ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އަންހެންދަރިން ލިބުމަކީ ބޮޑުވެގެންވާ ނިޢުމަތެކެވެ. އެއް ޒަމާނެއްގައި ދުނިޔޭގެ މީސްތަކުން، ޚާއްޞަކޮށް އެބައެއްގެ ތެރެއަށް އިސްލާމީ ރިސާލަތާއިގެން ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ފޮނުއްވުނު ޢަރަބިން، ދެކެމުން އައީ އަންހެން ދަރިން ލިބުމަކީ ބޮޑުވެގެންވާ މުޞީބާތެއް ކަމުގައެވެ. އެކަން ކީރިތި ޤުރްއާނުގައި ﷲ ވަނީ ބަޔާންކޮށްދެއްވާފައެވެ.
﴿وَإِذَا بُشِّرَ أَحَدُهُم بِالْأُنثَىٰ ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيمٌ﴾ [سورة النحل ٥٨] މާނައީ: އަދި އެއިން މީހަކަށް، އަންހެންދަރިއެއް ލިބިއްޖެކަމުގެ ޚަބަރު ދެވިއްޖެނަމަ، އެމީހެއްގެ މޫނު އަނދިރިވެގެންދެތެވެ. އޭނާއަށް އެކަމުގެ ހިތާމަ ލިބިގެންވާ ޙާލުގައެވެ.
އިސްލާމްދީން އައުމުގެ ކުރީގައި އެއްވެސް ދަރަޖައެއް ލިބިފައިނެތް ޙާލުގައި ނިކަމެތިކަމާއެކު، ދިރިތިއްބާ ވަޅުލެވެމުން އައި އަންހެނާއަށް އެކަނބުލޭގެއަށް ޙައްޤު ޤަދަރު އިސްލާމްދީނުގައި ދެއްވިއެވެ.
ސަބަބަކީ އަންހެނެއްގެ ތަރުބިއްޔަތަކީ ޖީލެއްގެ ތަރުބިއްޔަތެވެ. އެހެނީ އެ އަންހެނާގެ އުނގަކީ ޖީލެއްގެ ތަރުބިއްޔަތުގެ ބިންގާ އެޅިގެންދާ މަދުރަސާއެވެ.
އަންހެން ދަރިން ހެޔޮގޮތުގައި ބަލައި ބޮޑުކުރުމާއި، ތަރުބިއްޔަތު ކުރުމުގެ މުހިއްމުކަން ބަޔާން ކުރައްވައި ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވާ ބަސްފުޅުތައް ނުހަނު ގިނަގުނައެވެ.
އޭގެ ތެރެއިން ދެ ޙަދީޘަކަށް ބަލާލަމާ ހިންގަވާށެވެ.
މާތްﷲ ރުއްސުންލެއްވި އަނަސުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. (( مَنْ عَالَ جَارِيَتَيْن حَتَّى تَبْلُغَا جَاءَ يَوْمَ القِيَامَةِ أنَا وَهُوَ كَهَاتَيْنِ )). رواه مسلم . [ ދެއަންހެންދަރިން ބާލިޣުވެ ތަޞައްރުފު ފުދި ބޮޑުވަންދެން، އެދެކުދިން ހެޔޮގޮތުގައި ބަލައި ބޮޑުކޮށް ތަރުބިއްޔަތުކޮށްފި މީހާ (ދަންނާށެވެ!) ޤިޔާމަތްދުވަހުން އެމީހަކު ތިމަންކަލޭގެފާނާއި މިފަދައިން އަރިސްވެގެންވާ ހުއްޓެވެ. ] މިހެން ޙަދީޘްކުރައްވައި، އެކަލޭގެފާނުގެ އިނގިލިފުޅުތައް ކައިރިކޮށްލެއްވިއެވެ.
