ރިޕޯޓް އައި.ޖީ.އެމް.އެޗްގައި އެއްދުވަސް!

އައި.ޖީ.އެމް.އެޗްގައި އެއްދުވަސް!

އައި.ޖީ.އެމް.އެޗްގައި އެއްދުވަސް!

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

ވަރަށް ގާތް މީހަކު މާބޮޑަށް ބަލިވެގެން، ސަރުކާރުގެ އެންމެބޮޑު ހަސްފަތާލުގައި އެދުމަތި ކޮށްފައި އޮވެގެން އެތަނަށް ދިޔައީމެވެ. ޙަޤީޤަތުގައިވެސް އޭނަގެ ހާލަތު ވަރަށް ދެރައެވެ. ގާތްތިމާގެ މީހުނާއި ރައްޓެހިން ވަރަށްގިނަ އަދަދަކަށް އެތަނުގައި ތިއްބެވެ. ހުރިހާމީހުންގެ މޫނުމަތިންވެސް ފެންނަންހުރީ ހިތާމައާއި ހާސްކަމެވެ. ބަލިމީހާގެ ހާލަތުފެނިފައި އެތަނުން ދާންވެސް ހިތްހަމަނުޖެހިގެން އެނދުކައިރީގައި އެތައް އިރެއްވާންދެން ހުރެވުނެވެ. ކޮއްޅަށް ހުރުމުގެ ސަބަބުން ލިބިފައިހުރި ވަރުބަލިކަން ފިލުވާލުމަށްޓަކައި މެޑިކަލްވޯޑުގައި ތިބޭ ބަލިމީހުންގެ އެހީތެރިން މަޑުކޮށްލަން ޚާއްޞަކޮށްފައި ހުންނަ ތަނުގައި  މަޑުކޮށްލީ އެވަގުތަކީ ހުކުރުނަމާދަށް ބަންގިގޮވި ވަގުތުކަމަށްވީމައި، އެތަނުގައި ހުރި ޓީ.ވީ އިން ހުކުރު ޚުޠުބާ އަޑުއަހާލުމުގެ ވެސް ބޭނުމުގައެވެ. ކުލަގަދަވުމުގެ ސަބަބުން ޓީ.ވީ އިން ފެންނަ މަންޒަރު ކިތަންމެ ނުސާފުނަމަވެސް ދެތިންމީހަކު ޓީ.ވީ އާއި ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ. އެވަގުތު ޓީ.ވީ އިން ފެންނަނީ " ސްޓާ ގޯލްޑު " ކިޔާ ޗެނަލަކުން، ވަރަށް ގަދައަށް ތަޅާފޮޅާ ހިންދީ ފިލްމެކެވެ. އެތަނުގައި ތިބިމީހުންގެ އިޒުނައާއި އެކު އެ ޓީ.ވީ ގެ ޗެނަލް ބަދަލުކޮށް ޓީ.ވީ.އެމް އަށް ޓިއުންކޮށްލެވޭތޯ ބެލީމެވެ. ވަރަށްދެރައެވެ. އެކަމަށް ބޭނުންވާ ސުވިޗުގެ ބަދަލުގައި  އެ ޓީ.ވީ ގައި ހުރީ ސިވިޗު ހަރުކުރިތަނެވެ. ކޮންމެއަކަސް ކުރާންބޭނުވި ކަންތަކެއް ނުވިއެވެ.

 

