މަޑުމައިތިރި އަޚްލާޤް ރަނގަޅު ކިޔެވުމަށް މޮޅު ދަރިވަރެކެވެ. މުދައްރިސުންގެ ރުހުން ހޯދާފައިވާ ދަރިވަރެކެވެ. ބ.އަތޮޅު ތަޢުލީމީ މަރުކަޒަށް ރީތި ނަން ހޯދާފައިވާ ދަރިވަރެކެވެ. އަދި ކީއްތޯއެވެ. ޖީސީއީ އޯލެވެލްގެ ނަތީޖާއާއެކު މިދިޔަ އަހަރު އޭދަފުށީގެ ނަން ގައުމީ މައިދާނުގައި ވިދުވާލާފައިވާ ޝަރަފްވެރިއެކެވެ. އިއްޔެ އުފާވެރިކަމާއެކު ސަމާސާކޮށް ވާހަކަ ދައްކާ ހެދިއެވެ. އުފާވެރި ދުވަސްތަކަކަށް ދަޢުވަތު ދިނެވެ. ނަމަވެސް އެ ދަރިވަރުގެ ހަޔާތުގެ މަންޒަރު މިއަދު މިވަނީ ބަދަލުވެފައެވެ. ޚިޔާލަށް ވެސް ނާންނަފަދަ ފަޅުކަމެއް އިޙްސާސްކުރަން ޖެހުނު ހިތްދަތި މަންޒަރެކެވެ.
މިމަހު ކުރީކޮޅު ކުއްލިއަކަށް ބަލިވުމާ ގުޅިގެން ތަޢުލީމީ މަރުކަޒުގެ ގްރޭޑް 11 ގައި ކިޔަވަމުންދާ އޭދަފުށީ ކާނޭޝަންމާގެ، ހަމީދު ޢަބްދުﷲ (17 އަހަރު) އަށް ފަރުވާދިނުމަށްޓަކައި ރާއްޖެއިން ބޭރަށް ދިޔައީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
އިންޑިއާގެ ޓްރެވިންޑްރަމްގެ ރީޖަނަލް ކެންސަރ ސެންޓަރުން ކުރި ޓެސްޓުތަކުން ދައްކާ ގޮތުގައި ހަމީދުގެ ހަށިގަނޑުގެ ތެރޭގައި ކެންސަރު ބަލީގެ އަސަރު ފެންނަމުން އެބަދެއެވެ. މި ބަލިން ސަލާމަތްވުމަށް ފަރުވާ ކުރުމަށްޓަކައި 1 އަހަރު ދުވަހުގެ މުއްދަތަށް އޭނާ އިންޑިއާގައި މަޑުކުރުމަށް ޑޮކްޓަރުން އޭނާގެ ޢާއިލާ އަށް ވަނީ ލަފާދީފައެވެ.
ރާއްޖެއިން ބޭރުން ފަރުވާކުރުމަށް ކުރަންޖެހޭ ޚަރަދު ކުރުމަށް ހަމީދު އަބްދުﷲ ގެ ޢާއިލާއިން ވަނީ ނުކުޅެދިފައެވެ. އަދި މިފަދަ ފަރުވާއެއް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލަކުން ހޯދުމަކީ މާލީގޮތުން ބޮޑު އެހީތެރިކަމެއް ބޭނުންވާނެ ކަމެއްކަން ޚުދު ތިބާވެސް ޤަބޫލުކުރާނެކަން ކަށަވަރެވެ. އޭނާގެ އާއިލާއިން އެހީތެރިކަމަށް އެދި އެބަ އާދޭސްކުރެއެވެ. އެ ޒުވާނާ ތިބާއަށް އެބަ ގޮވައެވެ. ތިބާގެ ގައުމަށް އަދި ރަށަށް ރީތިނަމެއް ހޯދައިދޭނެ ފަދަ ފަޚުރުވެރި ކުއްޖަކަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމީ ތިބާގެ އުފަލެއްކަމުގައި ދެކި، އޭނާގެ އުއްމީދުތައް ހަޤީޤަތަކަށް ހަދައިދިނުމުގައި ތިބާއަށް ވެސް ޙިއްޞާ އެއް ޢަދާކުރެވިދާނެ އެވެ. އޭނާގެ ޢާއިލާއިން ލަފާކުރާ ގޮތުގައި މިކަމަށް 250,000.00 ރ. (ދެލައްކަ ފަންސާސް ހާސް ރުފިޔާ) އަށްވުރެ ގިނަ ޢަދަދެއްގެ ފައިސާ އެބަ ބޭނުންވެއެވެ.
