މަގުތަކުގެ ކާރުބާރުކަން ބޮޑެވެ. ދުއްވާ ތަކެއްޗާއި މީހުން ކޮޅުކޮޅު މައްޗަށް ޙަރަކާތްތެރިވަމުން ދެއެވެ. މަގުތަކުގައި ވަނީ ހުދުކުލައިގެ ޔުނީފޯރމްތަކެވެ. އެކުދިންގެ އެހީތެރިންނެވެ. އެއްބަޔަކު ރާސްލާފައި ދާއިރު އަނެއް ބަޔަކު ދަނީ ފާރުގައި މިންއަޅަމުން ކަހަލަ ގޮތަކަށެވެ. މި މަންޒަރު ފެނުނު މީހަކަށް މައިން ދަރިންގެ މުސްތަޤުބަލާމެދު ވާ މަތިވެރި ޤުރުބާނީ އިހްސާސްކުރެވޭނެއެވެ.
މަޑު ފިޔާތޮށި ޓޮޕްކޮޅަކާއި ކަށިމަތި ނިވާނުވާވަރުގެ ސޯޓްކޮޅެއް ލައިގެން ހަޢުލާ ސުކޫލު ދޮށަށްދާން ތައްޔާރުވިއެވެ. ޓޮޕްކޮޅާއި ސޯޓާދެމެދު އިންޗިއެއްގެ ޤުދުރަތީ ބެލެޓެއް ހާމަވެއެވެ. ހަޢުލާގެ ފަން ދިގު ރޭގަނޑެއް ފަދަ އިސްތަށިގަނޑު ދެ އަތުން ފަހަތަށް ރަމަތަކޮށްލިއެވެ. އެއާއެކު އޭނާގެ ދަރިފުޅު އަރީޝާ ގޮވައިގެން ސުކޫލުދޮށަށް ދާން ހިނގައިގަތެވެ.
މަންމަ ފެނުމާއެކު އަރީޝާގެ މޫނުގެ ޗާޖަރު ކެހިގެން ދިޔައެވެ. މިލާމޯޅިވެ ނުވަތަވަސްކަން އިތުރުވިއެވެ. އަރީޝާގެ ނުތަނަވަސްކަން އިތުރުވީ މާވެޔޮމަގުން އައިސް އަމީނީމަގަށް އެޅުމުންނެވެ. ކުޑަރުމާ ޖީބުން ނަގައި މޫނު ފުހެލުމަށްފަހު ކުރިއަށްދާން ކުރި މަސައްކަތްވީ ނާކާމިޔާބެވެ. އަރީޝާއަށް ހުއްޓުން އެރިއެވެ. “މަންމާ ބަލާ ބަލަ، ހުދު ޓީޝާޓާއި ބުލޫ ޖިއްސެއް ލައިގެން އެ ހުރި މީހާގަނޑު، ހާދަ ވަރަކަށް އެބަ ބަލައޭ، އަދި މަގުމަތިންދާ ގިނަ މީހުންގެ ލޯތައް ހުންނަނީ މި ދިމާއަށޭ” “ދަރިފުޅާ އަޅާނުލައި އެއީ އެމީހުން ގޮތް” ދެއަތުން ޓޮޕްކޮޅު ތިރިއަށް ދަމާލަމުން ހަޢުލާ ބުނެލިއެވެ.
އެވަގުތު އަރީޝާއަށް ފެންނަމުން ދިޔައީ މަގުމަތީގައިވާ ގާތަށް ލަދުން އިސްޖަހައިލިތަނެވެ. އަދި ވައި ރޯޅިތައް ވެސް ޝަކުވާގެ އަޑު ގުގުމާލާ ތަސްބީހަ ކިޔާތަނެވެ. ހަމައެހެންމެ އުފަލުން ނަށަމުން ދިޔަ ފަތްތަކުގެ ވިދުވަރު ގެއްލި އެއްމިޔަކަމުން ނަފުރަތުގެ ސޮނިބޭލިތަނެވެ. މިއިން ކޮންމެ ކަމެއް އިހްސާސް ކުރެވުމުން އަރީޝާ މޭ ބުނައި ކުރާ ގޮތްވިއެވެ.
“މަންމާ ހިނގާ ގެއަށްދާން” “މިއަދު އަނެއްކާ ކީއްތަވީ” “އަޅުގަނޑު ވަރަށް ދެރަވޭ” “ކޮންކަމަކާ، ނޫނ! މިއަދު ވެސް ސުކޫލަށް ނުދާން ގަދަހަދަނީދޯ، ދާންވާނި، ބޮދާ ހަދާނެ ކަމެއް ނެތް ތީ މިހާރު ބޮޑު ކުއްޖެހޭ، ގްރޭޑް ހަޔަކަށް ދިޔާމާ ވެސް ކުޑަކުދިންހެން” “ނޫނ! ސުކޫލަށް ދާ ހިތެއްނުވޭ، ގެއަށް ދާ ހިތްވަނީ” މަންމަގެ ފުރަގަހުގައި ހުރެ ޓޮޕްކޮޅު ތިރިއަށް ދަމަމުން ބުނެލިއެވެ. ދެމައިން ކުދި ކިޔަމުން ކުރިއަށް ދިޔައެވެ.
ބިލްބޯންގް ހުރަސްކޮށް މާދުރަކަށް ނުދެވުނެވެ. އަރީޝާ ގަސްތުގައި ބުރެކި ޖެއްސިއެވެ. އެ ވަގުތު އަތުގައި ހިފައިގެން ހުރި އޭނާގެ މަންމަ ދުވާރުމަތިން ކަހާ ނުލީ ކިރިޔާއެވެ. ފަހަތުން އައި މީހުންގެ ގައިގައި ދެމައިން ލައިނުގަތީ ވެސް ކިރިޔާއެވެ. ހަޢުލާ ފަހަތަށް އެނބުރި އަރީޝާގެ މޫނަށް ފުންކޮށް ބަލައިލިއެވެ. މޫނު ހީވަނީ ހުޅުކޮޅެއް ހެއްޔެވެ. ގެއިން ގެހި ފުށުގެ އެއްވެސް އަސަރެއް އެ މޫނަކުނެތެވެ. އެ ވަތުގު އަރީޝާ ރޮވޭގޮތް ދައްކާލަމުން މަންމަގެ ޓޮޕްކޮޅު ތިރިއަށް ދަމައިލިއެވެ.
މަގުގެ ދެފަރާތުދައި ކިރުދޫނިތަކާއި މައި ދޫނިތަކުގެ ކަޅި ހުއްޓެނީ ހަޢުލާއަށެވެ. ރީއްޗެވެ. ބަނިއާދަންކަން ހުރި ފަރި ބުރުސޫރައެކެވެ. އަދި އެހައިމެ ހާމައެވެ. ނުބަލާ ހުރެވޭނީ ފަހެ، ކާކަށް ހެއްޔެވެ. ހަޢުލާ ފެންނަމީހުން ޗޮކެއް ކަނޑައިލައި ދެ އަތަކަށް ބޯ ހޫރާލައެވެ. މިއިން ކޮންމެ މަންޒަރެއް ފެންނަނީ ހުދު އަރީޝާއަށެވެ. އަރީޝާ ލަދުންގޮސް މަރުވާވަރު ވަނީއެވެ. އަދިރިވާކަމަށް ހެދި މޫނުގައި އަތްއަޅައި ދުވާރު މައްޗަށް މަޑުމަޑުން ތިރިވިއެވެ.
ހަޢުލާއަށް ކަހައި ބިހި ކަހައޭ ވެސް ހިތަކަށް ނާރައެވެ. ދޭތެރެ ދޭ ތެރެއިން ސޯޓް މައްޗަށް ހިއްލާލައި ޓޮޕްކޮޅު ތިރިއަށް ދަމާ ހެޔޮވަރު ކޮށްލައެވެ. ނަމަވެސް އަރީޝާއަށް ވަމުން އައިގޮތް ފެނިފައި މައި ލަގޮޑިއަކަށް ކެތެއް ނުކުރެވުނެވެ. ވަގުތުން އަރީޝާގެ ގައިގައި ހިފަހައްޓައި ފާރުގައި ލައްކޮށްލިއެވެ. ޖެހިގެން ހުރި މީހާގެ ވެސް އެހީތެރިކަމާއެކު ގައެވެ.