މެންދުރު ފަހުގެ ވަގުތެކެވެ. ބަލިމީހާ ބާއްވާފައިއޮތް އެނދުގެ ކައިރީގައި ގާތްތިމާގެ މީހުން މޮޅިވެރިކަމާއެކު ތިއްބާ، ބިދޭސީ ފިރިހެން ނަރުހަކު ކުޑަވަރެއްގެ މެޝިނެއް ދަމާފައި އަތުވެއްޖެއެވެ. ބަލިމީހާ ބާއްވާފައިއޮތް އެނދުގެ ކޮޅުގައި ހުރި ސޮކެޓްސުވިޗަކަށް އެއްކަލަ މެޝިނަށް ކަރަންޓުދޭން ޖަހާފައިއޮތް ވާގަނޑާއި ގުޅާފައިއޮތް ޓޮޕު ޖަހައިފިއެވެ. ކަންދިމާކުރި ގޮތުން މެޝިނަށް ކަރަންޓް އަންނަ ގޮތެއް ނުވިއެވެ. ނަރުސް، ޓޮޕުގެ މަތީގައި ދެފަހަރަކު ޖަހާލުމުން އެއީ އާއްމުކޮށް ދިމާވާކަމެއްކަން އެނގުނެވެ. އެވަރުންވެސް ކަރަންޓު ނައުމުން އެއްކަލަ ޓޮޕު ލުއްސާލަން ހިފާލީމައި އަންނަނީ ޓޮޕުގެ ބަދަލުގައި ސޮކެޓްސުވިޗެވެ. ހިނިތުންވެފައި ހުރި ނަރުސް ސޮކެޓްސުވިޗުގައި ހިފަހައްޓާފައި ޓޮޕު ލުއްސާލައިފިއެވެ. އެވަގުތު، ސޮކެޓުސުވިޗު ރަގަނޅުތޯ ބަލައިލާނަމޭހިތައި އެތަނުގައި އޮތް ފޯނު ޗާޖަރެއް ޖެހިތަނާ ކަރަންޓު އަތުވެއްޖެއެވެ. ހިތްހެޔޮ މިޒާޖެއްގެވެރި ނަރުސް އެއްކަލަ މެޝިނުގެ ޓޮޕު، ޖެހިގެންހުރި އެނދުގެ ކޮޅުގައި ހުރި ސޮކެޓަކަށް ޖަހައިގެންވެސް ކަރަންޓު ނައުމުން މެޝިނުގެ ކަރަންޓު ވާގަނޑުގައި ހިފައި ތަޅުވައިގަތުމުން އެއަށް ކަރަންޓު އަތުވެއްޖެއެވެ. އެހާހިސާބުން ނަރުސް ކުރާންއައި ކަންތައް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކޮށްނިންމާލައިފިއެވެ. ހިތަށް އެރިއެވެ. ހާދަ ފައްކާ އެއްޗެއްތާއެވެ. ކުރީގައި އެތައްއިރެއް ނަގާކަމެއް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނިންމާލެވުނީތާއެވެ. އެކަމަކު އެ މެޝިން މަސައްކަތް ނުކޮށްގެން އެޅެންޖެހުނު ހާލުފެނިފައި ހުރީތީވެ އެ މެޝިނުން ދައްކާ ނަތީޖާ އަށް އިތުބާރު ކުރާނީ ކިހިނެއްބާވައޭ ހިތަށްއެރިއެވެ. ނަމަވެސް އެތަނުގައިތިބި މީހުންގެ ތެރޭގައި އެވާހަކަ ދައްކާކަށް ބޭނުމެއްނުވިއެވެ. ބަލިމީހާގެ ހާލަތުހުރިގޮތުން އެމީހުން ހާސްވެފައި ތިބިވަރުންނެވެ.

 

ބަލިމީހާއަށް ޚިދުމަތްދިނުމަށްގެނައި މެޝިންގެ ހާލަތު ފެނިފައި ހަނދާނަށްއައީ މީގެ 3 ހަފުތާވަރު ކުރީގެ ހާދިސާއެކެވެ. ޑޮކްޓަރަކަށް ދެއްކުމުންދިން ޓެސްޓްތަކެއް ހައްދަން ސަރުކާރުގެ ބޮޑު ހަސްފަތާލަށް ދިޔަދުވަހެކެވެ. ޓެސްޓުހައްދަން ދައްކަންޖެހޭ އަގު ދެއްކުމަށްޓަކައި ނަންބަރެއްނެގީމެވެ. ކުރިއަށް 6 މީހުންތިބިކަމަށް ނަންބަރުގައި އޮތެވެ. ކޮށިގަނޑުގައި ޚިދުމަތްދިނުމަށްއިން މުވައްޒަފު ފެނިފައި ހިތަށްއެރިއެވެ. ހަމީހުން ތިބުމަކީ މަސްއަލައެއްނޫނެވެ. ޚިދުމަތްދިނުމަށް އިނީ މި ހަސްފަތާލުގެ މި ދާއިރާގައި ޚިދުމަތްކުރާތާ ވަރަށް ދުވަސްވީ މުވައްޒަފެކެވެ. ހަމަގައިމުވެސް އަތްމަތި އަވަސްވާނެއެވެ. މި ޚިޔާލުގައިހުރެ އެތަނުން ގޮނޑިއެއްގައި އިށީދެއްޖައީމެވެ. ނަމަވެސް ކަންތައްދިޔައީ ހީކުރެވުނު ގޮތާއި މުޅިން ތަފާތުކޮށެވެ. ނަންބަރުތައް ކުރިއަށްދަނީ ފިނިހައް ގެ ދުވެލީގައެވެ. ކޮންމެއަކަސް ކެތްކޮށްލައިގެން އިނުންނޫންގޮތެއް ނެތިގެން އިންދާ އިރުގަނޑެއްފަހުން އަޅުގަނޑުގެ ނަންބަރާއި ޖެހިއްޖެއެވެ. ކޮށިގަނޑާއި ކައިރިވެލާފައި ފުރަތަމަވެސް ކޮށްލެވުނީ ޝަކުވާއެކެވެ. ކުރިއަށްދާލެއް ލަސްކަމުގެ ޝަކުވާއެވެ. ތިމަންނަކުރާނީ ކީއްހޭ ސުވާލުކުރާފަދަ ގޮތަކަށް ބަލާލައިފައި އެކުއްޖާބުނީ ސާވާ ލަސްކަމުން މަސައްކަތް ލަސްވަނީ ކަމުގައެވެ.

