ސާރކް ނުވަތަ ދެކުނު އޭޝިއާގެ ގައުމުތަކުގެ ގުޅުން އެފަންވެފައިވަނީ ނަވާރަ ސަތޭކަ އައްޑިހަ ފަސްވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މިގުޅުމުގެ މައިގަނޑު މަގްސަދުތަކަކީ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތައް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން، އަދި ސަގާފީ ގޮތުންނާއި ޓެކްނޮލޮޖީގެ ދާއިރާގައި ކުރިއެރުވުމެވެ. މީގެ އިތުރުން ދޭދޭ ގައުމުތަކުގެ ގުޅުންތައް ބަދަހި ކުރުމާއި، ގައުމުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގައި ދެވެން އޮތް ހުރިހާ ގޮތަކުން އެއްބާރުލުން ދިނުން ވެސް ހިމެނެއެވެ.
ސާރކް އުފެދިފައިވަނީ ހަތް މެމްބަރު ގައުމާއިއެކު ކަމަށްވީ ނަމަވެސް ދެހާސް ފަސްވަނަ އަހަރު އަފްޣާނިސްތާނަކީ ސާރކްގެ މެމްބަރު ގައުމަކަށް ހެދުމަށް ނިންމުމާއި އެކު މެމްބަރުންގެ އަދަދުވަނީ އަށަކަށް އަރާފައެވެ. އަފްޣާނިސްތާނުގެ އިތުރުން ޗައިނާއައި މިޔަންމާއިންވެސްވަނީ ސާރކްގެ މެމްބަރު ގައުމަކަށް ވުމަށް އެދިފައެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ގުޅުމެއް އުފެއްދުމަށް އެންމެ ފުރަތަމަ ކޮންސެޕްޓެއް ހުށަހަޅުއްވާފައިވަނީ ނަވާރަސަތޭކަ ހަތްދިހަ ހަތްވަނަ އަހަރު އޭރު ބަންގުލަދޭޝްގެ ރައީސަކަށް ހުންނެވި ޒިޢާއުއްރަހުމާނެވެ. ސާރކްގެ މައި އިދާރާ ގައިމު ކުރެވިފައިވަނީ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައެވެ. ނަވާރަސަތޭކަ އައްޑިހަ ފަސްވަނަ އަހަރު ސާރކް އުފެދުނު އިރު، މިގުޅުން ބިނާވެފައި އޮތީ މައިގަނޑު ފަސް މަގުސަދެއްގެ މައްޗަށް ކަމަށް ވިއަސް، މިއަދު ސާރކްގެ ސޯޅަ މަގުސަދެއް ހިމެނެއެވެ. ޓެރަރިޒަމަކީ ބައިނަލް އަގުވާމީ ބިރަކަށް ވުމުގެ މާކުރިން ނަވާރަސަތޭކަ އައްޑިހަ ހަތްވަނަ އަހަރުން ފެށިގެން ސާރކުންވަނީ ޓެރަރިޒަމައި ދެކޮޅަށް މަސައްކަތް ފަށާފައެވެ.
ސާރކްގެ އުމުރުން މިހާރު ސައްބީހަކަށް އަހަރުވެފައިވާ އިރު، ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތަރައްގީގައި، ސާކުން ވަރަށް ބޮޑު ހިއްސާއެއް އަދާކޮށްފައިވެއެވެ. ނަމަވެސް ސާރކުން ހާސިލް ކުރަން ނިންމާފައިވާ ބައެއް ލަނޑުދަނޑިތައް އެތައް ދުވަހެއް ވެގެންދާ އިރުވެސް ހާސިލު ނުވެ ހުރިކަމީ ބައިނަލް އަގުވާމީ އެހެން ފަރާތްތަކުގެ ފާޑު ކިއުން ސާރކަށް އަމާޒުވާ މައިގަނޑު ސަބަބެކެވެ.
ސާރކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޕާކިސްތާނާއި އިންޑިއާ ސުލްހަވެރި ކުރުވުމާއި، އަފްޣާނިސްތާނައި ޕާކިސްތާނައި ދެމެދު އޮންނަ ގުޅުން ބަދަހިކޮށް ސުލްހަވެރި ކުރުވުމެވެ. މި ދެމައްސަލަ ގިނަ ދުވަސްތަކެއް ވެގެންދާއިރުވެސް ހައްލުނުވެ އޮތްއޮތުމަކީ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތައް ވީހާވެސް ބޮޑަކަށް ގުޅުވާލުމަށް ސާރކުން ކުރަމުން އަންނަ މަސައްކަތަށް އަދިވެސް އެދެވޭ ނަތީޖާއެއް ލިބިފައި ނުވާ މައިގަނޑު ސަބަބެވެ. މީގެ އިތުރުން މެމްބަރު ގައުމުތައް އެއްވެގެން ސާރކުގެ ނިންމުންތައް ތަންފީޒު ކުރުމަށް އެކުލަވާލެވިފައިވާ އިދާރީ ގުނަވަންތަކަށް ސާރކުގެ ނިންމުންތައް ފުރިހަމައަށް ތަންފީޒު ކުރުމުގެ ބާރު ނުދެވިވާކަން ވެސް ފާހަގަކޮށްލެވެއެވެ.
ސާރކުގެ މަގުސަދުތަކުގެ ތެރޭގައި ސިޔާސީ ކަންތައްތައް ހިމެނިފައި ނުވިނަމަވެސް ސާރކްގެ ބައްދަލުވުންތަކުގެ ހަވާސާގައި ސިޔާސީ ކަންތައްތަކައި މެދު މަޝްވަރާ ކުރެވި ހައްލު ހޯދަމުންދާކަން ފާހަގަކޮށްލެވެއެވެ.
ސާރކުގެ އުމުރުން ސައްބީސް އަހަރުވެފައިވާ އިރު، މިއަހަރު ސާރކުގެ އެންމެ ދެކުނު ސަރަހައްދުގައި ބޭއްވޭ ސަތާރަވަނަ ސަމިޓަކީ ސާރކު މީގެ ކުރިން ދެކެފައިނުވާފަދަ ކާމިޔާބު ސަމިޓަކަށް ހެދުމަށް ދިވެހި ސަރުކާރުންވަނީ އަޒުމު ކަނޑައަޅާފައެވެ. ރާއްޖޭގައި ސާރކު ސަމިޓު ބޭއްވުމަކީ މުޅިން އާކަމެއް ނޫނެވެ. ނަމަވެސް މިއަހަރު ރާއްޖޭގައި މިބާއްވާ ފެންވަރުގައި ބޭއްވުމަކީ ރާއްޖޭގެ ހަޔާތުގައި ވެސް މުޅިން އާ ކަމެކެވެ. އެގޮތުން އައްޑޫ ސިޓީގައި ސަމިޓު ބޭއްވުމަށް ދައުލަތުގެ ބަޖެޓުން އެކަނިވެސް ދުއިސައްތަ ތެއްތިރީސް މިލިއަން ރުފިޔާ ހަރަދު ކުރުމަށްވަނީ ނިންމާފައެވެ. ސަތާރަ ވަނަ ސަމިޓުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ އައްޑޫ ސިޓީގެ އެންމެ ބޮޑު ކުޅީގެ މެދަށް ފަސް އަޅައިގެން އެތަން ހިއްކުމަށްފަހު އެތަނުގެ މެދުގައި ސަތޭކަ ފަންސާސް މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާފައިވާ ކޮންވެންޝަން ސެންޓަރެވެ.
