ރިޕޯޓް

ފޭސްބުކް އެޕްލިކޭޝަނެއްގެ ސަބަބުން 40 ދުވަހުގެ ނަމާދު ބާތިލްވެދާނެ ހެއްޔެވެ؟ ނުވަތަ ދީނުން ބޭރުވެދާނެ ހެއްޔެވެ؟

ފޭސްބުކް އަކީ މިއަދު ދުނިޔޭގައި ވަރަށް ހަލުއި ކަމާއެކު ބޭނުން ކުރެވެމުން ދާ ސޯޝިއަލް މީޑިޔާ އެކެވެ. މި ގޮތުން ފޭސްބުކް ގައި ހޭދަ ކުރަމުންދާ ވަގުތުތައް އިތުރު ކުރުމަށްޓަކައި އެތައް ބައިވަރު އެޕްލިކޭޝަންތަކެއް މިހާރު ވަނީ ތައްޔާރު ކުރެވިފައެވެ.
ފޭސްބުކް އެޕްލިކޭޝަނެއް ބޭނުންކޮށްލުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫނެވެ. ނަމަވެސް ބޭނުން ކުރަން ފެށުމުގެ ކުރިން އެއީ ކޮންކަހަލަ އަދި ކިހާވަރެއްގެ އަސަރެއް ތިމާއަށް ކޮށްފާނެ އެޕްލިކޭޝަނެއްތޯ ބެލުން ހުއްޓެވެ.
ކޮންމެއަކަސް މިއަދު އަޅުގަނޑުގެ ގަލަން ހިންގާލަން މަޖްބޫރުވަނީ ފޭސްބުކް ގައި އަޅުގަނޑަށް ފުނުނު ބައެއް އެޕްލިކޭޝަންތަކުގެ ނުރައްކާ ތިބާގެ އަޤީދާއަށާއި ދީނަށް ކޮށްފާނެކަމުގެ އިންޒާރު ދިނުމަށެވެ.
ދަންނައެވެ. މުސްތަޤްބަލުގެ ވާހަކަތަކާއި އެކަންވާންހުރި ތަނަކާއި ތާރީޚަކާއި ގޮތްތަކަކީ ހަމައެކަނި ﷲ ފިޔަވާ އެނޫން ފަރާތަކަށް އެނގިގެން ނުވާ ކަންތައްތަކެވެ. އެގޮތުން ފާލެބެލުމާއި ، ފާލުބަލާދޭ މީހުން ގާތަށް ގޮސް ފާލު ބެލުމާއި، އެބައިމީހުން ހަދާ ދޮގުތައް ޤަބޫލު ކުރުން ވަނީ ތައުޙީދު ގެ ދިދައިގެ ދަށުން މަނާ ކުރެވިފައެވެ. މި ގޮތުން އެސްޓްރޮލޮޖީ އާއި، ހޮރޮސްކޯޕް އަދި މިނޫންވެސް މިފަދައިން މުސްތަޤްބަލުގެ ވާހަކަތައް ހޯދާ ކިޔާދޭ ތަކެއްޗަކީ (ﷲ ސުބްޙާނަހޫ ވަތަޢާލާ ބާވާލެއްވި އިލްމާއި އިންސާނުންނަށް ހޯދައިގަނެވޭ "ރިއަލް ސައިންސް" ގެ ޢިލްމު ފިޔަވާ) މި މައުޟޫގެ ދަށަށް ވަންނަ ތަކެއްޗެވެ.
އާންމު ގޮތެއްގައި އެސްޓްރޮލޮޖީ އަދި ހޮރޮސްކޯޕްގައި ވާ ކަންތައްތައް އެކި ގޮތްގޮތަށް (މިސާލަކަށް އެކަން ކުރާމީހުން ގާތު ސީދާ އަހައިގެން، ނުވަތަ އެވާހަކަ ތައް މީހުންނާ ހަމައަށް ގެނެސްދޭ ނޫސް މަޖައްލާތަކުން ކިޔައިގެން ނުވަތަ އެކަމަށް ތައްޔާރުކޮށްފައި ހުންނަ ޕްރޮގްރާމްތަކާއި އެޕްލިކޭޝަންތައް ބޭނުން ކޮށްގެން) ހޯދާ މީހުންނަށް އޭގައި އެބުނާ އެއްޗެއް ގަބޫލުކުރެވޭ ގޮތްވެއެވެ. އެހެން އިބާރާތަކުން ދަންނަވަނީ ނަމަ އެފަދައިން ޤަބޫލުކޮށްފިނަމަ، އެމީހަކަށް އެޤަބޫލު ކުރެވުނީ ﷲ ސުބްޙާނަހޫ ވަތަޢާލާ ފިޔަވާ އެހެން ފަރާތަކަށް ޣައިބު އިނގޭ ކަމަށެވެ.
ދަންނާށެވެ! ﷲ ސުބްޙާނަހޫ ވަތަޢާލާ އަކީ "ޢައްލާމުލް ޣުޔޫބް" (ޢައިބުތަކުގެ ޢިލްމުތައް ދެނެވޮޑިގެންވާ އިލާހު) އެވެ.
ސޫރަތުއް ނަމްލު ގައި ބަޔާން ވެގެން ވެއެވެ.

ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އަށް މެނުވީ، އުޑުތަކާއި، ބިމުގައިވާ އެކަކަށްވެސް غيب ގައިވާކަމެއް ނޭނގޭނެތެވެ. އަދި އެއުރެން އަލުން ދިރުއްވައި، محشر އަށް ފޮނުއްވާހުށީ ކޮންއިރަކުންކަން އެއުރެންނަކަށް ނުމެއެނގޭމެއެވެ. (65)
ތައުޙީދުގެ ކަލިމައިގެ ދަށުގައި އެކަލާންގެއަށް ޚާއްޞަ ސިފަފުޅެއް އެހެން އެއްވެސް ފަރާތަކަށް ނިސްބަތް ނުކުރެވޭނެއެވެ. އެކަލާންގެ މަތިވެރި ސިފަފުޅުތަކުގެ ތެރެއިން ސިފަފުޅެއް އެހެން ފަރާތަކާ ބައިވެރިކޮށްފިނަމަ އެއީ ޝިރްކު ކުރުމެވެ. ނުވަތަ އެއިން ސިފަފުޅެއް އެހެން ފަރާތަކަށް ނިސްބަތްކޮށްފިނަމަ އެއީ ކުފުރުގެ ޢަމަލެކެވެ. އެމީހަކު އަލުން ޝަހާދަތުގެ ދެކަލިމަ ކިޔާ އިސްލާމްވާން ޖެހޭނެއެވެ.
ޞަޙީޙް ޙަދީޘެއްގައި ބަޔާން ވެގެން ވެއެވެ.

"ފާލުބަލާ މީހަކާ ސުވާލުކޮށް އޭނާ ބުނާ އެއްޗެއް ގަބޫލުކޮށްފިނަމަ މުޙައްމަދު صلى الله عليه وسلم އަށް ބާވާލެއްވުނު ތަކެއްޗަށް އޭނާ ކާފަރުވެއްޖެއެވެ."
ބައެއް މީހުން އެބައެއްގެ މުސްތަޤްބަލާ މެދު މައުލޫމާތުތައް ހޯދަނީ ހަމައެކަނި ސަމާސާކޮށް މަޖާކޮށްލުމަށެވެ. އެކުވެރިން ކޮށްލާ ކޮމެންޓްތަކާއި ފާޑުކިޔުންތައް ކިޔާލުމަށެވެ. ނަމަވެސް ޙަޤީޤަތަކީ ސަމާސާއަށްވެސް އެފަދަ ކަމެއް ކުރުމަކީ ތިމާގެ އަޤީދާއަށް ގެއްލުން ހުރި ކަމެއް ކަމެވެ. ތިމާ ސަމާސާއަކަށް ކާހިނެއް ގާތަށްގޮސް ފާލުބަލަން އެއްބަސް ވާނެ ހެއްޔެވެ؟ ޖަވާބަކީ "ނޫން" ކަމަށް ވާނަމަ، އެފަދަ ކަންކަން ކުރަން ތައްޔާރުކުރެވިފައިވާ ޕްރޮގްރާމްތަކާއި އެޕްލިކޭޝަންތައް ބޭނުން ކުރަން ރުހެނީ ތިބާ ކިއްވެ ހެއްޔެވެ؟
"ފާލުބަލާ މީހެއް ގާތަށް ގޮސް ކަމަކާ ބެހޭގޮތުން ސުވާލުކޮށްފިނަމަ 40 ދުވަސް ވަންދެން އޭނާގެ ނަމާދު ގަބޫލު ނުކުރެވޭނެއެވެ." (ޞަޙީޙް މުސްލިމް 2230)

އިތުރު މައުލޫމާތު ހޯއްދެވުމަށް ތިރީގައިވާ ލިންކަށް ވަޑައިގަންނަވާށެވެ.

ލިންކް

މައުލޫމާތު : އެކުލަވާލެވިފައި

ގުޅުންހުރި

2 ޚިޔާލު

  1. ބާރަކަﷲ ފީކަ

  2. ވ ރަނގަޅު ލިޔުންކޮޅެއް.

Your email address will not be published. Required fields are marked *

More in ރިޕޯޓް