އަރަބިދުނިޔެދިއިސްލާމްދުނިޔެ

ސީރިއާއަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް ޢަރަބި ލީގުން ކުރިމަތިކޮށްފި

ސީރިއާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ބަލައި ދިރާސާކުރުމަށް އަރަބި ލީގުން ފޮނުވާ އޮބްޒާވަރުން ބަލައިގަތުމަށް ކުރި ޝަރުތު ސީރިއާ އިން ބަލައިނުގަތުމުން އަނެއްކާވެސް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް ކުރިމަތި ކުރުމަށް ޢަރަބި ލީގުން ނިންމައިފިއެވެ.

އަރަބި ލީގުން ސީރިއާ ސަސްޕެންޑްކޮށް، އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައި ވާއިރު އަނެއްކާވެސް އާ ފިޔަވަޅުތަކެއް އަޅައިފާނެ ކަމަށް ހާމަކޮށްފައި މިވަނީ ވޭތުވެދިޔަ ދެ ދުވަހު ސީރިއާގެ މުޒާހަރާތަކުގައި 63 މީހަކު މަރާލާފައި ވަނިކޮށެވެ. އަދި ސީރިއާގެ ސަލާމަތީ ބާރުތަކުން މިހާރު ކުރިއަށް ގެންދަނީ އިންސާނިއްޔަތާ ހިލާފް އަމަލުތަކެއް ކަމަށް ވެސް އ.ދ. އިން ވަނީ ކަނޑައަޅާފައެވެ.

އަރަބި ލީގުން ހާމަކުރި ގޮތުގައި އޮބްޒާވަރުން ދިއުމަށް ސީރިއާ އިން އެއްބަސް ނުވީ ކީއްވެގެން ކަމެއް ވެސް ސާފުކޮށްދީފައި ނުވާ ކަމަށެވެ. ނަމަވެސް ސީރިއާ އިން ބޭނުން ނަމަ އަދިވެސް މައްސަލަ ހައްލުކޮށް، ގޮތެއް ނިންމިދާނެ ކަމަށް އަރަބި ލީގުގެ އޮފިޝަލުން ވިދާޅުވިއެވެ.

މީގެ ކުރިން ސީރިއާއާ ދެކޮޅަށް ފިޔަވަޅު އެޅުމާ ގުޅިގެން އެ ގައުމުން ވަނީ އަރަބި ލީގުން ސީރިއާއާ ދެކޮޅަށް އިގްތިސާދީ ހަނގުރާމައެއް އިއުލާނުކޮށްފި ކަމަށް ބުނެ އަރަބި ލީގުގެ ނިންމުންތަކަށް ފާޑު ކިޔާފައެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އަސަދާ ދެކޮޅަށް މި އަހަރުގެ ކުރީކޮޅުން ފެށިގެން ކުރަން ފެށި މުޒާހަރާތައް އަދިވެސް ކުރިއަށް ދާއިރު އެ މުޒާހަރާތައް ރޫޅާލުމަށް ހިންގަމުންދާ ހަރަކާތްތަކުގައި މިހާތަނަށް 4،000 މީހަކު މަރުވެފައިވާ ކަމަށް އ.ދ. އިން ބުނެއެވެ. ނަމަވެސް ސީރިއާ އިން ބުނަމުން ދަނީ މުޒަހަރާކުރުމުގެ ނަމުގައި ހަތިޔާރު އެޅި ޓެރަރިސްޓުން ވެސް ނިކުމެގެން އުޅޭ ކަމަށާއި އެއްވެސް ބަޔަކު އެ ވާހަކަ ނުދައްކާ ކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *