ޤާނޫނުގައިވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް ހޮވޭ މެންބަރުންގެ ތެރޭގައި ތަފާތު ހުނަރުތަކުގެ މީހުން ތިބެންޖެހޭނެކަމަށެވެ. އޭގެތެރޭގައި ކަނޑައެޅިގެން ‘އިސްލާމީ ދާއިރާ’އަކުން ތަޢުލީމު ލިބިފައިވާ މީހަކު ހުންނަންޖެހޭކަމަށް އިޝާރާތްކުރެއެވެ.
ކަންމިހެން ހުރިއިރު ހިއުމަން ރައިޓްސް ކޮމިޝަން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމާއި އެކު އެތައް ބަޔަކު ވަނީ އެމަޤާމަށް ކުރިމަތިލާފައެވެ. އެކި ދާއިރާތަކުން އެކި ފެންވަރުގެ ބޭފުޅުންވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް ކުރިމަތިލުމަށް އިސްނަގާފައެވެ. މިނަންތައް ދިރާސާކޮށް ރައީސުލްޖުމުހޫރިއްޔާ ‘ނަންފުޅު’ތަކެއް ވަނީ މަޖިލީހަށް ހުށައާޅާފައެވެ. އެހެނަސް ‘އިސްލާމީ ދާއިރާ’އިން ތައުލީމު ހާސިލް ކޮށްފައިވާ އެއްވެސް ބޭފުޅެއް ހިއުމަން ރައިޓްސް ކަމިޝަނަށް އައްޔަންކުރާ ލިސްޓުގައި ހިމަނާފައެއްނެތެވެ. އެއީ ކީއްވެގެންތޯ ސުވާލުއުފެދެއެވެ؟
ޤާނޫނު އަސާސީ ބުނާގޮތުން “އިންސާނީ ޙައްޤުތައްވެސް ކޮބައިތޯ ބަލަންޖެހެނީ އިސްލާމީ ގިއުގަނޑުގެ ތެރެއިން” ކަމަށެވެ. އެހެނަސް ހިއުމަން ރައިޓްސް ކޮމިޝަނަށް ފޮނުވާފައިވާ ނަންތަކުގެ ތެރޭގައި އެއްވެސް ދީނީ ޢިލްމުވެރިއަކު ނެތްކަމީ ގިނަ ބައެއްގެ ލޮލުގައި އަޅައިގެން ކަމެކެވެ. “އިސްލާމީ ގިއުގަނޑުގެ ތެރެއިން” ކަންކަން ނިންމަން ތިބި މީހުންގެ ތެރޭގައި ދީނީ އެއްވެސް ޢިލްމުވެރިއަކު ނެތުމަކީ ކޮމިޝަނުގެ މަސައްކަތް ކުރުމަށް ދަތިވާނެކަމެއްކަމަށް ބުއްދީގެ ހަމަތަކުން ބަލާއިރުވެސް ގަބޫލުކުރެވެއެވެ. އަދި މީގެ އިތުރުން ސަތޭކަ އިންސައްތަ އިސްލާމީ ޤައުމެއްގައި ހިއުމަން ރައިޓްސްގެ ނަމުގައި ތަފާތު ލާދީނީ އޮއިވަރުތައް އަންނަމުންދާއިރު މިފަދަ ކޮމިޝަނެއްގައި އިސްލާމް ދީނުގެ ޢިލްމު ލިބިފައިވާ ބޭފުޅަކު އިންނެވުމަކީ ކޮންމެހެންވެސް ބޭނުންކަމެކެވެ. ކޮންމެހެން ބޭނުންވާއިރުވެސް އެކަން ނުކުރެވި އޮތުމަކީ ހަނދާން ނެތިވެގެން ވީކަމެއް ކަމުގައި ބެލެވިދާނެ ނުވަތަ އޮޅިގެން ވެފައިވާ ކަމެއްކަމަށް ޤަބޫލެއް ނުކުރެވެއެވެ.ފަހެ ސަރުކާރުން އިސްލާމީ ނިޒާމުގައި ހިއުމަންރައިޓްސްގެ ކަންފުޅެއްވެސް ނެތީކަމުގައި ގަބޫލުކުރެވެނީބާވައެވެ.
މިމައްސަލާގައި ޢަދާލަތު ޕާޓީންނާއި ބައެއް މަޖިލިސް މެމްބަރުންވަނީ އަޑުއުފުލާފައެވެ. އެފަރާތްތަކުންވެސް ބުނަމުންދަނީ ޤާނޫނުގައި ބަޔާންވެގެންވަނިކޮން ދީނީ ޢިލްމުވެރިޔަކު ހިއުމަން ރައިޓްސް ކަމިޝަނަށް ފޮނުވި ނަންތަކުގެ ތެރޭގައި ނެތުމަކީ ހިތާމަ ހުރި ކަމެއްކަމަށާއި އެކޮމިޝަނުގައި ދީނީ ޢިލްމުވެރިއަކު ހިމެނެން ވާނެކަމަށެވެ.
