ދިއިސްލާމް ފައިދާވާނީ ކުއްލިއްޔާ ވަކި ޔުނިވަރސިޓީއެއްގެ ގޮތުގައި އުފައްދައިގެންތޯ؟ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި ހަމަޖެއްސުމުންތޯ؟

ފައިދާވާނީ ކުއްލިއްޔާ ވަކި ޔުނިވަރސިޓީއެއްގެ ގޮތުގައި އުފައްދައިގެންތޯ؟ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި ހަމަޖެއްސުމުންތޯ؟

ފައިދާވާނީ ކުއްލިއްޔާ ވަކި ޔުނިވަރސިޓީއެއްގެ ގޮތުގައި އުފައްދައިގެންތޯ؟ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި ހަމަޖެއްސުމުންތޯ؟

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

 ނޯޓް: މިއީ ދެކޮޅަށް ވާހަކަ ދައްކާ މަޒުމޫނުވެ. ދެކޮޅަށް ވާހަކަ ދައްކާ މަޒުމޫނަކަށްވުމުން މިމަޢުލޫގެ ދެކޮޅަށްވެސް ވާހަކަ ދައްކާފައި ވާނެއެވެ.

9 ނޮވެމްބަރ 1980 ގައި ވަކި ސްކޫލެއްގެ ގޮތުގައި މައުހަދު ދިރާސާތިލް އިސްލާމިއްޔާގެ ހުޅުވުނީ ސާނާވީ އަދި މަތީ ސާނަވީ ތައުލީމު ޢަރަބި އަދި އިނގިރޭސި މީޑިއަމަށް ކިޔަވައި ދިނުމަށެވެ. ދިވެހިރާއްޖޭގައި ޢަރަބި އަދި އިނގިރޭސި މީޑިއަމަށް އެއްވަރަށް ކިޔަވައިދޭ ހަމައެކަނި ސްކޫލަކީ މައުހަދު ދިރާސާތިލް އިސްލާމިއްޔާއެވެ. ސައިންސާއި އާޓް ސްޓްރީމުގެ މާއްދާތައް ކިޔަވައިދޭ މިސްކޫލުގެ ކޮލެޖެއްގެ ގޮތުގައި އުފެއްދެވުމަށް، 9 ނެވެމްބަރު 2003 ގައި އެސްކޫލުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރީގެ ރައީސްލުޖުމުހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބުދުލް ޤައްލޫމު އިޢުލާން ކުރެއްވިއެވެ. 21 ފެބުރުއަރީ 2004 ގައި ކޮލެޖެއްގެ ގޮތުގައި ބަދަލުކޮށް ކުއްލިއްޔަތުލް ދިރާސާތިލް އިސްލާމިއްޔާގެ ނަމުގައި އެކޮލެޖުގައި ކިޔަވައިދޭން ފެށުނެވެ.

މިފަހަކަށް އައިސް ކުއްލިއްޔަތުލް ދިރާސާތިލް އިސްލާމިއްޔާއާމެދު އެކިގޮތްގޮތަށް ވާހަކަ ދެކެވެމުން ގޮސްފައިވެއެވެ. އެގޮތުން އެކޮލެޖު ވަކި ޔުނިވަރސިޓީއަކަށް ބަދަލުކުރުމާއި ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ ވަކި ފެކަލްޓީއެއްގެ ގޮތުގައި ހަދައި ޔުނިވަސިޓީގެ ފުރާޅުގެ ދަށަށް އެކޮލެޖު ގެންނަ ވާހަކަތައްވެސް ދެކެވެމުންދެއެވެ. 2010 ވަނަ އަހަރު ޖުން މަސް ތެރޭގައި ސަރުކާރުންވަނީ ކުއްލިއްޔަތުލް ދިރާސާތިލް އިސްލާމިއްޔާ އޭރުގެ މޯލްޑިވުސް ކޮލެޖު އޮފް ހަޔާރ އެޑިއުކޭޝަންގެ ހިޔާވަހިކަމުގެ ދަށަށް ގެނެސްފައެވެ. ނަމަވެސް ދިވެހިރާއްޖޭގެ ޔުނިވަސިޓީ ބިލަށް ޢަމަލުކުރަން ފެށުމާއެކު އަނެއްކާވެސް މޯލްޑިވުސް ކޮލެޖު އޮފް ހަޔާރ އެޑިއުކޭޝަންގެ އުންގުން ދޫވެ ވަކި ކޮލެޖެއްގެ ގޮތުގައި މިހާރުވަނީ ހިންގަންފަށާފައެވެ.
ކޮންމެއަކަސް ކުއްލިޔަތުލް ދިރާސާތިލް އިސްލާމިއްޔާ ވަކި ޔުނިވަސީޓީއެއްގެ ގޮތުގައި އުފެއްދިއްޖެނަމަ އެކޮލެޖަށް ލިބޭނެ ކުރިއެރުމާއި ބެހޭގޮތުން މިފުރުޞަތުގައި ވާހަކަ ދައްކާލާނަމެވެ.

