ޙަމްދު ހުރީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. ހާރޫތާއި މާރޫތު މެދުވެރިކުރައްވައި ޖިންނީންނަށް ސިޙުރު އުނގަންނައިދެއްވައި، އެޝައިޠާނުންތައް މެދުވެރި ކުރައްވައި އިންސާނުންނާއި ހަމައަށް ސިޙުރު ފޮނުއްވީ ހުސްޠާހިރުވަންތަ ﷲ ކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ. އެހެނެއްކަމަކު ޝައިޠާނުންނާއި އިންސާނުން އެ ﷲ ގެ އަމުރުފުޅަށް ނުކިޔަމަންތެރިވެ ކާފިރު ވެގަންނަނީ އެކަލާންގެ ޙަރާމް ކުރެއްވި ސިޙުރު ހަދައިގެންނެވެ.
ﷲ ހާރޫތާއި މާރޫތާއި ދެމަލާއިކަތުން މެދުވެރިކުރައްވާ ސިޙުރު ދަސްކޮށްދެއްވި އިރު ﷲ އެމަލާއިކަތުންނަށް އަމުރު ކުރެއްވުމުން އެދެމަލާއިކަތުން ވިދާޅުވެފައިވާ ބަސްފުޅަށް ފުރަގަސްދީ ﷲ އަށް ކާފިރުވެގަންނަނީއެވެ. އަޅުގަނޑުމެންގެ މި ކުޑަ ކުޑަ ދިވެހި ރާއްޖޭގައި މިއަދު މިކަން މިވަނީ ހައްދުފަހަނަ އަޅާ ގޮސްފައޭ ބުނުމުން ޤަބޫލުކުރެވޭނީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުންނަށް ކަމެއްނޭންގެއެވެ. ނަމަވެސް މިއީ ހަގީގަތެވެ.
ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އެމީހުން އެހަނދާން ނައްތާލަނީ ނުވަތަ ގަސްތުގައި ފުރަގަސްދެނީ ގަދަކީރިތިވަންތަ، ބާރު ގަދަ، އެކަލާންގެއާއި އެއްފަދަވެގެންވާ ހަމަ އެކައްޗެއްވެސް ނުވާ ޢަޛާބު ދެއްވުމުގައި ގަދަފަދަވަންތަ މާތް ﷲ ގެ އަމުރުވެރި ބަސްފުޅެވެ. އެކަލާންގެ ދެއްވަފާނެ ޢަޛާބަކަށް، ފޮނުއްވަފާނެ މުޞީބާތަކަށް ކުޑަކޮށްވެސް ޖެހިލުމެއްނުވެއެވެ. ﷲ ވަޙީ ކުރައްވާފައިވަނީ ކީކޭތޯއެވެ. އަބަދުވެސް ހަނދުމަކުރައްވާށެވެ.! އެކަލާންގެ ވަޙީ ކުރައްވަނީ:
وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ۖ وَمَا كَفَرَ سُلَيْمَانُ وَلَـٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ ۚ وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ ۚ وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ ۚ لَوْ كَانُوا يَعْلَمُونَ ﴿١٠٢﴾(سورة البقرة 102)
މާނައީ: "އެއުރެން އެތަބާވީ ސުލައިމާނުގެފާނުގެ ވެރިކަމުގައި ޝައިޠާނުންތައް ހަދަހަދައިގެން ކިޔަވައި އުޅުނު ތަކެއްޗަށެވެ. ސުލައިމާނުގެފާނު ސިޙުރު ހައްދަވައި ކާފިރުވެވަޑައެއް ނުގަންނަވައެވެ. އެހެނެއްކަމަކު ޝައިޠާނުންތައް ސިޙުރު ހަދަން މީސްތަކުންނަށް ދަސްކޮށްދީގެން ކާފިރުވެގަތީއެވެ. އަދި ބާބިލް ސަޙަރުގައި ހާރޫތާއި މާރޫތާއި ދެމަލާއިކަތުންނަށް ބާވައިލެއްވުނު ސިޙުރަށްވެސް އެބައިމީހުން ތަބަޢަވީއެވެ.
އެދެމަލާއިކަތުން ވިދާޅުވަމުން ގެންދެވީ ތިމަންމެންނީ މީސްތަކުން އިމްތިޙާނުކޮށް ގޮތްބެލުމުގެ ގޮތުން ފޮނުއްވުނު ބަޔަކީމުއެވެ. މިސިޙުރު ދަސްކޮށްގެން ތިޔަބައިމީހުން ކާފިރުވެނުގަންނާށެވެ.
