ދިއިސްލާމްދުނިޔެޔޫރަޕު

އޮސްލޯގައި 90 އަށްވުރެ ގިނަ މީހުން މަރައިލި ޓެރަރިސްޓަކީ ބުއްދިހަމަނުޖެހޭ މީހެއްކަމުގައި ފުލުހުން ބުނެފި

އެންޑަރސް ބްރެއިވިކް

އެންޑަރސް ބްރެއިވިކް

މިއަހަރުގެ ޖުލައި 22 ވަނަ ދުވަހު ނޯރވޭގެ އޮސްލޯގައި ހިންގި ޓެރަރިސްޓް ހަމަލާގެ ފަހަތުގައިވާ އެޤައުމުގެ 32 އަހަރުގެ ހައްދުފަހަނައަޅާފައިވާ އެންޑަރސް ބްރެއިވިކް އަކީ ބުއްދިހަމަނުޖެހޭ މީހެއްކަމަށް އެޤައުމުގެ ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި 90 އަށްވުރެ ގިނަ މީހުން މަރާލައިފައިވާ މި ޓެރަރިސްޓަކީ ބުއްދިހަމަނުޖެހޭ މީހެއްކަމުން އޭނާ ޖަލަށް ޙުކުމް ނުކުރެވޭނެކަމަށެވެ. އެންޑަރސް ބްރެއިވިކްއަކީ "ގްރޭންޑިއޯސް ޑެލިއުޝަންސް' ނަމަކަށް ކިޔާ ނަސްފާނީ ބައްޔެއް ޖެހިފައިވާ މީހެއްކަމަށާއި އަދި މީހުން މެރުމަކީ އޭނާއަށް ލިބިފައިވާ އިޚްތިޔާރެއްކަމަށް އޭނާއަށް މިބަލީގެ ސަބަބުންވަނީ ޤަބޫލުކުރެވިފައިކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

"ނަފްސާނީގޮތުން މީހަކު ދުނިޔެދެކެ ބިރުގަނެފާ ހުރެދާނެ. އެކަމަކު ހަމައެއާއި އެކު އޭނާގެ އަމިއްލަ ނަފްސް ކޮންޓްރޯލްވެސް ކުރެވޭނެ. އަދި އެހެންމެ މިފަދަ މީހުން ކުރާ ކުށްތަކަށް ޤާނޫނީ ގޮތުން ފިޔަވަޅު އެޅެންޖެހޭނެ،" އެމެރިކާގެ ބޮސްޓަންގެ ނޯރތުއީސްޓަރން ޔުނިވަރސިޓީގެ ކްރިމިނަލޮޖިސްޓަކު ސީއެންއެންއަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވެއެވެ.

ބްރެއިވިކް އަކީ މުސްލިމުން މިވުޖޫދުން ފޮހެލުމަށް އަޒުމްކަނޑައަޅައިގެން މުސްލިމުންނާ ދެކޮޅަށް އިންޓަރނެޓްގެ ތަފާތުގެ އެކި ބްލޮގްތަކުގައި ވަކާލާތުކުރަމުންދިޔަ ޕްރޯ-ޒަޔަނިސްޓެއްކަން މީނާގެ ލިއުންތަކުން އެނގިފައިވެއެވެ.

ބްރެއިވިކް މިނުބައި ޖަރީމާ ހިންގި ޒުވާނުންގެ ކޭމްޕުގައި ގިނައިން ތިބީ ނޯރވޭގެ ލޭބާރ ޕާޓީ ޔޫތު މޫވްމެންޓު (އައުފް) އަށް ނިސްބަތްވާ އެޤައުމުގެ މުސްތަޤްބަލުގެ ސިޔާސީ ލީޑަރުންނެވެ. މިޕާޓީއަކީ ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ ޒަޔަނިސްޓް އިސްތިޢުމާރީ ބާރާއި ދެކޮޅަށް ތަފާތު އެކިފަހަރު އަޑުއުފުލައިފައިވާ ޕާޓީއެކެވެ. އަދި މިގޮތުން މި ޕާޓީންވަނީ މިހާރު ކޯމާއެއްގައި އޮތް އެރިއަލް ޝެރޯންފަދަ ޔަހޫދީ ލީޑަރުންގެ ޖިނާޢީ މައްސަލަތައް ބެލުމަށްވެސް އެތައް ފަހަރެއްގެ މަތިން ގޮވާލާފައެވެ. ޔަހޫދީ އިސްތިޢުމާރާއި ދެކޮޅުހެދުމުގެ ގޮތުން އެޒަޔަނިސްޓު ޤައުމުން އުފައްދާ މުދާ ބޯއިކޮޓްކުރުމާއިމެދު ނޯރވޭއިން ގެންގުޅޭ ސިޔާސަތު މިއީ އެންމެންވެސް ދަންނަ ކަމެކެވެ. އަދި ހަމައެހެންމެ އިޒްރޭލާއި ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް ނޯރވޭއިން ވަނީ މިއަހަރު ކުރީކޮޅު ހުށަހަޅާފައެވެ.

