މޫޞަލް އަކި ޢިރާޤުކަރައިގެ މަޝްހޫރު ރަށެކެވެ. އެއްފަހަރެއްގައި އެރަށުގެ ވިޔަފާރިވެރިޔަކު، ވިޔަފާރި ދަތުރެއްގައި ޝާމްކަރައިގެ ރަށެއްކަމުގައިވާ ޙަލަބް އަށް ދިޔުމަށް ދަތުރުފެށިއެވެ. އޭނާގެ އަތުގައި ގިނަ ޢަދަދަކަށް ގެރި ބަކަރި ޖަމަލު ހުއްޓެވެ. މިއީ ޢިރާޤާއި ޝާމްކަރައިގެ ސަރަޙައްދު ވަކިނުވެ އޮތް ދުވަސްވަރުގެ ވާހަކައެކެވެ. މުއައްރިޚުން ވިދާޅުވާގޮތުގައި ޙަލަބަކީ ދުނިޔޭގެ އެންމެ ޤަދީމީ ރަށްތަކުގެ ތެރެއިން ރަށެކެވެ. މިއަދު އެއީ ސޫރިޔާގެ ރަށެކެވެ. ޙަލަބުގައި ވިޔަފާރިވެރިޔާ މަޑުކޮށްގެން ހުރި ހިސާބުގައި އެދުވަސްވަރު ގެރި ބަކަރީގެ ބާޒާރެއް ވެސް އޮތެވެ. އެހެންކަމުން އޭނާ ވަރަށް އަވަހަށް ޖަނަވާރު ކޮޅު ވިއްކައިލުމަށްފަހު އެނބުރި މޫޞަލް އަށް ދިއުމަށް ދަތުރުފެށިއެވެ.
މިދަތުރުގައި މަގުފޭރޭ ޑާކޫއެއް ދިޔައީ މެދުކެނޑުމެއްނެތި ވިޔަފާރިވެރިޔާއަށް ފާރަލަމުންނެވެ. އޭނާގެ އަތުގައި ވަރަށް ގިނަ ޢަދަދަކަށް ފައިސާ ހުރިކަން ޑާކޫއަށް އެނގެއެވެ. ވިޔަފާރިވެރިޔާ ދަތުރުކުރަމުން ގޮސް ވަރުބަލިފިލުވައިލުމުގެ ގޮތުން މީހުން ނޫޅޭ ވީރާނާ ހިސާބެއްގައި ހުރި ގަހެއްގެ ދޮށަށް މަޑުކޮށްލިއެވެ. އެވަގުތު ޑާކޫ ކަލޭގެ، ވިޔަފާރިވެރިޔާ އަށް ހަމަލަދިނެވެ. ވިޔަފާރިވެރިޔާގެ ކަރުގައި ޚަންޖަރު ޖެއްސުމަށްފަހު ބުންނެވެ. ކަލޭގެ އަތުގައި ހުރިއްޔާ ހުރި މުދަލަކާއި ފައިސާއެއް އަހަރެންނާ ޙަވާލުކުރާށެވެ. ވިޔަފާރިވެރިޔާ ވަށައިގެން ހޯދާ ބަލަންފެށިއެވެ. އަދި ސަލާމަތްކޮށްދޭނެ މީހަކުވޭތޯ އަޑުގަދަކުރިއެވެ. ނަމަވެސް އެވީރާނާ ސަރަހައްދުގެ ތެރެއިން އޭނާގެ އަޑުއަހާނީ ކާކުތޯއެވެ؟ އެންމެފަހުން އޭނާ މަޑުމައިތިރިކަމާއެކު ހުރިހާ މުދަލެއް ނެރެ ޑާކޫއާ ޙަވާލުކުރިއެވެ. ނަމަވެސް މިވަރަކުންވެސް ޑާކޫއަށް ފުދުނުކަމަކަށްނުވިއެވެ. ދެން އޭނާ ދިމާކުރީ ވިޔަފާރިވެރިޔާ ޤަތުލުކުރުމަށެވެ. ވިޔަފާރިވެރިޔާ ބުންނެވެ. ކަލޭ އަހަރެންގެ ހުރިހާ މުދަލެއް އަތުލައިފީމެވެ. ދެން ކަލެއަށް އަހަރެންގެ ފުރާނައިގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟ އަހަރެންގެ ކުދި ކުދި ދަރިންތަކެއް އެބަތިއްބެވެ. އަހަރެންގެ މައްޗަށް ރަޙުމްކުރާށެވެ! އަހަރެން ޤަތުލުނުކުރާށެވެ. ނަމަވެސް ޑާކޫ ވަނީ ލެޔަށް ފެންބޮވައިގެންފައެވެ. ވިޔަފާރިވެރިޔާގެ ރުއިމާ އާދޭސްތަކަށް އެއްވެސް ބެލުމެއްނެތި އޭނާ ޤަތުލުކުރުމުގެ މަސައްކަތް ޑާކޫ ފެށިއެވެ. ވިޔަފާރިވެރިޔާ ވަނީ ގޮތް ހުސްވެފައެވެ. އޭނާއަށް މަދަދު ދޭނެ ފަރާތެއް ފެނޭތޯ އޭނާ ހަތަރުފަރާތް ހޯދަމުން ދިޔައެވެ. ކުއްލިޔަކަށް އޭނާގެ ނަޒަރު ހުއްޓުނީ އޭނާ މަޑުކޮށްގެން ހުރި ގަހުގެ ގޮފިގަނޑެއްގައި އިށީނދެގެން ތިބި ދެ ކޮތަރާ ދިމާއަށެވެ. އޭނާގެ ފުރާނަ އެވަގުތު ނިކުންނަމުން ދަނީއެވެ. ޑާކޫ ގެންދިޔައީ މެދުކެނޑުމެއްނެތި ޚަންޖަރުން އޭނާއަށް ހަމަލަދެމުންނެވެ. ކުއްލިޔަކަށް އެ ދެކޮތަރާ މުޚާޠަބުކޮށް އޭނާއަށް ބުނެވުނެވެ. އޭ ދެ ކޮތަރެވެ! ކަލޭމެން ހެކިވާށެވެ!
ކޮންމެއަކަސް ޑާކޫކަލޭގެ ވިޔަފާރިވެރިޔާ ޤަތުލުކޮށްލިއެވެ. އަދި އޭނާގެ އެންމެފަހުގެ ލަފްޒުތައް މަލާމާތުން ފުރިވެގެންވާ ރާގެއްގައި ތަކުރާރުކުރަމުން ގެންދިޔައެވެ. "އޭ ދެ ކޮތަރެވެ. ކަލޭމެން ހެކިވާށެވެ!" އެއަށްފަހު އޭނާގެ މަންޒިލަށް ދިއުމަށް ޑާކޫ ދަތުރުފެށިއެވެ. ދިޔަ މަގުމަތީގައިވެސް މަޤްތޫލުގެ ލަފްޒުތައް ތަކުރާރުކުރަމުން ގެންދިޔައެވެ. މަރުވަމުން ދިޔަ ވަގުތު ވިޔަފާރިވެރިޔާ އެބުނި ބަސްތަކަކީ އޭނާގެ ނަޒަރުގައި ވަރަށް ބޮޑު ޖޯކެކެވެ.