މިފަދައިން ވިދާޅުވުމަށްފަހު މެނުވީ ހަމަ އެކަކަށްވެސް އެދެބޭކަލުން ސިޙުރު ދަސްކޮށެއް ނުދެއްވަތެވެ. ދެން ފަހެ އެދެބޭކަލުންގެ އަރިހުން ދެމަފިރިން ދުރުކުރުމަށްޓަކައި ހަދާ ވަރިތޮޅި އެބައިމީހުން އުނގެނި ހެދިއެވެ. ﷲ ގެ އިޛުނަފުޅާއި ލައިގެން މެނުވީ އޭގެ ޛަރީޢާއިން އެއްވެސް މީހަކަށް ގެއްލުމެއް ދެވޭނެ ބައެއް ކަމުގައި އެއުރެން ނުވެއެވެ. އެމީހުން އެއުނގެނޭ ތަކެއްޗަކީ އެމީހުންނަށް އެއިން އެއްވެސް ފައިދާއެއް ކޮށްނުދޭ، ގެއްލުން ދެނިވި ތަކެއްޗެވެ. އެމީހުން އެލިބިގަތް ތަކެއްޗަކީ އާޚިރަތްދުވަހުގައި އެމީހުންނަށް އެއިން އެއްވެސް ފައިދާއެއް ހުރި އެއްޗެއް ނޫންކަން ކަށަވަރުންވެސް އެމީހުންނަށް އެނގެއެވެ.
އީމާންކަމުގެ ބަދަލުގައި އެމީހުން ސިޙުރު އިޚްތިޔާރުކުރި ކުރުމަކީ ހާދަހާވާ ނުބައިކަމެކެވެ. އެމީހުންނަށް އެކަން އެނގޭނެ ނަމައެވެ."
ﷲ ގެ ބަސްފުޅަކީ މިއީކަމުގައި ވާއިރުވެސް ހިތާމައަކީ މިއަދު އަޅުގަނޑުމެންގެ މިދިވެހިރާއްޖޭގައި ސިޙުރުވެރިން ގިނަވެ މީހުން ސިޙުރުގެ އަވައިގައި ޖައްސަމުންދާކަމެވެ. ﷲ ސިޙުރު ލެއްވީ އިމްތިޙާނަކަށެވެ. ވަރުގަދައަށް އެކަން ނަޙީ ކުރައްވާފައެވެ. ނަމަވެސް ސިޙުރު ހަދައި އުޅޭމީހުންނަށް ހީވެފައި އޮންނަނީ އެމީހުނަށް އެކުރެވެނީ ވަރަށް މޮޅު ކަމެއްކަމަށެވެ. އެމީހުން ބޮޑާވެގަންނަނީ ސިޙުރު ހެދުމުން ދެން އެމީހުނަށްވުރެ މޮޅު ބާރުގަދަ ފަރާތެއް ދެން ބިމުގައި ނުވާނެކަމަށް ހީކޮށެވެ. މީހަކު ދެކެ ރުޅިއަރާއިރަށް އެމީހަކު ތިމާގެ ދަށުކޮށް ބޭނުންގޮތަކަށް ތަޅުވައި މުޞީބާތްތައް ޖައްސާނަމޭ ހީކޮށްގެނެވެ.
އެހެނެއްކަމަކު އެއްމެ ބާރުގަދަ ފަރާތް ހަނދުމަނުވަނީ ބާއޭވެސް ހިތަށްއަރައެވެ. " ﷲ ގެ އިޛުނަފުޅާއި ލައިގެން މެނުވީ އޭގެ ޛަރީޢާއިން އެއްވެސް މީހަކަށް ގެއްލުމެއް ދެވޭނެ ބައެއް ކަމުގައި އެއުރެން ނުވެއެވެ. " މިބަސްފުޅު އެމީހުން ހަނދާނެއް ނުހުރެއެވެ. އަދި އާޚިރަތާއިމެދު ކުޑަވެސް ބިރެއް ނުގަނެއެވެ. ޖިންނި ޝައިޠާނުންގެ އެހީލިބި ދުނިޔެމަތީގައި ކާމިޔާބުވުމެއް ނެތް ކަމަކުން މީހަކަށް ގޯނާއެއް ކޮށްލެވޭތީ ދެން މަރުވެސް ނުވާނެއޭ ހީވަނީބާއެވެ. ހަމަ ހިލާ އެހެނެއް ނުވާނެއެވެ.
