ޑިމޮކްރަސީ އަށް ވަކާލާތު ކުރާ ފަރާތްތަކުން އަބަދުވެސް ކުރާ ދަޢުވާއެކެވެ، ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. އެއީ އެޤައުމެއްގެ ޤާނޫނު އަސާސީ އާއި ޚިލާފު ނުވާހާ ހިނދެއްގައެވެ. މި ދަޢުވާއަކީ މިހާރު ވެރިކަންކުރާ އެމްޑީޕީ ގެވެސް ދަޢުވާއެކެވެ. މިހެންކަމުން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫން އަސާސީގެ 27 އަދި 28 ވަނަ މާއްދާއިން ކަށްވަރު ކޮށްދީފައިވާ ޙައްޤު އަޅުގަނޑު ލިބިގަންނަމެވެ.
ވެރިކަންކުރާ އެމްޑީޕީ ސަރުކާރުގެ ދީނީ ސިޔާސަތުތައް ދޯދިޔާވެ، އިސްލާމްދީނާ ބީރައްޓެހި އެތައް ކަމެއް ރާއްޖޭގައި ހިނގަމުންދާކަމީ ބަޔަކު ޤަބޫލު ކުރަން ބޭނުން ނުވިޔަސް ފެންނާން އޮތް ޙަޤީޤަތެކެވެ. އެކަންތައްކަތުގެ ލިސްޓު ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ އިތުރުން ޙަބަރު ފަތުރާ ވަސީލަތްތަކާ، ދީނުގެ ދަންނަބޭކަލުންގެ ފުށުން އަޅުގަނޑުމެންނަށް ވާނީ ތަކުރާރުކޮށް އިވިފައެވެ. އެހެންކަމުން އެވާހަކަތައް ތަކުރާރުކުރަން އަޅުގަނޑު ނެތީމެވެ.
ކުރިންވެސް ދެނެވިފަދައިން ސަރުކާރުގެ ދީނީ ސިޔާސަތުތައް ދޯދިޔާވެ، ބަލައިގަނެވޭ ވަރަށްވުރެ ދީނާ ބީރައްޓެހިވުމުގެ އިތުރުން ގޮތް ދޫނުކުރުމާއި ހަރުކަށިކަން، ވެރިންގެ ކިބައިން އިންތިހާޔަ ފާޅުވުމާއެކު ދިވެހި ރައްޔިތުންނަށް މަޖުބޫރުވީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން އޭގެ އެންމެ ފުރިހަމަ މާނާގައި ހިފުމަށަވެ. އެއްވެއުޅުން މަނާ ނޫން މައިދާނަކަށް އެއްވެ އެރައްޔިތުންގެ ޚިޔާލާ ޝުއޫރު ސަރުކާރަށާއި މުޅި ދުނިޔެއަށް އިއްވާލުމަށެވެ. الله أكبر ނަޣުރާގެ އަޑާއެކު ދިވެހިން ތިބީ އިސްލާމްދީނުގެ ޙިމާޔަތުގައިކަން ސާފު ބަހުން ބަޔާން ކޮށްދިނުމަށެވެ. މީގެ ކުރިން ބޭއްވުނު މިފަދަ އެއްވުންތައް ފަދައިން ސުލްޙަވެރި ގޮތެއްގައި ތިބެގެންނެވެ.