1970ގެ އަހަރުތަކުގައި ބޭއްވުނު އޮގަނައިޒޭޝަންފޯ އިސްލާމިކް ކޮންފަރެންސް (އޯ.އައި.ސީ) އެކިފެންވަރުގެ ވެރިގެންގެ ބައްދަލުވުންތަކުން ނިންމާފައިވަނީ ޢަރަބި ނޫން އިސްލާމީ ޤައުމުތަކުގައި ނުވަތަ އަޖަމީ ޤައުމުތަކުގައި ވަކި އިސްލާމީ ޔުނިވަސިޓީއެއް ހުންނަން ޖެހޭނެ ކަމަށެވެ. އެގޮތުން 1983 ގައި މެލޭޝިއާގައި އިސްލާމިކް އިންޓަނޭޝަނަލް ޔުނިވަސިޓީއެއް ޤާއިމުކުރެވުނެވެ. 1985 ގައި ޕާކިސްތާނުގައި އިސްލާމިކް އިންޓަރނޭޝަނަލް ޔުނިވަސިޓީއެއް ހުޅުވުނެވެ. އަދި ބަނގްލަދޭޝްގައިވެސް ވަނީ އިސްލާމިކް އިންޓަރނޭޝަނަލް ޔުނިވަސިޓީ ހުޅުވިފައެވެ. އިސްލާމިކް އިންޓަނޭޝަނަލް ޔުނިވަސިޓީއެއް ޤާއިމު ނުކުރެވި ހުރި އަޖަމީ ޤައުމަކީ ދިވެހިރާއްޖެއެވެ. ދިވެހި ރާއްޖޭގައި އިސްލާމިކް އިންޓަނޭޝަނަލް ޔުނިވަސިޓީއެއް ހުޅުވުމުގެ ގޮތުން ކުއްލިއްޔަތުލް ދިރާސާތިލް އިސްލާމިއްޔާ ވަކި ޔުނިވަސިތީއެއްގެ ގޮތުގައި ޤާއިމު ކުރުމަކީ މުހިއްމު ކަމެކެވެ.
ދިވެހިރާއްޖެއަކީ ފުޅާ ދާއިރާއެއްގައި އިސްލާމިކް ސައިންސާއި އިސްލާމިކް ބިޒުނަސް އެޑްމިނިސްޓްރޭޝަންއާއި އިސްލާމިކް ފައިނޭސް އަދި އާޓްސްއާއި އިސްލާމިކް މެކޭނިކްސް ކިޔަވައިދޭ ޤައުމެއް ނޫނެވެ. ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ހިންގެވުމުގެ އުސްފަޑީގައި މަސައްކަތްކުރާ ފަރާތްތަކުގެ ހޭލުންތެރިކަން ކުޑަކަމުން މިފަދަ ޢިލުމުތަކުގެ ފަންނުވެރިން ރާއްޖޭގައި އުފެއްދުމަކަށް މަސައްކަތް ކުރާ ތަނެއް ނުފެނެއެވެ. ދުނިޔޭގެ އެހެން ޤައުމުތަކާއި ފައިހަމަ ކުރުމަށްޓައި މިފަދަ ފަންނުތަކުން ތަހަރައްޖުވެފައި ތިބި މީހުން ބިނާ ކުރުމަށްޓަކައި ވަކި ޔުނިވަސިޓީއެއްގެ ގޮތުގައި ކުއްލިޔަތުލް ދިރާސާތިލް އިސްލާމިއްޔާ އުފެއްދުމަކީ ބޭނުންތެރި މުހިއްމު ކަމެކެވެ.