ޝައިޠާނުންނާ ގުޅި ސިޙުރު ހަދައި އުޅުމުން ހަމަ އެއްވެސް ކާމިޔާބެއް ނެތެވެ. އަދި ކިއެއް ހެއްޔެވެ. އެމީހުން އެހަދާ ސިޙުރުން އެމީހުންގެ މަޤުޞަދުތައް ފުރިހަމައަށް ޙާޞިލްވެސް ނުވާނެއެވެ. ސަބަބަކީ ﷲ އެކަން އެގޮތަށް ދައްކަވާ އަންގަވާ އިންޒާރު ދެއްވާފައިވާކަމެވެ. ﷲ ވަޙީ ކުރައްވަނީ:
إِنَّمَا صَنَعُوا كَيْدُ سَاحِرٍ ۖ وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ ﴿٦٩﴾ (سورة طه 69)
މާނައީ: “ސިޙުރުވެރިޔާ ކޮންމެ އެއްޗެއް ގެނައިކަމުގައި ވިޔަސް އަދި އޭނާއަކަށް ކާމިޔާބެއް ނުވާނެއެވެ.”
ދުނިޔެއާއި އާޚިރަތުގައިވެސް އެމީހުނަށް ކާމިޔާބެއް ނެތްކަން ﷲ އެވަނީ އަންގަވާފައެވެ. އަދި ސިޙުރުންވެސް ވާނެ ކާމިޔާބެއް ނެތްކަމާއި ﷲ ގެ ބާރަކާއި އިޛުނަފުޅަކާއި ނުލައި އޭގެން އެއްވެސް މީހަކަށް ކުޑަވެސް ގެއްލުމެއް ނުދެވޭނެކަންވެސް އެވަނީ އަންގަވާފައެވެ.
ޖިންނީންނާއި ގުޅި އެބައިމީހުންގެ ވާގި ސިޙުރުވެރިން ހޯދައެވެ. ފަހެ ސިޙުރުވެރިންގެ ފިނޑިކަމާއެވެ. އެމީހުނަށް އިންސާނުންނަށް ވުރެ ޖިންނީން ބާރު ދެރަކަން އަދި އެމީހުނަށް،(ޖިންނީންނަށް) ވުރެ އިންސާނުން މާތްކުރެއްވިކަން ނޭންގެނީބާއެވެ. އިންސީންވެސް އަދި ޖިންނީންވެސް ﷲ އުފެއްދެވީ އެކަލާނގެއަށް އަޅުކަން ކުރުމަށެވެ. ޖިންނީން އުފެއްދެވީ ދުން އެރުމެއް ނުވާ އަލިފާނުންނެވެ.
އަދި އިންސާނުން އުފެއްދެވީ އެ ޖިންނީންނަށް ވުރެ އަދި އަލިފާނަށްވުރެ މާތް ކުރެއްވުމަށްފަހު މަށިންކަން ހަނދާން ނެތުނީތޯއެވެ. މިކަން މިހެން އޮތް އިރު ސިޙުރުވެރިންގެ ފިނޑިކަމާއެވެ. އެމީހުން އެއަޅުކަން ކޮށް ދަށުވަނީ ޖިންނި ޝައިޠާނުންނަށެވެ. އެ ޖިންނި ޝައިޠާނުން ކުރެ ކަންކަމުގައި ވާގި އެދި އެބައިމީހުނަށް ބައިޢަތު ހިފަނީއެވެ. އެމީހުން ހީކުރަނީ އަދި ޤަބޫލުކުރަނީ ޖިންނީންނަކީ ކުރިއަށް ވާކަންތައް އެނގި، މާ ބާރުގަދަ މާތް ބައެއްކަމުގައެވެ.
ނަމަވެސް ﷲ ވަޙީ ކުރެއްވި މިބަސްފުޅުތަކާއިމެދު އެބައި މީހުން ވިސްނާ ފިކުރު ކުރާނެނަމައެވެ. ޖިންނީން ﷲ އަށް އީމާންވެ އެމީހުންގެ ޙާލު އެމީހުންގެ ދުލުން ބަޔާން ކުރިގޮތް ހަނދުމަ ކުރާނެނަމައެވެ. ﷲ ޖިންނި ސޫރަތުގައި ވަޙީ ކުރައްވާފައިވާ އެކި އެކި ބަސްފުޅަށް ބަލައިލަމާ ހިނގާށެވެ.