އެތައް ސަތޭކަ ރައްޔިތުންނެއް އެއްފަހަރާ ނިކުމެ އެމީހުންގެ ޝުޢޫރު ފާޅުކުރުމަކީ ޑިމޮކްރެޓިކް ހަމަޔަކުން ވިސްނާއިރު އެއްވެސް މައްސަލައެއް ނޫނެވެ. އެހެންނަމަވެސް މިފަދަ ކަމެއް ތަޙައްމަލު ކުރުމުގެ ޤާބިލުކަން ދިވެހި ސަރުކާރަށާއި، ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީއަށް ނުލިބުނީ ތޯއްޗެކެވެ؟ ޝުޢޫރު ފާޅުކުރަން ނިކުނަން މީހުންނީ ސަރުކާރާ ދެކޮޅަށް ބަޣާވާތްކޮށް، ޤާނޫނީ ސަރުކާރެއް ވައްޓާލަން އުޅޭ ބައެއްކަމަށް ތުހުމަތު ކުރަންފެށިއެވެ. އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދާއިރާ ހަނިކޮށް "އިސްލާމް ދީން ޙިމާޔަތް ކުރުން" ނުވަތަ ދީނާ ގުޅުން ހުރި މައުޟޫއެއް ނަގައިގެން މުޒާހަރާ ނުކުރެވޭނޭ ކަމަށް މަތީ ފަޑީގަ ތިއްބެވި އެކިއެކި ބޭބޭފުޅުން ތަފާތު ޕޯޑިއަމް ދޮށުގައި ގޮވަންފެށިއެވެ. "ސިޔާސީ ކަންކަމުގައި ދީން ހަތިޔާރަކަށް ހަދަނީ....ދީނުގެ ނަމުގައި ރަށުތެރެ ފިތުނަވެރި ކުރަނީ... ދީނީ މީހުން ސިޔާސީ ނުވާށޭ...." ކަމުގައި ބުނެއެވެ.
ދީނާ ސިޔާސަތު ވަކިކުރެވިދާނެބާ؟؟
'ދީން' މި ލަފްޒުގެ މައުނައީ އިންސާނުން އުޅުމަށް ކަލާންގެ އަންގަވާފައިވާ ގޮތެވެ. 'ސިޔާސަތު' މި ލަފްޒުގެ މައުނައީ އިންސާނީ މުޖުތަމަޢެއްގެ މައްޗަށް ވެރިކަން ހިންގުމުގެ ފަންނެވެ.
މި ދެލަފްޒުގެ މާނަޔަށް ބަލާއިރުވެސް މިއީ ވަކިނުކުރެވޭނޭ ދޭއްޗެވެ. އެހެނީ އިންސާނުން އުޅެން ޖެހޭނީ އިންސާނުންގެ ވެރި ރައްބު އަންގަވާ ގޮތަށެވެ. އެކަލާންގެ އެކަށައަޅުއްވާފައިވާ ދިރި އުޅުމުގެ ނިޒާމާ އެއްގޮތަށެވެ. މިއާ ޚިލާފު ވާނޭހެން އިންސާނީ މުޖްތަމައެއްގެ މައްޗަށް ވެރިކަންކުރުމީ އެއްވެސް އިންސާނަކަށް ލިބިގެންވާ ޙައްޤެއް ނޫނެވެ. މިހެންކަމުން ދީނާ ޚިލާފަށް އެކަށައެޅޭ ކޮންމެ ސިޔާސަތަކީ ކަލާންގެ ރަސްކަންފުޅާމެދު ވެވޭ ޚިޔާނަތެކެވެ. އިންސާނީ މުޖުތަމަޢެއްގެ ތެރޭގައި ހިންގޭނެ އެންމެ ބޮޑު ޖަރީމާއެވެ. މިފަދަ ޖަރީމާތަކާ ދެކޮޅުހެދުމީ ހަމަ ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެކެވެ. މި ޙައްޤު ބޭނުން ކުރުމީ ސިޔާސީ ކަންކަމުގައި ދީން ހަތިޔާރަކަށް ހެދުން ކަމުގައި ބުނެވޭނޭ އެއްވެސް ހަމައެއް ނޯންނާނެއެވެ. ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތައް މަނާކުރުމީ އަޅުގަނޑުމެން އެދީނަކަށް ތަބަޢަވާ އިސްލާމްދީނުގައި ކޮންމެ މުސްލިމަކަށް އެމީހެއްގެ ނިސްބަތުން ލާޒިމް ކަމެކެވެ.
ދަނެއު! ދީނާ ސިޔާސަތު ވަކި ކުރެވޭ ނިޒާމަކީ ޢަލްމާނިއްޔަތު ނުވަތަ ސެކިއުލަރިޒަމެވެ.
(ނުނިމޭ)

ކޮމެންޓް (0)
ލޯޑް ކުރަމުން...