އަނެއްކޮޅުން ވިޔަފާރިވެރިޔާގެ ޢާއިލާގެ މީހުން އޭނާ އެނބުރި އަންނާނެ ވަގުތަކަށް އިންތިޒާރުކުރަމުން ގެންދިޔައެވެ. ނަމަވެސް އެތައް ދުވަހެއް ފާއިތުވެގެންދިޔައިރުވެސް އޭނާގެ އެއްވެސް ޚަބަރެއްނުވިއެވެ. އެހެންކަމުން ވިޔަފާރިވެރިޔާގެ ދޮށީ ދަރިފުޅު އޭނާގެ ބައްޕަ ހޯދުމަށްޓަކައި ޙަލަބަށް ދިޔައެވެ. އެރަށުން އޭނާއަށް ބުނެވުނީ ތިބާގެ ބައްޕަ މިވެނި ތާރީޚެއްގައި މިރަށަށް އައެވެ. އޭނާ މަޑުކުރީ އެވެނި ތަނެއްގައެވެ. އޭނާގެ ޖަނަވާރުތައް ވިއްކާލީ މިވެނި މީހަކަށެވެ. މިވެނި ޢަދަދަކަށް ފައިސާ ހޯދިއެވެ. އެއަށްފަހު ދެތިން ދުވަސް ފަހުން މިރަށާއި ތަންކޮޅެއް ދުރުގައި އޮތް ވީރާނާ ސަރަޙައްދަކުން ކޮންމެވެސް މީހަކު ޚަންޖަރަކުން ޙަމަލަދީ އޭނާ ޤަތުކޮށްލުމަށްފަހު ހުރިހާ ފައިސާތައް ހިފައިގެން ފިލީއެވެ. ތިބާގެ ބައްޕަ ވަޅުލެވިފައިވަނީ އެވެނި ޤަބުރުސްތާނެއްގައެވެ.
ވިޔަފާރިވެރިޔާގެ ދަރިފުޅު ރަށުގެ ވެރިޔާގެ ކައިރިއަށް ގޮސް ޝަކުވާކުރިއެވެ. އަދި ޤާޟީގެ ކައިރިޔަށްވެސް ދިޔައެވެ. އެއަށްފަހު އޭނާގެ ބައްޕަގެ ރައްޓެހިންނާ ބައްދަލުކުރިއެވެ. އެއްވެސް ގޮތަކުން އޭނާގެ ބައްޕަގެ ޤާތިލު ހޯދޭތޯއެވެ. ނަމަވެސް އޭނާ ކުރި ހުރިހާ މަސައްކަތެއް ދިޔައީ ފެނަށެވެ. އެހެނީ އެމަންޒަރު ދުށް މީހަކު ނެތެވެ. އަދި ޤާތިލު އެއްވެސް އެއްޗެއް އެތަނަށް ދޫކޮށްފައެއްވެސް ނެތެވެ. އެންމެފަހުން އޭނާ މާޔޫސްވެގެން އެނބުރި ރަށައް އައެވެ. އަދި ރަށުގެ ވެރިމީހާ އާއި ބައްދަލުކޮށް މަދަދަށް އެދުނެވެ. ރަށުގެ ވެރިޔާ ހަމަ ވަގުތުން ޙަލަބުގެ އަމީރަށް ސިޓީ ލިއުނެވެ. އަނެއްކާވެސް އެއްފަހަރު ޤާތިލު ހޯދުމުގެ މަސައްކަތް ފެށުނެވެ. ނަމަވެސް ހުރިހާ ތަޙްޤީޤެއްގެ ނަތީޖާއަކީ ޤާތިލުގެ އެއްވެސް ޚަބަރެއް ދަބަރެއް ނުވުމެވެ. އެންމެ ފަހުން މަޤްތޫލުގެ ޢާއިލާގެ މީހުން މާޔޫސްވެގެން އެމަސައްކަތް ހުއްޓާލައި، ކެތްތެރިކަން އިޚްތިޔާރުކުރިއެވެ. އަދި ފުލުހުންވެސް އެމައްސަލައިގެ ފައިލް ބަންދުކުރިއެވެ.
ދުވަސްތަކާއި ރޭތައް ފާއިތުވެގެން ދިޔަލެއް ވަރަށް އަވަހެވެ. އެޙާދިޘާއަށް އެތައް އަހަރެއް ފާއިތުވެގެން ހިނގައްޖެއެވެ. އެތައް އަމީރުންނެއް ބަދަލުވެއްޖެއެވެ. އެތައް ޤާޟީންނެއް އައިސް ގޮސްފިއެވެ. ވިޔަފާރިވެރިޔާގެ ތިމާގެމީހުންނާ އެކުވެރީންވެސް މަޑުމަޑުން އެހާދިސާގެ މަތީން ހަނދުމަނެތިއްޖެއެވެ.