وَأَنَّهُ كَانَ يَقُولُ سَفِيهُنَا عَلَى اللَّهِ شَطَطًا ﴿٤﴾ وَأَنَّا ظَنَنَّا أَن لَّن تَقُولَ الْإِنسُ وَالْجِنُّ عَلَى اللَّهِ كَذِبًا ﴿٥﴾ وَأَنَّهُ كَانَ رِجَالٌ مِّنَ الْإِنسِ يَعُوذُونَ بِرِجَالٍ مِّنَ الْجِنِّ فَزَادُوهُمْ رَهَقًا ﴿٦﴾
މާނައީ: ” އަދި ތިމަންމެންގެ ތެރެއިން ޖާހިލުކަން ބޮޑު މީހާ، ﷲ އާއި މެދު ޙައްޤުން އެއްކިބާވެ، ހައްދުފަހަނައަޅާފައިވާ ބަސްބުނާކަމުގައި ވިއެވެ.(4) އަދި ﷲ އާމެދު އިންސިއަކުވެސް އަދ ޖިންނިއަކުވެސް އެއްވެސް ދޮގެއް ނުބުނާނެކަމަށް ތިމަންމެން ހީކުރީމުއެވެ.(5) އަދި އިންސީންގެ ތެރެއިން ފިރިހެން ބަޔަކު، ޖިންނީންގެ ތެރެއިން ފިރިހެން ބަޔެއްގެ ކިބައިން ރައްކާތެރިކަމަށް އެދޭކަމުގައި ވިއެވެ. ފަހެ (އެކަމުގެ ސަބަބުން) އެއުރެންނަށް (އެބަހީ: ޖިންނީންނަށް) އެއުރެން (އެބަހީ:އިންސާނުން) ކާފިރުކަމާއި ބޮޑާކަން އިތުރު ކުރިއެވެ.(6)
މިއާޔަތްތަކާއި މެދު ސިޙުރުވެރިން ވިސްނާށެވެ. އަދި އެހެންމީހުންވެސް ވިސްނާ ބިރުވެތިވާށެވެ. މިއާޔަތްތަކުން އެނގެނީ އިންސީންނާއި ޖިންނީންގެ ތެރެއިންވާ ޖާހިލު ޝައިޠާނުން ﷲ އާއި މެދު ދޮގުބުނެ އޮޅުވާލާކަމެވެ. އަދި ޖިންނީންނާއި އިންސީން ގުޅި އިންސާނުން ޖިންނީންގެ ރައްކާތެރިކަމަށާއި އެހެންވެސް ޝިރުކުގެ ޢަމަލުތައް ހިންގުމުން ކާފިރު ކަމާއި އަނިޔާވެރިކަން ނޫނީ ނުވާކަމެވެ.
ހުރި ހަލާކެއްގެ ބޮޑުކަމާއެވެ. ސިޙުރުވެރިން ޖިންނީންނާއި ގުޅެއެވެ. އަދި ސިޙުރަކީ ޖިންނީންނަށް ވަކި ކަމެއް ކުރުމަށް ބުނެ އެޖިންނީން އެދޭ ގޮތަށް ކަންތައް ކޮށްގެން މީހަކަށް ނުވަތަ އެހެންވެސް ގޮތަކަށް ގެއްލުމެއް ދިނުމެވެ. މިސާލަކަށް ދެމަފިރިއަކު ވަރި ކުރުވުމެވެ.
ނުވަތަ އަންހެނަކާ ފިރިހެނަކު ހިތާ ކުރުވުމެވެ. ނުވަތަ މީހަކު ބަލި ކުރުމެވެ. އެހެނެއް ކަމަކު އެބައިމީހުންގެ އެ ޢަމަލުތަކުގެ ސަބަބުން އެ ފާސިދު މުޖުރިމުން އިމްތިޙާން ކުރެއްވުމަށްޓަކައި އެބަލި ޖައްސަވަނީ ނުވަތަ އެސިޙުރަކަށް ބާރު ދެއްވަނީ ވެސް ހަމަ ﷲ އެވެ. އެހެނެއްކަމަކު ސިޙުރުވެރިން ހީކުރަނީ އެއީ ޖިންނީންގެ މޮޅުކަމުން އެބައިމީހުންގެ ބާރުގައި ވާކަމެއް ކަމަށެވެ.
އެހެންނަމަވެސް އެމީހުން އެވަނީ ކަނޑައެޅިގެން ﷲ އަށް ކާފިރެވެ. އަދިވެސް ހަމަ އެސޫރަތުގައި ﷲ ވަޙީކުރައްވަނީ.
