ވާހަކަ ނިމުން

ނިމުން

ނިމުން

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

އަހަރުން އޭނަ ކޮންމެވެސްވަރަކަށް ދަންނަމެވެ. އަދި ބައެއް ދުވަސްދުވަހު  އޭނަ މިސްކިތުންވެސް ދެކެމެވެ.  އަހަރެން ހުރީ އޭނަޔާ އެކުވެރިއަކަށް ވުމަށް ނުހަނު އެދިއެދިއެވެ. އެއްދުވަހަކު އަސުރު ނަމާދަށްފަހު އަހަރެންގެ ރަހުމަތްތެރިއަކާއެކު ވާހަކަ ދަށްކާލަން މިސްކިތުގެ ބޭރުގައި ހުއްޓާ އޭނާ އަހަރުމެން ގާތަށް އައެވެ. އަދި އަހަރެންގެ ރަހުމަތްތެރިޔާއަށް ސަލާމް ކުރިއެވެ. އެ ދެމީހުންނަކީ އެކުގައި ކިޔަވަން އުޅުނު ދެމީހުންކަން މަށަށް އެނގުނީ ދެނެވެ. އެދުވަހު ވަރަށް ގިނަ އިރުތަކެއް ވާންދެން އަނގަތަޅަން ތިބުމަށްފަހު އަނެއްދުވަހު އަހަރެންގެ ގެޔަށް އައުމަށް އެ ދެމީހުންނަށް އަހަރެން ދައުވަތުވެސް ދިނީމެވެ.

އަހަރެންގެ ރަހުމަތްތެރިޔާކުރެން އޭނަޔާ ބެހޭގޮތުން އަހަރެން ސުވާލުކުރީމެވެ. އަދި އޭނަ މިސްކިތާ އެހާ ކައިރީގައި ދިރި އުޅޭއިރުވެސް މިސްކިތުން އެހާ ގިނައިން ނުފެންނަނީ ކީއްވެތޯ އެހީމެވެ. ރަހުމަތްތެރިޔާ އަހަރެންނަށް ކިޔައިދިން ގޮތުން އޭނާއަކީ ރަނގަޅު ކުއްޖެކެވެ. ނަމަވެސް  އޭނަ މަސައްކަތްކުރަމުން ދަނީ ވަރަށް ގޯސްކޮށް އުޅޭ ބަޔަކާ އެކުގައެވެ. އަދި ނަމާދަށް ބައެއް ދުވަސް ދުވަހު ނާދެވެނީ އެމީހުންގެ އަވާގައި ޖެހިގެންނެވެ.

އޭނައަށް މަގު ދެއްކެވުމުގެ ސަބަބެއްކަމުގައި އަހަރެން ލެއްވުމަށާއި، އޭނަގެ ގޯސް ރަހުމަތްތެރިންގެ ކިބައިން އޭނަ ދުރުކުރެއްވުމަށް  އެދި މާތް ﷲގެ ހަޟްރަތުގައި އަހަރެން ދުޢާ ކުރީމެވެ. އަދި އޭނަގެ ގޯސް ރަހުމަތްތެރިންނާ އޭނަ ދުރުކުރުމުގެގޮތުން އޭނަގެ ރަހުމަތްތެރިންނަށް އަހަރުމެން ވުމަށް އަޒުމް ކަނޑަ އެޅީމެވެ. އަދި އޭނައާއެކު އަހަރުމެން ހޭދަ ކުރާ ވަގުތު އިތުރު ކުރީމެވެ. އޭނަވެސް އަހަރުމެންދެކެ ވަރަށް ލޯބިވިއެވެ. ގިނަ ފަހަރަށް އަހަރުމެން ބޭރަށް ގޮސް އުޅެނީވެސް އެންމެން އެކުގައެވެ. މިގޮތުގައި އަހަރުމެން ގިނަ ދުވަސްތަކެއް ހޭދަކުރީމެވެ. އަދި އެތަށް ފަހަރަކު އަހަރެންގެ އާއިލާގެ އެއްވުންތައްވެސް އޭނައަށްޓަކައި ދޫކޮށްލީމެވެ. އެއީ އެންމެ މީހަކަށް ހިދާޔަތް ލިބުމުގެ ސަބަބެއްކަމުގައި ވުމީވެސް މުޅި ދުނިޔެއައްވުރެއް ހެޔޮވެގެންވާކަމަކަށް ވާތީއެވެ.