ނަމަވެސް އެޙާދިސާގެ މަތީން ހަނދުމަނުނެތޭ އެކަކު ހުރިއެވެ. އެމީހަކީ ވިޔަފާރިވެރިޔާ ޤަތުލުކުރި މަގުފޭރޭ ޑާކޫއެވެ. އޭނާއަށް ކޮތަރު ޖޯޑެއް ފެންނަ ކޮންމެ ފަހަރަކު މަޤްތޫލުގެ އެލަފްޒުތައް ހަނދާންވެއެވެ. "އޭ ދެ ކޮތަރެވެ. ކަލޭމެން ހެކިވާށެވެ!"
އެއްފަހަރަކު އޭނާގެ ކޮންމެވެސް ތިމާގެ މީހެއްގެ ގޭގައި ޖާފަތެއްއޮތެވެ. އެއީ ފުދޭވަރެއްގެ މުއްސަނދި މީހެކެވެ. އެހެންކަމުން އެޖާފަތަށް ވަރަށް ގިނަ މީހުން ޙާޟިރުވިއެވެ. އޭގެ ތެރޭގައި ރަށުގެ އެންމެ އިސްވެރިންވެސް ހިމެނެއެވެ. އެޖާފަތުގައި ތަފާތު އެތައް ބާވަތެއްގެ ކެއުންތައް އަތުރާފައި އޮތެވެ. ވިޔަފާރިވެރިޔާގެ ޤާތިލުވެސް ތަފާތު ބާވަތްތަކުގެ ކާނާތައް އޭނާގެ ތައްޓަށް އަޅަމުންގޮސް އެތަނުން ބޮޑުކަހަނބެއްގެ މަތި ނެގިއެވެ. އޭނާއަށް ފެނުނީ ރޯސްކޮށްފައި އޮތް ބޮޑު ދެކޮތަރު އެކަހަނބުގައި އޮތީތީއެވެ. އޭނާއަށް ފުން ނޭވާއެއް ލެވުނެވެ. އޭނާގެ ލޮލުގެ ކުރިމަތީގައި ގަހަކާއި އޭގެ ގޮފިގަނޑެއްގެ މަތީގައި އިށީނދެގެން ތިބި ދެކޮތަރާއި އަދި އަނިޔާވެރިގޮތުގައި މަރައިލެވުނު ވިޔަފާރިވެރިޔާގެ ހަށިގަނޑު އެނބުރޭން ފެށިއެވެ. އޭނާގެ ކަންފަތުގައި މަޤްތޫލުގެ އެންމެ ފަހުގެ ލަފްޡުތައް ގުގުމަންފެށިއެވެ. "އޭ ދެކޮތަރެވެ! ކަލޭމެން ހެކިވާށެވެ!"
އެހިނދު އޭނާއަށް އިޚްތިޔާރަކާނުލައި ވަރަށް ބާރަށް ހީނގަނެވުނެވެ. އެއާއެކު ހުރިހާ އެންމެންގެ ނަޒަރު އެއްފަހަރާ އޭނާއާ ދިމާއަށް ހުއްޓުނެވެ. އޭނާ ކަހަނބުގެ ތެރޭގައި ރޯސްކޮށްފައި އޮތް ދެކޮތަރާ ދިމާއަށް އަތުން އިޝާރާތްކުރުމަށްފަހު އަނެއްކާވެސް ބާރަށް ހީނގަތެވެ. އަދި ނުފެންނަ ބާރަކުން އޭނާގެ ދޫ ހުޅުވާލިއެވެ. އޭނާ ޙަފްލާގެ މަތީން ހަނދާންނެތި އެޤަތުލުގެ ޙާދިޘާ މީސްތަކުންނަށް ކިޔައިދޭންފެށިއެވެ. އެ ޙާދިޘާގެ ހުރިހާކަމެއް ފުރިހަމަ ތަފްޞީލާއެކު ކިޔައިދިނެވެ. އޭނާގެ ދޫ އެއްކަމެއްވެސް ދޫނުކުރިއެވެ. މީސްތަކުން ޙައިރާންކަމާއެކު އޭނާގެ ވާހަކަ އަޑުއަހަމުން ގެންދިޔައެވެ. އޭނާ އެސިއްރު އެއްކޮށް ފާޅުކޮށް ނިންމާލިއެވެ. ހަމަ އެއާއެކު އޭނާއަށް ކުއްލިއަކަށް މިހެދުނީ ގޯހެއްކަން އިޙްސާސްވިއެވެ. އެތައް އަހަރަކުއްސުރެ މީސްތަކުން ހަނދާންނެތިފައިވާ އަދި އެމައްސަލައިގެ ފައިލްތައްވެސް ބަންދުކުރެވިފައިވާ ހާދިސާ އަމިއްލައަށް ފަޅާއަރުވާލެވުނުކަންމައްޗަށް ހިތާމަކުރެވުނެވެ. ނަމަވެސް ކުރާނީ ކީއްތޯއެވެ؟ އޭރު ތީރު ދުނިދަނޑިން ބޭރުވެއްޖެއެވެ.
ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޙަލަބުގެ ކޮންމެ މީހެއްގެ ދޫމަތީގައިވަނީ އެވާހަކައެވެ. ޙަލަބުގެ އަމީރަށްވެސް އެޚަބަރު ލިބިއްޖެއެވެ. ވަގުތުން ޤާތިލު ހައްޔަރުކުރުމުގެ އަމުރު ނެރެވުނެވެ. ފުލުހުންގެ ވެރިޔާ ރަސްމީކޮށް އެމައްސަލަ ބަލަންފެށިއެވެ. އެދަޢުވަތަށް ޙާޟިރުވި އެންމެން ހެކިބަސްދިނުމަށްޓަކައި ޙާޟިރުކުރެވުނެވެ. އެއިން ކޮންމެ މީހަކުވެސް ބަޔާންދިނެވެ. އަދި މުޖްރިމް ޙާޟިރުކޮށް ހެކިންގެ ބަޔާންތައް އޭނާގެ ކުރިމަތީގައި ބެހެއްޓުނެވެ. އޭނާގެ ކުރިމަތީގައި ކުށައް އިޢުތިރާފްވުން ނޫން އެހެންގޮތެއްނެތެވެ. ޤާޟީ ޙުކުމްކުރެއްވީ އޭނާ ދަންޖެއްސުމަށެވެ.
ޙަލަބްގެ ޙާކިމް ވިދަޅުވިއެވެ. އަހަރަމެން ހެކިވެއްޖައީމެވެ.
ޙަލަބްގެ ޤާޟީ ވިދަޅުވިއެވެ. އަހަރަމެންވެސް ހެކިވެއްޖައީމެވެ.
ފުލުހުންގެވެރިޔާ ވިދަޅުވިއެވެ. އަހަރަމެންވެސް ހެކިވެއްޖައީމެވެ.
މީސްތަކުން ބުންޏެވެ. އަހަރަމެންވެސް ހެކިވެއްޖައީމެވެ.
މަރުގެ ޙުކުމް ތަންފީޒުކުރަން އޮތްދުވަހުގެ އެއްދުވަސްކުރިން ޤާތިލްގެ އަންހެނުން އޭނާއާ އެންމެ ފަހު ފަހަރަށް ބައްދަލުކުރިއެވެ. އަދި ސުވާލުކުރިއެވެ. ތިބާގެ ކުށް ވަންހާނާވެފައި އޮންނަތާ އެތައް ޒަމާނެއްވެފައިވަނިކޮށް ތިބާ އެސިއްރު ފާޅުކުރީ ކީއްވެހެއްޔެވެ؟ އޭނާ ޖަވާބުގައި ބުންޏެވެ. އަހުރެން އެސިއްރު ފާޅުނުކުރުމަށް ގަސްތުކޮށްގެން ހުރި ހުރުން، އެއަށްވުރެ މާގަދަފަދަވަންތަ ފަރާތެއްގެ އިރާދަފުޅުން އަތުލެއްވީއެވެ. އަދި ވާހަކަދެއްކުމަށް އަހުރެންނަށް މަޖްބޫރުކުރެއްވީއެވެ.
