ރިޕޯޓް ގެނެވުނީ ބަދަލެކެވެ.

ގެނެވުނީ ބަދަލެކެވެ.

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަބޫ އީމާ

އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް އަކީ ދިވެހިރައްޔިތުންގެ ގިނަބަޔަކު ވަރަށް އުއްމީދާއިއެކު ވެރިކަމަށް ގެންނެވި ބޭފުޅެކެވެ. ޤައުމަށް ލާބަޔާއި މަންފާ ހޯއްދަވައިދެއްވާނެ ކަމުގެ އުއްމީދުގައެވެ. ދިވެހިންގެ ތެރޭގައި ބަލިކަށިވެފައިވާ އިސްލާމީ ޢަޤީދާ ހަރުދަނާ ކުރައްވާނެ ކަމުގެ އުއްމީދުގައެވެ. އެމަނިކުފާނަކީ އިލްމީ ބޭފުޅެކެވެ. ދިވެހިންގެ މެދުގައި ވަރަށްބޮޑު ގަދަރެއް ދެވިފައިވާ އަލްއަޒުހަރުން މަތީތަޢްލީމު ހާސީލްކުރައްވާފައިވާ އިސްލާމީ ޢާލިމެކެވެ. އެމަނިކުފާނުގެ ވެރިކަމުގެ ކުރީކޮޅުގައި، ދިވެހިންގެ އުއްމީދުތަކުގައި ކުލަޖެހިދާނެކަމުގެ އުއްމީދުވެސް ކުރެވުނެވެ. އެމަނިކުފާނު ދިވެހި ރާއްޖޭގެ ވެރިކަމަށް ގެންނެވުމަށްޓަކައި މަސަކަތް ކުރެއްވި ބޭފުޅުން ހިނިތުންކުރުވިއެވެ. އަޒުހަރުން ކިޔަވާވިދާޅުވެގެން ވަޑައިގެންނެވި ޝެއިޚުގެ ޒައާމަތުގައި ދިވެހިންނަށް ފަހިދުވަސްތަކެއް ފެނިގެންދާނެކަމުގެ އުއްމީދުގައި ތިއްބާ، ދެކެމުންއައި ހުވަފެންތައްވީ ބިލާހަކަށެވެ.

މައުމޫނުގެ ވެރިކަން ހަމަމަގުން ކައްސާލަންދިމާވި އެންމެބޮޑު ސަބަބަކީ އެމަނިކުފާނުގެ އަރިހުގައި ގެންގުޅުއްވި ބޭފުޅުންގެ ސަބަބުންނެވެ. އާއިލާގެބޭފުލުންނާއި ރައްޓެހިންނެވެ. އެބޭފުޅުންގެ މަސްލަހަތު ހިމާޔަތްކޮށްދެއްވަން ހައްދަވައިގެން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކޮށް ނުދެއްވުނީއެވެ. އެގޮތުގައި ދުވަހެއްދުވަހަކަށް ގޯސްވަމުންގޮސް އެންމެފަހުން މައުމޫނަކީ ދިވެހިރާއްޖެދުށް އެންމެނުބައި އެއްވެރިއަކަށް ވެވަޑައިގެންނެވުނީއެވެ. ދީނާއި ޤައުމު އޮޔާލެއްވެވީއެވެ.

ހުރިހާކަމެއް މިހާހިސާބަށް ދިޔައިރުވެސް އެމަނިކުފާނުގެ އަރިސްބޭފުޅުން ގެންދެވީ އެމަނިކުފާނަށް ޚުޝާމަދު ކުރައްވަމުންނެވެ. "ތިޔައީ ޒައީމޭ އަދު މިލޮބުވެތި ޤައުމު ފަޚުރުވެރިވާ" އޭ ބާރަށް ވިދާޅުވަމުންނެވެ. ނަތީޖާއެއްގެ ގޮތުން އެމަނިކުފާނަށް ހީފުޅުކުރެއްވިފައި އޮތީ ތިމަންމަނިކުފާނަށް ހުރިހާކަމެއްވެސް މިކުރެވީ އެންމެ ރަގަޅަށް ކަމަށެވެ. ރައްޔިތުންގެ ހިތުގައި އެމަނިކުފާނަށް ދެވިފައިއޮތް ލޯބި ނަފުރަތަށް ބަދަލުގެންދިޔައިރުވެސް އަރިހުގައި ތިއްބެވި ބެފުޅުން ވިދާޅުވަމުން ގެންދެވީ ހުރިހާކަމެއްވެސް ރަގަޅުކަމަށެވެ. އެބޭފުޅުން ގެންދެވީ "އަމިއްލަ ކަންނޭލަށް ބަންޑާރަކަފަކޮށްޕަމުންނެވެ." ޤައުމު ދިޔައީ ދުވަހެއްދުވަހަކަށް އިނދަޖެހެމުންނެވެ. ނަތިޖާއެއްގެ ގޮތުން ބަދަލަށްއެދި ރައްޔިތުން ގޮވަންފެށިއެވެ. މައުމޫނުގެވެރިކަން ނިމޭނެ ދުވަހަކަށް އިންތިޒާރު ކުރަންފެށިއެވެ. މައުމޫނުގެ ނަންހުތުރު ވެގެންނެއްނޫނެވެ. ކާމިނީގެ އާއިލާއަށް ނިސްބަތްވުމުގެ ސަބަބަކުންވެސް ނޫނެވެ. ކުރައްވަމުންގެންދެވި ކަންތައްތައް ގޯސްވުމުގެ ސަބަބުންނެވެ.