ދުވަސްތައް ފާއިތުވަމުންދެއެވެ. އަހަރެން އާއިލާއާ އެކު އަވަށުގެ ބޭރުފަށުގައިވާ ގެއަކަށް ބަދަލުވާން ޖެހިއްޖެއެވެ. ނަތީޖާއެއްގެ ގޮތުން އެ ރަހުމަތް ތެރިޔާއާއެކު އަހަރެންމެން ބާއްވަމުންއައި ގުޅުމަށް ހުރަސް އެޅުނެވެ. އަހަރެންގެ އަތުގައި ފޯނެއް ނެތުމާއެކު ދުވަސްގަނޑަކަށް އަހަރެމެންގެ ގުޅުން މެދު ކެނޑިގެން ދިޔައެވެ. އެހެން ނޫނަސްވެސް އަހަރެން  އޭނަގެ ގެއަށް ގުޅާ ކޮންމެ ފަހަރަކު ގެއިން ޖަވާބުގައި ބުނަނީ" އޭނާ މިވަގުތު ނޫޅޭ" ކަމަށެވެ. ފަހުން އަހަރެންނަށް އެނގުނީ އޭނާ ކުރީގެ ގޯސް ރަހުމަތެރިންނާ އަނެއްކާ އެކުވެއްޖެ ކަމެވެ. އީމާންކަމުގެ ފޮނި މީރުކަން ލިބިގަތުމަށްފަހު އެމަގު ދޫކޮށް މަގުން ކަސިޔާރުވެގެން ހިނގައްޖެކަމެވެ. އޭނަގެ އާއިލާވެސް ދޫކޮށް ކުރީގެ ގޯސް އުޅުން އަނެއްކާވެސް އިޚްތިޔާރުކޮށްފިކަމެވެ. ޤުރުޢާން ކިޔެވުމާއި ނަމާދުތަކާއި، ދީނީ ފޮތްތަކާއި، ހެޔޮލަފާ ރަހުމަތްތެރިންވެސް ދޫކޮށްލައިފި ކަމެވެ. އަދި ލަވަޔާއި މިޔުޒިކުގެ ތެރެއަށް ގަރަޣުވެ ހިނގައްޖެކަމެވެ.

އޭނާއަށްޓަކައި އަހަރެން ﷲއަށް ތައުބާ ވީމެވެ. އަދި އެކަލާންގެއަށް ދުޢާ ދެންނެވީމެވެ. އަދި އަހަރެންގެ ބައެއް ރަހުމަތްތެރިންގާތު އޭނާ ގާތުގައި ވަގުތު ހޭދަކުރުމަށް އެދުނީމެވެ. އޭނާއާއެކު ބޭރަށް ގޮސް އުޅުމަށްވެސް އެދުނީމެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން އަހަރެންގެ ރަހުމަތްތެރިއެއްގެ ފޯނުކޯލެއް ލިބުނެވެ. އަދި އޭނާ މަރުވެއްޖެކަމުގެ ހިތާމަވެރި ޚަބަރު އަހަރެންނަށް ދިނެވެ. إنا لله وإنا إليه راجعون...

އަހަރެންގެ ރަހުމަތެރިޔާ މަރުވި ސަބަބު ހޯދުމަށް އަހަރެން ބޭނުންވިއެވެ. އެހެނީ އެތައް ފަހަރަކު އަހަރެން އޭނާއާ ގުޅަން މަސައްކަތް ކުރީމެވެ. ނަމަވެސް އެއްވެސް ފަހަރަކު އެކަން ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. ރަހުމަތްތެރިޔެއްގެ ކިބައިން މަށަށް އެނގުނީ އޭނާގެ ކުރީގެ ގޯސް ރަހުމަތްތެރިންނާއެކު އޭނާ އިރުމަތީ އޭޝިއާއަށް ދިޔަކަމެވެ. އަދި  އެތަނުގައި އުޅެނިކޮށް ޑްރަގް އޮވާ ޑޯޒްވެގެން މަރުވީކަމެވެ.

އަހަރެންގެ އެއް އިރެއްގެ އެ ރަހުމަތްތެރިޔާގެ ގޯސް ނިމުމާ ދޭތެރޭ އަހަރެން ވަރަށް ވިސްނީމެވެ. އެއިން އަހަނަށް އެންގުނު ކަމަކީ އިންސާނާގެ ހިތަކީ އެ ހިތުގެ ވެރި ﷲ ބޭނުންވެއްޖެނަމަ ކޮންމެ ފަދަ ގޮތަކަށްވެސް ބަދަލުކުރަށްވައިފާނެ އެއްޗެއްކަމެވެ. ރަހުމަތްތެރިޔާ ތައުބާ ވުމުގައި އިޚްލާސްތެރި ނުވުމުގެ ސަބަބުން ދީނުގެ މަގުގައި އޭނައަށް ސާބިތުވެ ނުހުރެވުނީއެވެ. އަދި ކުރީގެ ގޯސް މުޑުދާރު އުޅުމަށް އެނބުރި ރުޖޫއަވީއެވެ. إنا لله وإنا إليه راجعون... އަހަރެންގެ ދެއަތް ވައިގެ ތެރެއަށް އުފުލާ ހިތުގެ އެންމެ އަޑިން މިފަދައިން ދުއާކުރީމެވެ.." އޭ ﷲ ! ހިއްތަށް ބަދަލުކުރަށްވާ އިލާހު! އިބަ އިލާހުގެ ދީނުގައި މިއަޅާއަށް ސާބިތުކަން ދެއްވާންދޭވެ!"
އާމީން!!

=ނިމުނީ=

މަސްދަރު: islamway.com

ޓެގް

ވާހަކަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.