ރިޕޯޓް ތިޔަކަނބަލުންގެ އަގަކީ އެއީ ހެއްޔެވެ؟؟؟

ތިޔަކަނބަލުންގެ އަގަކީ އެއީ ހެއްޔެވެ؟؟؟

ތިޔަކަނބަލުންގެ އަގަކީ އެއީ ހެއްޔެވެ؟؟؟

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

 

އަންހެންކުއްޖާ އިނީ ދިގު ގޮނޑިއެއްގެ އެއްކޮޅުގައި ފޮތެއް ކިޔާށެވެ. އެވަގުތު އެތަނަށް އައި ފިރިހެނަކު އެގޮނޑީގެ އަނެއްކޮޅުގައި އިށީނެވެ. އެވަގުތު އެއަންހެންކުއްޖާ އެފިރިހެންމީހާއާއި ދިމާއަށް ނުރުހުމުގެ ފާޑަކަށް ބަލައިލައިފައި އަދިވެސް ދުރަށް ޖެހިލިއެވެ. ގޮނޑީގައި އިށީނުމަށްފަހު ފިރިހެންމީހާ ނެގީ ޗޮކްލެޓެކެވެ. ދެންފެނުނީ ފެއަށް ޖެހިލި އަންހެންކުއްޖާ އެފިރިހެންމީހާގެ ގައިގައި ތަތްވެފައި އިންދައެވެ. އޭރުވެސް ޗޮކްލެޓް ކަމުންދިޔައީ ފިރިހެންމީހާއެވެ.

އަންހެންކުއްޖަކު ލެޕްޓޮޕެއްގެ އެހީގައި އިންޓަނެޓަށް ވަނުމަށް މަސައްކަތްކުރަނީއެވެ. އެވަގުތު އެތަނަށް އައި ފިރިހެންމީހާއާއި ދިމާއަށް އޭނާ ބަލައިލީ ނުރުހުމުގެ ނަޒަރަކުންނެވެ. ދެން އަންހެންކުއްޖާގެ މޫނުމަތިން ފެނުނީ މާޔޫސީކަމެވެ. އެފިރިހެންމީހާވީކީއްތޯ އަހާލުމުން އެނގުނީ އިންޓަނެޓް މޯޑެމްގައި ލާރިނެތްކަމެވެ. ދެން އެފިރިހެންމީހާ 100ރުފިޔާ އަތުންއަތަށް ފޮނުވާލައެވެ. އަންހެންކުއްޖާ އުފަލުން ހިނިތުންވެލައެވެ. ދެން ދެމީހުން އެކުގައި ސަމާސާކުރަމުން ނެޓްގެތެރެއަށް ވަދެއެވެ.

ރެސްޓޯރެންޓެއްގެ ތެރޭގައި ހުރި ތިން މޭޒުދޮށުގައި ތިން ގްރޫޕް ތިއްބެވެ. އެއްމޭޒުދޮށުގައި ވަރަށް ޒަމާނީ ދެޒުވާނުން ތިއްބެވެ. އަނެއް މޭޒުދޮށުގައި ތިބެނީ މުސްކުޅި ފެޝަނުގެ ދެޒުވާނުންނެވެ. ތިންވަނަ މޭޒުދޮށުގައި ޒުވާން އަންހެން ކުދިންތަކެއް ތިބެގެން އެމުސްކުޅިފެޝަނުގެ ކުދިންގެ ކަންތައްތަކަށް ޖޯކްޖަހާ ހީނހަދަމުން ދިޔައެވެ. ދެންފެނިގެން ދިޔައީ ފިރިހެންކުދިންގެ މޭޒުތަކަށް ޕިއްޒާ ގެންދެވުނުތަނެވެ. ޒަމާނީ ކުދިންގެ ޕިއްޒާއަށްވުރެ މުސްކުޅި ފެޝަނުގެ ކުދިންނަށް ގެންދިޔަ ޕިއްޒާ މާބޮޑެވެ. އެވަގުތު އެއަންހެންކުދިންތައް އެކުދިންތިބިތަނުން ތެދުވެގެން ގޮސް ބޮޑު ޕިއްޒާ ގެންދިޔަ މޭޒުދޮށުގައި ޖައްސާލިއެވެ. އެކަމާ ޒަމާނީ ކުދިން ކަޑަވެފައި ތިބިއިރު މުސްކުޅި ފެޝަނުގެ ކުދިން ތިބީ ހިނިއައިސްފައެވެ.

