
ފްރާންސުގެ މީހަކު ޤުރުއާން އަންދާލި މައްސަލައިގައި ތުރުކީގެ އެކްޓިވިސްޓުންތަކެއް އެޤައުމުގައި ހުންނަ ފްރާންސުގެ އެމްބަސީ ކައިރިއަށް އެއްވެފައި – ފޮޓޯ : ޕްރެސް ޓީވީ
ފަރަންސޭސިއަކު ޤުރުއާން އަންދާލި މައްސަލައިގައި އޭނަ ހައްޔަރުކުރުމަށް ފަހު މިނިވަންކުރުމުން ތުރުކީގެ އެކްޓިވިސްޓުންތަކެއް އެޤައުމުގެ އަންކާރާގައި ހުންނަ ފްރާންސްގެ އެމްބަސީ ކައިރިއަށް އިއްޔެ އެއްވެ އެކަމާމެދު ނުރުހުންފާޅުކޮށް އަޑުއުފުލައިފިއެވެ.
ޤުރްއާން އަންދާލި އާރނެސްޓޯ ރޮޖާސް އައްބޭޓް ކިޔާ ފަރަންސޭސި މީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޝައިޠާނީ މޫނުމައްޗެއް އަޅައިގެން ހުރެ ޤުރުއާންގެ ޞާފްޙާތައް ވީދާލަނިކޮށް ވީޑިއޯކޮށް އެ ވީޑިއޯ އާއްމުކުރުމުގެ ސަބަބުންނެވެ. ނަމަވެސް، މިދިޔަ މަހުގެ 25 ވަނަ ދުވަހު ފަރަންސޭސި ކޯޓުން އޭނާ މިނިވަންކުރީ، އޭނާ ޤުރްއާން ވީދާލާފައި ވަނީ ޤަސްތުގައި މުސްލިމުން ރުޅިއެރުވުމަށާއި، ދީނީ ތަފާތުކުރުން އިތުރުކުރުމަށް ނުވަތަ މުސްލިމުންނާއި ދެކޮޅަށް ޖަރީމާއެއް ހިންގުމަށް ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ބުނެއެވެ.
އެކަމަކު އެކަހަލަ މަޤްސަދެއް ނެތްނަމަ މީނާ މިކަން ކޮށް ވީޑިއޯކޮށް އާއްމުކުރަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް މުސްލިމުން ޤަބޫލު ކުރެއެވެ. އަދި މިކަހަލަ އެއްވެސް ނިޔަތެއް އޭނަގެ ނެތް އިރު މޫނުމައްޗެއް އަޅާފައިވާތީ ވެސް ގިނަ ބަޔަކު ސުވާލު އުފައްދައެވެ.
މި ހަރާކާތް އިންތިޒާމްކުރި ތުރުކީގެ އިންސާނީ ހައްޤުތަކާ ބެހޭ ޖަމާޢަތް "މަޒްލަމްޑަރ" ގެ ޗެއަރމަން، އަޙްމަދު ފާރޫޤް އުންސާލް ވިދާޅުވީ މިކަމުގައި ޢަދަބު ނުލިބި ދިޔަ ދިޔުން މިއީ ދުނިޔޭގެ އެއްވެސް ކަންކޮޅަކުން ބަލައި ގަންނާނެ ކަމެށް ނޫން ކަމަށެވެ.
މި މުޒާހަރާގެ ބައިވެރިންވަނީ މުޒާހަރާ ނިންމާލަމުން ބަޔާނެށް އިއްވާފައެވެ. މި ބަޔާނުގައި ބުނެފައި ވަނީ ފަރަންސޭސި ދައުލަތުގެ ފަރާތުން ހިންގާ އިސްލާމް ދީނާއި ދެކޮޅު ހަރަކާތްތަކުގެ އަސަރު ކޯޓުތަކަށްވެސް ކޮށްފައިވާ ކަމަށާއި މިކަން ހަރުކަށިކޮށް ކުށްވެރިކުރާ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...