ދިއިސްލާމް ފޮޓޯނަގަންވީމަ ހިނިތުންވާ ދެ ލީޑަރުން

ފޮޓޯނަގަންވީމަ ހިނިތުންވާ ދެ ލީޑަރުން

ފޮޓޯނަގަންވީމަ ހިނިތުންވާ ދެ ލީޑަރުން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޕާކިސްތާނާއި އިންޑިއާއާއި ދެމެދުގައި ޒަމާނުއްސުރެ އޮންނަ ނަފްރަތްތެރިކަމާއި ރުޅިވެރިކަމަކީ އެންމެން ދަންނަ ވާހަކައެކެވެ. މީޑިއާތަކުން އަބަދުވެސްއިވޭނީ ދެޤައުމުގެދެމެދުގައި ކޮންމެވެސް ހަނގުރާމައެއް ނުވަތަ އިންޒާރެއްދީގެން އުޅޭ ވާހަކައެވެ. ހަމައެކަނި ކަޝްމީރުގެ މައްސަލައިގައި ކުރިއަށްދާ ހަނގުރާމައާއި ތަޅާފޮޅުންތަކުގައި އެތައް ހާސް ބަޔަކު މިހާތަނަށް މަރުވެފައިވެއެވެ. މިދެޤައުމު ހަމައަކަށް އެޅުވޭތޯ ދުނިޔޭގެ ތަފާތު ފަންތީގެ ލީޑަރުންނާއި ޖަމާޢަތްތަކުން އެތައް މަސައްކަތްތަކެއް މިހާތަނަށް ކޮށްފައިވެއެވެ. ދެޤައުމުގެ ދެމެދު ޞުލްޙަ ޤާއިމުކުރުމަށް ގުނާ ޢަދަދު ނުކުރެވޭވަރަށް ބައްދަލުވުންތައް ބޭއްވިފައިވެއެވެ. ނަމަވެސް ނަތީޖާ ސުމެކެވެ.

ބައެއްނޫސްވެރިން ސިފަކުރާގޮތުގައި އިންޑިއާއާއި ޕާކިސްތާނުގެ ލީޑަރުން ކެމެރާއެއްނެތި ބައްދަލުވެއްޖެއްޔާ ތިބޭނީ ރުޅިމޫނު ހަދައިގެންނެވެ. ނަމަވެސް ކެމެރާގެ ކުރިމަތީގައި (ފޮޓޯއެއް ނަގަން ވެއްޖެއްޔާ) ދެ ލީޑަރުން ފެނިގެންދާނީ މާގާތް ދެރަޙްމަތްތެރިންގެ ގޮތުގައެވެ. އިންޑިއާއާއި ޕާކިސްތާނުގެ ލީޑަރުން ބައްދަލުކުރުވުމަކީ އެކަން އިންތިޒާމު ކުރާފަރާތްތަކަށް ލިބޭ ޝަރަފެއްކަމަށްވަނީ ވެފައެވެ. ސަބަބަކީ ދެބައިމީހުންގެ ދޭތެރޭގައި އޮންނަ ދުޝްމަނުކަމަށް ފިނިކަން އައުމަށް އެންމެންވެސް އެދޭތީއެވެ.

މައުމޫނު ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގައި ރާއްޖޭގައިބޭއްވުނު ސާކްސަމިޓުގައި އިންޑިއާއާއި ޕާކިސްތާނު ބައްދަލުވެ ދެފަރާތުން ދެކެވުނު ވާހަކައިން ދެޤައުމު ޞުލްޙަވީކަމަށް އެންމެންނަށްވެސް ޤަބޫލުކުރެވިގެންދިޔައެވެ. އަދި އެތައް ބަޔަކު ކުރަމުންދިޔަ ނާކާމިޔާބު މަސައްކަތްތަކެއް އަޅުގަނޑުމެންގެ ދިވެހިރާއްޖެއިން ކާމިޔާބުކުރެވުނީކަމަށް ހީކޮށް އެޚަބަރުތައް ފަލައަކުރުން ނޫސްތަކުގައި ޖަހަމުންދިޔައެވެ. ނަމަވެސް އެކަންވެސް ވެގެންދިޔައީ ބިލާހަކަށެވެ.

މުޙައްމަދު ނަޝީދުގެ ވެރިކަމުގައި މީގެ 2 ދުވަސްކުރިން ރާއްޖޭގައި ބޭއްވުނު ސާކު ސަމިޓުގައިވެސް އިންޑިއާއާއި ޕާކިސްތާނުގެ ލީޑަރުންގެ އެކި ކަހަލަ ބައްދަލުވުންތައް ކުރިއަށްދިޔަކަމަށްވެއެވެ. އަދި މައްސަލަތަކަށް ޙައްލެއް އައިކަމަށް ހީކުރެވުނެވެ.