އޭ މިގައުމުގެ ލޮބުވެތި އަންހެންދަރިންނޭވެ. ތިޔަކަނބަލުންނަށް ﷲ ދެއްވާފައިވާ ފުރިހަމަ ޖިސްމުތަކާއި ސިފަތަކުގެ އަގަކީ އެއްއިރު ކާލުމުން ބޭރުކަރުދާސްގަނޑު ފިޔަވައި އިތުރު އެއްޗެއް ނޯންނަ ޗޮކްލެޓަކީ ހެއްޔެވެ؟ ނުވަތަ ޕިއްޒާއަކީ ހެއްޔެވެ؟ ނުވަތަ ފައިސާކޮޅަކީ ހެއްޔެވެ؟ 

މަތީގައި ސިފަކޮށްފައިވާ ތިން މަންޒަރުވެސް ތިޔައިގެ ތެރެއިން ގިނަ ބޭފުޅުންނަށް ފެނިވަޑައިގެންފައިވާނެ ކަމަށް ހީކުރަމެވެ. އެތިން މަންޒަރަކީވެސް ދިވެހި ޓީވީ ޗެނަލަކުން ގިނަދުވަސްތަކެއް ވަންދެން ދެއްކި ތިން އިޝްތިހާރެވެ. މިހާރު ދައްކާކަމެއް ނޭނގެއެވެ. އެއިޝްތިހާރުތައް ބޭނުންކުރެވިފައި އެވަނީ ކޮންމެވެސް ވިޔަފާރިއެއް ނުވަތަ ޚިދުމަތެއް ކުރިއެރުވުމަށްޓަކައެވެ. އިޝްތިހާރުތައް ފެންނަ މީހުންނަށް އެނގެންވީ އެއިޝްތިހާރުކުރެވޭ ޚިދުމަތްތަކާއި ތަކެތީގެ މޮޅުކަމެވެ. ރަނގަޅުކަމެވެ. ބޭނުންތެރިކަމެވެ. އެހެންކަމަށްވިޔަސް އަޅުގަނޑަށް އެއިޝްތިހާރުތައް ފެނުމުން އެނގުނީ އެހެންކަމެކެވެ. އެއީ މުޖުތަމަޢުގައި އަންހެނުންގެ އަގުދަށްކަމެވެ. ނިކަމެތިކަމެވެ. ބަލިކަށިކަމެވެ. އެކަންކަން އަންގައިދޭން އަންހެނުން ފޫގަޅާފައި ނިކުމެތިބިތިބުން ރަމްޒުކޮށްދިނީ އެމީހުންގެ ވިސްނުމާއި ފިކުރުންވެސް އެކަމަށް އެއްބަސްވާކަމެވެ.

އިޝްތިހާރަކުން ނަމަވެސް ނުވަތަ އެނޫންގޮތަކުން ނަމަވެސް ހިލޭ ފިރިހެނަކާއި އަންހެނަކު މައްލަވަކުރުމާއި ބީހިއުޅުމަކީ ދީނީގޮތުން ކުޑަކޮށްވެސް ރޯފިލާފައިވާ މީހަކަށް ކިހާވަރެއްގެ ކަމެއްކަން އޮޅިފައެއް ނޯންނާނެއެވެ. އެހެންނަމަވެސް އެވާހަކަ އިހަށް ބާއްވާފައި މިވާހަކަ ދައްކަމާ ހިނގާށެވެ.

