ކަޢުބާގެ އުރަކޮޅު، ތިރިން މައްޗަށް ވާގޮތަށް 3 މީޓަރު މައްޗަށް އުފުލައިފިއެވެ. ހުދު ފޮތިގަނޑެއްގައި އޮޅާލުމަށްފަހު، ގެފުޅުގެ އުރަކޮޅު (ކިސްވާ) މައްޗަށް އުފުލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ގެފުޅުގެ އުރަކޮޅު އުފައްދާ ކުންފުނީގެ ޖެނެރަލް ސްޕަވައިޒަރު ވިދާޅުވާ ގޮތުގައި މި ނިންމުމަކީ މި އަހަރުގެ ޙައްޖު ޕްލޭންގެ ދަށުން ކުރިޔަށް ދިޔަ ކަމެއްގެ ގޮތުގައެވެ.
ގެފުޅުގެ އުރަކޮޅަކީ ވަރަށް ގިނަ ފަހަރަށް ޙައްޖު މޫސުމްތަކުގައި ޙައްޖުވެރިން އެއިން ފޮތިފޮތިކޮޅު ކަނޑައިގެން ރަށަށް ގެންދާ އުރަކޮޅެކެވެ. އަދި ޙައްޖުވެރިން އޭތީގައި އެލި ދަމާ ހެދުމުގެ ސަބަބުން ވީދައިގެން ދިއުންފަދަ ކަންތައް ދިމާވެއެވެ. އެހެންކަމުން، 3 މީޓަރު މައްޗަށް ނަގާފައިވަނީ މި އަހަރު ޙައްޖުގައި އެފަދައިން އުރަކޮޅު ހަލާކުވެދާނެތީ އެކަމުން ރައްކާތެރި ކުރުމުގެ ގޮތުން ކަމަށް ކިސްވާ ފެކްޓްރީގެ ޖެނަރަލް ސްޕަވައިޒަރު ހާމަކުރައްވައެވެ.
ގެފުޅުގެ އުރަކޮޅަކީ ރަނާއި ރިހިން ޤުރުއާނުގެ އާޔަތްތައް ލިޔެ ޖަރީ ކުރެވިފައިވާ ކަޅުކުލައިގެ ކިސްވާއެކެވެ. ނުވަތަ ދިވެހިން ބުނާނަމަ އުރަކޮޅެކެވެ. މި އުރަކޮޅު ކުރިން ހަދައިގެން ގެންނަނީ މިޞުރުންނެވެ. ނަމަވެސް، މީގެ 75 އަހަރު ކުރިން ސަޢުދީ ޢަރަބިއްޔާގެ ބާނީ ރަސްގެފާނު އަބްދުލް ޢަޒީޒުގެ ޤަރާރުގެ ދަށުން މައްކާގައި ކިސްވާ ފެކްޓްރީއެއް ވަނީ އުފައްދަވާފައެވެ. އަދި ގެފުޅުގެ އުރަކޮޅު ހެދުން ވަނީ އޭރުއްސުރެ މި ފެކްޓްރީއާ ހަވާލުކުރެވިފައެވެ.
ކޮންމެ އަހަރަކުވެސް އައު އުރަކޮޅެއް ގެފުޅަށް ތައްޔާރު ކުރެވި ގެފުޅުގައި ލެއްވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...