އެކެއްގެ އަތްމަތިން އަނެކެއްގެ އަތްމަތިން ފުރޮޅެމުން ދިޔަ ދީނީ އެއްބައިވަންތަ ކަމާބެހޭ ޤަވާޢިދު މިހާރު ވަނީ ގެޒެޓްކުރެވިފައެވެ. ރާއްޖޭގެ 11 ޢިލްމުވެރިއަކާއި ފުލުހުން ގުޅިގެން ތައްޔާރުކޮށް، ތިން އެޓާނީ ޖެނެރަލުން ރުހުން ދެއްވާފައިވާ ޤަވާޢިދު އެންމެ ފަހުން ހިތަކަށް ކޮށައި މަށާ ހެއްދެވި މޭސްތިރިއަކީ ރައީސްގެ ޚާއްޞަ އެޑްވައިޒަރު އިބްރާހީމް އިސްމާޢީލް، އިބްރާއެވެ.
ކުރިން ދެންނެވި ފަދައިން 11 ޢިލްމުވެރިޔަކާއި ފުލުހުން ގުޅިގެން ތައްޔާރުކުރި މިފަދަ ދީނީ ޤަވާޢިދަކާ ކުޅުމުގައި އިބްރާހީމް އިސްމާޢީލްގެ ހުރި ޤާބިލުކަމާ މެދު އަޅުގަނޑު އެއްޗެކޭ ނުދަންނަވާނަމެވެ. ދޮޅު އަހަރަށްފަހު، ބަދަލު ކުރާނެ ގޮތަކަށް ބަދަލު ކުރުމަށްފަހު، އަދި އުނި ކުރާނެ ވަރަކަށް އުނިކުރުމަށްފަހު، އަދި އިތުރު ކުރާނެ ވަރަކަށް އިތުރު ކުރުމަށްފަހު، މި ޤަވާޢިދަށް ރުހުން ހޯދަން ރައީސް އޮފީހުން އިސްލާމިކް މިނިސްޓްރީއަށް ފޮނުވީ މި މަހު 4 ވަނަ ދުވަހުއެވެ.
ޑރ. މަޖީދާއި ޝެއިޚް ޙުސެއިންގެ ބަސްފުޅު
ރައީސް އޮފީހުން މި ޤަވާޢިދަށް ބޮޑު ބަދަލުތަކެއް ގެނެސްފައިވާކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. ޢަބްދުލްމަޖީދު ޢަބްދުބާރީ ވެސް މީޑިއާގައި ވަނީ އިޢްތިރާފު ވެލައްވާފައެވެ. އަދި އެ ޤަވާޢިދު ދިރާސާ ކުރުމުންދާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އެއަށްފަހު، މިއަދަކީ، ސެމްޓެބަރު 17 އެވެ. މިއަދު މިނިސްޓްރީގެ "ތައްގަނޑާ"އި ރުހުމާއެކު އެވަނީ އެ ޤަވާޢިދު ރައީސް އޮފީހުން ގެޒެޓްކޮށްފައެވެ. ސުވާލަކީ، މި ޤަވާޢިދުގެ އަސްލަށް ކިހައި ބޮޑު ބަދަލެއް ގެނެވިފައިވޭ ތޯއެވެ؟
ޖަވާބުގައި ދެ ތިން ސަރަޙައްދަކަށް ބަލާލަން އެބަ ޖެހެއެވެ. މި ޤަވާޢިދު ގެޒެޓް ކުރުމުން އިސްލާމިކް މިނިސްޓްރީން ވަނީ ނޫސް ކޮންފަރެންސެއް ބާއްވާފައެވެ. މިނިސްޓަރު ޑރ. މަޖީދު ވިދާޅުވަނީ، ދީނީ ޢިލްމުވެރިންނަށް ދަތިކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް، ޤަވާޢިދުގެ ދަށުން ދީނީ ޝިޢާރު ފާޅުކުރުމުގެ މިނިވަންކަން ހަނިވެގެން ނުދާ ކަމަށެވެ. އަދި ޤަވާޢިދު ގެޒެޓްކުރި އިރު ޖުމުލަ ގޮތެއްގައި މާ ބޮޑު ބަދަލުތަކެއް އެއަށް ގެނެވިފައި ނުވާ ކަމަށެވެ. ސްޓޭޓް މިނިސްޓަރު އައްޝެއިޚް ޙުސެއިން ރަޝީދު އަޙްމަދު ވިދާޅުވީ، މިނިސްޓްރީ އާއި ރައީސް އޮފީހަކީ އެއްތަނެއްކަމަށާއި، އަދި ޤަވާޢިދު ކުރިއަށް ގެންގޮސްފައިވަނީ ދެތަނުގެ މަޝްވަރާގެ މަތިން ކަމަށެވެ. އަދި މިހާރު ޤަވާޢިދު އޮތީ ދެފަރާތުންވެސް އެއްބަސްވެފައިވާ ގޮތަށް ކަމަށެވެ.
ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ނޫސް ބަޔާން:
ކޮންމެއަކަސް، އިސްވެ ދެންނެވުނީ މިނިސްޓަރާއި ސްޓޭޓް މިނިސްޓަރުގެ ވާހަކައެވެ. މި ދެބޭފުޅުންނަކީވެސް ޢަދާލަތު ޕާޓީގެ ދެބޭފުޅުންނެވެ. އަދި ޑރ. މަޖީދަކީ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސްވެސް މެއެވެ. ނަމަވެސް، މި ޤަވާޢިދު ގެޒެޓްކުރުމާ ވިދިގެން ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ވަނީ ނޫސް ބަޔާނެއް ނެރެފައެވެ. އެ މަޖިލީހުގެ ނައިބު ރައީސް އައްޝެއިޚް އިލްޔާސް ޙުސެއިން ސޮއިކުރައްވާފައިވާ މި ނޫސް ބަޔާނުގައި ވަނީ މިއަދު ގެޒެޓްކުރެވުނު ދީނީ އެއްބައިވަންތަ ކަމާބެހޭ ޤަވާޢިދުން އެ ޕާޓީގެ ޢިލްމުވެރިންގެ މަޖިލިސް ބަރީއަވާ ވާހަކައެވެ. އަދި އެ ޤަވާޢިދުގައި އުނިކޮށްފައިވާ މުޙިންމު ނުކުތާތައްވެސް ވަނީ އެ ނޫސް ބަޔާނުގައި ފާހަގަ ކޮށްފައެވެ. ވުމާއެކު، މިނިސްޓުރީން "ތައްގަނޑު" ޖަހާފައިވާ، ސަރުކާރުން "ހިތަކަށް ކޮށައި މަށާ" ހެދި ޤަވާޢިދާ މެދު މިނިސްޓްރީގެ ބަހާއި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ބަސް މުޅިން ތަފާތެވެ.
މިކަމުގައި ރައްޔިތުން ހިފަންވީ ބަސް ނުވަތަ ހިފަންވީ ކޮޅެއް އަޅުގަނޑުގެ ހިތުން މާ އުދަނގުލެއް ނޫނެވެ. ޢަދާލަތުގެ ނޫސް ބަޔާނުން މިކަން ސާފުވެގެންދާނެއެވެ. ގެނެސްފައިވާ ބޮޑެތި ބަދަލުތައް ފެންނަން ހުންނާނެއެވެ.
