ގޮވުމުން އޭނާ އެމީހުންނާ އެކު ނަމާދުގައި ބައިވެރިވިއެވެ. ނަމާދުގެ ފުރަތަމަ ރަކުޢަތުގައި ސަޖިދައަށް ގޮސް އެންމެ ތެދުވި އިރުގައިވެސް އޭނާ ނުތެދުވެއެވެ. މިފަދައިން ނަމާދު ނިމެންދެން އޭނާ އޮތެވެ. އެތަނުގައި ތިބި އަޚުންނަށް ހީކުރެވުނީ އޭނާއަށް ނިދުނީ ކަމަށެވެ. އެހެންކަމުން އިމާމުވެ ނަމާދު ކުރި އަޚާއާއި އޭނާ ގާތުގައި ތިބި އެހެން އަޚުން އޭނާގައިގައި ކޮއްޓާ، އޭނާއަށް ގޮވަން ފެށިއެވެ. ނަމަވަސް އޭނާގެ ޙަބަރެއް ނުވިއެވެ. ސަޖިދައިން ތެދެއްނުމެވިއެވެ. އެއްވެސް ޚަބަރެއް ނުވިއެވެ. އޭނާ އަށް އެއްވެސް އަޑެއް ނީވޭ ފަދައެވެ. އެއްވެސް ކަމެއް އިޙުސާސް ވެސް ނުވާފަދައެވެ. މިފަދައިން ގޮވަމުން ދަނިކޮށް އޭނާ ސަޖިދައިގައި އޮތްގޮތަށް އޮވެފައި އެއްފަރާތަށް ވެއްޓުނެވެ. އެއަޚުން ބެލި އިރު އޭނާ ވަނީ މިދުނިޔެ ދޫކޮށްފައިކަން އެނގުނެވެ. އޭނާ ސަޖިދައިގައި ވަނިކޮށް އޭނާގެ ފުރާނަ އޭނާގެ ވެރިރައްބުގެ ޙަޟްރަތަށް ދަތުރު ކުރީއެވެ.

ކޮންފަދަ މަތިވެރި ނިމުމެއް ތޯއެވެ. ޢާޚިރަތަށް ދަތުރު ކުރަންވީ ވަގުތު ކުޑަތަންވެ ކައިރިވަމުން ދަނީއެވެ. ”ޔާ ﷲ، މިއަޅާގެ ޙަޔާތުގެ އެންމެ ހެޔޮ ވަގުތަކީ އޭގެ އެންމެ ފަހު ވަގުތު ކަމުގައި ލައްވާނެދޭވެ!“‘

މަޞްދަރު: ޝައިޚް މުޙަންމަދު ޙައްސާން

ނޯޓް: މިއީ ކްލިކް4އިސްލާމް ގައި ޝާއިއުކޮށްފައިވާ ލިޔުމެކެވެ.

ޓެގް

ވާހަކަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.