 

އަނެއްކާވެސް ކުރީދުވަހަށް އެނބުރި ދާނަމެވެ. ރޭގަނޑު އަށެއްޖަހާކަށްހާއިރު އަނެއްކާވެސް ހަސްފަތާލަށް ދިޔައީމެވެ. ބޮޑުމަގަށް ހުރި ދޮރޯށިން ވަންނައިރު އެންމެފުރަތަމަ ޖެހޭ ގޮނޑިބަރިން ގޮނޑިއެއްގައި އިން ރައްޓެއްސަކުފެނިގެން އޭނަކައިރީގައި މަޑުކޮށްލާފައި، މިތަނުގައި ކީއްކުރަނީތޯ ސުވާލު ކޮށްލީމެވެ. އޭނަދިނީ ވަރަށް އާދަޔާ ޚިލާފު ޖަވާބެކެވެ. ކުޑަކޮށް ހީލާފައި އޭނަބުނީ މިއޮތީވާކެމެވެ. ކުރީގެ ސުވާލު ތަކުރާރު ކޮށްލުމުން އޭނަބުނީ ކުރިއަށްއޮތް ދުވަހު ހެނދުނު ދޫކުރާ ނަންބަރެއް ހޯދަން ހުރި ކިއުއެއް ކަމަށެވެ. ހާދަހާދެރަކަމެއްދޯއޭ އޭނަ ކައިރީބުނެފައި ބަލިމީހާއޮތް ވޯޑަށް ހިގައްޖެއީމެވެ. ބަލިމީހާގެ ހާލަތު ވަރަށްދެރައެވެ. އެތަނުގައި ގަޑިއެއްހާއިރުވެފައި އަނެއްކާވެސް ފަހުން އަންނަންކަމަށް ހިގައްޖެއީމެވެ.

 