އިސްލާމީ ޤައުމުތަކާއި ތުރުކީއާއި އިނގިރެސި ވިލާތްފަދަ ޔޫރަޕްގެ ޤައުމުތަކުގައިވެސް އިސްލާމިކް އިންޝިއުރެންސާއި އިސްލާމިކް ފައިނޭންސާއި އިސްލާމިކް ބެންކިންގެ ޚިދުމަތް ފަށައިގެން ކުރިއަށް ގެންދާ ޤައުމުތަކެވެ. އެޤައުމުތަކުގައި މިޚިދުމަތް ބޭނުންކުރަނީކީ ހަމައެކަނި ޢެޤައުމުތަކުގައި އުޅޭ މުސްލިމުންމެއް ނޫނެވެ. ޣައިރު މުސްލިމުންނާއި އެޤައުމުތަކަށް ޒިޔާރަތްކުރާ ފަރާތްތަކުންވެސް އެޚިދުމަތްތައް ބޭނުން ކުރެއެވެ. އިސްލާމިކް ބޭންކިންގެ ޚިދުމަތަކީ މިހާރު ދުނިޔެގައި އެންމެ ބާރަށް ކުރިއަރަމުންއަން ބޭންކިންގެ ނިޒާމެވެ. އެހެންކަމުން މިފަދަ ފަންނުތަކުން ކުރިއަރާފައިވާ ފަރާތްތައް އުފެއްދުމަކީ މުހިއްމުކަމެކެވެ. އެހެންކަމުން ކުއްލިޔަތުލް ދިރާސާތިލް އިސްލާމިއްޔާ ޔުނިވަސިޓީއެއްގެ ގޮތުގައި ހެދުމަކީ ބޭނުންތެރިކަމެކެވެ.
ރާއްޖޭގައި އިސްލާމި ތައުލީމުގެ އަސަރުތައް ފަނޑުވަމުންދާ ދިއުމަކީ މިއަދު ހިތާމަކުރަންޖެހޭ ކަމެކެވެ. ޒަމާނާއި އެކަށޭނެ ގޮތަށް އިސްލާމީ ތައުލީމު ފުޅާކޮށް ކުރިއަށް ގެންދިއުމަކީ މުހިއްމުކަމެކެވެ. އެކަން ކުރެވޭނީ ކުއްލިއްޔާފަދަ ކޮލެޖެއް ޔުނިވަސިޓިއެއްގެ ގޮތުގައި ހެދިގެންނެވެ. މިފަހަކަށް އައިސް ކުއްލިޔާއަށް ދިމާވަމުންދާ ގޮންޖެހުންތަކަކީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ދެކެވެމުންދާ ވާހަކައެކެވެ. މިފަދަ ގޮންޖެހުންތަކުން ސަލާމަތްވުމަށްތަކައި ސަރުކާރުން އިޢުލާންކޮށްފައިވާ ޕުރައިވެޓް ޕާޓްނަރ ޝިޕުގެ ދަށުން ކުއްލިއްޔަތުލް ދިރާސާތިލް އިސްލާމިއްޔާ ވަކި ޔުނިވަސިޓީއެއްގެ ގޮތުގައި އުފައްދައި، އެތަން ހިނގުމަށް  އިތުބާރުހިފޭ ޕުރައިވެޓް ކުންފުޏަކާއި ހަވާލުކުރުމަކީ ސަރުކާރަށްވެސް އެކަމުގައި ލުއި ފަސޭހަ ކަމެއް ކުރިމަތި ވާނެކަމެކެވެ. ހަމައެޔާއެކު އެއީ ޤައުމަށްވެސް އެންމެ ފައިދާ ހުރި ގޮތެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ ދަށަށް ކުއްލިޔަތިލް ދިރާސާތިލް އިސްލަމިއްޔާ ގެނައުމުގެ ވާހަކައަކީ 2010 ވަނަ އަހަރު ތެރޭގައި ވަރަށް ފުޅާކޮށް ދެކެވުނު ވާހަކައެކެވެ.  ތަފާތު ބަހުސްތައްވެސް މިކަމާއި ބެހޭގޮތުން ކުރެވުނެވެ. މިފުރުޞަތުގައި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ ދަށަށް ކުއްލިއްޔަތުލް ދިރާސާތިލް އިސްލާމިއްޔާ ގެނައުމުން ލިބޭނެ ފައިދާ ތަކުގެ މައްޗަށް ވާހަކަ ދައްކާލާނަމެވެ.

