އައްޑޫ ސިޓީ ހުޅުދޫ މިސްކިތެއްގެ މައިކް ނަގާނެ ކަމަށް އެ އަވަށުގެ ޑިޕާޓްމަންޓް އޮފް އެންވަޔަރަންމަންޓް ހިންގުމާއި ޙަވާލުވެ ހުންނެވި އިބްރާހީމް ދީދީ މިއަދު އިންޒާރު ދީފި އެވެ.
"ދިއިސްލާމް" އަށް މަޢުލޫމާތު ދެއްވަމުން ހުޅުދޫ މަސްޖިދު ޢަބްދުﷲ ބިން އިބްރާހީމްގެ އިމާމް ވިދާޅުވީ މިއަދު މެންދުރު ނަމާދުގެ ފަހުން އޭނައާ އިބްރާހީމް ދީދީ ބައްދަލުކުރައްވާފައި، މިއަދުގެ އަސްރު ނަމާދަށް ބަންގި ގޮވާއިރު ބޭރަށް ނީވޭ ގޮތަށް ބަންގި ގޮވުމަށް އެންގެވި ކަމަށެވެ. އެކަމުގެ ސަބަބެއް ކަމުގައި އިބްރާހީމް ދީދީ ވިދާޅުވެފައި ވަނީ އެރަށުގައި ހުންނަ ސ.އަތޮޅު މަދަރުސާގައި އެސްއެސްސީ އިމްތިހާނު ކުރިއަށް ދާތީ ކަމަށެވެ.
ނަމަވެސް، އިމާމް އެގޮތަށް ޢަމަލުކޮށްފައި ނުވާ ކަމަށާއި އަސްރު ނަމާދަށް ބަންގި ގޮވީ ބޭރަށް އަޑުއިވޭ ގޮތަށް މައިކުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއަދު ހަވީރު އިބްރާހީމް ދީދީ އާއި ބައްދަލުވުމުން، ބޭރަށް އަޑުއިވޭ ގޮތަށް ބާރަށް ބަންގި ގޮވީ ކީއްވެގެންތޯ ސުވާލުކުރި ކަމަށެވެ. އިމާމް ވިދާޅުވީ މައިކް ހުރިއްޔާ އެ ބޭނުންކޮށްގެން ބަންގި ގޮވޭނީ ބާރަށް ކަމަށާއި، އަޑު މަޑުކޮށް ނުގޮވޭނެ ކަމަށް އޭނާ ދެންނެވި ކަމަށެވެ. އެހެން ދެންނެވުމުން އިބްރާހީމް ދީދީ ވިދާޅުވެފައި ވަނީ މާދަމާ މައިކް ނަގާނެ ކަމަށެވެ.
"އަޅުގަނޑު ބުނީ މައިކް ހުރިއްޔާ އެ ބޭނުންކޮށްގެން ބާރަށޭ ބަންގި ގޮވޭނީ. އަޅުގަނޑަކަށް އަޑު މަޑުކޮށްގެން ނުގޮވޭނެއޭ. ދެން އެބޭފުޅާ ވިދާޅުވީ މާދަމާ މައިކް ނަގާނަމޭ" އިމާމް ވިދާޅުވި އެވެ.
އިތުރަށް އިމާމް ވިދާޅުވީ މީގެ ކުރިންވެސް އެ މަދަރުސާގައި އިމްތިހާނުތައް ބާއްވާފައިވާ ކަމަށާއި، ނަމަވެސް މިހާތަނާ ޖެހެންދެން މިފަދަ އެންގުމެއް ދުވަހަކުވެސް އަވަށުގެ ވެރިންއަންގާފައި ނުވާ ކަމަށެވެ.
އައްޑޫސިޓީގެ އިދާރީ އޮނިގަނޑަށް ދާދި ފަހުން ގެނެސްފައިވާ ބަދަލުތަކާއެކު މިހާރު ހުޅުމީދޫގައި ހިންގަނީ ޑިޕާޓްމަންޓް އޮފް އެންވަޔަރަންމަންޓް އެވެ. އަދި ހުޅުދޫ އަވަށުގެ އޮފީސް މިހާރު ވަނީ އެ ޑިޕާޓްމަންޓުގެ ދަށުން ހިންގާ އެންވަޔަރަންމަންޓަލް ސަރވިސަސް ސެކްޝަނަށް ބަދަލުކޮށްފައެވެ.

ކުރީގެ ހުޅުދޫ އަވަށު އޮފީސް އަދި މިހާރު އައްޑޫ ސިޓީގެ ޑިޕާޓްމަންޓް އޮފް އެންވަޔަރަންމަންޓްގެ އެންވަޔަރަންމަންޓަލް ސަރވިސަސް ސެކްޝަން – ފޮޓޯ : އަޙްމަދު ޒާހިދު

ކޮމެންޓް (0)
ލޯޑް ކުރަމުން...