އެރޭގެ ދަންވަރު ހަސްފަތާލަށް ދިޔައިރު ބޮޑުމަގުގައި، ހަސްފަތާލު ހުންނަ ފަޅިނޫން އަނެއްފަޅީގައި، ކުރިންދިމާވި، ދިގުކިއުގައި ހުރި ރަހުމަތްތެރިޔާ ހުއްޓެވެ. ބަލަ ކިއު މަގަށްބަދަލުވީހޭ އަހާލީމައި އޭނަ ބުނީ ބަޑުހައިވެގެން ސައިތައްޓެއް ބޯލަން ނިކުތީކަމަށެވެ. އެތަނުގައި ތިބިމީހުންކައިރީގައި ބުނެފައި ގޮނޑީގައި އެއްޗެއް ބާއްވާފައި ނިކުތީކަމަށްވެސް ބުއްޏެވެ. މެންދަމުން އަލިވެ ދޭއް ޖެހިފަހުން ގެއަށްދާން ނިކުތްއިރު ނަންބަރުހޯދަން ކިއުގައި އުޅޭ ރަހުމަތްތެރިޔާ ކިއުގޮނޑިބަރީގައި އިންދާފެނިގެން ހިތަށްއެރިއެވެ. މި ކިއުގެ ކަންތައް އޮންނަގޮތެއް އޮޅުންފިލުވާލާނަމެވެ. އޭނަ ކިއުއަށް އައީ ކިހާއިރަކުތޯ އަހާލުމުން ބުނީ 7.30 ކަމަށެވެ. އެހާއިރުން އޭނައަށް ލައްވާލީ ކިއުގެ މެދުތެރެއެވެ. ކިއުގައި ހުންނަންޖެހޭނީ "އެންމެ" 12 ގަޑި އިރެވެ. އެންމެފުރަތަމަ އައި މީހާ، އައީ ކިހާއިރަކުތޯ އޭނަކުރެން އަހާލީމައި ބުނީ މެންދުރު 1 ޖެހިއިރު ކަމަށެވެ. އެހެންވީމައި އޭނަ ކިއުގައި ހުންނަންޖެހޭނީ 18 ގަޑި 30 މިނިޓެވެ. ވަރަށް ގިނަ ސުވާލުކުރީމެވެ. އެކަމާއިބެހޭ މަޢްލޫމާތު ހޯދާލުމުގެ ބޭނުމުގައެވެ. ފަހަރެއްގައި އަޅުގަނޑުވެސް ކޮންމެވެސް ދުވަހަކުން އެ ކިއުއަށް ދާންޖެހިދާނެތީއެވެ. އެތަނުން ލިބުނު މަޢްލޫމާތު ކޮޅެއް ކިއުންތެރިންނާއި ހިއްސާކޮށްލާނަމެވެ. އެ ކިއުގައި ތިބޭ މީހުނަށް ނަންބަރު ދޫކުރަނީ ހެނދުނު 7.30 ގައެވެ. ފަހަރެއްގައި އެމީހަކާއިޖެހޭއިރު އޭނަ ހޯދަންބޭނުންވާ ޑޮކްޓަރުގެ ނަންބަރު ހުސްވެސް ވެދާނެއެވެ. އެހެންވެއްޖެއްޔާ ކިއުގައި ހޭދަކުރި 12 ވަރަކަށް ގަޑިއިރު ބޭކާރުވީއެވެ. ދިގު ކިއުއިން ލިބޭ ނަންބަރު ހިފައިގެން ދާންޖެހެނީ އެކަމަށް ޚައްޞަކޮށްފައި ހުންނަ ކޮށިގަނޑަކަށެވެ. އެތަނުން ކޮށްދޭ ކަމަކީ އެއްކަލަ ނަންބަރު ރަޖިސްޓްރީ ކޮށްދިނުމެވެ. އެހާހިސާބުން އެލިބެނީ ޖެހިގެން އަންނަ ދުވަހު ޑޮކްޓަރަށް ދެއްކޭނެ ކަމުގެ ޔަޤީންކަމެކެވެ. އަދި ޑޮކްޓަރަށް ދެއްކުމަށް ހައްދަންޖެހޭ މެމޯ ހަދައިދެނީ އެރޭ 12 ޖެހުމުންނެވެ. އަނެއްކާ ވެސް އިތުރު ކިއުއެކެވެ. 12 ޖަހާއިރު މެމޯހައްދަން 9 ޖަހާކައްހާއިރު ކިއުހަދަންފަށާކަމަށް އެތަނުން މީހަކު ބުންޏެވެ. ކިރިޔާވެސް ފަދައަކުން ފަދައެއް އޮތްމީހަކު ވިއްޔާ، ބަލިވީމައި ޤައުމުން ބޭރަށްދަނީ މިހެންވީމަތާއެ ހިތަށް އެރިއެވެ.

 

އެތައްވަގުތެއް ކިއުގައި ހޭދަކޮށްގެން ލިބޭ ނަންބަރަށް ފުރަތަމަ، ރަޖިސްޓްރީ ކުރަންދާ ކައުންޓަރުން މެމޯ ހަދައިދޭނަމަ އުފުލަންޖެހޭ ތަކުލީފުން ބައެއް ކުޑަވެފައި، ވަގުތުން ބައެއްވެސް ސަލާމަތްވީހެވެ. އަދި އެ ދިގު ކިއުއަށް ދާން ނުޖައްސައި ފޯނުކުރުމުން ނުވަތަ ހަސްފަތާލަށް ދިއުމުން އެޕޮއިންޓްމަންޓް ހަދާދޭނަމަ ރައްޔިތުމީހާގެ ވަޤުތު ސަލާމަތްވެފައި ހައްޓަށްކުރާ ބާރުވެސް ކުޑަވީހެވެ. އެޕޮއިންޓްމަންޓް ހަދައިދޭއިރު އެމީހަކަށް އެންމެއަވަހަށް ލިބެން އޮތްދުވަހެއް ބުނެވިދާނެއެވެ. އޭރުން ރަށްރަށުން ޑޮކްޓަރަށް ދައްކަން އަންނަމީހުން އަންނާނީ ސިދާ އެދުވަހަށެވެ. އެއީ 15 ވަރަކަށް ދުވަސްކަމަށްވީނަމަވެސް އެމީހަކު އެދުވަހަކަށް ކެތްކުރާނެތާއެވެ. މިހާރު މިވާގޮތުން އާއިލާގެ އެކަކު ޑޮކްޓަރަށް ދެއްކޭއިރު އަނެއްމީހާ ހުންނަނީ 18 ވަރަކަށްގަޑިއިރު ހޭލާ، ގޮނޑިއެއްގައި އިންނަންޖެހުމުގެ ސަބަބުން ބަލިވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.