- ޢަދާލަތު ޕާޓީގެ ނޫސް ބަޔާނުގައި ވަނީ އަޞްލު ޤަވާޢިދުން އުނިކޮށްފައިވާ މުހިންމު ބައެއް މާއްދާތަކަށް އަލިއަޅުވާފައެވެ. އެގޮތުން، މާއްދާ 25 އިސްލާމްދީން ފިޔަވައި އެހެންދީންތަކުގެ ބިނާތަށް ޤާއިމުކުރުމާއި އެހެންދީންތަކުގެ ޝިޢާރުތައް އުފެއްދުމާއި ވިއްކުން
ހ) ދިވެހިރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެންދީންތަކުގެ ބިނާތައް ނުވަތަ އަޅުކަންކުރާތަންތަން ހެދުން ނުވަތަ ބިނާކުރުމަކީ މަނާކަމެކެވެ. އަދި އިސްލާމްދީން ފިޔަވައި އެހެންދީނަކަށް އަޅުކަންކުރުމަށް ނުވަތަނަ އެހެންދީނަކަށް އަޅުކަންކުރާތަނަކަށް ނުވަތަ އެހެންދީނަކަށް ނިސްބަތްވާތަނަކަށް ދިވެހިރާއްޖޭގައި ބިނާކޮށްފައިވާ ނުވަތަ ބިނާކުރަމުންދާ ޢިމާރާތެއް ބަދަލުކުރުމަކީ ވެސް މަނާކަމެކެވެ. ( މި މާއްދާ ވަނީ އުނިކޮށްފަ)
ށ) ދިވެހިރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީނެއްގެ ދީނީ ޝިޢާރެއްކަމަށް ބެލެވޭ އެއްވެސް އެއްޗެއް އުފެއްދުމާއި ވިއްކުމަކީ މަނާކަމެކެވެ. ( އުނިކޮށްފަ)
- މާއްދާ 29 ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ގެއްލޭފަދަ ޕްރޮގްރާމްތަށް ޓެލެކާސްޓްކުރުމާއި ބްރޮޑްކާސްޓްކުރުމާއި ޝާއިޢުކުރުން
ހ) ދިވެހިރާއްޖޭގައި ލައިސަންސް ލިބިގެން ޓެލެކާސްޓްކުރާ ފަރާތްތަކާއި ބްރޯޑްކާސްޓްކުރާ ފަރާތްތަކުން މާތްﷲ އަށް ނުވަތަ ކީރިތި ރަސޫލާ އަށް ނުވަތަ އެކަލޭގެފާނުގެ ޞަޙާބީއަކަށް ނުވަތަ ކީރިތި ޤުރްއާނަށް ނުވަތަ ކީރިތި ރަސޫލާގެ ސުންނަތަށް ނުވަތަ އިސްލާމްދީނަށް ފުރައްސާރަކޮށްފައި ހުންނަ ޕްރޮގްރާމްތައް ދެއްކުން ނުވަތަ އަޑުފެތުރުމަކީ މަނާކަމެކެވެ.( މި މާއްދާގެ ޞީޣާ ބަދަލުކޮށް އަޞްޙާބު ބޭކަލުންގެ ވާހަކަ އުނިކޮށްފައި)
ށ) މި މާއްދާގެ ( ހ) ގައި ބުނެފައިވާ ކަމެއް އިންޓަނެޓް ވެބްސައިޓް ނުވަތަ ބްލޮގް ނުވަތަ ނޫސް މަޖައްލާ ފަދަ ވަސީލަތެއް މެދުވެރިކޮށް ޝާއިޢުކުރުމަކީ މަނާކަކެމެވެ. ( އުނިކޮށްފަ)
މަތީގައި އެވަނީ އުނިކޮށްފައިވާ ކަމަށް ޢަދާލަތުގެ ނޫސް ބަޔާނުގައި ބަޔާންކޮށްފައިވާ ބައެއް މާއްދާތަކެވެ. މީގެ އިތުރުންވެސް އެތަކެއް މާއްދާއެއް އުނިކޮށްފައިވާ ކަމަށްވަނީ ހާމަކޮށްފައެވެ. އެހެންކަމުން، ނޫސް ބަޔާން އެއްކޮށް ބެއްލެވުމަށް މި ފާލަމަށް ފިއްތަވާލެއްވުން އެދެމެވެ.
ރައީސް އޮފީހުން މި ޤަވާޢިދު ބައްޓަން ކުރަން ބޭނުންވީ ކޮން ޕޮލިސީއެއްގެ މަތީންކަން އަޅުގަނޑުމެން ރައްޔިތުންނަށް މަތީގައި ބަޔާންކޮށްފައިވާ މާއްދާތަކަށް (އުނިކޮށްފައިވާ) ބަލާލީމައިވެސް ކަށަވަރުވެގެންދެއެވެ. އެހެންކަމުން އެވާހަކަ ދައްކާކަށް ނެތީމެވެ.
