ޙަސަން ޒާހިރު
ދީނަށް ޚިދުމަތް ކުރާނޭ ދަރީންތަކަކަށް ދިވެހި ޤައުމު އޭގެ ޙާލުގެ ދުލުން ގޮވަމުން ދިޔައެވެ. ޤައުމުގެ މި ގޮވާލުމަށް ޖަވާބެއް ލިބިގެންދިޔައީ މުސްލިމުންގެ ގުޅުމުގެ ނަމުގައި ޖަމިއްޔާއެއް ވުޖޫދަށް އައުމާ ހިސާބުންނެވެ. މި ޖައްމިޔާގެ މުއައްސިސަކީ ބިދުޢަތަކާއި ޚުރާފާތުން ދިވެހި ޤައުމު ސަލާމަތްކޮށް ކީރިތި ނަބިއްޔާގެ ސުންނަތް ދިވެހި މުޖުތަމަޢުގައި ދިރުވާ އާލާކުރުމުގެ ޝައުޤުޤައި ފިސާރި ކެރިގެން ކުރިމަތިލެއްވި ޢަލީ އާދަމް މަނިކެވެ. އަޅުގަނޑުމެން އެންމެންގެ ސްމާޓް އަލިބެ އެވެ.
އަލިބެ އިސްވެ ހުންނަވައިގެން ވުޖޫދައް ގެންނެވި މުސްލިމުންގެ ގުޅުމުގެ ސަބަބުން ދިވެހި މުޖުތަމަޢަށް އަގު ނުކުރެވޭފަދަ ދީނީ ޚިދުމަތްތަކެއް ލިބިގެންދިޔައެވެ. އަދި މިހާރުވެސް ދަނީ ލިބެމުންނެވެ. މަޢުލޫމާތުގެ ޚަޒާނާއިން ފުރިގެންވީ މަޝްހޫރު "ދަރުމަ" މަޖައްލާގެ މަތީން ތިޔަބޭފުޅުން ހަނދުމަފުޅު އެބަ ހުރިތޯއެވެ؟ "ދަރުމަ" މަޖައްލާ ވުޖޫދައް އައުމީ އަލިބެގެ މުސްލިމުންގެ ގުޅުމުގެ މަތިވެރި މަސައްކަތުގެ ފޮނި ނަތީޖާއެވެ. ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ ޢިޝާ ނަމާދަށް ފަހު ބަންޑާރަ މިސްކިތުގައި ބޭއްވޭ ދީނީ ނަސޭޙަތް ދިނުމުގެ ޕްރޮގްރާމްގެ މޭސްތިރިއަކީވެސް އަލިބެ އެވެ. އަދި މި ޕްރޮގްރާމްގައި ދީނީ ނަސޭހަތްދެއްވާ ވާއިޒް އިށީންނަވާނޭ ގޮނޑި ކޮޅު މިސްކިތު މިހުރާބް ގޭގައި ބެހެއްޓެވުމަކީވެސް އަލިބެ ޝައުޤުވެރިކަމާއެކު ކުރެއްވި މަސައްކަތްޕުޅެކެވެ.
ޢުމުރުން ދުވަސްވެ، ހަށިގަނޑުގެ ވަރުދެރަ ވުމާއެކުވެސް ދީނީ ޚީދުމަތުގައި އަލިބެ ފަސްޖެހިވަޑައި ނުގެން ސާބިތުވެ ހުންނެވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އަގު ނުކުރެވޭފަދަ އެތަކެއް ޚިދުމަތެއް ދީނާއި ދިވެހި ޤައުމަށް އަލިބެގެ ފަރާތުން ލިބިގެންދިޔައެވެ. ގާތް ގަނޑަކަށް 30 ވަރަކަށް އަހަރުގެ އެހުރިހާ ޚިދުމަތެއް ލިޔުމުގެ ބަދަލުގައި މަތީގައި ދެންނެވުނު ދެތިން ޚިދުމަތުން ފުއްދައިލަމެވެ.
2011 އޮގަސްޓު 20 ވަނަ ދުވަހުގެ ކުރިން، ވޭތުވެދިޔަ ދެ އަހަރު، މިހާރުގެ ފިނޭންސް މިނިސްޓަރ އަޙްމަދު އިނާޒް ރައީސް ކަން ކުރައްވާފައިވާ މުސްލިމުންގެ ގުޅުމުގެ މުއައްސިސް، ސްމާޓް އަލިބެ އަކީ ދިވެހި ޤައުމު ފަޚުރުވެރިވުން ޙައްޤު ޚިދުމަތްތެރިއެކެވެ. ޣީރަތްތެރި، ހިތްވަރުގަދަ މުސްލިމު ޚިދުމަތްތެރީން ތަކަކަށް ދިވެހި ޤައުމު ފެންބޮވައިގެންފައި ވަނިކޮށް މިދޭހަށް އުފަންވި ފާންތަރި އެކެވެ.
ކޮންމެ ތަރިއެއްވެސް އޭގެ ދައުރު އަދާކުރުމަށްފަހު އޮއްސިގެންދާ ފަދައިން މިރޭ އަލިބެވެސް އަޅުގަނޑުމެންނާ ވަކިވެދިޔައީއެވެ. ނިމުމެއްނުވާ އަބަދީ ޚަޔާތަށް ދަތުރު ކުރެއްވީއެވެ. އިލާހީ ޤާނޫނުގައިވާ ގޮތުގެ މަތީން މިދުނިޔޭގެ ދަންފަޅި ހަމަކުރުމަށްފަހު އުޚްރަވީ ޙަޔާތަށް އަލިބެސް ދަތުރު ފެއްޓެވީއެވެ. 19 ސެޕްޓެމްބަރ 2011 ވީ ހޯމަ ދުވަހުގެ ރޭ ސިލޯނުގައި އަލިބެ ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރައްވައިފިއެވެ. މާތް ﷲ އަލިބެގެ މިންނެތް، އަގުހުރި މަސައްކަތުގައި ބަރަކާތް ލައްވައި އަލިބެ އަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. ޢާއިލާ އަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

ކޮމެންޓް (0)
ލޯޑް ކުރަމުން...