ރާއްޖޭގައި ސާރކް ސަމިޓު ބޭއްވުމަށް މެމްބަރު އެހެން ގައުމުތަކުން ވެސްވަނީ މާލީ ބޮޑެތި އެހީތައްދީފައެވެ. އެ ގައުމުތަކުގެ ތެރޭގައި އިންޑިއާ ފާހަގަކޮށްލެވެއެވެ. ސަމިޓު ބޭއްވުމުގެ ވަގުތު ކުޑަތަންވެފައިވާއިރު އިދިކޮޅު ފަރާތްތަކާއި އެހެނިހެން ފަރާތްތަކުންވެސް މިހާރު އުފައްދަމުންދާ ސުވާލަކީ އިގްތިސާދީ ގޮތުން ރާއްޖެ އިނދަޖެހެމުންދާ ދަނޑިވަޅެއްގައި އެތައް މިލިއަން ރުފިޔާ ހަރަދުކޮށްގެން ސާރކު ސަމިޓު ރާއްޖޭގައި ބޭއްވުމަކީ އެންމެ ރަނގަޅުކަމެއްބާވައެވެ؟
ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލަށް ޖަވާބު ދެއްވަމުން މިއަހަރުގެ ސަމިޓުގެ ރިޔާސަތު ބަލަހައްޓަވާނެ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝިދު ވިދާޅުވެފައިވަނީ ސާރކު ސަމިޓު އައްޑުގައި ބޭއްވުމަށް ކުރަމުންދާ މަސައްކަތަކީ އަދި ހަރަދުތަކަކީވެސް ބޭކާރު ހަރަދުތަކެއް ނޫން ކަމަށެވެ. އައްޑޫ ސިޓީއަށް ކުރެވެމުންދާ ހަރަދުތަކަކީ ރާއްޖޭގައި މާލެ ސިޓީފަދަ ދެވަނަ ސިޓީއެއް އުފެއްދުމަށް ކުރެވޭ ކަންތައްތަކެއް ކަމަށް ރައީސް ނަޝިދު ވިދާޅުވެފައިވެއެވެ. މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ގެނެވޭނީވެސް އޭރުން ކަމަށް ރައީސް ނަޝިދުވަނީ ވިދާޅުވެފައެވެ. ސަމިޓު ބޭއްވުމަށް އައްޑޫ ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދާ، ނަރުދަމާގެ ނިޒާމު ރަނގަޅުކޮށް، އައްޑުގެ އުމްރާނީ ތަރައްގީގެ އެތައް ކަމެއް ކުރެވެމުންދާއިރު، މިކަންތައްތަކުގެ ސަބަބުން ރާއްޖޭގައި ދެވަނަ ސިޓީއެއް އުފެދިގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވާ ވިދާޅުވުމަކީ ގާނޫނީ ގޮތުން ވެސް އެތައް ސުވާލުތަކެއް އުފެދޭ ވާހަކަތަކެކެވެ. ފުރަތަމަ ސުވާލަކީ އައްޑުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ސިޓީއެއްގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަ ނުވަނީސްތޯ އުފެދޭ ސުވާލެވެ. މިސުވާލަށް ލޯކަލް ގަވާރންމެންޓް އޮތޯރިޓީން ޖަވާބުދާރީ ވާން ޖެހޭނެއެވެ.
ސާރކު ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އައްޑުއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ރައީސް ނަޝިދުވަނީ މިފަހަރުގެ ސަމިޓުގެ ސަބަބުން ބައިނަލް އަގުވާމީ މަސްރަހުގައި ރާއްޖޭގެ ނަން އިތުރަށް ފެވިގެންދާނެ ކަމަށް ވިދާޅުވެފައެވެ. ސަބަބަކަށް ވިދާޅުވީ ޕާކިސްތާނާއި އިންޑިއާގެ ވެރިން ބައްދަލުކޮށް އެދެގައުމުގެ މެދުގައި ހީނަރުވެފައިވާ ގުޅުން ރަނގަޅު ކުރުމާއި، އަފްޣަނިސްތާނާއި ޕާކިސްތާނުގެ މަސްރަހަށް ސަމިޓުގެ ހަވާސާގެ ބޭރުން ފިނަކަމެއް އައުމެވެ.
ކޮންމެ ގޮތަކަށް ކަންތައްތައް ވެގެން ދިޔަ ނަމަވެސް އަޅުގަނޑުވެސް އެދެނީ ސަތާރަވަނަ ސަމިޓަކީ ކާމިޔާބު ހުރިހާ ގޮތަކުން ވެސް ދިވެހިންނަށް ފައިދާ ކުރުވަނިވި ސަމިޓަކަށް ވުމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...