އިޒްރޭލުން އިއްޔެގެ ވަގުތެއްގައި ދިން ވައިގެ ހަމަލާތަކެއްގައި ފަލަސްތީނުގެ 8 މީހުން ޒަހަމްވެއްޖެއެވެ.
ފަލަސްތީނުގެ ނޫސްވެރިޔަކު ހާމަކުރިގޮތުގައި، އިޒްރޭލުން ވަނީ، ހަމާސުން ހިންގާ ޕޮލިސް ޓްރެއިނިންގް ސެންޓަރަކަށް ދެ ރޮކެޓު ހަމަލާ ފޮނުވާ ލައިފައެވެ. ނަމަވެސް އިޒްރޭލުގެ މީޑިޔާތަކުން ހާމަކުރަމުން ދާގޮތުގައި، އިޒްރޭލުން އިއްޔެގެ ހަމަލާތައް އަމާޒުކޮށްފައިވަނީ، އުތުރު ގައްޒާގައި އޮންނަ ޓެރެރިސްޓުންނާ ގުޅުން އޮންނަ ތަނަކަށާއި، ހަތިޔާރު އުފައްދާ ގުދަނެއްގެ އިތުރުން ހަތިޔާރު ސްމަގުލް ކުރަން ބިމު އަޑީގައި ހަދާފައިވާ ބިން ގަރާހަކަށެވެ.
އިޒްރޭލުގެ މިލިޓަރީން ހާމަކުރާ ގޮތުގައި އިއްޔެގެ ވަގުތެއްގައި އިޒްރޭލުން ދިން ހަމަލާތަކަކީ، އިއްޔެ ހެނދުނުގެ ވަގުތެއްގައި ފަލަސްތީނުން އިޒްރޭލުގު އަވަށެއްކަމުގައިވާ އަޝްކެލޮނަށް ފޮނުވާލައިފައިވާ ރޮކެޓު ހަމަލާތަކުގެ ބަދަލުގައި ދީފައިވާ ހަމަލާތަކެކެވެ. އެ ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ނަމަވެސް ބައެއް ގޭގޭގެ ކުދި ދޮރުތަކުގެ ބިއްލޫރިތަށް ތެޅިފައިވާކަމަށް އަލް ޖަޒީރާ ޚަބަރު ދެއެވެ.
ފަލަސްތީނުން ފޮނުވާލި ރޮކެޓު ހަމަލާތަކުގެ ޒިންމާ މިހާތަނަށް އެއްވެސް ޖަމާއަތަކުން ނަގައިފާ ނުވިނަމަވެސް، އިޒްރޭލުން މި ހަމަލާތަކުގެ ޒިންމާ އަޅުވާފައިވަނީ ހަމާސްގެ ބޮލުގައެވެ. ނަމަވެސް ހަމާސުން ހާމަކުރަމުން ދަނީ އެ ޖަމާއަތުން އެފަދަ ހަމަލާތަށް ދެމުން ނުދާ ކަމަށާއި، އަދި އެހެން ޖަމާއަތްތަކުން ދޭ އެފަދަ ހަމަލާތައް ހުއްޓުވުމަށް އެޖަމާއަތުން މަސައްކަތް ކުރަމުން ދާކަމަށެވެ. ދިރާސާކުރައްވާ ބައެއް ފަރާތްތަކުން ހާމަކުރައްވާ ގޮތުގައި ފަލަސްތީނުން އިޒްރޭލަށް ފޮނުވާލާ މިފަދަ ހަމަލާތަކުގެ އަޑީގައިވަނީ އިޒްރޭލުގެ މޮސާދެވެ. އަދި އެފަރާތްތަކުން ހާމަކުރާގޮތުގައި މިފަދަ ހަމަލާތައް މޮސާދުން ރާވައިގެން ހިންގަމުންދަނީ ފަލަސްތީނަށް ހަމަލާ ދިނުމަށްފަހު އެ ހަމަލާއަކީ އިޒްރޭލުން ދިފާއުގައި ދިން ހަމަލާއެއްގެގޮތުގައި ދުނިޔޭގެ މީޑިޔާތަކަށް ސިފަކޮށްދިނުމުގެ ބޭނުމުގައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...