ޗޮކްލެޓަކަށްޓަކައި، ހިލޭ ފިރިހެނެއްގެ ގައިގައި އައްޓަމަހެއްހެން ތަތްވެގަންނަ އަންހެނެއްގެ އަގާއި ޢިއްޒަތާއި ކަރާމަތާއި ޝަރަފުވަނީ ކިހާހިސާބެއްގައިކަން ބުނެދޭކަށް ނޭނގެއެވެ. ގަބޫލުކުރެވޭގޮތުގައި އެއީވެސް "ހަށިވިއްކުމެވެ". އޭނާގެ ހަށިގަނޑާއި އެހަށިގަނޑުގެ ހޫނުކަން ހިލޭފިރިހެނަކަށް އިޙުސާސްކޮށްދިނުމަކީ އެފިރިހެނަކަށް ލިބޭނެ ލައްޒަތަކަށް ހަމަގައިމުވެސް ނުވެއެއްނުދާނެއެވެ. އެކަމުގެ އަގަކަށް މިވަނީ ޗޮކެލެޓެކެވެ. ނުވަތަ އޭގެން އެތިކޮޅެކެވެ.

އަނެކަކަށް ދެވުނީ 100ރުފިޔާއެވެ. ހަމަދެވުމާއެކު އެމީހާމިވީ ތިމާއާއި ބޭނުންވަރަކަށް މައްލަވަކޮށް ސަމާސާކުރެވޭ ފަދަމީހަކަށެވެ. އެކަމަކު އޭގެކުރިން އެއީ ނުދަންނަ ބީރައްޓެއްސެކެވެ.

ދެން ބޮޑު ޕިއްޒާ ފެނުމުން އެދިމާއަށް ދުއްވައިގަންނަނީ ދަޢުވަތެއް ލިބިގެނެއްވެސް ނޫނެވެ. އެކަމަކުވެސް އެއަންހެން ކުދިންނަކަށް އަދި ޕިއްޒާއަށް އޯޑަރުދިން ފިރިހެން ކުދިންނަކަށްވެސް އެއީ މައްސަލައެއް ނޫނެވެ. ޕިއްޒާ ކެއުމުގެ އަގަކީ އެއްމޭޒުދޮށެއްގައި ތިބެގެން ހީނސަމާސާކޮށްހެދުން އެކަނިކަމަށްވީ ނަމަވެސް އަންހެން ކުދިންގެ ޖިސްމުތަކުން އެއޮތީ ޕިއްޒާކެއުމުގެ އަގު އަދާކުރެވިފައެވެ.

 

އަގުބޮޑު ތަކެއްޗަކީ ލޮލަށްތަދު ފަސޭހައިން އަތްނުލެވޭ ތަކެތިކަން އެނގިނުލައްވާތޯއެވެ؟ އަގުބޮޑެތި ޖަވާހިރާއި މުތީތައް މަގުމަތީގައި އުކާލެވިފައި ބޭނުން މީހަކު އައިސް ނަގާ ކުޅެހަދާން ހުރޭތޯއެވެ؟ ތިޔަކަނބަލުންނަކީ ދީނުގައި ޤަދަރާއި ޝަރާފަތާއި މާތްކަން ދެވިފައިވާބައެކެވެ. އެކަން ތިކަނބަލުން ނުދަންނަނަމަ ދެން ދަންނާނީ ކޮންބައެއްތޯއެވެ؟

 

މިމަންޒަރުތަކުން ސިފަކޮށްދެނީ މުޖުތަމަޢުގެ ޙަޤީޤީ ސޫރަކަމުގައިވާނަމަ ހިތާމައިގެ ކޮޅެއްވެސް ނެތެވެ. ހިތާމައިގެ މައްޗަށް ހިތާމަ ކުރަންމިޖެހެނީ މިފަދަ ބޭއަދަބީ ދަށްފެންވަރުގެ އިޝްތިހާރުތައް ކުޅެ ދުރަށް ދައްކަމުން މިގެންދަނީ މުސްލިމުންގެ ގައުމެއްގައި މުސްލިމުން ކަމަށް ވާތީއެވެ. އަދި މުސްލިމް ގައުމެއްގެ ދައުލަތުގެ ޓީވީއިން ކަމަށް ވާތީއެވެ. މިފަދަ އިޝްތިހާރުތައް ކުޅެ އާއްމުކުރުމަކީ ލިބޭ ފަޚުރެއްކަމަށް މިގައުމުގެ މުސްލިމް އަންހެންދަރިން ދެކޭތީއެވެ.