މާތްﷲ އެކަމަނާއަށް ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. (އެއްފަހަރަކު) ތިމަން ކަމަނާގެ އަރިހަށް (ސަލާންޖަހާ) އަންހެނަކު އައެވެ. އޭނާއާއެކު ކުޑަކުޑަ ދެއަންހެންކުދިން ތިއްބެވެ. ފަހެ، ތިމަންކަމަނާގެ ގޭގައި އެވަގުތު ހަމައެއްމެ ކަދުރެއްފިޔަވައި، އެހެން އެއްވެސް (ކާ) އެއްޗެއް ނެތެވެ. ފަހެ، ތިމަން ކަމަނާ އެކަދުރު، އެއަންހެންމީހާއަށް ދެއްވީމެވެ. ފަހެ އެއަންހެނާ އޭނާގެ ދެކުދިންނަށް އެކަދުރު ހަމައަށް ބަހައިލިއެވެ. އޭނާ އެއިން އެކަތިކޮޅުވެސް ނުކައެވެ. އެއަށްފަހު އޭނާ ތެދުވެގެން ހިނގައްޖެއެވެ. ފަހެ، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ތިމަންކަމަނާގެ އަރިހަށް ވަޑައިގަތުމުން، އެކަލޭގެފާނަށް އެވާހަކަ ތިމަންކަމަނާ ދެންނެވީމެވެ. ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (( مَنِ ابْتُليَ مِنْ هذِهِ البَنَاتِ بِشَيءٍ فَأحْسَنَ إلَيْهِنَّ ، كُنَّ لَهُ سِتراً مِنَ النَّارِ )) مُتَّفَقٌ عَلَيهِ މާނައީ: އެމީހަކަށް އަންހެން ދަރިން ދެއްވައިފި މީހާ (ދަންނާށެވެ) ފަހެ، އެކުދިންނަށް އޭނާ އިޙްސާންތެރިވެ (ބަލަހައްޓައިފިނަމަ، ޤިޔާމަތްދުވަހުން) އެކުދިންނަކީ، އޭނާއާ ނަރަކައާ ދެމެދުގައިވާ ހުރަހެއްކަމުގައި ވާހުއްޓެވެ.]
އިމާމް މުސްލިމްގެ ރިވާޔަތުގައި ވެއެވެ. (( إنَّ الله قَدْ أوْجَبَ لَهَا بها الجَنَّةَ ، أَوْ أعتَقَهَا بِهَا مِنَ النَّارِ )) رواه مسلم މާނައީ: ހަމަކަށަވަރުން އެ ކަދުރު އޮށުގެ ސަބަބުން (އެބަހީ؛ އެކަދުރުއޮށަށް އޭނާ ބޭނުންޖެހިފައިވާ ޙާލުގައިވެސް، އޭނާގެ ދަރިންނަށް ދިނުމުގެ ސަބަބުން އެޢަމަލު ﷲ ޤަބޫލުކުރައްވައި) އޭނާއަށް ސުވަރުގެ (ލިބުން) ވާޖިބު ކުރައްވައިފިއެވެ. [ނުވަތަ ޙަދީޘްކުރެއްވީ] އޭގެ ސަބަބުން އޭނާ ނަރަކައިން ސަލާމަތް ކުރައްވައިފިއެވެ. މިފަދައިންނެވެ.
މިފަދަ މަތިވެރި ނިޢުމަތް ލިބޭތޯ މަސައްކަތް ކުރުމުގެ ހެޔޮތައުފީޤް ﷲގެ ޙަޟްރަތުން އެދިތިބި ޙާލުގައި، އެކަމަށް މަސައްކަތް ކުރަމާ ހިންގަވާށެވެ. ﷲ ތަޢާލާ އަޅުގަނޑާއި ތިޔަ އެންމެ ބޭކަލުންނާއި ބޭކަނބަލުންނަށް ހެޔޮ ތައުފީޤް ދެއްވާށި! އާމީން.

ކޮމެންޓް (0)
ލޯޑް ކުރަމުން...