ފައިކޭޓުން ފޯނު ނެގުމަށްފަހު 3321313 ށް ގުޅިއެވެ. ވަގުތުގެ ގޮތުން އެ ސެންޓަރު ހުރީ “ބިޒީ”ވެފައެވެ. ދެވަނަ ފަހަރަށް ގުޅުމުން ވެސް ޓެކްސީއެއް ލިބޭ ގޮތެއް ނުވިއެވެ. މަޑުމަޑުން މަގުތައް އަމާންވާ ފަށައިފިއެވެ. ހިއްލާލި އަތާއެކު ކާރު މަޑުކޮށްލިއެވެ. ޓެކްސީ ގޮސް މަޑުކޮށްލީ މާފުށީގޭ ދޮރު މައްޗަށެވެ. ޑްރައިވަރުގެ އެހީއާއެކު އަރީޝާ ކޮޓަރިއަށް ވެއްދިއެވެ. ފީ ދިއްކޮށްލާފައި ޝުކުރިއްޔާއޭ ބުނުމުން ޑްރައިވަރު ދިޔައީއެވެ.
ހަޢުލާ އަވަސްވެ ގަތީ އަރީޝާގެ މޫނުގައި ފެން ފޮދެއް އުގުޅުމަށެވެ. ފެންލޯވަށި ހިފައިގެން އައިއިރު އަރީޝާ އިނީ އެނދުގައި ހަމަޖެހިލައިގެންނެވެ. ލިބުނު ހައިރާންކަމާއެކު ތަކުރާރުކޮށް ވީގޮތް އަހަމުން ދިޔައެވެ. ނަމަވެސް އަރީޝާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. މިހާރު އަރީޝާގެ މޫނުގައި ވަނީ މަޑުމަޑު ހިނިތުން ވުމެކެވެ. އަދި ހިތް ފުރެންދެން މަންމައަށް ބަލަން އިނެވެ. ދަރިފުޅާ! ސުކޫލުގައި މައްސަލައެއް ޖެހުނީތަ؟ ކުއްޖަކު އެއްޗެކޭ ބުނީތަ ނުވަތަ ޓީޗަރު ކަމެއް ކުރީތަ؟ އަރީޝާ ހިޔާރުކުރީ ހަމަ ހަނު ހުންނާށެވެ.
ހަޢުލާ ފާޑަކަށް ރަކިވާގޮތް ވެއްޖެއެވެ. މީގެ ކުރިން ނުފެންނަ ޢަމަލުތަކެއް ފަހަކަށް އައިސް އަރީޝާގެ ކިބައިން ފެންނާތީއެވެ. ފާޑަކަށް ރުޅިވެސް އައެވެ. އެކަމަކު އެއީ އޭނާގެ ދެލޮލުގެ ނޫރެވެ. ރަޙުމަތުން ދެއްވި ހަމައެކަނި މުތީއެވެ. ހަދާނެ ގޮތަކާއި އަޅާނެ ފިޔަވަޅެއް ނޭނގިފައި ދަތްދޮޅީގައި އަތްވިއްދައިލައިގެން ހަޢުލާ އަރީޝާއަށް ބަލަން އިނެވެ. ދަރިފުޅާ ތަނަކަށް ތަދުވަނީތަ؟ ތިޔަ ޢުމުރުގައި ހަށިގަނޑަށް ބަދަލު އައުމަކީ ތަބީޢީ ކަމެކޭ، އެއްވެސް ކަމެއް މަންމަގާތުގައި ބުނަން ނުކެރިފައި ނުހުންނާތި؟ އެކިގޮތްގޮތަށް ދަރިފުޅު ހަމަޔަކަށް އެޅުވޭތޯ މަސައްކަތްކުރިއެވެ. ހަޢުލާގެ ކޮންމެ ވާހަކައަކަށް ބޯ ހޫރަމުން ދިޔައެވެ. ހަމައެއާއެކު ދުވެފައި ކަހަލަގޮތަކަށް ލިޔާ ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ.