وَأَنَّا لَمَسْنَا السَّمَاءَ فَوَجَدْنَاهَا مُلِئَتْ حَرَسًا شَدِيدًا وَشُهُبًا ﴿٨﴾ وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِ ۖ فَمَن يَسْتَمِعِ الْآنَ يَجِدْ لَهُ شِهَابًا رَّصَدًا ﴿٩﴾ وَأَنَّا لَا نَدْرِي أَشَرٌّ أُرِيدَ بِمَن فِي الْأَرْضِ أَمْ أَرَادَ بِهِمْ رَبُّهُمْ رَشَدًا ﴿١٠﴾
މާނައީ: “އަދި ތިމަންމެން އުޑުގެ ޚަބަރު ހޯދަން އުޅުނީމުއެވެ. ފަހެ، ތިމަންމެންނަށް އެތަން ފެނުނީ، ބަލަހައްޓަވާ، ގަދަފަދަ މަލާއިކަތުންނާއި، ގިނިހިލަތަކުން ފުރިފައިވާތީއެވެ.(8) އަދި ތިމަންމެން އެ އުޑުގެ ތަންތަނުގައި އަޑުއަހަން އިށީނދެ ތިބޭކަމުގައި ވީމުއެވެ. ފަހެ މިހާރު އަޑުއަހާމީހަކަށް ފެންނަހުށީ ފާރަލައިގެންވާ ގިނިހިލައެކެވެ.
(އެބަހީ މިހާރު އަޑުއަހަން އުޅޭ މީހަކު ހަލާކުވެދާހުށި ގިނިހިލަތަކުންނެވެ.)(9) އަދި ބިމުގައިވާ މީހުންނަށް އިރާދަކުރައްވާފައިވަނީ، ނުބަޔަކަށްކަން، ނުވަތަ އެއުރެންގެ ވެރިރަސްކަލާންގެ، އެއުރެންނަށް އިރާދަކުރައްވާފައިވަނީ، ތެދުމަގަކަށްކަން ތިމަންމެންނަކަށް ނޭނގެއެވެ.(10)”
މިއާޔަތްތަކާއި މެދު އެއްމެފަހަރަކުވެސް ސިޙުރު ހަދާއުޅޭމީހުން ވިސްނާލިބާއެވެ. ވިސްނާ ފިކުރުކުރާނަމަ އެމީހުން އެކަން ނުކުރާނެކަން ކަށަވަރެވެ. މިއާޔަތްތަކުންވެސް އެނގެނީ ޖިންނީންނަށް އުޑުގެ ޚަބަރުތައް ނުހޯދޭނެކަމެވެ. ކުރިއަށް ވާން އޮންނަ ކަންތައްތައް ނޭންގޭނެކަމެވެ. ތަޤުދީރުގައި ލިޔެވިފައިވަނީ ކިހިނެއްކަމެއް ޖިންނީންނަށް ނުހޯދޭނެކަމެވެ.
އަދިވެސް އެކަން އަންގަވާ ﷲ سورة الصافات ގައި ވަޙީ ކުރައްވާފައިވަނީ،
وَحِفْظًا مِّن كُلِّ شَيْطَانٍ مَّارِدٍ ﴿٧﴾ لَّا يَسَّمَّعُونَ إِلَى الْمَلَإِ الْأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍ ﴿٨﴾ دُحُورًا ۖ وَلَهُمْ عَذَابٌ وَاصِبٌ ﴿٩﴾ إِلَّا مَنْ خَطِفَ الْخَطْفَةَ فَأَتْبَعَهُ شِهَابٌ ثَاقِبٌ ﴿١٠﴾
މާނައީ: ” އަދި ނުކިޔަމަންތެރި ކޮންމެ ޝައިޠާނެއްގެ ކިބައިން އެ އުޑު ރައްކާތެރިކުރެއްވީމެވެ.(7) މަތިވެރިވެގެންވާ ޖަމާޢަތުން ދައްކަވާ ވާހަކަފުޅަށް (އެބަހީ: މަލާއިކަތުން ދައްކަވާ ވާހަކަފުޅަށް) އަޑުއެހުމަކަށް އެ ޝައިޠާނުންނަށް ކުޅަދާނަވެގެނެއް ނުވެއެވެ. އަދި ހުރިހާ ފަރާތަކުން އެ ޝައިޠާނުންނާ ދިމާޔަށް ގިނިހިލަ އުއްކަވާނެތެވެ.(8) ބޭރުކޮށް ފައްސައިލުމުގެ ގޮތުންނެވެ.