މި ޒުވާނާ އަށް ކުރިމަތިވެފައިވާ ނުރައްކާތެރި ޙާލަތުގެ ސަބަބުން މާޔޫސްވެފައިވާ މި ޒުވާނާގެ ޢާއިލާގެ އުއްމީދަކީ ދީލަތި ބައެއްގެ އެހީތެރިކަމާއެކު، ޢާއިލީ އުފާވެރިކަން އަލުން އަނބުރާ ގެނެވޭނެ މަގެއް ހޯދުމެވެ. ޢައިލާގެ ހަމަ ކޮންމެ މީހެއްގެ މޫނުމަތިން ފެންނަނީ މާޔޫސްކަމާއި، ހިތްދަތި ކަމުގެ އަސަރުތަކެވެ. ނަމަވެސް ތިބާގެ އެހީތެރިކަމާއެކު މި ހިތާމަވެރި އަސަރު ﷲ މިންވަރުފުޅާއެކު އުފާވެރިކަމަށް ބަދަލުކުރެވިދާނެ އެވެ. ބޭނުންވަނީ އެހީތެރިކަމެކެވެ. ކިތަންމެ ކުޑަ އެހީތެރިކަމެއް މި ޒުވާނާ އަށް ފޯރުކޮށްދިން ކަމުގައި ވިޔަސް، އެ އެހީތެރިކަން ޢާއިލާއިން ބަލައިގަންނާނީ އުފާވެރިކަމާއެކު އެކަމަށް ޝުކުރުވެރިވާ ހާލުގައެވެ. ތިޔަފަރާތުން ވެދެއްވާ އެންމެ ރުފިޔާއަކީ ވެސް ހަމީދަށް ޓަކައި ދެވޭ ދީލަތި އެހީއެކެވެ. އިންސާނިއްޔަތަށްޓަކައި މިފަދަ ބަލި ކުދިންނަށް އެހީތެރިވެދިނުމަކީ އުފަލަކަށް ހަދައްވާށެވެ.
ހަމީދު އަބްދުﷲ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގުޅުއްވާނީ ހަމީދު އަބްދުﷲ ގެ ބައްޕަ އަބްދުﷲ އަބޫބަކުރު 7479760 އަށެވެ. ބޭންކް މެދުވެރިކޮށް އެހީވެދެއްވާނަމަ ބޭންކް އޮފް މޯލްޑިވްސް އޭދަފުށީ ބްރާންޗްގައި ހަމީދުގެ ބޭބެ، ހައްމާދު އަބްދުﷲ ގެ ނަމުގައި ހުޅުވާފައިވާ އެކައުންޓް ނަންބަރ 7719467124101 އަށް އެހީ ޖަމާކޮށްދެއްވުން އެދެމެވެ.
________________________________________
ހަމީދަށް އެހީ ވުމަށް ގުޅުއްވާނެ އިތުރު ނަމްބަރުތަކާއި ގޮތްތައް:
1- އަލީ ވަހީދު 7891215
2- އިބްރާހީމް ވަހީދު (މާލެއިން) 7754440
3- ހައްމާދު އަބްދުﷲ 7437434
ބ. އަތޮޅު ތައުލީމީ މަރުކަޒު ފަންޑް ފޮށި
އޭދަފުށީ ކައުންސިލް އިދާރާގެ ފަންޑް ފޮށި
ލިއޯން ފިހާރަ
________
މަސްދަރު: އޭދަފުށި ޓައިމްސް
ކޮމެންޓް (0)
ލޯޑް ކުރަމުން...