ސިޔާސީ ފަރާތްތަކުގެ ބަސްމަގު މިފަދައިން ހުރިއިރު އަޅުގަނޑުމެން ރައްޔިތުންގެ ބަސްމަގު ހުރީ ކިހިނެއްބާއެވެ؟ އަޅުގަނޑުމެން ރައްޔިތުންގެ ބޭނުންވަނީ ހިއުމަން ރައިޓްސް ކޮމިޝަން ދީނީ ޢިލްމުވެރިއަކާއި ނުލާ އެކުލަވާލާ އިސްލާމް ދީނުގެ އަސްލު އުސޫލުތަކާއި ހިލާފަށް އެކޮމިޝަން ތެރޭގައި ކަންކަން ނިންމަމުން ގެންދިއުންތޯއެވެ؟ އިސްލާމް ދީނުގެ ފިޤުހީ އަދި ޝަރުޢީ ކަންކަމުގައި ގޮތް ނިންމުމުގެ ޤާބިލްކަން އަދި ޢިލްމު ނެތް ބަޔަކު ހިއުމަން ރައިޓްސް ކޮމިޝަނަށް އައްޔަންކޮށް އެކަމުގެ ޒިންމާ އަޅުގަނޑުމެން ރައްޔިތުންގެ ބޮލުގައި ނޭޅޭނެތޯއެވެ؟ ދުނިޔޭގެ ބާރުތަކުން ހިއުމަންރައިޓްސްގެ ނަމުގައި ދީފާނެ ހަމަލާތަކުގެ އައްޑަނައެއްގެ ގޮތުގައި ދީނީ ޢިލްމުވެރިންގެ ބަސް ނެތި އެފަދަ ހަމަލާތަކުން ދިވެހިރާއްޖޭގެ އިސްލާމީ ވަހުދަތު ފުނޑުފުނޑު ވުމަށް އަޅުގަނޑުމެން ދިވެހިން އެދޭނެތޯއެވެ؟ ދިވެހިންނަކީ އަބަދުވެސް އިސްލާމް ދީނުގެ ދިފާއުގައި ތެދުވާ ބައެއްކަން ތާރީޚުން ހެކިދެއެވެ. އެހެންކަމުން މަޝްވަރާއާއި ހިޔާލުދިނުމުގެ މަތިވެރި އުސޫލުގެ މަތިން މިމައްސަލައާއި ކުރިމަތިލުމަށް އަވަސްވަމާ ބަހީއެވެ. ވަގުތުފާއިތުވުމުގެ ކުރިންނެވެ. ވެރީންނަށް ހަނދުމަކޮށްދިނުމީ އިސްލާމްދީން ބާރު އަޅާކަމެކެވެ.
މިއަދުގެ ވެރިންނަށް ދީނާއި ބެހޭކަންކަން އަންގަން ޖެހެނީ މުޒާހިރާއިންތޯއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ “މިއީ މުޒާހިރާ ޤާނޫން އަސާސީއެއް” ކަމަށެވެ. ރައްޔިތުންވެސް މިތިބީ މުޒާހިރާވެފައެވެ. ނަމަވެސް ޑިމޮކްރަސީގެ ތެރޭގައި ކޮންމެ ފަހަރަކު ރައްޔިތުން ބޭނުންވާ ކަންކަން މުޒާހިރާ ނުވަތަ އަޑުގަދަ ކޮށްގެން ނިންމުމަކީ ދީނީގޮތުން އެންމެރީތި ގޮތެކޭ ނުދެންނެވޭނެއެވެ.
އިންސާނީ ޙައްޤުތަކަކީ ހަމައެކަނި އިސްލާމްދީނުގައި ޙިމާޔަތް ކުރެވޭ އެއްޗެއް ކަމުގައި އަޅުގަނޑުމެން ކުޑައިރުއްސުރެ މިއަންނަނީ ކިޔަމުންނެވެ. ހަމަ މިއާއިއެކު މާތްވެގެންވާ އިސްލާމްދީނަކީ ރަޙްމަތުގެ ނަބިއްޔާވެސް އެދީނަކަށް ނިސްބަތްވާ ދީނެވެ. ވީއިރު މިފަދަ މުހިއްމު ކަމެއްގައި އިސްލާމްދީނާއި ބެހޭ ޢިލްމުވެރިއަކު ނެތުމަކީ ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ވެވޭ ބޭ އިންސާފަކަށްނޫނީ ނުވާނެއެވެ. އަނެއްކޮޅުން ރައީސް ފޮނުއްވާފައިވާ ނަންތަކަށް ތަންކޮޅެއް ކައިރިން ބަލާލާއިރު އިސްލާމްދީނުގެ ބައެއް އަސާސްތަކާއި ޚިލާފުވެގެން ބަޔެއްކަހަލަ ލިޔުންތައް ލިޔެފައިވާ މީހެއްގެ ‘ނަންފުޅު’ ހިއުމަން ރައިޓްސްފަދަ މުއައްސަސާއަކަށް ހުށަހެޅިފައި އެބަހުއްޓެވެ. މިއީ ވެސް ނުހަނު ވިސްނަން ޖެހޭނެ ކަމެކެވެ. އިސްމާލްދީނަކީ އިންސާނީ ޙައްޤުތަކުގެ އަސްލު ކަމުގައިވާއިރު، އެޗްއާރުސީއެމް އަށް ދީނީ ޢިލްމުވެރިއެއް ކޮންމެހެން މުހިންމުނުވަނީތޯއެވެ.
އިސްލާމްދީނާއި ގުޅުންހުރި އަސާސީ ކަންކަން ހަދާން ނެތުމަކީ ސިޔާސީ ފަރާތްތަކުން އިދިކޮޅަށް ބޯޅަޖެހުމުގައި ބޭނުން ކުރާނެ ކޯނަރުތަކެއްކަންވެސް ހަނދުމަފުޅު ބަހަށްޓަވަން އެބަޖެހެއެވެ.
ނޯޓް: މިލިޔުމަކީ ސަންދާނު މަޖައްލާގެ 164 ވަނަ އަދަދުގައި ޝާއިއުކޮށްފައިވާ ލިޔުމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...