ހަމަލާދިނުމުގެ އެއްދުވަސް ކުރިންވެސް އެހަމަލާ އަމާޒުވެފައިވާ ޒުވާނުންގެ ކޭމްޕުން ވަނީ ޔަހޫދީ ޒަޔަނިސްޓުންނާއި ދެކޮޅަށް މުޒާހަރާތަކެއްވެސް ކޮށްފައެވެ. މިހަމަލާގައި މަރާލައިފައިވާ ޒުވާނުންނަކީ ކުރިއަށް އޮތް 10 އަހަރު ފަހުން ނޯރވޭގެ ސިޔާސީ މައިދާނުގައި ފިޔަޖަހަމުންދާނެފަދަ ޤާބިލިއްޔަތުކަން ހުރި ބައެއްކަމަށް އެޤައުމުގެ ގިނަބަޔަކު ޤަބޫލުކުރެއެވެ. އެހެންކަމުން މިޒުވާނުންނަކީ ޔޫރަޕުގެ ޤައުމަކުން ޒަޔަނިސްޓް އިސްތިޢުމާރާއި ދެކޮޅަށް އުފެދިގެންދާނޭ ބޮޑު ބިރެއްކަމަށް ޤަބޫލުކުރެވެއެވެ.

ވިޔަފާރީގެ އުޞޫލުން ހިންގާ ގިނަ މީޑިއާތަކުން މިޓެރަރިސްޓް ހަމަލާގެ ތުހުމަތު މުސްލިމުންގެ ބޮލުގައި އެޅުމަށް އަވަސްވެގަތެވެ. މިދޮގު އިލްޒާމް މުސްލިމުންގެ ބޮލުގައި އެޅުވުމުގައި ސީއެންއެން، ދަސަން، ދަވޮޝިންގޓަން ޕޯސްޓާއި އެއްސަފެއްގައި ހުޅަނގުގެ މީޑިއާ އޭޖެންސީތަކަށް އަލްޖަޒީރާއަކުންވެސް އެންމެ ތަންކޮޅެއްވެސް ދޫކޮށްފައިވާކަމަކަށް ނުފެނެއެވެ. މިހަމަލާގެ ފަހަތުގައި މުސްލިމުންގެ އަތެއް ވާކަމާއި މެދު އެއްވެސް ޝައްކެއް ވަހުމެއް ވަސްވާހެއް ނެތްކަމުގައި އެޗެނަލްގެ “އެކްޒްޕާޓެއް”ވަނީ އަޑުންއަޑުނަގައި މަތިހަށްޓަށް ބާރުލާފައި ވަރަށް ޔަޤީންކަމާއިއެކު ބުނެފައެވެ. ނަމަވެސް މިހަމަލާ ހިންގި ޓެރަރިސްޓް ބްރެއިވިކް ހައްޔަރު ކުރެވުމުން މިވާހަކަތަށް ކެކިއަރައިގެންދިޔަ ބޮކިތަކެއްފަދައިން ޖައްވަށް ފަޒާއަށް އަރައިގެންދިޔައެވެ.

މުސްލިމުންގެ ބޮލުގައި އިސްލާމްދީނާއި ބީރައްޓެހި މިޓެރަރިސްޓް ޢަމަލުގެ އިލްޒާމް އަޅުވަމުން ދަނިކޮށް ކަމުގެ ޙަޤީޤަތް އެނގި، މިޖަރީމާގެ ފަހަތުގައި ވަނީ ކްރިސްޓިއަން، ޕްރޯ-ޒަޔަނިސްޓް މީހެއްކަން ފަޅާއެރުމުން މިހަމަލާ މިހާރު ވެގެންދިޔައީ އެކަނިވެރި މޮޔަ މީހެއްގެ މޮޔަ ޢަމަލަކަށެވެ. އިސްލާމްދީންނޫން އެހެން ކޮންމެ ނަސްލަކަށް، ދީނަކަށް، ނިސްބަތްވާ މީހަކު މިފަދަ ލާއިންސާނީ ޓެރަރިސްޓް ޢަމަލެއް ހިންގައިފިއްޔާ އޭނާ ވާނީ ހަމަބުއްދި ފިލާފައިވާ ނަފްސާނީ ބޮޑު ބައްޔެއް ތަހައްމަލު ކުރަމުންދާ މޮޔައަކަށެވެ. އިސްލާމްދީނާށް ނިސްބަތްވެ ހުރެ މިފަދަ ނޭއްގާނީ ޢަމަލެއް ހިންގައިފިއްޔާ އެމީހަކު ވާނީ ބުއްދިހަމަޖެހޭ ވިސްނޭ ބޮޑު ”ޓެރަރިސްޓް ފަންޑަމެންޓަލިސްޓް އެކްސްޓްރީމިސްޓް” އަކަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *