ދީންސުވާލާއި ޖަވާބު

ހައިޟުގެ ދުވަސްވަރު އޮޅިފައިވާނަމަ ނަމާދުކޮށް، ރޯދަހިފަން ހަދާނީ ކިހިނެއް؟

 

ހައިޟުގެ ދުވަސްވަރު އޮޅިފައިވާނަމަ ނަމާދުކޮށް، ރޯދަހިފަން ހަދާނީ ކިހިނެއްތޯއެވެ؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:ހައިޟުގެ މުއްދަތު އޮޅިފައިވާ މީހުނަށް އެކަމުގެ މުއްދަތު ދެނެގަތުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ވީމައި އެއްމެ ފުރަތަމަ ބޭނުންވަނީ ހައިޟު ފެށޭ ވަގުތާއި ޠާހިރުވާ ވަގުތު ދެނެގަތުމުވެ.އެގޮތުން ޙައިޟުގެ މުއްދަތު އޮޅިފައިވާ (ޕީރިއަޑު އިރެގިއުލަރ ވެފައިވާ) މީހުން ހައިޟުގެ ވަގުތު ދެނެގަންނާނެ އެއްގޮތަކީ: ލޭގެ ބާވަތުންނެވެ. އޭގެ ކުލަޔާއި ވަހުންނެވެ. އެއީ ކުލަ ގަދަ، އޮލަ އަދި ވަސްނުބައި ލެއެކެވެ. އެފަދަ ލޭ ނުވަތަ ލޭ އައުމުގެ ކުރިން އަންނަންފަށާ މުށިކުލައިގެ (ބްރައުން ޑިސްޗާރޖް) ނުވަތަ އެހެން ކުލައެއްގެ އެއްޗިހި އަންނަން ފެށުމަކީ އެއީ ހައިޟުގެ ފެށުމެވެ. އެ ވަގުތުން ރޯދަހިފުމާއި ނަމާދު ކުރުން ހުއްޓައިލަން ޖެހޭނެއެވެ. އަދި ޠާހިރުވި ކަމުގައި ބެލެވޭ ވަގުތަކީ ހައިޟުގެ ލޭ ނުވަތަ އެފަދަ އެހެން ކުލައިގެ އެއްޗިހި އައުން ހުއްޓި ހުދު ނުވަތަ ފެންކުލަ (ވައިޓް ޑިސްޗާރޖް) ފެނުމުންނެވެ. ހައިޟުގެ މުއްދަތަކީ އެކި އަންހެނުންނަށް އެކިމުއްދަތެވެ.ތިޔަފަރާތުގެ ހައިޟު ނުވަތަ ޕީރިއަޑް އެއްމެ ފުރަތަމަ ބާލިޣުވީއްސުރެ އެއްހަމައެއްގައި ރެގުލާކޮށް ވަކި މުއްދަތަކަށް (5، 7، 10 ނުވަތަ އެއަށްވުރެ ގިނަ ނުވަތަ މަދު މުއްދަތަކަށް) ހުރެފައި އެގަވާއިދު އޮޅި، މެދުނުކެނޑި ގިނަ މުއްދަތަކަށް ދެމިގެން ގޮސްފައިވުމުން ހައިޟުގެ ވަގުތު ދެނެގަންނާނެ ގޮތަކީ ކުރީގެ މުއްދަތާއި ލޭގެ ބާވަތުންނެވެ. ކުރީގައި އެއްމުދަތެއްގެ ތެރޭގައި ހައިޟު ފެށިގެން ރަނގަޅުވާ ނަމަ، އެމުއްދަތު ހަމަވުމުންވެސް ލޭ ނުކެނޑި އަންނަ ނަމަ އަދި ހައިޟުގެ ލޭގެ ކުލައާއި ވަސް ކެނޑި އާދައިގެ، ސާފު، ރަތްކުލައިގެ ލެއަށް ބަދަލުވުމުން ހައިޟުގެ މުއްދަތު ނިމުނީކަމުގައި ބަލާނީއެވެ. އަދި ފެންވަރައި ނަމާދުކޮށް ރޯދަ ހިފާނީއެވެ. އެ ލެއަކީ އިސްތިޙާޟާއެވެ. އެއީ ޙައިޟެއް ނޫނެވެ. އާދައާއި ޚިލާފު ގިނަ ދުވަސް ވަންދެން ނުވަތަ އެއްގޮތަކަށް ވެސް މެދު ނުކެނޑި ލޭ އަންނަ ނަމަ އަދި ލޭގެ ބާވަތަށް ބަލައިގެންވެސް ނޭންގޭނަމަ ބަލާނީ ކުރީގެ މުއްދަތަށެވެ.އަނެއް ގޮތަކީ އެއްމެ ފުރަތަމަ ބާލިޣުވީއްސުރެ ހައިޟުގެ މުއްދަތު އޮޅިފައި ވުމެވެ. އެ ހާލަތުގައި ތިބާގެ ހައިޟުގެ މުއްދަތު ވަކިކުރަން ނޭނގޭ ނަމަ ލޭގެ ބާވަތުން ވަކި ކުރެވޭތޯ ބަލާށެވެ. ލޭގެ ބާވަތުން ނޭންގޭނަމަ އާއިލާގެ އަންހެނުން؛ މަންމަ ނުވަތަ ދައްތަ ފަދަ މީހުންގެ އާންމު މުއްދަތަކީ ތިބާގެ ހައިޟުގެ މުއްދަތު ކަމުގައި ބަލާށެވެ. އެގޮތަށް ބަލައިގެން ފެންވަރައި ނަމާދުކޮށް ހަދާނީއެވެ.والله أعلم وصلى الله على محمد وآله وسلم

ގުޅުންހުރި

1 ޚިޔާލު

  1. ވަރަށް ބޮޑަށް ޝުކުރުވެރިވަން. ކޮންމެހެން ބޭނުން ވެގެން ހުރި މައުލޫމާތެއް މީ

Your email address will not be published. Required fields are marked *

More in ދީން