އަދި ކެނޑިގެން ނުދާ ޢަޛާބު އެއުރެންނަށް ހުއްޓެވެ.(9) ކުއްލި ގޮތެއްގައި ސިއްރުން އެހުމެއް އަހައިފި ޝައިޠާނަކު މެނުވީއެވެ. ފަހެ، އެ ޝައިޠާނާގެ ފަހަތުން ތޮރުފާލާފަދަ ގިނިހިލައެއް ފޮނުއްވާހުށްޓެވެ.(10)
މިއާޔަތްތަކުންވެސް އެނގެނީ ޖިންނީންނަށް އުޑުގެ ޚަބަރުތައް ނުހޯދޭނެކަމެވެ. ސިއްރުން ކުއްލިއަކަށް އަހައިފި ޝައިޠާނަކަށްވެސް ވަރުގަދަ ގިނިހިލަތައް އުއްކަވާކަމެވެ. ކަން މިހެން އޮތްއިރުވެސް އަޅުގަނޑުމެންގެތެރެއިން ގިނަބަޔަކު މިކަމެއް ނުދަނެއެވެ. އަތްބަލާ ފާލުބަލާ ހަދައިގެން ކުރިއަށް ވާކަންތަކޭ ކިޔާ ދޮގާއި ފަސާދަ އުފައްދާ ސިޙުރުވެރިންގެ ބަސް ޤަބޫލުކުރަނީއެވެ.
ހެޔޮވާނީ ކިހިނެއްހެއްޔެވެ. އެއީ ﷲ އާއި ރަސޫލާ ވަރުގަދައަށް މަނާ ކުރައްވާފައިވާ ކަމެކެވެ. މިފަދަ އާޔަތްތަކާއިމެދު ވިސްނާ ބިރުވެތިވެ ޝިރުކާއި ސިޙުރުވެރިންގެ މަކަރުން ސަލާމަތްވާށެވެ.
އޭ ސިޙުރުވެރިންނޭވެ. ޝައިޠާނާގެ ވާގިއެދި ﷲ ޙަރާމްކުރެއްވި ސިޙުރުހަދާ އުޅޭއިރު ޝައިޠާނާގެ ރޭވުންތައް ބަލިކަށިވެގެން ވާކަން ދަންނާށެވެ. އަދި އެކަމުގެ އެއްމެ ބޮޑު ހެއްކަކީ ސިޙުރުވެރިޔަކު ކޮންމެ ސިޙުރެއް ހެދިކަމުގައިވިޔަސް ކީރިތި ﷲގެ މުޢުޖިޒާތް، ކީރިތިވި ޤުރުއާނުން އެސިޙުރެއް ބާޠިލް ކުރެވޭކަމެވެ. ފަހެ މީގެންވެސް އެނގެނީ ސިޙުރަށް މަސައްކަތް ކުރާ ޖިންނީންނާއި ޝައިޠާނުންނާއި ސިޙުރުވެރިންގެ ބާރު ދެރަކަމެވެ. އަދި ސިޙުރުވެރިންނީ ޝައިޠާނާގެ ވާގިވެރިންނެވެ.
ﷲ އަށް ބިރުވެތިވާ ﷲގެ މަގުގައި ތިބިމީހުނަށް ޝައިޠާނާގެ ވާގިވެރިންނާއި ހަނގުރާމަ ކުރުމަށް ﷲ އަންގަވައެވެ. ﷲ ވަޙީ ކުރައްވަނީ : الَّذِينَ آمَنُوا يُقَاتِلُونَ فِي سَبِيلِ اللَّهِ ۖ وَالَّذِينَ كَفَرُوا يُقَاتِلُونَ فِي سَبِيلِ الطَّاغُوتِ فَقَاتِلُوا أَوْلِيَاءَ الشَّيْطَانِ ۖ إِنَّ كَيْدَ الشَّيْطَانِ كَانَ ضَعِيفًا ﴿سورة النساء ٧٦) މިފަދައިންނެވެ. މާނައީ: ” އީމާންވީ މީހުން ﷲގެ މަގުގައި ހަނގުރާމަކުރެއެވެ. އަދި، ކާފިރުވީ މީހުން ޝައިޠާނާގެ މަގުގައި ހަނގުރާމަ ކުރެއެވެ. ފަހެ، ތިޔަބައިމީހުން ޝައިޠާނާގެ ވާގިވެރިންނާއި ހަނގުރާމަކުރާށެވެ! ހަމަކަށަވަރުން، ޝައިޠާނާގެ ކެހިވެރިކަން ވަނީ ނިކަމެތިވެގެންނެވެ.”
