ސީރިޔާގެ އިދިކޮޅު ފަރާތްތަކަށް ނަޞްރު ލިބުން ވަރަށް ގާތްވެއްޖެކަމަށް ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބް އެރްދުޣާން ވިދާޅުވެއްޖެއެވެ.
"އަޅުގަނޑުމެންނަށް ފެންނަފެނުމުގައި ދެން ލަސްތަކެއް ނުވެ ސީރިޔާގެ ރައްޔިތުންނަށް ނަޞްރު ލިބޭނެ،" ބޮޑުވަޒީރު އެރްދުޣާން ވިދާޅުވިކަމަށް އަނަޓޯލިއާ ނިއުސް އޭޖެންސީއިން އެމަނިކުފާނަށް ހަވާލާދީ ބުނެފައިވެއެވެ.
"ސީރިޔާގެ އަނިޔާވެރިކަމުގެ ހައްދުފަހަނަ އަޅާފައިވާ ސަރުކާރު ދާދިއަވަހަށް ވެރިކަމުން ވެއްޓިގެންދާނެ. މިފަހަކަށް އައިސް ހަދާނެގޮތް ހުސްވެގެން އަމިއްލަ ރައްޔިތުން އެއްވެސް ބެލުމެއް އަޅާލުމެއް ޖެހިލުމެއްނެތި ކަތިލަމުން ދިއުމުން އަޅުގަނޑުމެންނަށް އެހިނދުން އެގިއްޖެ ބައްޝާރުލް އަސަދުގެ ފަހު ދުވަސްތައް ގާތްވެއްޖެކަން،" އެރްދުޣާން ހާމަކުރެއްވިއެވެ.
ބައްޝާރުލް އަސަދުގެ ސަރުކާރާއި ދެކޮޅަށް އެއްވެސް ބޭރުގެ ފަރާތަކުން ހަމަލާދީފިނަމަ ކެމިކަލް ހަތިޔާރު ބޭނުންކުރާނޭކަމުގެ އިންޒާރު ސީރިޔާގެ އަނިޔާވެރި ސަރުކާރުން ދިނުމާއި ގުޅިގެން އެރްދުޣާން ވިދާޅުވީ އެފަދަ ކަމެއް ކުރާން އުޅެފިނަމަ އޭގެ ބަދަލުގައި ހަމަލާދޭން ތުރުކީވަނީ ތައްޔާރަށް ކަމަށެވެ.
"ސިރިޔާ ސަރުކާރު އަނިޔާވެރިކަމުގައި ކުރިއަށްދާން ބޭނުންވާނަމަ އަދި އެމީހުންނަށް ޖެހިފައިވާ ޙާލުން ފިލާވަޅު ހާސިލް ނުކުރާނަމަ ތުރުކީއިން ސީރިޔާގެ ސަރުކާރަށް އޭގެ ބަދަލުދޭން އެއްވެސްގޮތަކަށް ފަހެއް ނުޖެހޭނެ،" ތުރުކީގެ ބޮޑުވަޒީރު އިތުރަށް ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...