
ނަހްޟާ ޕާޓީގެ ކެމްޕޭނު މެނޭޖަރު ހޯމަ ދުވަހު ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަނީ - ފޮޓޯ - ޕްރެސް ޓީވީ
ތޫނިސްގައި އާދީއްތަ ދުވަހު ބޭއްވުނު ތާރީޚީ އިންތިޚާބުގައި އިސްލާމިކް އައްނަހްޟާ ޕާޓީން އެންމެ ކުރިހޯދައިފި އެވެ.
ތޫނިސްގެ އައު ގާނޫނުއަސާސީ އެކުލަވައިލާނެ 217 ގޮނޑީގެ މަޖިލީހަށް ހޮވުނު ބޭފުޅުންގެ ތެރެއިން، އިއްޔެއާ ހަމައަށް އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން އިޢުލާންކޮށްފައިވާ 159 ގޮނޑީގެ ނަތީޖާ އަށް ބަލާއިރު އައްނަހްޟާ ވަނީ 65 ގޮނޑި (41%) ކާމިޔާބު ކޮށްފައެވެ. ލިބަރަލް ޕާޓީތައް ކަމުގައިވާ ކޮންގްރެސް ޕާޓީ ފޯރ ދި ރިޕަބްލިކް (ސީޕީއާރު)، އެއްޓަކަޓޮލް، ޕްރޮގްރެސިވް ޑިމޮކްރެޓިކް ޕާޓީ (ޕީޑީޓީ) އާއި އިއްތަޖްދިދު އަށް ކާމިޔާބު ވެފައި ވަނީ 45 ގޮނޑި (28%) އެވެ. ޕޮޕިއުލަރ ޕެޓިޝަން އަށް 22 ގޮނޑި (14%) އެވެ. އަދި ބިން ޢަލީގެ ވެރިކަމަށް ތާޢީދުކުރާ ޕާޓީތައް ކަމުގައިވާ އަފެކް ޓައުންސް އާއި މުބާދަރާ އަށް ކާމިޔާބު ވެފައި ވަނީ 9 ގޮނޑި (6%) އެވެ.
އެސޯސިއޭޓެޑް ޕްރެސް އިން އިއްޔެ ބުނެފައިވާ ގޮތުގައި އަލްއުސްތާޛް އަލްޣައްނޫސީގެ ވެރިކަމުގައިވާ ނަހްޟާ ޕާޓީން ކުރިހޯދާފައިވީ ނަމަވެސް ޖުމްލަކޮށް ބޮޑު އަޣުލަބިއްޔަތެއް އެޕާޓީ އަށް ލިބިފައި ނުވާތީ، އެހެން ޕާޓީއަކާ އެކު ކޯލިޝަން ހަދަން ޖެހޭނެއެވެ.
ނަހްޟާގެ ކެމްޕޭން މެނޭޖަރު ޢަބްދުލް ހާމިދު ޖިލައްސީ ވިދާޅުވީ އެޕާޓީން އެއްވެސް ޕާޓީއަކާ ވަކިނުވާނެ ކަމަށެވެ.
"އެއީ މިނިވަން ޝަޚްޞިއްޔަތަކަށް ވިޔަސް، ނުވަތަ އިޖްތިމާޢީ ހަރަކާތަކަށް ވިޔަސް، އަޅުގަނޑުމެން އެއްވެސް ޕާޓީއަކާ ވައްކެއް ނުވާނަން" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ޕާޓީ އަކީ ކުރިން ސިޔާސީ ގޮތުން ބާކީކޮށްލެވި، ނިކަމެތިކޮށްލެވިފައިވާ ޕާޓީއަކަށް ވިޔަސް ނަހްޟާގެ އަމާޒަކީ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމްކުރުން ކަމަށެވެ.
މި އިންތިޚާބަކީ އެ ޤައުމުގައި ކުރިން ވެރިކަން ކުރި ޒައިނުލްއާބިދީން ބިން ޢަލީގެ ވެރިކަމަށް ފަހު އެ ޤައުމުގައި ބޭއްވުނު ފުރަތަމަ އިންތިޚާބުގެ އިތުރުން 1956 ގައި އެޤައުމު މިނިވަންވުމަށް ފަހު މިހާތަނަށް ބޭއްވުނު ފުރަތަމަ މިނިވަން އިންތިޚާބެވެ.
ނަހްޟާ ޕާޓީން މިހޯދި ކާމިޔާބީގެ ސަބަބުން ދެކުނު އެފްރިކާއާއި އަދި މެދުއިރުމަތީގެ އިންތިޚާބުތަކުގައި ވާދަކުރާ އިސްލާމީ ޕާޓީތަކަށް އިތުރު ހިތްވަރަކާއި ޖޯޝެއް ލިބިގެންދާނޭ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
ތޫނިސްގެ ސިޔާސީ މަސްރަހަށް އައި އިންޤިލާބާ ގުޅިގެން ޢަރަބި ބަހާރެއް ވަނީ ގެނުވާފައެވެ. އަދި މިސްރާއި ލީބިޔާގެ ސިޔާސީ މަސްރަހު ބަދަލުކުރުމަށް މެދުވެރިކުރިވީ ތޫނިސްގެ ނަމޫނާއިން ކަމަށް ވެސް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
ތޫނިސްގެ އެންމެބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ނަހްޟާ ޕާޓީއަކީ އިސްލާމީ ޚިޔާލުގެ ޕާޓީއަކަށް ވާތީ ކުރީގެ ވެރިޔާ ބިން ޢަލީގެ ވެރިކަމުގައާއި، އޭނާގެ ކުރިން ވެރިކަންކުރި އަލްޙަބީބު ބޫރްޤީބާގެ ވެރިކަމުގައިވެސް އެ ޕާޓީ ވަނީ މަނާކޮށްފައެވެ. އަދި ނަހްޟާ ޕާޓީގެ އިސްވެރިން ހައްޔަރުކޮށް އެމީހުންނާ ދެކޮޅަށް ތޫނިސްގެ ސަރުކާރުތަކުން ބޮޑެތި އަނިޔާތަކާއި ޖަރީމާތައް ވެސް ހިންގާފައިވެއެވެ.
____
މަސްދަރު : ޕްރެސް ޓީވީ / އަލްޖަޒީރާ / އެހެނިހެން ނޫސް އެޖެންސީތައް
ކޮމެންޓް (0)
ލޯޑް ކުރަމުން...