މިއާޔަތުން ޝައިޠާނާގެ ބަލިކަށިކަންވެސް ވަރަށް ރަނގަޅަށް ސާބިތުވެއެވެ. ދަންނާށެވެ. ސިޙުރުވެރިން ތިޔަ ވާގިއެދި އަދި ވާގިދީ އުޅެނީ ﷲ ބަލިކަށި ކުރެއްވި ޝައިޠާނާއާއެވެ. އަހަރެމެން މުސްލިމުންގެ މިއިންޒާރުގައި ހިފާށެވެ. ﷲ ގެ މިއަމުރުފުޅަށް ފުރަގަސް ނުދޭނަމެވެ. ﷲ ގެ މަގުގައި ތިޔަބައިމީހުނާ ގަދަފަދައަށް ހަނގުރާމަކުރާނަމެވެ. ހަމަގައިމުވެސް އަހަރެން ކުރާނަމެވެ.
އެއީ ތިޔަބައިމީހުން ޝައިޠާނުންނާ ވާގިވެރިވެގެން ހަދާ ސިޙުރު ޖެހިފައިވާ މީހުނަށް ﷲގެ ވާގިފުޅާއެކު އެމީހުނަށް ޖެހިފައިވާ ސިޙުރުތައް ބާޠިލުކޮށް ތިޔަބައިމީހުންގެ ސިޙުރާއި ދެކޮޅަށް ﷲ ގެ އާޔަތްތައް އުފުލައިގެނެވެ. އަދި ތިޔަބައިމީހުންގެ މަކަރުތަކާއި ސިޙުރުގެ ތަކެއްޗާއި ތިޔަބަމީހުންކުރާ އެކި އެކި ކަންތައް އެންމެނަށް ބޭޒާރުކޮށް ހޭލުންތެރި ކުރުވައިގެނެވެ. އަދި ﷲގެ ތެދުމަގު މީސްތަކުންނަށް ބުނެދީގެނެވެ. މިއިންޒާރު ކޮންމެ ސިޙުރުވެރިއަކުވެސް ހަނދާންބަހައްޓާށެވެ. އިރާދަކުރެއްވިއްޔާ ސިޙުރުވެރިއަކަށް ކާމިޔާބުވިޔަކަ ނުދޭނަމެވެ.
ﷲ ލަޢުނަތްލެއްވި ސިޙުރުވެރިންނޭވެ. ތިޔަބައިމީހުން ﷲގެ ރުއްސެވުން ލިބިގެންވާ ބަޔަކަށް ވުމަށް އިޚްލާޞްތެރި ތައުބާ އަކުން ތައުބާވާށެވެ. ސިޙުރު ދޫކޮށް ޝައިޠާނުންނަށް ކާފިރުވާށެވެ. ﷲއަށް ބިރުވެތިވާށެވެ. ނޫންނަމަ ދީނުގައި ތިޔަބައިމީހުންގެ ޙައްދުވަނީ ކަނޑައެޅިގެނެވެ. ތިޔަބައިމީހުނަށް ވަނީ ނަރަކައެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ޝަރުޢުވެގެންވަނީ ކަނޑިންޖަހާ މަރާލުމެވެ.
ރަސޫލާގެ ޞައްޙަ ޙަދީޘުން މިކަން ސާބިތެވެ. ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމަވެ ޙަދީޘުފުޅުގައިވަނީ:
“حَدَّثَنَا أَحْمَدُ بُنِ مَنِيْعُ , حَدَّثَنَا أَبُو مُعَاوِيَةُ عَنْ إِسْمَاعِيْلُ بُنِ مُسْلِمٍ عَنِ الْحَسَنِ بْنِ جُنْدُبٍ قَالَ , قَالَ رَسُولُ اللهِ حَدُّ السَّاحِرِ ضَرْبَةٌ باِ لسَّيْفِ.”