ސާކުސަމިޓު ނިމި ދެލީޑަރުން ފުރައިގެންގޮސްފައިވަނީ އިއްޔެއެވެ. ފުރައިގެންދިޔަތާ 24 ގަޑިއިރުނުވަނީސް އިންޑިއާގެ މުމްބާއީއަށް ދިންފަދަ ޙަމަލާއެއް އެގައުމުގައި ތަކުރާރުވެއްޖެނަމަ އިންޑިއާ އާއި ޕާކިސްތާނުގެ ޞުލްހައިގެ މަސައްކަތަށް ވަރަށްބޮޑަށް ހުރަސްއެޅޭނެކަމަށްބުނެ އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގް ޕާކިސްތާނަށް އިންޒާރު ދީފައިވަނީ މިއަދުއެވެ.

އެއީ އިންޑިއާގެބޮޑުވަޒީރު މަންމޯހަންސިންގް ޕާކިސްތާނުގެ ބޮޑުވަޒީރު ޔޫސުފް ރިޒާ ޖީލާނީއާ ބައްދަލުކުރުމަށްފަހު، ސުލްހައިގެ އައު ބާބެއް ހުޅުވިގެންދާނެކަމަށްބުނިތާ އެންމެ 2 ދުވަސް ފަހެވެ. ރާއްޖޭގައި އޮތް ސާކް ސަމިޓު ތެރޭގައެވެ.

އިންޑިއާއާއި އަޅާބަލާއިރު ޕާކިސްތާނަކީ ކުޑަޤައުމެކެވެ. އިޤްތިޞާދުވެސް ދަށެވެ. މީހުންވެސް މަދެވެ. ސިފައިންނާއި ފުލުހުންވެސް މަދެވެ. ހަނގުރާމަމަތީ ޖެޓުތަކާއި ބޮންއަޅާ ބޯޓުތައްވެސް މަދެވެ. ހަނގުރާމައަށްކުރެވޭ ހޭދަވެސް މަދެވެ. ޕާކިސްތާނުދެކެ އިންޑިއާއިން ބިރުގަންނަ އޮތީ ހަމަ އެންމެ ކަމެކެވެ. އެއީ ޕާކިސްތާނަކީ މުސްލިމުންގެ މެޖޯރިޓީއޮންނަ ޤައުމަކަށްވެފައި އެޤައުމަކީ ނިއުކްލިއާ ބާރެއްކަމުގައިވާ ވާތީއެވެ. ޕާކިސްތާނާއި ކުޅެލައިފިއްޔާ މުޅިއިންޑިއާ ފުނޑާލާނެކަން އިންޑިއާ ޤަބޫލުކުރެއެވެ.

ކޮންމެއަކަސް އިންޑިއާއާއި ޕާކިސްތާނުގެ ލީޑަރުންގެ ދެމެދުގައި ކިތަންމެ ވަރަކަށް އިންޒާރު ދިންކަމުގައި ވިޔަސް އެ ދެބައިމީހުން ކެމެރާގެ ކުރިމަތީގައި ބައްދަލުވެއްޖެއްޔާ 2 ލީޑަރުން ފެނިގެންދަނީ ވަރަށް ގާތް އަދި އެއްބަޔަކު އަނެއްބަޔަކަށް ވަރަށްހެޔޮއެދޭ ދެ ރަޙްމަތްތެރިންގެ ގޮތުގައެވެ.

ދަންނަވަންތޯއެވެ. މިއީ ހަމައެކަނި އިންޑިއާއި އާއި ޕާކިސްތާނާއިދެމެދު އޮންނަ ކަމެއްނޫނެވެ. މިއީ ސިޔާސީ ލީޑަރުންގެ ޙަޤީޤަތެވެ. ބައްދަލުވީމައި ވަރަށް ގާތްވާނެއެވެ. ފުރަގަސްދެވުނީމައި ގޮވޭހާ އަވަގުރާނެއްގޮވާނެއެވެ. އޭގެ އަނެއްމިސާލަކީ އެމެރިކާގެ ރައީސް އޮބާމާއާއި އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫއެވެ. ނަތަންޔާހޫއާއި ނުލާ އޮބަމާގެ އަރުތެރެއަށް ކާއެއްޗެއް ލެވޭކަމަކަށްވެސްނުވެއެވެ. ނަމަވެސް މިދިޔަ ޙަފްތާގެތެރޭގައި ފްރާންސްގެ ރައީސް ސަރުކޯޒީއާއި އޮބާއާއި ދެމެދު ދެކެވުނު ސިއްރު ވާހަކަތަކެއްގައި ނަތަންޔާހޫއަކީ "ބޮޑު ކައްޒާބެއް" ކަމަށްބުނެ އެދެމީހުން އެކަމަށް  އިޤުރާރުވީއަޑު މީޑިއާގެ ބޭފުޅުންގެ ކަންފަތުގައިޖެހި އެޚަބަރު މުޅި ދުނިޔެއަށް ފެތުރިގެންދިޔައެވެ.

އެހެންވީމައި ބައްދަލުވުމުން ހިނިތުންވެފައި ފުރަގަސްދިނުމުން ކަނޑި އުރައިންނަގާ މަޅާލާމީހުންނާއި ދޭތެރޭ ހުރިހައި މުސްލިމުންވެސް ފާރަވެރިވުން ބުއްދިވެރިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.