ލިޔުނީ: ހުސެއިން ސާލިމް
އިސްލާމްދީނުގެ ފަސްވަނަ ރުކުން ކަމުގައިވާ ހައްޖުގެ މަތިވެރި އަޅުކަން ކުރުމަށް މިއަހަރު ސައުދި އަރަބިޔާއަށް ދާމީހުން 25 ބިލިއަން ސައުދީ ރިޔާލް ހޭދަކުރާނެކަމަށް ތަޖުރިބާކާރުން ލަފާކޮށްފިއެވެ. މި އަދަދަކީ މިދިޔަ އަހަރަށްވުރެއް 25 އިންސައްތަ އިތުރު އަދަދެކެވެ.
"މީގެ މައިގަނޑު ސަބަބަކީ، އެކޮމޮޑޭޝަނަށް ކުރަންޖެހޭ ހަރަދު ބޮޑުވުމާއި، ކާ އެއްޗެއްސާއި، ފްލައިޓުތަކުގެ ޓިކެޓު އަގު ބޮޑުވުން" ޖިއްދާގެ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ މެންބަރެއްކަމުގައިވާ އަލީ ހަސަން ނަގޫރު މި މައްސަލައާ ބެހޭގޮތުން ވާހަކަދަށްކަވަމުން ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ "މިދިޔަ އަހަރު ސްވައިންފްލޫ ފެތުރެމުން ދިޔުމުގެ ސަބަބުން ގިނަ ބަޔަކު ހައްޖުވުމަށް ނައިސް ތިބުމާއެކު މިއަހަރު ވަރަށް ގިނަ އަދަދެއްގެ މީހުން ހައްޖުވާން އަންނާނެކަމަށް ލަފާކުރެވޭ" ކަމަށެވެ. އުމުރުން 60 އަހަރުން މަތީގެ މީހުންނާއި 12 އަހަރު ނުވާ ކުޑަކުދީންގެ އިތުރުން ބަނޑޮ ބޮޑެތި މީހުން ހައްޖުވުން މިދިޔަ އަހަރު ވަނީ މަނާކުރެވިފައެވެ.
އަލީ ހަސަން ނަގޫރު ހާމަކުރެއްވި ގޮތުގައި މިއަހަރު އުމުރާޔަށް ދިޔަ މީހުންވެސް ވަނީ އޭގެ ކުރީ އަހަރަށްވުރެއް 30 އިންސައްތަ އިތުރަށް ހަރަދުކޮށްފައެވެ. މިކަމުގެ މައިގަނޑު ސަބަބެއްކަމުގައި އޭނާ ފާހަގަކޮށްފައިވަނީ ހަރަމްފުޅުގެ ވަށައިގެން ހައްޖުވެރިންނާއި، އުމްރާއަށް ދާމީހުން ތިބުމަށް ހަދާފައިވާ ތަންތަނުގެ ކުލި ބޮޑުވުން ކަމަށެވެ. މި އަހަރު 4 މިލިއަނާ ގާތްކުރާ އަދަދަކަށް އުމުރާއަށް މީހުން އައިސްފައިވާއިރު ކުރިޔަށް މިއޮތް 5 ވަރަކަށް އަހަރު 5 މިލިޔަނާ ގާތްކުރާ އަދަދަކަށް ކޮންމެ އަހަރަކު މީހުން އންނާނެކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެހެންކަމުން ހައްޖުވާން އަންނަ މީހުންނަށާއި އުމުރާއަށް އަންނަ މީހުންނަށް ހާއްޞަކޮށްގެން ހޮޓާތަކެއް ބިނާކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި އަލީ ހަޞަން ފާހަގަކުރެއްވިއެވެ.
މަށްކާގެ ހޮޓަލެއްގެ މެނޭޖަރެއްކަމުގައިވާ ޝުޖާ އަލް ޒައިދީ ވިދާޅުވީ ޔޫރަޕާއި، އެމެރިކާއާއި، ކެނެޑާގެ އިތުރުން އޮސްޓްރޭލިއާއިން އަންނަ ހައްޖުވެރިންގެ އަދަދު އިތުރުވަމުން ދާކަމަށާއި، އެހެން ނަމަވެސް އެހެން ޤައުމުތަކުން އަންނަމުންދާ ހައްޖުވެރިންގެ އަދަދު، އަގުތަށް އުފުލެމުން ދިޔުމުގެ ސަބަބުން މަދުވަމުން އަންނަ ކަމަށެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މިއަހަރު 10 މިލިއަނާ ގާތްކުރާ އަދަދަކަށް ހައްޖުވެރިން ސައޫދީ އަރަބިޔާއަށް އަންނާނެއެވެ. އަދި މަށްކާގައި މިހާރު ކުރިޔަށްދާ ހައުސިން ޕްރޮޖެކްޓްތަކުގެ ސަބަބުން މިހާރު ދިމާވެފައިވާ އެކޮމޮޑޭޝަންގެ މައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...