މާނައީ: ޙަސަނު ބުނި ޖުންދުބުގެ ކިބައިން އިސްމާޢީލު ބުނި މުސްލިމު ރިވާކުރެއްވިކަމަށް އަބޫ މުޢާވިޔަތުގެ ކިބައިން އަޙްމަދު ބުނި މުނީޢު ތިމަންނާއަށް (ތިރުމިޛީ އަށް) ވިދާޅުވިއެވެ. ރަސޫލުﷲގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. ސިޙުރުވެރިޔާގެ ޙައްދަކީ ކަނޑިން ޖަހާ މަރާލުމެވެ. (ސުނަނު އައް ތިރުމީޛީ : 1462 ވަނަ ޙަދީޘް)
ހުރި ހަލާކެއްގެ ބޮޑުކަމާއެވެ. އަޅުގަނޑުމެންގެ މިދިވެހިރާއްޖޭގައި މިޙައްދު ޤާއިމްކުރަންޖެހިފައިތިބި ކިތަންމެ ބަޔަކު އެބަ ތިއްބެވެ. ސިޙުރު ޖެހި ގޮތް ހުސްވެފައި ތިބި އެތައްބަޔަކު އެބައުޅެއެވެ. ސިޙުރުޖެހި ވާނުވާ ނޭންގި އެކި އެކި ބޭސްކޮށް އަތްމަތިހުސްވެ ނިމިދަނީ ކިތައް ދިވެހިންބާއެވެ.
ސިޙުރުން މޮޔަވަނީ ކިތައް ދިވެހިންހެއްޔެވެ. ބައިވަރެކެވެ. ހުރި ހަލާކެއްގެ ބޮޑުކަމާއެވެ. މިރާއްޖެ މިއަދު މިވަނީ ސިޙުރުވެރިންގެ ރާއްޖެއަކަށް ވެފައެވެ.
ކޮންމެ ދެބަސްވުމެއްގައި ސިޙުރު ހަދާ ތިމާފަދަ އަނެކާއަށް އުނދަގޫތައްކޮށް ﷲއަށް ކާފިރުވަނީއެވެ. އަވަހަށް ތައުބާވާށެވެ. ސިޙުރު ހެދުން ހުއްޓާލާށެވެ. ދިވެހިންނޭވެ. ﷲ އެންގެވި ގޮތަށް ޢަމަލުތައް ބަހައްޓާށެވެ.
ޢައުރަތައް ނިވާކޮށް، ނަމާދު ބަރާބަރަށް އަދާކޮށް، ޤުރުއާން ކިޔަވާ ސުންނަތުން ވާރިދުވެފައިވާ ދުޢާތައް ރައްކާތެރި ވުމުގެ ގޮތުން ބަރާބަރަށް ކިޔަވާށެވެ. ކޮންމެ ކަމެއްގައިވެސް ހަމައެކަނި ﷲ ގެ ޙަޒުރަތުން ވާގި އެދޭށެވެ.
އޭރުން ކޮންމެ މީހަކު ކޮންމެ ސިޙުރެއް ހެދިޔަސް ﷲ އިރާދަކުރެއްވިއްޔާ ތިމާ ހުންނާނީ ސަލާމަތުންނެވެ.
– ނިމުނީ-
ނޯޓް: މިއީ އަޅުގަނޑު ސަންދާން މަޖައްލާގައި ލިޔެ ޝާއިއުކޮށްފައިވާ ލިޔުމެކެވެ.
މިއި މިދިވެހިރާއްޖޭގައި ވަރަށް ޢާއްމުކޮށް ހިގާފައިވާ އަދި މިހާރުވެސް މަދުންނަމަވެސް ހިގާކަމެއް ނަމަވެސް މފަދަ ލިޔުންތަކުގެ ސަބަބުން މިބާވަތުގެ ޢަމަލުތައް މުޅިން ހުއްޓި ހުރިހާމީހުންވެސް ހެޔޮމަގަށް އެޅިގެންދާނެކަމަށް ޤަބުލުކުރެވެއެވެ.
ސިޙުރުވެރިންނަށް ﷲގެ ލަޢުނަތް ހުއްޓެވެ. ހާދަހާވާ މޮޔަ އަދި ނުބައި ބައެކެވެ. ދުނިޔޭގެ ކުޑަކުޑަ އެދުމަކަށް ދެ ދުނިޔެ ވިއްކާލާ ޝައިޠާނާގެ އަޅަކަށް ވަނީއެވެ. އެހެނެއްކަމަކު ދުނިޔޭގެ އުފަލެއްވެސް އެމީހުންނަށް ނުލިބެއެވެ. އެމީހުން އުޅެންޖެހެނީ މީހުންނާ އެކަހެރިވެ ހަޑިމުޑުދާރުކޮށް ޖިންނީންނާއި އެމީހުންނާ ވެވުނު އަޙުދާ ޚިލާފު ނުވާގޮތަށެވެ.