އިއްޔެ އިސްލާމް ސަރ ދިން ސިޓީ ހޯދަންފެށިއެވެ. ސިޓީ ނެގުމަށްފަހު ފަރުވާތެރިކަމާއެކު ސިޓީއަށް ބައިލިއެވެ. އަދި ވަށައިގެންވާ މާހައުލު ބަލައިލިއެވެ. އެ ވަގުތު ހަޢުލާ ބޮޑު ކޮޓަރީގައި ހުރި އައިސް އަލަމާރިއާ ނިވާވެލިއެވެ. އަދި ދުންފަތުގައި ދަތްއަޅައިލިއެވެ. އަރީޝާ ދެވަނަ ފަހަރަށް އުއްމީދުން ފުރިގެންވާ ލޮލަކުން އެސިޓީއަށް ބަލައިލިއެވެ.
މަންމައަށް މި ސިޓީ ދޭން ހަދާނީ ކިހިނެއްބާ؟ އާއެކެވެ. އެސިޓީގައި އެވަނީ ޚުދު ތެދު ވާހަކަތަކެވެ. މަންމައަކީ ފަސްޓްޑިގްރީ އޮތްމީހެކެވެ. އަދި އަވަށުގެ ކަންމަކުގައި ލަފާދާރު މީހެކެވެ. ކޮންމެ ގޮތަކުން ވިޔަސް މި ސިޓީ މަންމައަށް ހަވާލުކުރާނަން. އެ އަޒުމާއެކު އެއްފަހަރު ސިޓީއަށް އަނެއް ފަހަރު ލިޔާ ކޮޓަރީގެ ދަނބުކުލައިގެ ފާރަށް ބަލައިލިއެވެ. ލޮލުގައި އަޅައިގަތީ ބައްޕަގެ ފޮޓޯއެވެ. ހާދަ ސްމާރޓޭ. ރީއްޗޭ، ހެދުން އެޅުގައި ފިރިހެން ވަންތައޭ. އެކަމަކު މަންމަ……
އަހަރެން ވެސް އަހަރެންގެ މަންމަ ދެކެ ވަރަށް ލޯބިވޭ. އަދި މަންމައާއެކު ސުކޫލަށް ދާން ވެސް ބޭނުން. އެހެން ކުދިންގެ މަންމަމެން ދާގޮތަށެވެ. އުފަލުގައެވެ. އެހެން މީހުންގެ ލޯތަކުން ސަލާމަތްވެ ހުރެއެވެ. އެއްދުވަހެއް ދެދުވަހެއް ނޫނެއެވެ. އޮފީހުން ވަކީ ވީންސުރެ މިއީ މަންމަގެ އާދައެވެ.
އަރީޝާގެ ފަހަތުން ހަޢުލާ ލިޔާ ކޮޓާރިއަށް ވަންކަމެއް އަރީޝާއަކަށް ނުއެނގެއެވެ. އަރީސާ އަތުގައި ސިޓީއެއް އޮތް މަންޒަރުފެނިފައި ހަޢުލާގެ ދެލޯބޮޑުވިއެވެ. އަންތަރީސްވިއެވެ. ދަރިފުޅަށް މިއައީ ކޮންކަހަލަ ބަދަލެއްބާ. އޭނާގެ ފަހަތުގައި ވަނީ ކާކުބާ؟ އަމިއްލަ ހިތާ ސުވާލުކުރިއެވެ. އާނ! އެހެންވެ ދޯ ސުކޫލަށް ނުދާން މިއުޅެނީ، ހަޢުލާ މިފަދަ ޚީޔާލެއްގައި ހުއްޓާ އަރީޝާ ލިޔާކޮޓަރީގެ ބޮޑުދޮރާ ދިމާއަށް އެނބުރުނެވެ. އަރީޝާއަށް ލިބުނީ ސިހުމެކެވެ. ހަމައެއާއެކު ހަޢުލާ ތުރުތުރު އަޅައިގަތެވެ.