ދިވެހިރާއްޖޭގައި އިސްލާމިކް ޔުނިވަސިޓީއެއް ވަކިން ހުރެފައި ޤައުމީ ޔުނިވަސިޓީއެއް ހުރުމަކީ އެކަމުގެ ސަބަބުން ޤައުމީ ޔުނިވަސިޓީއަށްވެސް އެކަމުގެ ގެއްލުންތަކެއް ކުރިމަތިވާނެކަމެކެވެ. ކުރިއަށް އޮތްތަނުގައި ޤައުމީ ޔުނިވަސިޓީ އަލްމާނިއްޔަތުން ސަލާމަތްކުރުމަށްޓަކައި ޤައުމީ ޔުނިވަސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި ކުއްލިޔަތުލް ދިރާސާތިލް އިސްލާމިއްޔާ ހެދުމަކީ މުހިއްމު ކަމެކެވެ.

ހިންގުންތެރިކަމުގެ ގޮތުން ކުއްލިއްޔާ އެކަށީގެންވާފަދަ މެނޭޖުމެންޓަށްގެ ދަށަށް ގެނެސް ޤައުމީ ޔުނިވަސިޓީ ދަށުން ކުއްލިއްޔަތުލް ދިރަށާތިލް އިސްލާމިއްޔާއިން ދޭ ޚިދުމަތްތައް ފުޅާވެގެންދާނީ ޤައުމީ ޔުނިވަސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި ހުރުމުންނެވެ.

މިއަދު އިޤުތިޞާދީ ގޮތުން ދިވެހި ޤައުމު ހަމަ ނޭވާ ނުލެވޭއިރު ސަރުކާރަށް ކޮލެޖަކާއި ޔުނިވަސިޓީއެއް ހިންގުމަކީ ދަތިވާނެކަމެކެވެ. އެހެންކަމުން ކުއްލިއްޔާފަދަ ޤައުމުގެ ހައިބަތު ހުރި ޢިލްމީ މުއައްސަސާއެއް ޤައުމީ ޔުނިވަސީޓީގެ ދަށަށްގެނެސް ހިންގުމަކީ ސަރުކާރަށްވެސް އެކަމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމެއްކަން ކަށަވަރެވެ.

މަތީގައި ބަޔާންވެ އެދިޔައީ ޤައުމަށް ބޮޑަށް ފައިދާވާނީ ކުއްލިޔަތުލް ދިރާސާތިލް އިސްލާމިއްޔާ ވަކި ޔުނިވަރސިޓީއެއްގެ ގޮތުގައި އުފައްދައިގެންތޯ ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި ހަމަޖެއްސުމުންތޯ ކުރެވުނު ބަހުސެވެ. ގޮތެއް ނިންމަވާނީ ކިޔުންތެރިންނެވެ.،

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.