ވިޔަފާރިވެރިންނާއި ކުންފުނިތަކުން އަންހެން ކުދިންގެ ހަށިތައް އެމީހުންގެ ވިޔަފާރި ކުރިއެރުވުމަށް ބޭނުންކުރާކަން އެއީ އަންހެނުން ނިކަމެތިކުރެވިފައިވާ މިންވަރު ވަރަށް ރަނގަޅަށް ދައްކައިދޭ ހެއްކެކެވެ. މިދެންނެވުނު އިޝްތިހާރުތަކާއި އަދި މިނޫންވެސް އިޝްތިހާރުތަކުގައި އަންހެންކުދިންގެ ޖިސްމުތައް ބޭނުންކުރެވެއެވެ. އެކަންކުރެވެނީ ހަމައެކަނި ހެދުމާއި ފައިވާނާއި ގަހަނާ އިޝްތިހާރުކުރާކަށް ނޫނެވެ. އަދި ކީއްހެއްޔެވެ؟ ކޮންމެ ފަދަ ވިޔަފާރިއެއްގައި ކޮންމެފަދަ އާލާތެއް އިޝްތިހާރުކުރަންވިޔަސް އަންހެން ކުދިންގެ ހަށިތައް ބޭނުންކުރެވެއެވެ. އެއީ ވަޑާމުގެ ސާމާނުކަމަށްވިޔަސް، ގެދޮރު ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތިކަމުގައިވިޔަސް އަދި އިންޖީނަށް އަޅާ ތެޔޮކަމުގައިވިޔަސް ކަންހުރީ މިފަދައަކުންނެވެ.

އިޝްތިހާރުތަކުގައި އަންހެންކުދިން ބޭނުންކުރުމުން އަމައެކަނި ނިމުނީއެއްނޫނެވެ. އިޝްތިހާރުތަކުގައި ބޭނުންކުރެވޭ އަންހެންކުދިންގެ ހަށިގަނޑު ވީހާވެސް ބޮޑަކަށް ހާމަކުރުމަށްވެސް ސަމާލުކަންދެވެއެވެ. ބައެއް އިޝްތިހާރުން ފެންނަ އަންހެންކުދިންގެ އޮރިޔާންކަން ބޮޑުކަމުން އެއީ ދިވެހި އަންހެންކުދިންނަކަށް ނުވާނެއޭ ހީވާ ފަހަރުވެސް އާދެއެވެ. އެހެންނަމަވެސް ހިތާމައަކީ އެއީ ދިވެހި އަންހެން ކުދިންނަށް ވާކަމެވެ. އަދި އެމަންޒަރުތައް ދިވެހި ސިޓިންގރޫމް ތަކުގެ ޓީވީތަކަށް ވާޞިލުވާކަމެވެ. ދިވެހި ޢާއިލާތަކުގެ ކުރިމަތީގައި ހާމަކުރެވޭކަމެވެ.