ބައެއް ދީނީ ޖަމްޢިއްޔާތަކުގެ ބަސް
ޖަމްޢިއްޔަތުއް ސަލަފުގެ ރައީސް އައްޝެއިޚް އަބްދުﷲ އިބްރާހީމް ވިދާޅުވަނީ، އެ ޤަވާޢިދުގެ އެއްމާއްދާ އަނެއް މާއްދާއާ ފުށުއަރާތީ އެ ޤަވާޢިދުގެ މަޤްޞަދު ޙާޟިލު ނުވާނެ ކަމަށެވެ. އަދި 5 ވަނަ މާއްދާގެ ހ. " އެހެން ދީންތަކުގެ މެދުގައި ރުޅިވެރިކަން އުފެދޭ ގޮތަށް ވާހަކަ ދެއްކުން މަނާ ކުރާ މާއްދާ" ވަނީ ކަނޑައެޅިގެން ކީރިތި ޤުރުއާނާ ޚިލާފަށް ކަމަށެވެ. އެހެންކަމުން، އެންމެ ކުޑަމިނުން ނަމާދުގައި އަލްޙަމްދުވެސް އެ މާއްދާގެ ދަށުން ނުކިޔޭނެ ކަމަށް ޝެއިޚް އަބްދުﷲ ވިދާޅުވެއެވެ.
އަދިވެސް ޝެއިޚް އަބްދުﷲ ވިދާޅުވީ، ދީނީ އިލްމު ނުއުނގެނޭ ފަރާތްތަކައްވެސް އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ ބަޔަކަށް ދީނީ ނަޞޭހަތް ދެވޭ ގޮތަށް އޮތުމުން އިސްލާމިކް މިނިސްޓްރީ އަކީ މިނިވަން މުސްތަޤިއްލު މުއައްސަސާއަކަށް ނުވާ ކަމަށާއި އެފަދަ ހުއްދައެއް ދެވޭ ގޮތަށް ބާރުއޮތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ. ސަބަބެއްކަމަށް ޝެއިޚް ވިދާޅުވަނީ، ދީނީ ކަންތައްތައް ސިޔާސީ ބައެއްގެ ބާރުގެ ދަށަށް ވަދެގެން ދާތީ ކަމަށެވެ. އަދި މިއީ ދީނީ ޢިލްމުވެރިންނަށް ދީނީ ޝިޢާރު ފާޅުކުރެއްވުމަށް ނުރައްކާވެދާނެ ކަމެއްކަމަށްވެސް ޝެއިޚް ލަފާކުރައްވައެވެ.
އިސްލާމިކްފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް އިބްރާހިމް ފައުޒީ މިއަދު ވިދާޅުވީ އެ ޤަވާޢިދުގެ ފަސް ވަނަ މައްދާގައި ހިމަނާފައިވާ ނުކުތާތަކަކީ "އެކި ގޮތްގޮތަށް މާނަކުރެވިދާނެ ނުރައްކާތެރި" މާއްދާތަކެއް ކަމަށެވެ. އަދި މިސާލު ޖައްސަވަމުން ފައުޒީ ހާމަކުރައްވަނީ، އެއްވެސް ދީނަކަށް ނަފުރަތު އުފެދޭ ގޮތަށް ވާހަކަ ދައްކައިގެން ނުވާނެކަމަށް ޤަވާޢިދުގައި އެބަ ބުނާ ކަމަށާއި އެހެންވުމުން އެންމެ ފުރަތަމަ ޤަވާޢިދުގެ ދަށުން ފިޔަވަޅު އަޅަން ޖެހޭނީ ޒަޔަނިސްޓުންނާ ދެކޮޅަށް މުޒާހަރާ ކުރެއްވި ޑރ. މަޖީދާއި އައްޝެއިޚް ޝަހީމު އާ ދެކޮޅަށް ކަމަށެވެ.