ބަދަލަކަށް ބޭނުންވެގެން ތިބިރައްޔިތުން އެބައިމީހުނަށް ލިބުނު ފުރުސަތުގެ ބޭނުން އެއިގެ އެންމެ ފުރިހަމަ ގޮތުގައި ހިފިއެވެ. މައުމޫނުގެ ބަދަލުގައި މުހައްމަދު ނަޝީދު ޤައުމުގެ ވެރިކަމަށް ގެނައީ އުއްމީދާއިއެކުގައެވެ. މައުމޫނު ކުރެއްވިކަންތައް އެމަނިކުފާނު ނުކުރައްވާނެ ކަމުގެ އުއްމީދެވެ. ނަމަވެސް ވެރިކަމަށް ދެއަހަރުވާން ކައިރިވެފައިވާއިރު ފެންނަމުންމިދަނީ ބަލާފޫހިވެފައިވާ މަންޒަރެކެވެ. މައުމޫނުކުރެއްވި ކަންތައް ތަކުރާރުކުރައްވާތަން ދަނީ ފެންނަމުންނެވެ. އިސްލާމްދީނާއި ޚިލާފު ކަންތައްތައް ކުރުމުގައި މައުމޫނުގެ ތިރީސް އަހަރުގެ ދިގުވެރިކަމުގެ ރެކޯޑު މިމީހުންމިވަނީ ދެއަހަރުވެސް ނުވަނީސް މުގުރާލާފައެވެ. އެކަންތައްތައް ގޯސްވީ މައުމޫނު ކުރެއްވުމުގެ ސަބަބުންހެން ހީވާންފަށައިފިއެވެ. ނަޝީދުގެ އައުވާނުންވެސް މައުމޫނުގެ އައުވާނުންފަދައިން ކަންތައްކުރައްވާތަން ދަނީ ފެންނަމުންނެވެ. މައުމޫނުފަދައިން ނަޝީދަށްވެސް ކުރެވެނީ ހުސް ރަގަޅުކަންތައް ކަމަށްދެކޭ މީހުން އަރިސްބޭފުޅުންގެ ތެރޭގައި ވަރަށްގިނައެވެ. އެމްޑީޕީން ކޮށްފިއްޔާ ކޮންމެކަމެއްވެސް ރަގަޅުކަމަށް ދައުވާކުރާތަންދަނީ ފެންނަމުންނެވެ. ރައީސް ނަޝިދަށް އޮޅިވަޑައިގެންނަމަވެސް ކޮފީތައްޓަށް ލޮނު އެޅުއްވިއްޖެއްޔާ، ކޮފީބޯން ރަގަޅީ ލޮނުއަޅައިގެން ކަމަށް ވަކާލާތުކުރާ މެންބަރުން އެމްޑީޕީގެ އިސްސަފުން ފެންނަކަން އެއީ ޙަޤީޤަތެކެވެ. މައުމޫނު ހިންގެވިމަގުން ރައީސް ނަޝީދުވެސް މިވަނީ ހިންގަވަން ފައްޓަވާފައެވެ. އަރިސްބޭފުޅުންގެ ސަބަބުންނެވެ. ޕާޓީގެ އެކްޓިވިސްޓްންގެ އިތުރުން ހުޅަގުގެ މިތުރުން ރުއްސުމަށްޓަކައެވެ.

ދިވެހިން "ބަދަލެއް" ގެނައީ ކުރީ ސަރުކާރުން ކުރައްވަމުން ގެންދެވިކަންތައްތައް ކަމުނުގޮސްގެންނެވެ. ކުރައްވަމުންގެންދެވި ބޭފުޅާ ކަމަނުގޮސްގެނެއްނޫނެވެ. ވީއިރު މައުމޫނު ހިންގެވިމަގުން ރައީސް ނަޝީދުވެސް ހިންގަވަން ފައްޓެވީމަ، މައުމޫނާ ދޭތެރޭ އެޅި ފިޔަވަޅު ނަޝިދާދޭތެރޭއަޅަންވެސް ދިވެހިން ތިބޭނީ ތައްޔާރަށެވެ. ބަލަންޖެހެނީ ކަންކުރާ މީހާއަކަށްނޫނެވެ. ކުރާކަންތަކަށެވެ.

ޓެގް

ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.