އަނެއްދުވަހު ހެނދުނުހެނދުނާ ޤާތިލު ދަންޖައްސައި މަރުގެ ޢުޤޫބާތްދެވޭ މަންޒަރު ބަލަން އެތައްބަޔަކު ޖަމާވިއެވެ. އޭނާގެ ކަރަށް މަޅިގަނޑު ވައްޓާލުމާއެކު އޭނާ ބުންޏެވެ. އެބަސްތައް ނުކުތީ އަހަރެންގެ ދުލަކުންނޫނެވެ. އަދި ކިއެއްތަ! އެބަސްތަކަކީ ދަޢުވަތުގެ ދުވަހުގައި އަހަރެންގެ ކުރިމަތީގައި ހުރި ކަހަނބުގެ ތެރޭގައި އޮތް ދެކޮތަރުގެ ދުލުން ނުކުތް ބަސްތަކެކެވެ.
އެހިނދު ޖައްލާދު ވާގަނޑަށް ދަމާލިއެވެ. އަދި ބޮޑު މުޖްރިމެއް އޭނާއަށް ޙައްޤުވެގެންވީ ސަޒާ އާ ބައްދަލުކުރި މަންޒަރު މީސްތަކުންނަށް ފެނިގެންދިޔައެވެ. އަދި ހަމަޖެހުމުގެ ނޭވާއެއް މީސްތަކުންނަށް ލެވުނެވެ. ދެން ހަމަކުއްލިއަކަށް الله اكبر، الحمد لله، لاإله إلا الله މަތިވެރި ކަލިމަތަކުން މުޅި ފަޒާ ގުގުމައިގެން ދިޔައެވެ. އެހިނދު މީސްތަކުންނަށް ފެނުނީ ފުރާނަގޮސްފައިވާ ޤާތިލުގެ ބޮލުގައި އެއްވެސް ޙަރަކާތެއްނުކޮށް ދެ ކޮތަރު އިށީނދެގެން ތިބީތީއެވެ. އެހިނދު އެންމެން އެއްއަޑަކުން ބުންޏެވެ. "ހަމަކަށަވަރުން އެ ދެ ކޮތަރުވެސް ހެކިވެއްޖެއެވެ."
މި މައްސަލައިގައި ދުނިޔޭގެ ކޯޓުތައް އިންޞާފު ހޯދައިދިނުމަށް ވީ ނުކުޅެދިފައެވެ. އެމީހުންނަކަށް ޤާތިލެއް ނުހޯދުނެވެ. އޭނާ އެތައް އަހަރުތަކެއް ވަންދެން މިނިވަންކަމާއެކު ދިރިއުޅެމުން ގެންދިޔައެވެ. ނަމަވެސް ﷲ ތަޢާލާ ވޮޑިގެންވީ އޭނާއަށް ބައްލަވާ ވޮޑިގަތުމުގައެވެ. އެކަލާނގެ، އޭނާގެ ސިއްރު އޭނާގެ ދުލުން ފާޅުކުރެއްވިއެވެ. އަދި ޤާނޫނުގެ ކުރިމައްޗަށް އޭނާ ޙާޟިރުކުރެއްވިއެވެ. އޭނާއަށް ކުޑަ މުއްދަތެއް ލިބުނެވެ. ނަމަވެސް އެންމެފަހުން ކިހާ ދުވަހަކަށްތޯއެވެ؟ އަދި އެންމެފަހުން އެ ދެކޮތަރުވެސް އޭނާއާ ދެކޮޅަށް ހެކިބަސް ދިނެވެ. އަދި އަނިޔާލިބުނު މީހާގެ ގޮވައިލުމުގެ ޖަވާބު އެނާ އަށް ލިބިގެންދިޔައެވެ.
__________________________________
މަޞްދަރު: ސުންހެރޭ ފައިޞަލާ / ޢަބްދުލްމާލިކް މުޖާހިދް
ކޮމެންޓް (0)
ލޯޑް ކުރަމުން...