ޤަވާޢިދު ހެދުމުގައި އުޅުއްވި ޢިލްމުވެރިއެއްގެ ބަހާއި ޤާނޫނީ ރޮނގުން ޢިލްމު ޙާޞިލްކުރައްވާފައިވާ ބޭފުޅެއްގެ ބަސް
އެ ޤަވާޢިދު ހެދުމުގައި އިސްވެ އުޅުއްވި ދީނީ ޢިލްމުވެރިއެއް ހާމަކުރެއްވި ގޮތުގައި، އޭނާއަށް އެނގިފައިވާ ގޮތުން އެ ޤަވާޢިދާ ކުޅެން ބޭރުގެ ފަރާތްތަކުންވެސް ބޭނުންވެފައިވާ ކަމަށެވެ. އަދި އެ ޤަވާޢިދަށް ބޮޑު ބަދަލެއް ސަރުކާރުން ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާ ބެހޭގޮތުން، ޤާނޫނީ ރޮނގުން ކިޔަވައިގެން ހުރި ބޭފުޅަކު ވިދާޅުވަނީ، މިޤަވާޢިދަށް ބަލާލީމައި ފެނިގެންދަނީ ޤަވާޢިދުގެ އޮނިގަނޑު ހިފެހެއްޓިފައި ނެތުމާއި، އަތުރާލުމެއް ނެތުމާއި ނުކުތާތައް އުކާލެވިފައިވާ ކަމާއި، އެއް މާއްދާ އަނެއް މާއްދާ ގުޅުވުމުގައްޔާއި މާނަ ދޭހަކޮށްގަތުމުގައި ހުތުރު ގޮތެއް ހުރިކަމުގައެވެ. އަދި މިއީ ތަފާތު އެކިއެކި މީހުން މި ޤަވާޢިދާ ކުޅެން ހެދުމުގެ ސަބަބުން ދިމާވެފައި އޮތް ގޮތެއް ކަމަށް އޭނާ ލަފާ ކުރައްވާ ކަމަށެވެ. އަދި މުހިންމު ދީނީ އަދި ޤާނޫނީ އެތައް މާއްދާތަކެއް ނެތް ކަމަށްވެސް ފާހަގަކުރައްވާ ކަމަށް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން އެތަކެއް މައްސަލަތަކެއް ދީނަށް ލޯބި ކުރާ މީހުންނާއި ލާދީނީ ފިކުރުގެ މީހުންގެ ފަރާތުން ދިމާވާނެ ކަމަށެވެ.
ނިންމާލުން
ކޮންމެއަކަސް، ދީނީ އެއްބައިވަންތަ ކަމާ ބެހޭ ޤަވާޢިދު މިވަނީ ވުޖޫދަށް އައިސްފައެވެ. މި ޤަވާޢިދު ބޮޑު މަންޒަރު މި އޮތީ ރައްޔިތުންނަށް ފެންނަ ޙިސާބުގައެވެ. ބޭރުގެ ނުފޫޒު ނުވަތަ ސީދާ ބަހުން ދަންނަވާނަމަ، ޒަޔަނިސްޓުންގެ ނުފޫޒު މި ޤަވާޢިދަށް ފޯރާފައިވާ ކަމުގެ ނިޝާންތައް އެހެރީ ފެންނާންށެވެ. އަދި، ފައްޅިއާއި އެހެން ދީންތަކުގެ ބިނާތައް އެޅުން މަނާ ކުރާ މާއްދާ އުނިކުރެވުނީ، ކޮންބައެއްގެ ނުފޫޒުން ކަމާމެދު ވެސް ސުވާލު ކުރެވިދާނެއެވެ. އަދި، ބްލޮޤްތަކާއި ވެބްސައިޓްގައި ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމާއި އެކަލޭގެފާނުންގެ އަޞްޙާބުންނަށް މަލާމާތް ރައްދުވާ ގޮތަށް ލިޔުންތައް ޝާއިޢުކުރުން މަނާ ކުރާ މާއްދާ އުނިކުރެވުނީ ކޮންބައެއްގެ ނުފޫޒުންތޯވެސް ސުވާލު ކުރެވިދާނެއެވެ.
މީގެ އިތުރުން، އެ އިރެއްގައި އޮންނަ ސަރުކާރުގެ ޕޮލިސީއާ އެއްގޮތަށޭ ބުނެ ދީނީ އެއްބައިވަންތަ ކަމާބެހޭ ޤަވާޢިދު މޮޑެން ފަށައިފިނަމަ، މި މުޖުތަމަޢުގައި އިސްލާމްދީން އޮންނާނެ ގޮތުގެ ތަޞައްވަރާ މެދުވެސް ސުވާލު ކުރެވިދާނެއެވެ. އަދި މިހުރިހައި މާއްދާތަކެއް އުނިކޮށްފައި ވީހިނދު ޑރ. މަޖީދާއި ޝެއިޚް ޙުސެއިން މި ޤަވާޢިދަށް ރުހުން ދެއްވައި، ރައީސް އޮފީހުގެ އަމަލު ދިފާޢުކުރައްވަން އުޅުއްވަނީ ކީއްވެތޯއޭވެސް ސުވާލު ކުރެވިދާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...