އޭ މިގައުމުގެ ލޮބުވެތި އަންހެންދަރިންނޭވެ. ތިޔަކަނބަލުންނަށް ﷲ ދެއްވާފައިވާ ފުރިހަމަ ޖިސްމުތަކާއި ސިފަތަކުގެ އަގަކީ އެއްއިރު ކާލުމުން ބޭރުކަރުދާސްގަނޑު ފިޔަވައި އިތުރު އެއްޗެއް ނޯންނަ ޗޮކްލެޓަކީ ހެއްޔެވެ؟ ނުވަތަ ޕިއްޒާއަކީ ހެއްޔެވެ؟ ނުވަތަ ފައިސާކޮޅަކީ ހެއްޔެވެ؟ އަގުބޮޑު ތަކެއްޗަކީ ލޮލަށްތަދު ފަސޭހައިން އަތްނުލެވޭ ތަކެތިކަން އެނގިނުލައްވާތޯއެވެ؟ އަގުބޮޑެތި ޖަވާހިރާއި މުތީތައް މަގުމަތީގައި އުކާލެވިފައި ބޭނުން މީހަކު އައިސް ނަގާ ކުޅެހަދާން ހުރޭތޯއެވެ؟ ތިޔަކަނބަލުންނަކީ ދީނުގައި ޤަދަރާއި ޝަރާފަތާއި މާތްކަން ދެވިފައިވާބައެކެވެ. އެކަން ތިކަނބަލުން ނުދަންނަނަމަ ދެން ދަންނާނީ ކޮންބައެއްތޯއެވެ؟

ކޮންމެފަދަ ވިޔަފާރިއެއްގައި ކޮންމެފަދަ އާލާތެއް އިޝްތިހާރުކުރަންވިޔަސް އަންހެން ކުދިންގެ ހަށިތައް ބޭނުންކުރެވެއެވެ. އެއީ ވަޑާމުގެ ސާމާނުކަމަށްވިޔަސް، ގެދޮރު ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތިކަމުގައިވިޔަސް އަދި އިންޖީނަށް އަޅާ ތެޔޮކަމުގައިވިޔަސް ކަންހުރީ މިފަދައަކުންނެވެ.

 

ނިންމާލަމުން މުޅިން ތަފާތުވާހަކައެއް ދަންނަވާލާނަމެވެ. އެއީ ދާދިފަހުން ފެނުން އިޝްތިހާރެއްގެ ވާހަކައެވެ.
ބަންގިގޮވަމުން ދިޔަވަގުތު މީހަކު ބޫޓަށް އަރައިގެން ކުޅެން (ނުވަތަ ދުވަން) ނިކުންނަނީ އެވެ. ނަމާދުނުކޮށް ދާތީ އެކަން ހަނދުމަކޮށްދިނުމުން ފަހުން ކުރާނަމޭ ބުނެފައެވެ. އެހެންމީހަކާއެކު ސައިކަލެއްގައި ކުޅޭތަނަށް ދެވުމާއެކު ސައިކަލުން ފައިބައިގެން މަގުހުރަސްކުރަން ހިނގައިގަނެވެ. ދެންފެންނަނީ ދުއްވާ އެއްޗެއްގައި ޖެހި މީހާ ވިއްސައިގެން ދާތަނެވެ. މިއިޝްތިހާރުން އަންގައިދެނީ ކޮންމެ ވަގުތަކުވެސް މަރުވެދާނެކަމެވެ. ކޮންމެއަކަސް އިޝްތިހާރުނިމިމުން އިނދެވުނީ ބަސްހުއްޓިފައެވެ. އެއީ މުޅިން އަލަށް މިފަދަ މެސެޖެއް އިޝްތިހާރެއްގެ ސިފައިގައި ދިވެހި ޓީވީއަކުން ފެނުނީމައެވެ.
ހިތާމައާއި އުފާ އެކުއެކުގައި އިޙުސާސްކުރެވެމުން ދިޔައެވެ. ހިތާމައަކީ ވޭތުވެދިޔަ ދިގު މާޒީގައި މިފަދަ އިޝްތިހާރެއް ފެނިފައި ނުވާތީއެވެ. އުފާވީ އަލަށް ނަމަވެސް މިފަދަ މަންޒަރެއް ފެނުނީތީއެވެ. އެއިޝްތިހާރު ހަދާ ދުރަށްފޮނުވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް މާތްﷲ ރަޙުމަތްލައްވާ ފާފަފުއްސަވާށިއެވެ. އަދި އޭގެ ސަބަބުން ގިނަބަޔަކަށް ފައިދާވާނެގޮތް މެދުވެރިކުރައްވާށިއެވެ. އާމީން.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.