ދެމައިންގެ ނަޒަރު ހުރީ އެކަކު އަނެކަކަށެވެ. ހަޢުލާގޮސް އަރީޝާގެ ގައިގައި ބައްދައިލިއެވެ. އަދި ވައްކަޅިން ސިޓީއަށް ދަހިލައްވާލިއެވެ. ރޮވުނީވެސް ދެމައިންނަށް އެކުގައެވެ. ހަޢުލާ އަތުގެ ނުފުށުން ކަރުނުތައް ފޮހެމުން ވާހަކަދައްކަން ފެށިއެވެ. ދަރިފުޅާ މަންމައަށް ސިއްރުނުކުރޭ! މިއީ ދަރިފުޅުގެ ކިޔަވާ ދުވަސްވަރު. އިހަށް ކިޔަވައިގެން މޮޅު ކުއްޖަކަށްވޭ. ވީކަމެއް ވީގޮތަކަށް މި މަންމައަށް ކިޔައިދީ، މަންމާ އެއްވެސް ކަމެއް ނުވޭ، ބައްޔެއް ވެސް ނޫނ! އެހެންވީ އިރު ތިޔައޮތީ ކޮންކޮން ސިޓީއެއް، ކާކުގެ ސިޓީއެއް، އަރީޝާ ހިނިގަނޑެއް ޖަހައިލިއެވެ.
މަންމާ މިއީ އިސްލާމުސަރ އިއްޔެ މަންމައަށް ހަވާލުކުރާން ދިން ސިޓީއެއް، މަންމާ! ހިފާ ބަލަ، ކިޔާބަލަ ، ސަރއޭ އަރީޝާ ދިއްކޮށްލި ސިޓީގައި ލަދުން ހުރެ ހިފިއެވެ. ހަމައެއާއެކު ހަޢުލާގެ ހިތުގައި ސުމާރެއް ނެތްހައި ސުވާލު އުފައްދައިލިއެވެ. އަނެއްކާ އަހަރެންގެ ދަރިފުޅު ކުލާހުލާގައި ކިހިނެއް އުޅެނީބާ؟
އޭރު އަރީޝާގެ މޫނުމަތިން އުފާވެރިކަން ފާޅުވެ ހުއްޓެވެ. ހަޢުލާ އަވަސް އަވަހަށް ސިޓީ ކަނޑައިލިއެވެ. އަދި ކިޔަންފެށިއެވެ. ސިޓީ ކިޔަމުން ދިޔަ ވަރަކަށް ހަޢުލާ އެނާގެ އަމިއްލަ ހަށިގަނޑަށް ވައްކަޅިން ބެލެއެވެ. އަދި ކުރީ ރޭގެ ބެލެނިވެރިންގެ ބައްދަލުވުން މަތިން ހަދާންވިއެވެ. އެރޭ ހެދުން އަޅާފައި ހުރިގޮތެވެ. މިހާރު ހުރި ގޮތެވެ. ހަޢުލާއަށް ރޯފިލީ ކިރިޔާއެވެ. އަހަރެން ހިނގާއިރު އަރީޝާ އަހަރެންގެ ހެދުމަށް ތިރިއަށް ދަމަނީ ކީއްވެކަމެވެ. އަރީޝާ މަގުތަކުގައި ޖެއްސި ހުރިހައި ސިފައެއް ހަނދާންވިއެވެ.
ކޯތާފަތްމައްޗަށް އޮހެމުން ނީރަމުން ދިޔަ ކަރުނަޔާއެކު ދަރިފުޅަށް ސާބަސް ދެމުން ދެވަނަ ފަހަރަށް އަރީޝާގެ ގައިގައި ވަރަށް ބާރަށް އެހައި ލޯބިން ގަޔާލައި ބޮޑިކޮށްލިއެވެ. އަދި ދުވަހަކު ވެސް އެ މަންޒަރު ތަކުރާރު ނުވާނޭ ކަމުގެ ފެހި ސިގުނަލް ދޭންފެށިއެވެ. މަންމަ އެ ބަދަލަށް އަރީޝާ އުފަލާއެކު މަރުޙަބާ ކިޔަމުން ދިޔައެވެ. (ނިމުނީ)
ކޮމެންޓް (0)
ލޯޑް ކުރަމުން...